ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާދަމާ ރޭ ނުވައަކުން ފެށިގެން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި ކޮވިޑުގެ ހިސާބުތަކުން ދައްކާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި 700 އަށް ވުރެން ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. މާލޭގެ އަދަދު އުޅެނީ 540 ގަ އެވެ.
މިއީ ނުރައްކާތެރި ހާލަތަކަށް ވާތީ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން މިރޭ ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން މަޝްވަރާ ކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު އެޗްޕީއޭ އިން އިއުލާންކުރި ގޮތުގައި، މާދަމާ ރޭ 9:00 އިން ފަތިހު 4:00 އަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން މަނަލެވެ.
"މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް. -- އެޗްޕީއޭ
ޒަރޫރީ ބޭނުންތަކަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މާލެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުމާއި ވެހިކަލް ދުއްވުން މާދަމާ ރެ އިން ފެށިގެން މަނާކޮށްފައިވާ މުއްދަތެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކުރިން ކާފިއު އިއުލާންކޮށްފައި އޮތީ ރޭ ދަންވަރު 12:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާ ގޮތަށެވެ. ބޭރަށް ނުކުމެ އުޅުން މަނަލެއް ނުކުރެ އެވެ. މި ފިޔަވަޅު ތަންފީޒުކުރަން ނުފެށެނީސް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރީ، ސިއްހީ ހިދުމަތްތެރިންގެ ލަފަޔަށް ހާލަތު އަވަހަށް ކޮންޓްރޯލްކުރުމަށެވެ.
ކޮވިޑު ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް
ސަރުކާރު އޮފީސްތައް ބަންދުކުރުން
ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން
ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން
މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން
ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން
ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން
އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުން
ރާއްޖޭގައި ކޮވިޑުގެ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމަށް ފަހު މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އިތުރުވާން ފެށީ އޭރު އަޅާފައި ހުރި ގިނަ ފިޔަވަޅުތަކަށް ލުއި ދިނުމުންނެވެ.













