ޑިޒައިނާ، ރެޕާ ކާންޔޭ ވެސްޓް 2008 ވަނަ އަހަރުގެ ގްރެމީސް އެވޯޑު ހަފްލާގައި އެރި ސްނީކާ ބޫޓު 1.8 މިލިއަން ޑޮލަރަށް ނީލަމުގައި ވިކިއްޖެ އެވެ.
ކާންޔޭގެ އެ ބޫޓަކީ އޭނާގެ "ޔީޒީ" ޕްރޮޑަކްޓް ލައިންއަށް އެންމެ ފުރަތަމަ ތައްޔާރުކުރި ޕްރޮޓޯޓައިޕް ބޫޓެވެ. އެއީ ޔީޒީ އިން "ނައިކް" އާއެކު އުފެއްދި ޕާޓްނާޝިޕްގެ ދަށުން، ނައިކް އަށް ކާންޔޭ އާއި މާކް ސްމިތު ޑިޒައިންކުރި ފުރަތަމަ ސްނީކާ އެވެ. އެ ބޫޓު ފުރަތަމަ ފަހަރަށް މީހުންނަށް ދައްކައިލީ 2008 ގެ ގްރެމީސްގައި ކާންޔޭ ހުށަހަޅައިދިން އަސަރުގަދަ ލަވައާ އެކު އެވެ. އެ ހަފްލާއަށް އޭނާ ލި ކޮސްޓިއުމް ފުރިހަމަކޮށްފައިވަނީ އެ ސްނިކާސް އާ އެކު އެވެ.
ސޮދަބީޒް އިން އޮކްޝަނުގައި ކާންޔޭގެ ބޫޓު ތައާރަފްކުރީ، މާކެޓަށް މިހާތަނަށް ނެރުނު އެންމެ އަގުބޮޑު ސްނީކާގެ ގޮތުގަ އެވެ. އޮކްޝަނުގައި ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރަށް ބޫޓު ވިކުމާއެކު މިހާރު ދުނިޔޭގެ އެންމެ އަގު ބޮޑު ސްނީކާސް ގެ ލަގަބު އޮތީ ޔީޒީ އަށެވެ.
ގަހަނާ އާއި އާޓް ވޯކް ފަދަ ތަކެތި އެއްކުރާ އުސޫލުން ސްނީކާސް އެއްކުރާ މީހުން އުފެދި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އޮކްޝަން ހައުސް ތަކުން މިހާރު ސްނީކާސް ވަނީ ޖާގަ ހޯދާފަ އެވެ.
ސޮދަބީޒް އިން އެމީހުންގެ ފުރަތަމަ ސްނީކާސް އޮކްޝަން ބޭއްވީ 2019 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ މެއި މަހު ސޮދަބީޒް ނީލަމުން ވަނީ ކުރީގެ މަޝްހޫރު ބާސްކެޓް ބޯޅަ ތަރި، މައިކަލް ޖޯޑަން އަށް ހާއްސަކޮށް ޑިޒައިންކުރި އޭނާގެ ބޫޓު، 1985 އެއާ ޖޯޑަން 1's ބައި މިލިއަނަށް ވިއްކާލައި ރިކޯޑެއް މުގުރާލާފަ އެވެ.

އޮކްޝަންގައި ވިއްކާލި ޔީޒީ ޕްރޮޓޯޓައިޕަކީ ކަޅުކުލައިގެ ލެދާ ބޫޓެކެވެ. އޭގައި ނާޑުވާ ލޮކްއެއްގެ ގޮތުގައި ބްރޭންންޑް ލޯގޯ ޖަހާފައިވާ މެޑެލިއަން އެއް ހަރުކޮށްފައި ހުރެ އެވެ.







