"މައިރާ…" އިވާން އަކުރުތަކަށް ދަމައިލަމުން މައިރާގެ ވާހަކަ މެދު ކަނޑައިލި އެވެ. "އާދެބަ އެތެރެއަށް. ވާހަކަ ދައްކާލަން" އެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ. މައިރާއަށް އެއީ ހަގީގަތެއްކަން ވަކިކުރަން ނޭނގިފައި ހުއްޓައި އިވާން ލަސްހަރަކާތަކާއެކު މައިރާގެ އަތުގައި އޮތް ފައިވާން ނަގައި ބިންމައްޗަށް ވައްޓައިލި އެވެ.
އިވާންއާއެކު އެ އެޕަރޓްމެންޓްގެ ބެލްކަންޏަށް މިސްރާބު ޖެހިއިރު މައިރާއެކޭ ޗާބީ ދެވިފައިވާ ބުދެކޭ ތަފާތެއް ނެތެވެ. ކަޅިޖަހާނުލައި ދެމީހުންގެ ގުޅިފައިވާ އަތަށް ބެލެމުންދިޔައިރު އެ އަތަށް ގެނެވޭ ކުޑަ ހަރަކާތަކުންވެސް އިވާން އެ އަތުން ދޫކޮށްލައިފާނެތީ އޭނާ ހުރީ ބިރުންނެވެ. އެ ކުޑަކުޑަ ގާތްކަމުންވެސް އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު ފޮނި އިހުސާސެކެވެ. އެހެނަސް ބެލްކަންޏަށް ނުކުމެވުމާއެކު އިވާން އޭނާގެ އަތުން ދޫކޮށްލުމުން އެ ވަގުތުކޮޅަށް ނިމުމެއް އައިސްފި އެވެ. އެ ލިބުނު ހުސްކަން ފޫބެއްދުމަށްޓަކައި މައިރާގެ ދެއަތް ޖޯޑުކޮށްލި އެވެ.
"ލީން ރަނގަޅުތަ؟ އެއްޗެކޭ ބުނިތަ؟" އިވާން އަހައިލި އެވެ.
"އަހަރެންގާތުތަ ތި އަހަނީ؟ އިވާންއަކަށްނު ބޮޑަށް އެނގޭނީ" މައިރާ އިސްޖަހައިލަމުން ބެލްކަނިން ތިރިއަށް ބަލައިލި އެވެ.
"އަހަރެންނަށް ނުކިޔާދޭ ވާހަކައެއްވެސް މައިރާއަށް ކިޔައިދީފާނެއެއްނު. ގާރލު ޓު ގާރލް" އިވާން ވާހަކަދައްކަމުން ދިޔައީ ސީދާ މައިރާގެ މޫނަށް ބަލަހައްޓައިގެންހުރެ ނަމަވެސް މައިރާގެ ނަޒަރު ހުރީ ތިރިއަށެވެ.

"ތި ބުނާކަހަލަ ގާރލް ޓު ގާރލް ވާހަކައެއް ކިޔައިދިނިއްޔާ މާނައަކީ އިވާންއަކަށް އެ ވާހަކައެއް އެނގޭކަށް ނުޖެހެއޭ އެއްނު؟" މައިރާ ޖަދަލުކުރި އެވެ. ނަމަވެސް އިވާންގެ ހިތްހަމަޖެހުމަށްޓަކައި އޭނާ އިވާން ކުރި ސުވާލަށް ޖަވާބުވެސް ދިނެވެ. "ލީން އެހާ ވާހަކައެއް ނުދައްކާ.. އަހަރެން ގިނަ ވާހަކަދެއްކީ.. ބޮޑަށް ނެޑްގެ ވާހަކަ"
"ނަދާލް ދޯ… ލީން މިކޮޅަށް ގެނައި ފަހުން ދުވާލަކު އެއްފަހަރު ގުޅާލާނެ ހާލު ބަލަން.. އަހަރެންނަށް ލީން ގާތަށް އައިސްފަ ދެވޭހާއިރު ޔަގީންކޮށްފަ ރޭގަނޑު އާންމުކޮށް ގުޅާނީ.. އެހެންވެ މިފަހުން ދެތިން ދުވަހަކު ހަބަރެއް ނުވީމަ އަހަރެން އޭނައަށް ގުޅާލައިގެން ދިޔައިން ކޮފީއަކަށް. ކިޔައިދިން ކަންތައްގަނޑެއް ހިނގައިގެން އުޅޭ ވާހަކަ"
އިވާން ވާހަކަ ދެއްކީ ރައްޓެއްސަކާވެސް ވާހަކަދައްކާނެހާ އާދައިގެ ރާގެއްގަ އެވެ. ބޭނުންވީ މައިރާއަށް އޭނާ ހުރީ ހިތްހަމަނުޖެހިފައި ނޫންކަން އަންގައިދޭށެވެ. އެވަރުންވެސް މައިރާ އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދީ ދުރަށް ބަލަހައްޓައިގެން ހުރުމުން އިވާންގެ ހިތަށް އުނދަގޫވި އެވެ. "އަރ ޔޫ އޯކޭ؟" އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލަމުން މައިރާގެ ހާލު އަހައިލި އެވެ.
މިފަހަރު އިވާންގެ އަޑުން އިވުނު އޯގާތެރިކަމާއި ގާތްކަން މައިރާގެ ސަމާލުކަން ހޯދި އެވެ. އޭނާ އިވާންގެ ސުވާލަށް ޖަވާބު ނުދިން ނަމަވެސް މޫނު އަނބުރައިލައި އިވާންއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
"މަންމަ ހަމައަކަށް އެޅިއްޖެތަ މިހާރު؟" އިވާން ދެން ކޮށްލި ސުވާލާއެކު މައިރާއަށް ލިބުނީ ސިހުމެކެވެ. ޒީނިޔާ އޭނާއާމެދު ކަންތައްކުރި ގޮތްވެސް އަނެއްކާ އިވާންއަށް އެނގިފައި އޮތީބާ އެވެ.
"ނެޑް.. ނެޑް ކީކޭތަ ކިއީ؟" މައިރާ އަވަސްއަވަހަށް އިސްޖަހައިލި އެވެ.
"މައިއަށް ވަރަށް ވަރުކޮށްލި ފަހުން އަހަރެންނަށް ދެވުނީވެސް. އޭރުވެސް މައި އިނީ ބިންމަތީގަ ޒީންތަ އެ ހުރައިލި ގޮތަށް. ހުވާ މި ކުރީ އެ މައިޝާން ބަ*ގެ އެ ހުންނަނީ ހަމަ ޒީންތަގެ ގޮތްގަނޑު" އިވާންގެ ހަނދާނުގައި ނަދާލްގެ ޖުމްލަތައް އާވެލުމާއެކު ޖީބަށް ޖަހައިލެވިފައިވާ ދެއަތް މުށްކެވިގެން ދިޔަނަމަވެސް އޭނާ ބޯ ހޫރައިލަމުން މައިރާއަށް ދިނީ މުޅިން ތަފާތު ޖަވާބެކެވެ. "މަންމަ ވަރަށް ރުޅި އައިސްފަހުރި ވާހަކަ ބުނީ..."
