މަދަނީ އިޖުރާއަތުގެ ބިލް މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ވަދެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ރައްދުދީ، ބަޔާނެއް ނެރެފި އެވެ.
މަދަނީ އިޖުރާއަތުގެ ބިލްގެ މައްސަލަ ކުއްލިއަކަށް ފެންމަތިވީ، ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަހުމަދު އަފީފު އިންސާފު ލިބިދިނުމަށް އޮތް އެންމެ ބޮޑު ހުރަކީ މަދަނީ އިޖުރާއަތުގެ ބިލް މަޖިލީހުގައި ފާސްނުވެ ލަސްވަމުންދާތީ ކަމަށް ރޭ ވިދާޅުވުމުންނެވެ. މަދަނީ އިޖުރާއަތުގެ ގާނޫނަކީ އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.
މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވާފައިވާއިރު އަަދިވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.
އަހުމަދު އަފީފު ދެއްކެވި ވާހަކަތަކާ ނުރުހުންވެ، މިއަދު ޖުޑިޝަރީ ކޮމިޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މަދަނީ އިޖުރާއަތުގެ ބިލް ލަސްވެފައިވަނީ ބަންޑާރަ ނައިބު އަމަލު ކުރައްވާ ގޮތުން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މަދަނީ އިޖުރާއަތުގެ ބިލް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބަންޑާރަ ނައިބު ފޮނުވިޔަސް، އެންމެ ފުރަތަމަ ފޮނުވީ ރަނގަޅު ނޫން ބިލެއް ކަމަށް އަންގާފައިވާ ކަމަށެވެ. އޭގެފަހުން ރަނގަޅު ބިލްގެ ގޮތުގައި ފޮނުވަމުން ދިޔައީ ބާބުތައް ވަކިވަކިން ކަމާއި އެއްކޮށް ބިލް ފޮނުވައިދިނުމަށް މުއްދަތެއް ދިނުމުން އެކަމެއް ވެސް ނުވި އެވެ.

ބިލް އެއްކޮށް ކޮމިޓީއަށް ބަންޑާރަ ނައިބުގެ ފަރާތުން ފޮނުވީ، އެ ބިލްގެ މަސައްކަތް ކޮމިޓީން ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަޖެޓްގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ކަމަށެވެ. މުހިންމު ބިލްގެ މަސައްކަތަށް އެއް އަހަރު ގެއްލިގެން ދިޔައީ، ބަންޑާރަ ނައިބުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވި އެވެ.
އިމްތިޔާޒުގެ އެ ވާހަކަތައް ރައްދު ދެމުން މިރޭ ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބިލްގެ ބާބުތައް ވަކިވަކިން ފޮނުވި ސަބަބު ސާފުކޮށްދީފައިވެ އެވެ.
އެގޮތުން ބަޔާނުގައި ބުނީ ބިލު އެކުލަވާލުމުގެ މަސައްކަތް 2019 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އައްޔަންކުރި އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށް ފެށި ކަމަށާއި ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ މި އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.
ނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ގަސްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމާއި އެހާތަނަށް މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަންޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް ބުންޏެވެ.
"އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ ބިލު އެމަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމައި، އެ ބިލު އެ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ،" ބަޔާނުގައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަންޖެހުނު މަސައްކަތެއްކަމުން، އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ޖުޑީޝިއަރީ ކޮމިޓީއާ ގުޅިގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސަފުހާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތަށް ހުރަހަކަށް ނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، އެ ބިލު މުރާޖައާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖައާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ، އެ ބައިތައް އިސްލާހު ކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ބަޔާނުގައިވެ އެވެ.
"އެހެންނަމަވެސް، އެފަދައިން ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ވިދާޅުވުމުން، އެ ބިލު އެކުގައި މުރާޖައާކޮށް، މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ހިއްސާކުރަން ނިންމުނު، އެ މަސައްކަތް މުޅިން ނިމި، އިސްލާހުކުރެވުނު ބިލު މި އޮފީހުން ކޮމިޓީއަށް ފޮނުވީ، 4 ނޮވެމްބަރު 2020 ގައި،" ރައްދު ބަޔާނުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދެވުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރެއްވޭނެ ބިލުގެ ހުލާސާއެއްވެސް އެކުލަވާލައި، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ އަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށްގެންދާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވަނީ ދެމުންގޮސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
"ކުރިއަށް އޮތްތާނގައިވެސް، އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެ ވާހަކަ ދަންނަވަން،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.













