ރާއްޖޭގައި ކުޅެން އޮތް އޭއެފްސީ ކަޕް މެޗުތައް ފަސްކޮށްދޭނީ އަންނަ މަހަށް؟

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މާޒިޔާ

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މާޒިޔާ

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މި މަހު މާލޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު ރޭ މަޝްވަރާތައް ފަށާފައިވާއިރު، މެޗުތައް ފަސްކުރަން ނިންމައިފިނަމަ އެންމެ ފުރުސަތު ބޮޑީ އަންނަ މަހުގެ ފަހުކޮޅު އެ މެޗުތައް ކުޅުމެވެ.

އޭއެފްސީން ވަނީ މީގެ ތިން ދުވަސް ކުރިން ހޮން ކޮންގް ފުޓްބޯޅަ އެސޯސިއޭޝަނުން އެދިގެން އެ ގައުމުގައި ކުޅެން އޮތް އޭއެފްސީ ކަޕްގެ ގްރޫޖް ޖޭގެ މެޗުތައް ފަސްކޮށްދީފަ އެވެ. އެއީ ކޮވިޑް-19ގެ ހާލަތު ހޮން ކޮންގްގައި ގޯސްވެފައި އޮތުމުން ހޮން ކޮންގްގެ އެފްއޭ އިން ފޮނުވި ޕްރޮޕޯސަލާ އެއްގޮތަށެވެ.

ހޮން ކޮންގްގައި ކުޅެން އޮތް މެޗުތައް ވެސް އެންމެ ފުރަތަަމަ ޝެޑިއުލްކޮށްފައި އޮތީ ރާއްޖޭގައި ކުޅެން ހަމަޖެއްސި ތާރީހުގަ އެވެ. އެއީ މި މަހު 14 އިން 20 އަށެވެ. އެ މެޗުތައް ފަސްކޮށްދިނީ އަންނަ މަހުގެ 23 އިން 29 އަށެވެ.

އެ އުސޫލުން ބަލާއިރު މާލޭގައި ކުޅެން ރޭވިފައި އޮތް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ މެޗުތައް ކުޅުމުގެ އެންމެ ފުރުސަތު ބޮޑީ އަންނަ މަހު ފަހުކޮޅުގަ އެވެ.

އެއީ މި މަހު 30 އިން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް ޗައިނާގައި ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެންމެ އަވަހަށް ވެސް އޭއެފްސީ ކަޕްގެ މެޗުތައް ކުޅެވޭނީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ފަހުން ކަމަށްވާތީ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މި ވަގުތަށް މާލޭގައި ކުޅެން ޝެޑިއުލް ކޮށްފައިވާ ގޮތަށް ބަލާއިރު ކޮލިފައިންގައި މި މަހު 11 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މާލޭގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ރާއްޖޭން މެޗުތައް ފަސްކުރަން ހުށަހަޅާފައިވާއިރު، މުބާރާތުގައި ވާދަކުރާ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އިން ވެސް މުބާރާތް ފަށާ ތާރީހު ފަސް ކުރަން ބޭނުންވެ އެވެ. އިންޑިއާގެ މީޑިއާ އަށް މޯހަން ބަގާން އޮފިޝަލަކު ބުނީ ފުރުސަތު އޮތްނަމަ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން އެ ކްލަބުން އެދޭނެ ކަމަށެވެ.

މޯހަން ބަގާން އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ޕްރެކްޓިސް ފަށަން މަސައްކަތްކުރި ނަމަވެސް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އެންޓޯނިއޯ ހަބާސް އާއި ބިދޭސީ ކުޅުންތެރިންނަށް ބައިވެރިނުވެވޭތީ ޓީމުގެ ތައްޔާރީތަކަށް ވަނީ ބުރޫއަރައިފަ އެވެ. އެއީ އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް ކޮންޓްރޯލުން ނައްޓާފައިވާތީ ދަތުރު ފަތުރުކުރަން ހުރި ދަތިތަކުގެ ސަބަބުންނެވެ.