"ހްމްމް ވަރަށް ޑިސަޕޮއިންޓްވެފަ ހުރީ.. އިތުރު ކަމެއްގެ ވާހަކަ ނުދައްކާތަ؟"
"އިތުރު ކޮން ކަމެއް؟"
"ކާފަގެ ވާހަކަ"
"ހްމްމް. ގަބޫލުވެސް ނުކުރެވިފަ މިހިރީ..." އިވާން ބޯ ޖަހައިލި އެވެ.
"ސޭމް!" ކޮނޑުން ހުރަހަށް އަޅުވާފައިވާ ދަބަހުގެ ވާގަނޑުގައި ހިފަހައްޓައިލަމުން މައިރާ ހަށިފުރާ ނޭވާއެއް ލިއެވެ.
"ނެޑް އޯކޭތަ މިހާރު؟" އިވާން އަހައިލި އެވެ.
މައިރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލި އެވެ. ދެލޮލުގައިވަނީ ވަރުބަލިކަމާއި މާޔޫސްކަމުގެ އަސަރެވެ.
"ހޭއި. ހީ އިޒް ގޮނަ ބީ އޯކޭ" އިވާން ދެ ހިޔާލެއްގައި ހުރެފައިވެސް މައިރާގެ އަތުގައި ހިފައިލަމުން ހިތްވަރު ދިނެވެ. އެ ހިތްވަރު ލިބިގަނެގެން ކަހަލަ އެވެ. މައިރާގެ ފަރާތުންވެސް ކުރިންހުރި ޖެހިލުންކަން ފިލައިދިޔަ އެވެ. ހިތުގައިހުރި އުދާސްތައް ބޭރު ކޮށްލެވުނެވެ.
"އައި ނޯ! އެނގެއޭ ނެޑްއަކީ ސްޓްރޯންގް މީހެއްކަން އެކަމަކު މިފަހަރު ވަރަށް ތަފާތު.. އަހަރެން ނެޑްގާތު ބުނިން އަހަރުމެން އެކަކަށްވެސް މި ބަދަލު އިހުސާސެއް ނުކުރެވެއޭ…އަބަދުވެސް އަހަރެންނަށް ނެޑް ވާނީ ހަމަ ކަޒިން ބްރަދަރ އަކަށޭ. އެކަމަކު ނޭނގުނަސް ނެޑްއަށް މިކަމުން ވަރަށް އަސަރު ކުރާނެތާ ދޯ؟ ހީ އިޒް ގޮއިންގް ތްރޫ އެން އައިޑެންޓިޓީ ކްރައިސި-"
"އިވާން.." މައިރާ ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަން ޖެހުނީ ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރު ކައިރިން ނިސްރީންގެ އަޑު އިވުމުންނެވެ. އެ އަޑަށް އިވާން ސިހިފައި އޭނާގެ އަތުން ދޫކޮށްލުމުން މައިރާއަށްވެސް ސިހިފައި އިވާންއާ ދުރަށް ފިޔަވަޅެއް އަޅައިލެވުނެވެ.
"ދަރިފުޅު އައިސް ދޯ ތި އުޅެނީ. މިއީ ކޮން ކުއްޖެ- އާން ހަނދާންވެއްޖެ. މަލްގެ ފެމިލީ ކުއްޖެކޭ ދޯ ބުނީ؟" ނިސްރީނަށް މައިރާ ފެނުމުން އިވާންއާ ދައްކަންފެށި ވާހަކަ މެދުކަނޑައިލި އެވެ.
"ލައްބަ.. މައިރާ.. ލީންގާތަށް އައިސްލީ" މައިރާގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލަމުން ތައާރަފުވެލި އެވެ.
"އާން އެނގިއްޖެއޭ މިހާރު. މީގެ ދުވަސްކޮޅެއް ކުރިން ދުށިން އިންޓަރވިއުއެއްވެސް. އެދުވަހުވެސް ހިތަށް އެރި ހާދަ ދަންނަ ފާޑު ޖަހައޭ.. ލަކްޝްމީ ޗުއްޓީ ދުވަސްވީމަ ބޭރުން ހެދިކާ ގަނެގެން މި އައީ.. ސައި ބޮއެގެންނު ދާނީ ދޯ؟" ނިސްރީން ހިތްހެޔޮކަމާއެކު މައިރާގެ އިސްތަށުގަނޑުގައި ފިރުމައިލި އެވެ. ކޮންމެވެސް ސަބަބަކާހުރެ އޭނާއަށް މައިރާއާމެދު ކުރެވެމުންދިޔައީ ވަރަށް ގާތް އިހުސާސެކެވެ.
"މަންމާ.. މައިރާ އެހެރީ މިހާރު ދާންވެފަ-"
"ނޫން އޯކޭވާނެ. އަދި އެހާ ލަހެއް ނުވޭ" އިވާންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މައިރާ ބުނެލި އެވެ. އޭނާ އިވާންއަށް ދެލޯ އަޅައިލި ގޮތްފެނި ނިސްރީންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލި އެވެ.
"އިވާންވެސް މިއަދު ވާނެ ސައިބޯން.. އާދޭ އަވަހަށް" ނިސްރީން އިވާންއަށް ހަރުކަށި ނަޒަރެއް ދިނުމަށްފަހު މައިރާ ގާތްކޮށްލައިގެންހުރެ ކާމޭޒާ ދިމާލަށް ހިނގައިގަތެވެ. "މާޝާﷲ. ކާކުތަ މައިރާގެ ހެއަރ ސްޓައިލިސްޓަކީ؟ ދައްތަ ކުރިން ދަނީ މި އުޅޭ ރާޖް އެސްތެޓިކްސް ގާތަށް. މިހާރު ރާޖް އެތާ ނޫޅޭތީ ކަމަކު ނުދޭ… ނިކަން ބަލާލަ މިހިރަ ކުލައެއް. އަހަރެން ހީވަނީ މިހާރު މުސްކުޅިއެއްހެން" އެމީހުން ދައްކަމުންދިޔަ ވާހަކައިވި ފަހަތުންއައި އިވާން ނިތް އަރުވައިލަމުން ދެފަރާތަށް ބޯ ހޫރައިލި އެވެ.
"މިހާރުވެސް ވަރަށް ރީތި. ދައްތައަށް ބަލާލާފަ ހިއެއްނުވޭ އިވާންގެ މަންމަހެންވެސް. އަޅުގަނޑު ފުރަތަމަ ދުވަހު ހީކުރީ އިވާންގެ ކޮއްކޮއެއް ކަމަށް" މައިރާ މޭޒު ކައިރީގައި އިށީނދެލަމުން ނިސްރީންއަށް ތައުރީފުކޮށްލި އެވެ.
"ތި ބުނަނީ އަހަރެން މުސްކުޅިއޭތަ؟" އިވާންއަށް އަހައިލެވުނެވެ. އެހެނަސް އޭނާގެ ޖުމްލަ އެ ދެމީހުންކުރެ އެކަކަށްވެސް އިވުނުހެން ހީއެއްނުވެ އެވެ. ދެމީހުން ތިބީ އެމީހުންގެ އަމިއްލަ ވާހަކައަށް ގެއްލިފަ އެވެ.
"އަޅުގަނޑު ދާ ތާނގަ އުޅޭ ނޭޕާލް ކުއްޖާވެސް ވަރަށް ރަނގަޅު. މަނީޝާ ކިޔާނީ.. ދައްތަ ގޮވައިގެން ދެވިދާނެ" މައިރާ ބުނެލި އެވެ.
