ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ކޮވިޑްގެ ބަލި މީހަކު މިއަދު މަރުވެއްޖެ އެވެ.
މިއީ ނައިފަރުން މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މިއާއެކު، ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 76 އަކަށް އެރީ އެވެ.
މަރުވި މީހާއަކީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ.
ނައިފަރުގައި މިހާރު ވެސް ކޮވިޑްގެ ކޭސްތައް ފެންނަމުންދާއިރު އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ރަށުން އަދިވެސް ބަލި ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.
ނައިފަރުން މަރުވި މީހާގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ މެންދަމު ދުވަސްވީ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ.

މާލޭގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުންދާތީ މިރޭ ނުވައަކުން ފަތިހު ހަތަރެއް ޖަހަންދެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފަ އެވެ.
ރާއްޖެ އިން މިހާތަނަށް 32،665 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި މި ވަގުތު ވެސް 7109 މީހުން އެބަ ތިއްބެވެ.














