މޯލްޑިވިއަން އިން އޮންލައިންކޮށް ޓިކެޓް ގަންނަ މީހުންނަށް ހެޔޮ އަގުތަކެއް ލިބޭ ފެއާ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރީލް 29 އިން ފެށިގެން މެއި 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއާ އަގުތައް ލިބެނީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގަ އެވެ. އަދި ޕްރޮމޯޝަނުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށެވެ.
މި ޕްރޮމޯޝަނާ ގުޅޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިއީ އީދު ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުތައް އިތުރު ވާނެތީ ފެށި ޕްރޮމޯޝަނެއް ކަމަށެވެ. އަދި އޮންލައިންކޮށް ޓިކެޓް ނަގަން ވަޑައިގަތުމުން ޑިސްކައުންޓް އަގުތައް ކަސްޓަމަރުންނަށް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. ރާއްޖޭގެ އެންމެ ކަވަރޭޖް ބޮޑު އެއާލައިނަކީ ވެސް މޯލްޑިވިއަން އެވެ.
މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލުތަކަކީ ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މާފަރު، ރ. އިފުރު، ބ. ދަރަވަންދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ.