"އާން އެބައޮތޭ ރައްޓެއްސެއްގެ ދަރިއެއްގެ ރަންކިޔުންވެސް. އޭގެ ކުރިން ތިކަމާ އުޅެން ވާނެ. ކީއްކުރާނީ ދައްތަގެވެސް ބޮޑުވެފަ މިހިރީ ފިރިހެން ދަރިއެއްވިއްޔަ. ވަރަށް ފޫހިވޭ ދައްތައާއެކު އެކަހަލަ ތާކަށް ގޮސްލާނެ އަންހެން ކުއްޖަކުވެސް ނުހުންނާތީ. ލީންވެސް އެހާ ވަރަކަށް ނޫޅޭނެ އެ ކަންކަމަކާ. އަބަދަކު ރައްޓެހިން ގޮވައިގެނެއް ނުދެވޭނެ ދޯ. އަހަރެން ބޭނުމެއް ނޫން އަހަރެން ރީތިވާން ދާހާތަނެއް އެމީހުންނަށް ދައްކާކަށް. ދެން އީވީ ބޮޑުވަންދެން ކެތްކޮށްލަން ޖެހޭނީ" ނިސްރީން ތަށިތަށްޓަށް ސައި އަޅަމުން ބުންޏެވެ.
"ލީން ވަރަށް ދައްކާނެ އީވީގެ ވާހަކަ. އަދި ދިމައެއް ނުވޭ" މައިރާއަށް އީވީއަކީ ކާކުކަން އެނގިފައި އޮތީ އައިލީންގެ ވާހަކަ ތަކަކުން ނޫނެވެ. އިވާންގެ ވާހަކަތަކުންނެވެ. އިދާންގެ ޖަނާޒާއިން އޭނާއަށް އީވީ ފެނުނު ކަމުގައިވިޔަސް އީވީއާ ބައްދަލުވެފައެއްނުވެ އެވެ.
"ހްމްމް އީވީ ބައްޕައާއެއްކޮށް ޖެޓްސްކީ ދުއްވާލަންގޮސް ވީ... އިވާން އެހާ ހިތްހަމައެއް ނުޖެހޭނެ ފަރުހާންދެކެ. އެހެންވެ ދައްތަ ބަލަން އިވާން އަންނަ ގަޑިއަކިއްޔާ ފަރުހާން ބޭރަށް ފޮނުވާލެވޭތޯ. މައިރާ ބިޒީ ނޫނިއްޔާ ހެދުން ފަހަން ދާއިރުވެސް ވާނެ އިނގޭ ދައްތައާއެކު ދާން. ކިޔާބަލަ ނަންބަރު އޭރުންނެއްނު…" ނިސްރީން އަވަހަށް މައުލޫ ބަދަލުކޮށްލުމަށްފަހު އަނެއްކާވެސް މައިރާއާ ވާހަކަ އަޅުވައިލި އެވެ. އިވާން އަނެއްކާވެސް ގަބޫލުނުކުރެވިފައި އިނދެ މަޑުމަޑުން ބޯ ހޫރައިލަމުން ނިސްރީން ގާތް ކޮށްލައިދިން ސައި ތަށީގައި ތުން ޖަހައިލި އެވެ.
*******************
"ބުކް.. ވިންޑޯރ.. ލޭމްޕް.. ބެޑް.. ކަބަޑް.." ކޮޓަރީގެ ދޮރަށް ފުރަގަސްދީގެން ތަޅުންގަނޑު މަތީގައި އިން އައިލީން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ ދެލޮލުން ފަހަރަކު އެއްޗަކަށް ނަޒަރު ހިންގަމުން ދިޔަ އެވެ.
"ޓީވީ.. ތަންޑަރ.. ރެއިން.. އޭސީ.." ކުރުކޮށްލެވިފައިވާ ދެފައިގައި ބައްދާލައިގެން އިނދެ އިވެމުންދިޔަ އަޑުތަކަށް ސަމާލުކަންދެމުން ދެލޯ މަރައިލިއިރު މުޅި ކުއްޖާ ދިޔައީ ތުރުތުރު އަޅަމުންނެވެ. އެރޭގެ ގަދަ ވިއްސާރައާއެކު އިވެމުންދިޔަ ބާރު ގުގުރީގެ އަޑު ދޭތެރެއަކުން އެ ހިމޭން ކޮޓަރީގެ ތެރޭގައި ގުގުމާލައިގެންދާ ނަމަވެސް އެ އަޑަކުން މިރޭ އައިލީންއަކަށް ސިހުމެއް ނުލިބެއެވެ. އޭނާގެ އެތެރެހަށީގައި ހިންގަމުންދިޔައީ މާ ވަރުގަދަ ތޫފާނެކެވެ.
"ހެއަރ.. ޑްރެސް.. ޓައިލްސް" އެއްއަތުން އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމަށްފަހު އަނެއް އަތުން ފަހަރަކު އެއްޗެއްގައި އަތްލަމުން ދިޔައިރު އޭނާގެ ނޭވާ ދިޔައީ ހަމައަކަށް އެޅެމުންނެވެ. ވަށައިގެންވާ މަންޒަރުތައް މަޑުމަޑުން ސާފުވަމުންގޮސް ސިކުނޑި އަމިއްލަ އިޙްތިޔާރުގެ ދަށަށް ގެނެވިއްޖެ އެވެ. އެހެން ނަމަވެސް މުޅި މީހާ އެކީ ހަމައަކަށް އެޅޭގޮތެއްނުވި އެވެ.
"ގޯޑް ވައި ޑަޒް ދިސް ހާރޓް ސޯ މަޗް؟" މޫނުގައި ދެ އަތް އަޅައިލަމުން އައިލީންއަށް ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. މީގެ ކުރިންވެސް އޭނާ ވަނީ ނަދާލްއާ ވަކިވެފަ އެވެ. އެފަހަރު ނަދާލް އޭނާއަށް ހެދި މަކަރާއި ދެއްކި ދަޅައިގެ މަތިން ހަނދާން އާކޮށްލުމުން އެކަންތަކާ ކުރިމަތިލާން އެނގުނެވެ. އިޒްކާގެ މަތިން ހަނދާން ކޮށްލުމުން އުނދަގުލާއެކުވެސް ދުރަށް ދެވުނެވެ.
މިފަހަރު ނަދާލް އޭނާއަށް ހަދާފައިވަނީ އެއަށްވުރެވެސް ބޮޑު މަކަރެކެވެ. އޭނާ އޭރު ނަދާލްއާ ދުރަށް ދާން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވައިލީ އެވެ. އޭނާގެ އާއިލާއާއި ބޭބެގެ ދިރިއުޅުމަށް ޒަހަރުލުމަށްފަހު ކުޑަވެސް ރަހުމެއްނެތި ދެވަނަ ފަހަރަށް އޭނާގެ ހިތުގައިވި ލޯބި ހޭލައްވައިލީ އެވެ. އެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިގެންހުރެމެ ލޯބިވެތި އަދާތަކުން އޭނާގެ ހިތް ލަންބުވައިލީ އެވެ. އެއަށް ދޭނީ ހީލަތްތެރިކަން ފިޔަވައި ކޮން ނަމެއް ހެއްޔެވެ؟ އެހެނަސް މިފަހަރު އޭނާގެ ހިތުގައި އަޅަމުން މިދާ ވޭން އެފަހަރުގެ ވޭނާ އެތައް ގޮތަކުން ނުބައްދަލެވެ. މި ވޭން ތަހައްމަލު ކުރަން އޭނާގެ ހިތާއި ސިކުނޑި ވަނީ ނުކުޅެދިފަ އެވެ. އީވީއާއެކު ހޭދަކުރެވޭ ވަގުތު ތަކުގައި މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރިޔަސް އެކަނިވާ ކޮންމެ ފަހަރަކު ކޮޓަރީގެ ހަތަރުފާރު ތެރޭގައި އޭނާ ފިތިގެން ދާކަހަލަ އެވެ. ވަކިން ހާއްސަކޮށް މިއަދު މައިރާ އޭނާއާ އެ ވާހަކަތައް ދެއްކީއްސުރެން ނަދާލްއާމެދު ނުވިސްނޭ އެންމެ ސިކުންތެއްވެސް އޭނާގެ ދުވަހުގައި ނުދެ އެވެ.
އެ ފިނި ރޭގެ އަރާމު ނިދިން އޭނާ މަހުރޫމް ކޮށްލާފައި އެވަނީ ނަދާލްއަށް ޓަކައި އެ ވިސްނުން ތަކެވެ. ނަދާލްގެ އެކަނިވެރިކަން ހިޔާލަށް ގެނެވޭ ކޮންމެ ފަހަރަކު އޭނާގެ މެއަށް ބާރުވެ އެވެ. އެއިން ކޮންމެ ފަހަރަކު އެ ދެމެދުގައިވާ ދުރުމިނަށް ނިމުމެއް ގެންނަން ބޭނުންވި ނަމަވެސް އިވާންގެ ހަޔާތް އެފުށް މިފުށަށް ޖެހިގެންދިޔަ ދުވަސް ހަނދާންވެ އިތުރަށް މީހާ ފިތިގެންދަނީ އެވެ.
އައިލީންއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އަތް ދަމާލެވޭ ހިސާބު ދުރުގައި އޮތް ފޯނު ނަގައި ނަންބަރަކަށް ގުޅައިލިއިރު ހިމޭން ކަރުނަތަކުން އައިލީންގެ ކޯތާފަތުގައި ކުރެހުން އެޅެމުންދިޔަ އެވެ.
***************
ބާލީސްދަށުގައި އޮތް ފޯނު ވައިބްރޭޓުވާން ފެށިތާ ގިނަ އިރެއްނުވެ ނިދިފައި އޮތް އިވާންގެ ބުމަ ގޮށްޖެހިލި އެވެ. ރަނގަޅަށް ލޯ ނުހުޅުވައި އޮވެ ފޯނަށް ޖަވާބުދިނެވެ.
"ހެ. ހެލޯ އިވާންބޭ؟" ކަންފަތުގައި ޖެހުނީ އައިލީންގެ ގިސްލުމުގެ އަޑެވެ.
އިވާންގެ ދެލޮލާއި ނިދި ވަކިވެގެންދިޔަ ގޮތްވެސް ނޭނގުނެވެ. އަވަސްއަވަހަށް އުއްޑުން ޖެހިލަމުން އައިލީންއާ ވާހަކަދެއްކި އެވެ. "ލީން؟ އަދިވެސް ނުނިދަންތަ؟ ވަޓް ހެޕެންޑް ލީން؟ ރޮނީތަ؟"
އައިލީންގެ ޖަވާބެއް ނުލިބުނެވެ. ހަމައެކަނި އިވެމުންދިޔައީ ގިސްލުމެކެވެ.
"ލީން؟ އަހަރެން ވަރަށް ހާސްވޭ އިނގޭ އެބަ" އިވާން ކުޑަކޮށް ބޯ ދިއްކޮށްލައި ތިރީ އެނދުގައި ނިދާފައި އޮތް އައުޒަމަށް ބަލައިލި އެވެ. އަދި އޭނާގެ އަޑުން އައުޒަމަށް ހޭލެވިދާނެތީ އެނދުން ފުންމައިލައިގެން ލުއި ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުތެވެ.
"އިވާންބޭ" ހިނދުކޮޅެއްގެ ހިމޭން ކަމަކަށްފަހު އައިލީން ވާހަކަދެއްކި އެވެ. އޭނާ ވާހަކަ ކުރިއަށް ގެންދިޔައީ އިވާން ހޫން އަޅުވައިލުމުންނެވެ.
"ޑޫ ޔޫ.. ޑޫ ޔޫ ތިންކް.. ޔޫ ކޭން އެވަރ.. ފޮރގިވް ހިމް؟" އައިލީން އަހައިލީ އިވާން އެފަދަ ވަގުތެއްގައި އަޑުއަހަން ތައްޔާރަށް ހުރި ސުވާލެއް ނޫނެވެ. ނަމަވެސް އެ ސުވާލު ދުލާ ހަމައަށް ގެނައުމަށް އައިލީން ކުރި ހިތްވަރު ފޯނުގެ އަނެއް ފަރާތުގައި ހުރެގެންވެސް އިވާންއަށް އިހުސާސު ކޮށްލެވުނެވެ.
"ލީން…" އިވާންއަށް ހަމްދަރުދީގެ ރާގެއްގައި ގޮވައިލެވުނެވެ.
"ޔޫ.. ޔޫ ޑޯންޓް ހޭވް ޓު! ލީންއަށް އެނގޭ ފަސޭހައެއް ނުވާނެކަން.. ލީން ދުވަހަކުވެސް އިވާންބެ ލެޓް ޑައުންއެއް ނުކުރާނަން.. ލީން އަބަދުވެސް ހުންނާނީ އިވާންބެގެ ސައިޑްގަ" އައިލީންގެ ހިޔާލު ބަދަލުވެގެން ކަހަލަގޮތަކަށް ބުންޏެވެ.
"ލީން.. ލީން ބޭނުންތަ ނަދާލް ގާތަށް ދާން؟" އައިލީން ޖަވާބެއް ނުދިނަސް އިވާންއަށް އައިލީންގެ ހާލަތު ވަރަށް ރަނގަޅަށް ވިސްނެ އެވެ. މައިރާ ދެއްކި ވާހަކަތަކުން އައިލީންއަށް އަސަރެއް ކުރީ އެވެ. "ލިސަން ޓު މީ ލީން" އިވާން މޭޒުކައިރިން ގޮނޑިއެއް ދަމައިލަމުން އިށީނެވެ. "އަހަރެންނާ ނަދާލްއާ ޖެހުނު އެއްވެސް މައްސަލައަކުން ލީންގެ އުފަލަށް ހުރަސްއެޅިގެން ނުވާނެ.. އަދި އެކަން އެގޮތަށް ވަންޏާ.. އަހަރެންގެ ސަބަބުން ލީން ލޯބިވާ މީހަކާ ދުރުގަ، ލީންގެ އުފާތަކާ ދުރުގަ ލީން ހުރުމަކީ އަހަރެން ބޭނުންވާ ގޮތެއްވެސް ނޫން. އެހެންވީމަ ލީން ރީތިކޮށް ބުނެބަލަ.. ލީން ބޭނުންތަ ދާން؟" އޭނާގެ ސުވާލު ތަކުރާރު ކޮށްލި އެވެ.
"ނޭނގެ.. ވަރަށް.. ވަރަށް އުނދަގޫވަނީ.. ހަމަ އެންމެ ފަހަރަކު ދެކިލަން ބޭނުމީ.. ހަމައެކަނި ހާލު ބަލާލަން.. ޕްލީޒް. އައި ޕްރޮމިސް.. ލީން އަންނާނަމޭ" އައިލީންގެ އަޑު ނުކުތީ ކެނޑިކެނޑިގެނެވެ.
