އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ނެރޭ އޮޑިޓް ރިޕޯޓުގައި އިސްލާހުކުރަން ބުނާ ކަންކަން ކުރުމާއި ފިޔަވަޅު އެޅުމުގެ ޒިންމާ އަދާކުރަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މާލީ ޒިންމާދާރު ވެރިންނަށް ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ސާކިއުލާއެއްގައި، އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމުގައި މާލީ ޒިންމާދާރު ވެރިންގެ އަމަލުކުރަން ކަނޑައަޅާފައިވާ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެންގި އެވެ.
އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ބާވަތުން ފިނޭންސުގެ މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވުމާއި، އިތުރަށް ތަހުގީގުކުރަން ލަފާދޭ ކަންކަން ތަހުގީގީ އިދާރާތަކަށް ފޮނުވުން ހިމެނެ އެވެ.
އަދި މިހާތަނަށް ނެރެފައިވާ އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އެ ފިޔަވަޅުތައް ނާޅާނަމަ، އެކަންކަން އަވަސް ކުރުމަށް ފިނޭންސުން އެންގި އެވެ.
އޮޑިޓް ރިޕޯޓުތަކާ ގުޅިގެން އޮފީސްތަކުގެ ޒިންމާދާރުވެރިންނަށް އިލްތިމާސެއް މިއައީ، ސަރުކާރުން އޮޑިޓާ ޖެނެރަލްގެ ލަފަޔާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން މި ވާހަކަތަކަށް ރައްދުދީ ބުނީ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުތަކާއި ގުޅިގެން އިސްލާހު ކުރަން ލަފާ ދިން ކަންކަމުގައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.












