ރާއްޖެ ކޮވިޑުގެ ހަތަރު ވަނަ ރާޅުގައި އޮވެ ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާއިރު މިއަދު އެކަނިވެސް 700 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ފެނުނު ފަހުން ގޯސްނުވާ މިންވަރަށް މާލޭގައި ބަލީގެ ހާލަތު މި އޮތީ ގޯސްވެ ބިރު ބޮޑުވެފަ އެވެ. މާލެއިން އެކަނި 540 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަތޮޅުތަކުން 186 މީހުންނާ އެކު ޖުމްލަ 734 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާ ގިނަ ބަޔަކު ޕޮޒިޓިވް މިވީ ޓެސްޓުކުރި 4787 ސާމްޕަލްގެ ތެރެއިންނެވެ.

ރާއްޖޭގައި މި ބަލީގެ 7،118 މީހުން ތިބިއިރު، އެޑްމިޓްކޮށްގެން 198 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ގޯސްވެފައިވާ މި ހާލަތުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިރޭ ވެސް ކަމާގުޅޭ ބޭފުޅުންގެ މަޝްވަރާ ކުރިއަށް އެބަދާ ކަމަށެވެ. ކޮންޓްރޯލެއް ނެތި އަދަދު މައްޗަށް ދާތީ އިތުރު ފިޔަވަޅުތަކެއް އެޅުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ އަދަދުތައް މަތިވެފައި މިހިރީ އަޅުގަނޑުމެން ބިރު ގަންނަން ޖެހޭ ހިސާބަށް. މިދިޔަ އަހަރުގެ މި ހާލަތާ ތަފާތު، މިއަދު ކޭސްތައް އިތުރުވަމުން މިދަނީ އިންތިހާއަށް ގިނަކޮށް. -- މަބްރޫކް
އޭނާ ވިދާޅުވި ގޮތުގައި މި ހާލަތަށް ދިޔަ ސަބަބުތައް އެކި ކަންކަމާ ގުޅިފައިވާ ކަމަށާއި އޭގެތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދެވުނު ލުއިތަކާ ވެސް ގުޅިދާނެ ކަމަށެވެ. އެކަމަކު މިހާރު އޮތް ހާލަަތަކީ އެންމެން އެއްބައިވެގެން ނޫން ގޮތަކަށް އަރައިނުގަނެވޭނެ ހާލަތެއް ކަން ފާހަގަކުރެއްވި އެވެ.
ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން މާލެ ސަރަހައްދުގައި މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެތެރޭގައި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ވެހިކަލް ކާފިއު ކުރިއަށް ގެންދިއުން ހިމެނެ އެވެ.
ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުންދާތީ، ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވެ، މިކަމުގައި އެންމެންގެ އެއްބާރުލުމަށް ސިއްހީ ހިދުމަތްތެރިން އަންނަނީ ގޮވާލަމުންނެވެ. ކޮވިޑަށް ފަރުވާދޭ ދަރުމަވަންތަ އައިސީޔޫ ވަނީ ގާތްގަނޑަކަށް ފުރިފަ އެވެ. ވެންޓިލޭޓަރުގައި ވެސް އެއް ބަޔަކަށް ފަރުވާދެމުން އެބަދެ އެވެ.
މި ހާލަތުން އަރައިގަތުމަށް ސިއްހީ ހިދުމަތްތެރިންނާ އެކު ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ މީހުން ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.