"އަހަހަ ނޯ ނޯ ނޯ. ލީން.. ނޯ.. ޑޯންޓް ސޭ ޕްލީޒް! ލީން އަހަރެންގާތު އާދޭސް ކުރާކަށް އަދި ވައުދެއް ވާކަށްވެސް ނުޖެހޭނެ. އަހަރެންނަށް އަބަދުވެސް މުހިއްމުވާނީ ލީންގެ އުފާވެރިކަން. ސޯ އިފް ޔޫ ވޯންޓް ޓު ޓްރޫލީ ބީ އޮން މައި ސައިޑް.. އިފް ޔޫ ޑޫ ނޮޓް ވޯންޓް ޓު ލެޓް މީ ޑައުން.. ޗޫޒް ޔޯރ ހެޕިނެސް. ފޮލޯ ޔޯރ ހާރޓް.. އެންޑް ރައިޓް ނައު.. އައި ނޯ ޔޯރ ހާރޓް އިޒް އެޓްލީސްޓް 4 މައިލްސް އަވޭ ފްރޮމް ޔޫ" އިވާންގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ. ބޭނުންވީ އައިލީން އެކަމުގައި ކޮންމެ ގޮތަކަށް އަމަލުކުރިޔަސް މައްސަލައެއް ނެތްކަން އަންގައި ދޭށެވެ.
"ލީން.. ލީން ހަމަ ދާންވީތަ؟" އައިލީން ސުވާލުކުރި އެވެ. އިވާންގާތުން ހޯދި ހުއްދައަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސާ ކުރެވޭ ސުވާލެއްގެ ގޮތުގަ އެވެ.
"ލީން.. ނަދާލްއަކީ އަހަރެންވެސް މާ ވަރަކަށް ގަޔާވާ މީހެއް ނޫން.. އަދި އަހަރެން ނުބުނާނަން ނަދާލްއަކީ މާ ރަނގަޅު މީހެކޭވެސް.. އެކަމަކު ލީން ކަހަލަ ހެޔޮހިތެއްގެ ވެރިކުއްޖަކަށް ނަދާލްދެކެ ތިވަރަށް ލޯބިވެވޭނީ ނަދާލްއަށް ކޮންމެވެސް ގޮތަކުން ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވުނީތީ.. ސޯ ޔެސް.. ހީ މެއި ނޮޓް ބީ ދަ ބެސްޓް ޕާރސަން ލީން.. ބަޓް ހީ އިޒް ޔޯރ ޕާރސަން.. އެންޑް ވަޓް ކުޑް ބީ ދަ އޮޑްސް އޮފް ފައިންޑިންގް ޔޯރ ޕަރސަން ޓްވައިސް އިން ވަން ލައިފްޓައިމް؟" އިވާން ބުނެލި އެވެ.
އައިލީންގެ ފަރާތުން ރައްދެއް ނުލިބުނެވެ. އައިލީން އަދިވެސް އޭނާއާމެދު ވިސްނައި ޖެހިލުންވަނީކަން އެނގުމުން އިވާން ނިންމީ އައިލީންއަށް އިތުރު ހިތްވަރެއް ދޭށެވެ. "ލީން ދޭ ރެޑީވާން.. އަހަރެން މި ފޮނުވަނީ ޓެކްސީއެއް" އޭނާ ބުންޏެވެ. އެއާއެކު ފޯނު ކެނޑުމުގެ ކުރިން އައިލީން ވައި އަޑަކުން "ތެންކްޔޫ" އޭ ބުނެލި އަޑު އިވުނެވެ.
އިވާން އިރުކޮޅެއް ވަންދެން އެ ފޯނަށް ގެއްލިފައި އިނުމަށްފަހު ފުން ނޭވާއެއްލަމުން އެޕަށް ވަދެލައި އައިލީންއަށް ޓެކްސީއެއް ފޮނުވައި ދިނެވެ. ދަން ގަޑިއެއްކަމުން އައިލީން އެ ޓެކްސީއަށް އަރައިގެން މާލެއައިސް ހ.ފްލޮރެންސާ ކައިރިވަންދެން ބަލަން އިނުމަށްފަހު އޭނާ ގުޅައިލީ މައިރާއަށެވެ. ޖަވާބެއް ލިބޭނެކަމުގެ މާ ބޮޑު އުއްމީދަކާނުލަ އެވެ. ނަސީބު ކަންދިމާކުރި ގޮތުން ކޯލު ކެނޑެން ގާތްވެފައި ވަނިކޮށް މައިރާ ޖަވާބު ދިނެވެ.
"ހަލޯ؟" ނިދީގެ ސަބަބުން މައިރާގެ އަޑަށް ވެރިވެފައިވި ލޯބިކަން ކަންފަތުގައި ޖެހުމާއެކު އިވާންއަށް ހިނިތުންވެލެވުނެވެ.
"ހާއި.. އަމް.. ނިދަނީތަ؟" އޭނާއަށް ޖަވާބެއްވެސް ދެވުނީ އިރުކޮޅެއް ފަހުންނެވެ.
"ނިދިފަ އޮތީ.. މިހާރަކު ނުނިދަން.. ހާދަ ދަންކޮށް" މައިރާ އާފުރިލި އެވެ. "އިވާން.. ކަމެއް ގޯސްވީތަ؟"
"ނޫން. ކޮންމެހެން ކަމެއް ގޯސްވީމަތަ ގުޅަން ޖެހެނީ؟" އިވާން ބޭނުންވީ މައިރާގެ އަޑު އަދި އިތުރަށް އަހައިލާށެވެ.
"ދެން އާން ދޭއް ޖަހަނީއެއްނު މިހާރު.. މިގަޑީގަ ގުޅާނީ ކަމެއް ގޯސްވީމައެއްނު؟" މައިރާ ބުންޏެވެ.
"ހަނދާންވާތީ ގުޅާލިއްޔޭ ބުނިއްޔާ؟" އިވާންއަށް އަހައިލެވުނެވެ.
"އޯހް ޕްލީޒް އޭމް އައި ޑްރީމިންގް؟" މައިރާ ހިނިގަނޑެއް ޖަހައިލި އެވެ. "ދެން ސީރިއަސްކޮށް ބުނޭ ވެގެންއުޅޭ ގޮތެއް"
"ލީން ދިޔަ ޓެކްސީ މަޑުކޮށްލައިފި ތި ގެ ކައިރިއަށް. ގެއަށް ވަތްތޯ ބަލާލަދީބަ" އިވާން ބުންޏެވެ.
"ކީކޭ؟ ލީން؟" އެނދުގައި އޮތް މައިރާއަށް ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. އިވާން ބުނި އެއްޗެއް ޔަގީން ނުވެފައިހުރެ ކޮޓަރީގެ ބެލްކަނިން ބޭރު ބަލައިލި އެވެ. ވާރޭގެ ސަބަބުން ފުސްވެފައިވާ މަގުމަތިން އޭނާއަށް އެ ބުނާ ޓެކްސީއެއްގެ އަލި ފެންނަވަރުވި އެވެ. އަދި ދިއްލާލެވިފައިވާ ދޮރާށީގެ ކުރިމައްޗަށް މަޑުކޮށްލި ބުޅި އިސްތަށިގަނޑުގެވެރި އަންހެން ކުއްޖާވެސް ފެނުނެވެ.
މައިރާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ދުވެލާފައިގޮސް ސިޓިންގްރޫމަށް ނުކުމެ ގޭގެ މައި ދޮރާށި ހުޅުވައިލުމަށްފަހު އަނެއްކާވެސް އައިސް ބެލްކަންޏަށް ނުކުމެލި އެވެ. އޭރު އައިލީން އެތާކު ފެންނާކަށް ނެތެވެ.
"އާނ.. ވަދެއްޖެ ގެއަށް.. އިވާން.. އަނެއްކާ ކިހިނެއްވީ؟" މައިރާގެ އަޑުގައިވަނީ އުފާވެރި ކަމެވެ.
"ހެހެ. ދެން ނިދާލާ.. ސޮރީ އުނދަގޫ ކުރެވުނީމަ.. ގުޑްނައިޓް" އިވާން ފޯނު ކަނޑައިލި އެވެ. މައިރާއަށް އިރުކޮޅެއް ވަންދެން ގަބުއަރާފައި ހުރެވުނު ނަމަވެސް ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ރީތިވާ މޭޒުމަތީގައި އޮތް ތަޅުދަނޑި ހިފައިގެން ބޭރަށް ދުއްވައިގަތެވެ. ސިޑީގެ ހައެއްކަ ހަރުފަތް ތިރިއަށް ފޭބިތަނާހެން ނަދާލްގެ އެޕަރޓްމެންޓް ދޮރުމަތީގައިހުރި އައިލީން އޭނާއަށް ފެނުނެވެ. އައިލީން އެހެރީ އެތަނަށް ވަދެވޭނެ ގޮތެއް ނެތިފައިކަން އޭނާއަށް ޔަގީންވެ ސިއްރު އަޑަކުން އައިލީންއަށް ގޮވައިލި އެވެ.
އައިލީން ސިހިފައި މައްޗަށް ބަލައިލި އެވެ. ސިޑީގައިހުރި މައިރާ ދިއްކޮށްލައިގެންހުރި ތަޅުދަނޑިފަތި އޭނާގެ ލޮލުގައި އަޅައިގަތެވެ. މައިރާ އެ ތަޅުދަނޑި ފަތި އެއްލުމާއެކު ހުށިޔާރުކަމާއެކު އޭނާ އޭގައި ހިއްޕެވެ. އަދި ފަސޭހަކަމާއެކު އެ އެޕަރޓްމެންޓްގެ ތަޅުދަނޑި ހޯދާލައި ދޮރު ހުޅުވައިލި އެވެ. މައިރާއަށް އެ ތަޅުދަނޑިފަތި ރައްދުކުރަން ބަލައިލިއިރު މައިރާ އެތަނުގައި ނެތުމުން އޭނާ އެކަން ފަސްކޮށްލި އެވެ، އަވަހަށް އެޕަރޓްމެންޓްގެ ތެރެއަށް ދެމިގަތެވެ.
ފަޅުކޮށް އޮތް ސިޓިންގްރޫމުގައި ނަދާލްގެ ހިލަމެއް ނެތެވެ. އަވަސް ފިޔަވަޅުތަކެއްގައިގޮސް ކޮޓަރި ބަލައިލިއިރު އެތަނުންވެސް އޭނާއާ ބައްދަލުކުރީ ފަޅުކަމެވެ. އައިލީން އަނެއްކާވެސް ނުކުތީ ސިޓިންގްރޫމަށެވެ. މިފަހަރު އޭނާގެ މަންޒިލަކަށްވީ ބެލްކަންޏެވެ. ރަޖަލެއް އޮޅާލައިގެން ގޮނޑީގައި އިން ނަދާލް ފެނި އައިލީންގެ ފިޔަވަޅުތައް މަޑުޖެހިލީ ބޭއިޙްތިޔާރުގަ އެވެ. ގަދަވަޔާއެކު ބެލްކަންޏަށް ޖަހަމުންދިޔަ ވާރޭގެ ތިކިތަކުން އޭނާގެ ރަޖާ އޮތީ ކޮންމެވެސް ވަރަކަށް ތެމިފަ އެވެ. ފިންޏަށް ބަލިވެގެންގޮސް ދެލޯ މެރެމުންދާހެން ހީވާ ކޮންމެ ފަހަރަކު އަތުގައި އޮތް ސިނގިރޭޓު ދަމައިލަ އެވެ.
"ނަ.ނަދާލް!" ނަދާލް ދެފަހަރަކު އެ ހަރަކާތް ތަކުރާރު ކޮށްލިތަން ބަލަން ހުރުމަށްފަހު ތިންވަނަ ފުރުސަތެއް ނުލިބެނީސް އައިލީންގޮސް ނަދާލްގެ އަތުގައި ޖަހައި ދުރަށް ފޮޅައިލި އެވެ.
"ލޫނާ؟" ނަދާލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. މެރެމުންދިޔަ އޭނާގެ ދެލޯވެސް ކުއްލިއަކަށް ބޮޑުކޮށްލެވުނެވެ.
"ވަޓް އަރ ޔޫ ޑުއިންގް އައުޓް ހިއަރ؟" އައިލީންއަށް ވައި އަޑުން އަހައިލެވުނެވެ. އޭނާގެ ދެފައިން ވާގި ދުވެގެންގޮސް ނަދާލްގެ އުނގުގައި އިށީނދެލެވުނެވެ. އަދި ފެންކަޅިވެފައިވާ ދެލޯ މަރައިލަމުން ނަދާލްގެ ނިތްކުރީގައި ނިތްކުރި ޖައްސައިލި އެވެ. އޭރު ނަދާލްގެ ނިތްކުރީގައިވި ހޫނުކަމުން ހީވަނީ އައިލީންގެ ނިތްކުރިވެސް ފިއްސާލައިފާނޭ ހެނެވެ.
"އިޓްސް.. އިޓްސް ސޯ ކޯލްޑް ލޫނާ.. ޔޫ.. ޔޫ ފީލް ސޯ ވޯރމް" ނަދާލްގެ ދެލޯ އަނެއްކާވެސް މެރެން ފެށުނެވެ. އެއާއެކު އައިލީން ވަގުތުން ސަމާލަށް އައެވެ. އަވަސްއަވަހަށް ދެލޯ ހުޅުވައިލަމުން ނަދާލްގެ މޫނުގައި ފިރުމައިލި އެވެ.
"ނަދާލް.. ނަދާލް ޕްލީޒް.. ލެޓްސް ގޯ އިންސައިޑް" އައިލީން ލަސްނުކޮށް ނަދާލް އެތަނުން ނެގޭތޯ މަސައްކަތްކުރި އެވެ. ތެމިފައި އޮތް ރަޖާ އެތަނަށް ދޫކޮށްލުމަށްފަހު ނަދާލް އަތުލަފި ކޮށްލައިގެން ގެނެސް ސޯފާގައި ބޭންދި އެވެ. އަދި ކޮޓަރިން އާ ރަޖަލެއް ހިފައިގެން އައިސް ނަދާލްގެ ގައިގައި އޮޅާލައި ދިނުމަށްފަހު ބޭސް ކާން ދިނެވެ. އެ ހުރިހާ ކަމެއް ނިންމައިލިއިރުވެސް ނަދާލް އިނީ ދެބަދޭތެރޭގަ އެވެ. އޭނާގެ ދެލޯ ހުޅުވިފައިހުރި ވަގުތަށްވުރެ ގިނައީ މެރިފައިހުރި ވަގުތެވެ. އައިލީންއަށްވެސް ހުރެވުނީ ތުން ފިއްތާލައިގެނެވެ. ނަމަވެސް ނަދާލްއަށްޓަކައި ހިތްވަރުކުރަން މަޖުބޫރުވީ އެވެ. ހަނދާންވީ އޭނާގެ ހާލަތު އެހާ ބަލިކަށިވެގެންދިޔަ ދުވަހު ނަދާލް އޭނާއަށް ދިން އަޅައިލުމެވެ.
"ޑޫ ޔޫ ނޯ ލޫނާ؟" އައިލީން ނަދާލްގެ ތުންފަތާ ފެންތަށި ދުރުކޮށްލުމުން ނަދާލް ވާހަކަދެއްކި އެވެ. އޭނާގެ އަޑު ނުކުތީ ކިރިޔަކިރިޔާ ކަމުން އެ އަޑު އެހުމަށްޓަކައި އައިލީން ނަދާލްއާ ގާތަށް ޖެހިލި އެވެ.
"އައި ޖަސްޓް ފައުންޑް މައި ފެމިލީ. ބަޓް އިޓް އޮންލީ ފީލްސް ލައިކް އައި ލޮސްޓް ދެމް. އައި ޑޯންޓް އިވެން ނޯ ހޫ އައި އޭމް އެނީމޯރ" ނަދާލް އައިލީންގާތު ޝަކުވާކޮށްލި އެވެ.
"މައި ޕާރސަން! ޔޫސުފް ނަދާލް.. ޔޫ އަރ މައި ޕާރސަން! އެންޑް އައި ވިލް ނޮޓް ލީވް ޔޫ ސްޓްރޭންޑެޑް!" ނަދާލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އައިލީން ޖަވާބު ދިނެވެ. ހިތަށް ކުރި އަސަރުން އަރުބެދެން ފެށުމާއެކު އޭނާއަށްވެސް ވާހަކަދެއްކުނީ މަޑުންނެވެ. "ނަދާލް.. ނަދާލް ލުކް އެޓް މީ! އަހަރެން މި އައީ ދާކަށެއް ނޫނޭ! އަހަރެންނަށް އެހީގެ އަތެއް ބޭނުންވި ދުވަހު އެ އަތް ދިއްކޮށްލީ ނަދާލްއެއް ނޫންތަ؟ އަހަރެންގެ ސިކުނޑި ފުސްވެ އަނދަވަޅަކަށް ވެއްޓެންދިޔަ ކޮންމެ ފަހަރަކު ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނީ ނަދާލްއެއް ނޫންތަ؟ އެއީ ނަދާލް އަހަރެންދެކެ ލޯބިވާތީއެއްނު؟ އަހަރެންވެސް ނަދާލްދެކެ ލޯބިވެޔޭ؟ ނަދާލް ހީކުރަނީތަ އަހަރެން ވާ ލޯބި ނަދާލްވާ ލޯތްބަށްވުރެ އެންމެ ތަންކޮޅެއްވެސް އުނިވާނެކަމަށް؟ ނުވާނެ! އަހަރެން ނަދާލް ތި އަނދަވަޅުން ސަލާމަތް ކޮށްދޭނަން! ލެޓްސް ގެޓް މެރީޑް؟"
އައިލީންގެ ވާހަކަތަށް ނަދާލްއަށް އިވުނީ ފަނޑު ކޮށެވެ. ހަރަކާތްތައް ފެންނަމުން ދިޔައީ އަވާމެންދުރެއް ފަދައިންނެވެ. އޭނާއަށް ގަބޫލު ކުރެވުނީ މިއީ ހިޔާލެއް ކަމުގަ އެވެ. ފަހަރުގައި އޭނާގެ ހަށިގަނޑަށް ފެތުރިފައިވާ ހުމުގެ އަސަރު ސިކުނޑިއާ ހަމައަށްވެސް ފޯރީ އެވެ. ނަދާލް އަސަރެއް ނެތް ބެލުމަކުން އައިލީންއަށް ބަލައިލުމަށްފަހު ސޯފާގައި އޮށޯވެ ދެލޯ މަރައިލި އެވެ. އެ ދެލޯ ހުޅުވައިލެވުނީ މެޝިންތަކެއްގެ ބީޕް އަޑާއެކު އިވެމުންދިޔައީ ބައެއްގެ ވާހަކަދެއްކުމުގެ އަޑަށެވެ. ވަށައިގެން ފެންނަމުންދިޔަ ހުދު ފާރުތަކާއި ނޫ ފޮތިގަނޑުތައް ބުނެދެމުން ދިޔައީ ހުރެވުނީ ހޮސްޕިޓަލެއްގައި ކަމެވެ.
ނަދާލްގެ ފިޔަވަޅު ބެހެއްޓީ ކުރިއަށެވެ. އެންމެ ކައިރިން ޖެހުނު ނޫކުލައިގެ ފޮތިގަނޑު ކަހައިލި އެވެ. އެ ފޮތިގަނޑުގެ ނިވަލުގައި ތިބީ ޑޮކްޓަރުން ތަކެކެވެ. އެމީހުންގެ މޫނެއް ނުފެނެ އެވެ. އެހެނަސް އެމީހުންގެ ކައިރީގައިހުރި އެނދުގައި އިށީނދެލައިގެން އިން ބަލިމީހާގެ ސޫރަ ނަދާލްއަށް ވަކި ކުރެވުނެވެ. ނޫކުލައިގެ ސްކާފެއް ބޮލުގައި އައްސާލައިގެން އެ އިނީ ޑީނާ އެވެ. ނަދާލް ފެނުމާއެކު އެއްޗެކޭ ބުނަން ހުޅުވައިލި ޑީނާގެ އަނގައިން ހިކި ކެއްސުމަކާއެކު ލޭތައް ފައިބައިގަތެވެ. ނަދާލްއަށް ތެޅި ގަނެވުނެވެ. ވަށައިގެންތިބި ޑަކްޓަރުންނަށް ގޮވާށެވެ. ނަމަވެސް މިހާރު އެއިން އެކަކުވެސް ފެންނާކަށް ނެތެވެ. ކުއްލިއަކަށް ޑީނާ ނަދާލްގެ އަތުގައި ހިފައިލުމުން ނަދާލްއަށް އެ އަތަށް ބަލައިލެވުނެވެ. އެ އަތުންވެސް ދިޔައީ ހޯސްލާފައި ލޭ ފައިބަމުންނެވެ. އަތުގެ މައި ނާރާ ދިމާލުން ބޮޑު ތަނެއް ވަނީ ކަފައިގެން ގޮސްފަ އެވެ. އިސް އުފުލައިލިއިރު ޑީނާގެ ބަދަލުގައި މިހާރު އެނދުގައި އިނީ އައިލީން އެވެ.
ނަދާލްއަށް ސިހިފައި އެ އަތުން ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އަލުން އެ އަތުގައި ހިފަން އަތް ދިއްކޮށްލި އެވެ. ނަމަވެސް މިފަހަރު އޭނާގެ އަތުގައި ހިފާނޭ މީހަކު ނުވި އެވެ. ހިނދެއް ހިނދަކަށް ކުރިމަތީގައިހުރި އެނދު ދިޔައީ އޭގައި އިން އައިލީންއާއެކު އޭނާއާ ދުރަށެވެ. ނުފެންނަ އަތްތަކަކުން އެ އެނދު ދަމާފައި ދުރަށް ގެންދަނީ ކަހަލަ އެވެ.