ޕްލޭއޮފްގައި ކުޅެން އޮތް އިންޑިއާގެ ބެންގަލޫރުން ގޯއާގައި ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، އެ ޓީމުން އިންތިޒާރުކުރަމުން އަންނަނީ އޭއެފްސީގެ ޖަވާބަކަށެވެ. އީގަލްސް އިން އަންނަނީ ބެންގަލޫރާ ދެކޮޅަށް ކުޅެން އޮތް ޕްލޭއޮފް މެޗަށް ތައްޔާރުވަމުންނެވެ. ރާއްޖޭގައި މި ވަގުތު ފަރިތަކުރުމުގެ ހުއްދަ އޮތީ އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާ އާއި އީގަލްސް އަށެވެ.

ދެކުނު އޭޝިއާ ގްރޫޕްގައި އޮތް ޓީމުތަކުގެ ތެރެއިން މި ވަގުތު މެޗުތައް ކުޅެމުން އަންނަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މިދިޔަ ހަފްތާ އިން ފެށިގެން ބަންގްލަދޭޝް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ކުޅެން ފެށިއިރު ބަޝުންދުރާ ވަނީ ދެ މެޗެއް ކުޅެފަ އެވެ.

މި މަހު ރާއްޖޭގައި އޭއެެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަންގާރަ ދުވަހުގެރޭ އެވެ. އެއީ އޭއެފްސީގެ ގައިޑްލައިންތަކާ މެދު އެޗްޕީއޭ އިން ވެސް ރުހޭތީ އެވެ.

އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މިނިސްޓަރު މަހުލޫފް ވަނީ އޭއެފްސީ ކަޕް މެޗުތައް މާލޭގައި ބޭއްވޭ ގޮތަށް ހުއްދަ ދިނުމުން އެކަމަށް ސަރުކާރާއި އެޗްޕީއޭ އަށް ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު ފާއިތުވި 24 ގަޑިއިރުތެރޭ އަނެއްކާ ވެސް ރެކޯޑް އަދަދަކަށް ރާއްޖޭން ކޮވިޑްގެ ކޭސްތައް ފެނުމުން މުބާރާތް ފަސްކުރަން ހުށަހަޅަން ރޭ ނިންމީ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭން މެޗުތައް ފަސްކުރަން އެދި ހުށަހެޅުމާ ބެހޭގޮތުން އޭއެފްސީން މިއަދު ގޮތެއް ނިންމުމުގެ ފުރުސަތު ބޮޑެވެ.

ސީޒަން ކަލަންޑަރަށް އިތުރު ބަދަލުތަކެއް!

އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން ޖެހިއްޖެނަމަ ރާއްޖޭގެ ސީޒަން ކަލަންޑަރަށް އަނެއްކާ ވެސް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. އެފްއޭއެމުން ލީގުގެ ދެ ވަނަ ބުރު ނިމުމުން ކްލަބްތަކަށް ފޮނުވި ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރު ފަށަން އޮތީ އަންނަ މަހު 21 ވަނަ ދުވަހު އެވެ. އެކަމަކު އޭއެފްސީ ކަޕްގެ މެޗުތައް އަންނަ މަހުގެ ފަހުކޮޅަށް ފަސްކޮށްފިނަމަ ލީގުގެ ތިން ވަނަ ބުރު ވެސް ޖެހޭނީ ފަސް ކުރާށެވެ. އެހެންވެއްޖެނަަމަ ލީގުގެ ތިން ވަނަ ބުރު ފަށާނީ ގިނަ ޓީމުތަކަކަށް ދެ ވަނަ ބުރުގެ ކުޅުން ނިމުނުތާ ދެ މަސް ފަހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށައި ޖެނުއަރީ ފަހު ކޮޅުގައި މާލެ ސަރަހައްދުން ކޮވިޑް ކޭސްތައް ފެންނާތީ ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގުމުން ފެބްރުއަރީ ދެ ވަނަ ދުވަހު ލީގު މެދުކަނޑާލި އެވެ. އަލުން ލީގު ފެށީ މާޗް 26 ވަނަ ދުވަހު ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox