މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުގެ މަގާމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމް މިއަދު އައްޔަންކުރައްވައިފި އެވެ.
މަގާމުގެ ލިޔުން ހާވާލުކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގަ ބޭއްވި ހަފްލާއެއްގަ އެވެ.
މި މަގާމަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޖިލީހަށް ތިން ފަހަރު ފޮނުވާފަ އެވެ. މިފަހަރު ޝިފްލާ މި މަގާމަށް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ޝިފްލާ ވަނީ އިސްލާމިކް ޔުނިވާސިޓީން އާޓްސްއިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފަ އެވެ.
ޝިފްލާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭނާ ވަނީ ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސާ ޓްރެއިނީއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވެ އެވެ. މި މަގާމަށް އައްޔަ ކުރުމާއި ހަމައަށް މަސައްކަތްކުރަމުން އައީ ސަންގު ޓީވީގެ ނިއުސް އެންކާއެއްގެ މަގާމުގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައިފައިވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސްގެ މަގާމުގައި ހުންނެވީ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ. އަދި ނައިބު ރައީސަކީ އަހުމަދު ގައިސެވެ.
މެމްބަރުންގެ ގޮތުގައި ތިއްބެވީ "ހަވީރު" އާއި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި "ދިޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަމްޖަދު ވަހީދު އަދި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ.













