އެކި ސަރުކާރުތަކުގައި ކޮރަޕްޝަން ހުއްޓުވުމުގެ މައިގަނޑު ހަތިޔާރެއް ކަމަށް ސިފަކުރި، ނުހައްގު މުއްސަނދިކަން ހޯދުން އެންމެ ފަހުން ޖިނާއީ ކުށަކަށް ހަދައިފި އެވެ.
ގާނޫނުލްއުގޫބާތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މީގެ އެތައް އަހަރެއް ކުރިން، ނުހައްގު މުއްސަނދިކަން ހުއްޓުވަން މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިއަށް ގޮސްފައެއް ނުވެ އެވެ. ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ނުހައްގު މުއްސަނދިކަން ހޯދުން ޖިނާއީ ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުން އުގޫބާތަށް އިސްލާހު ހުށެހެޅުއްވި އެވެ.
ނަމަވެސް، 18ވަނަ މަޖިލިސް ނިމިގެން ދިޔަ އިރު ވެސް އެ ބިލު ފާސްކުރުމާ ހަމައަށް ގޮސްފައެއް ނުވެ އެވެ.
އޭގެ ފަހުން، 19 ވަނަ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅުއްވި އިސްލާހުގައި ވަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.

އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެ އިސްލާހުގައި އިތުރަށް ވަނީ އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް ކަނޑައަޅައިފަ އެވެ.
އެގޮތުން، އެ ކުށެއްގެ އަދަބުގެ ކުޑަ ބޮޑުމިން ވެސް ވަނީ މަގާމުގެ ދަރަޖައިގެ ގޮތުން ކަނޑައަޅައިފަ އެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެ މާނައަކީ އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮރަޕްޝަން މަނާ ކުރާ ގާނޫނު އުވި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ވެސް އިސްލާހެއް
ކޮރަޕްޝަންގެ ކުށްތައް ޒަމާނާ އެއް ގޮތަށް ބަޔާންކޮށް ގާނޫނުލްއުގޫބާތުގައި ހިމެނިގެން ދިޔުމާއެކު، 2000 ވަނަ އަހަރު އަމަލުކުރަންފެށި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވިގެންދާނެ އެވެ.
އެއާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ވެސް ސަރުކާރުން ހުށަހަޅައި ހަމަ އެ ދުވަހު މަޖިލީހުން ފާސްކުރި އިސްލާހު ވެސް ރައީސް ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މިގޮތުން، އޭސީސީގެ ގާނޫނު އިސްލާހުކޮށްފައިވަނީ ގާނޫނުލްއުގޫބާތަށް އިތުރުކުރެވުނު ކޮރަޕްޝަންގެ ކުށްތައް ހިމެނޭ ގޮތަށެވެ.