އިސާހިތަކު ހޮސްޕިޓަލުގެ މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. ވަށައިގެން ދަމާފައިވާ ނޫ ކުލައިގެ ފޮތިތަކާއި މެޝިންތައް ގެއްލިއްޖެ އެވެ. ފެންނަން އޮތީ ހުދު ކުލައިގެ ސަރާސަރު ހުސްކަމެކެވެ. އެ ހުދު ހުސްކަމުގެ ތެރޭގައި ނަދާލް އެނދާ ދިމާލަށް ދުވަމުންދިޔަ ވަރަކަށް އެނދު ދިޔައީ ދުރަށެވެ. އެންމެފަހުން އެ އެނދު އޭނާގެ ލޯމަތީން މުޅީން ގެއްލިގެންގޮސް އެ ހުސްކަމުގެ ތެރޭގައި އޭނާ އެކަނިވި އެވެ. އެ ހުސްކަން އޭނާގެ މުޅި ގަޔަށް ފެތުރެން ފަށައިފި އެވެ. އަތްފައިން ފެށިގެން ކަރާ ހިސާބަށެވެ. ނޭފަތު ކުރިއާ ހިސާބަށެވެ. އެހިސާބުން އޭނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. މީހާ ހާސްވެއްޖެ އެވެ. ނިތްކުރިން ދާހިއްލާލައިފި އެވެ. ހިނދުކޮޅަކަށް ދެލޯ މަރައިލެވުނެވެ. ދެން ހުޅުވައިލެވުނުއިރު އޮވެވުނީ ގޭގެ ސިޓިންގްރޫމް ސޯފާގަ އެވެ. ހުޅުވާލައިފައިހުރި ބެލްކަންޏަށް ވެހެމުންދިޔަ ވާރޭގެ އަޑު ހުއްޓުމެއްނެތި އިވެމުންދިޔަ އެވެ. އަވި ނިވާލާފައި އޮތް ނަމަވެސް ދުނިޔެމައްޗަށް ކޮންމެވެސް ކަމެއްގެ އަލިކަމެއް ވަނީ ވެރިވެފަ އެވެ. އާ ހެނދުނަކަށް އިރު އަރައިފިކަން ނަދާލްއަށް ޔަގީން ކުރެވުނެވެ.
ނަދާލް ލަސްހަރަކާތަކާއެކު ހަށިގަނޑު ތެދުކޮށްލަމުން ސޯފާގައި އިށީނެވެ. އަދި ދެލޯ މަރާލައިގެން އިނދެ ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ. އެ ފެނުނު ހުވަފެނުން އޭނާއަށް މާބޮޑު ސިހުމެއް ނުލިބުނެވެ. އެއީ އޭނާގެ އުމުރުން ދިހަ އަހަރުގައިވެސް އޭނާއަށް އާންމުކޮށް ފެންނަމުންދިޔަ ހުވަފެނެކެވެ. ވަކި ހިސާބަކުން އެ ހުވަފެން އޭނާއާ ބައްދަލުކުރާ ރޭރޭ މަދުވަމުން އައިސް އެއްކޮށް ހުއްޓުނު ކަމުގައިވިޔަސް މިފަހަކަށް އައިސް އޭނާއަށް އަނެއްކާވެސް ވަނީ އެ ހުވަފެން ފެންނަން ފަށައިފަ އެވެ. ތަފާތަކީ ކުރިއާ ހިލާފަށް އައިލީން އެ ހުވަފެނުގައި ފެންނަން ފެށުމުންނެވެ. މިހާރު އޭނާ އެވަނީ އެ ބަދަލަށްވެސް އާދަވެފަ އެވެ. އާދަ ނުވެވެނީ އެ ހުވަފެނުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ކުރާ އަސަރަށެވެ. އެ ހުވަފެނުން ހޭލެވޭ ކޮންމެ ފަހަރަކު ނޭވާ ހާސްވެ ދާހިއްލާފައި ހުންނަ ހުރުމަށެވެ.
"ހޭލީތަ؟" ދާދި ގާތުން އިވުނު އައިލީންގެ އަޑަށް ނަދާލް ދެލޯ ހުޅުވައިލި އެވެ. އޭރު އައިލީން އާވި އަރަމުންދިޔަ ކޮފީ ޖޯޑެއް ހިފައިގެން އައިސް އޭނާގާތު އިށީނދެލަނީ އެވެ.
"ހާދަ ދާހިއްލާފަ؟ އަދިވެސް ހުން ހުރީތަ؟" އައިލީން މޭޒުމަތިން ނެގި ޓިޝޫއަކުން ނަދާލްގެ ނިތްކުރި ފޮހެދޭން ފެށި އެވެ.
"ޔޫ އަރ ހިޔަރ؟" ނަދާލްއަށް އައިލީންގެ އަތުގައި ހިފައި ހުއްޓުވުނެވެ. "ކޮންއިރަކު އައީ؟" އޭނާއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ގަބޫލު ނުކުރެވިފަ އެވެ.
"ރޭގައެއްނު؟ ގައިމު ވާހަކަވެސް ދެއްކީމެއްނު؟" އައިލީން ހައިރާންވި އެވެ.
"އެއީ.. އެއީ ލޫނާތަ؟ ޔޫ.. ޔޫ ވޯންޓެޑް އަސް ޓު ގެޓް މެރިޑް؟" ނަދާލް ކޮންމެވެސް ވަރަކަށް ރޭގައި އޭނާއަށް އިވުނު ވާހަކަތައް ހަނދާން ކޮށްލި އެވެ.
"ވައި؟ ވަރ ޔޫ އެކްސްޕެކްޓިންގް ސަމްވަން އެލްސް؟" އައިލީންއަށް ނަދާލްގެ އަތުތެރެއިން އަތް ދަމައިގަނެވުނެވެ.
"ނޯ. ނޯނޯ.. އައި.." ނަދާލް އަވަސް ހަރަކާތަކާއެކު އެ އަތް ގެނެސް އޭނާގެ ތުންފަތުގައި ޖައްސައިލި އެވެ. ކަޅި ޖަހާނުލައި އައިލީންއަށް ބަލަން އިންގޮތުން ހީވަނީ އެސްފިޔަ ޖަހާލާހާ މަދު އިރުކޮޅަކަށްވެސް އައިލީން އޭނާގެ ލޯމަތިން ގެއްލެން ބޭނުން ނުވެފައި އިންހެނެވެ. އޭނާ ނިކަން ލޯތްބާއެކު އައިލީންގެ ކަންހުޅިން ދޫވެފައިވި އިސްތަށިތައް ކަންފަތުގައި އަޅުވައިލި އެވެ. އެއާއެކު އައިލީންގެ މޫނަށް ވެރިވެގެންދިޔަ ލަދުވެތި ހިނިތުންވުން ފެނި ނަދާލްއަށްވެސް ލުއިކޮށް ހީނލެވުނެވެ.
"އައި މިސްޑް ޔޫ.. ފަ*! ކަމް ހިޔަރ!" ނަދާލް އައިލީންގެ ގައިގައި ދެއަތް ވަށައިލަމުން އައިލީން ގެނެސް އޭނާގެ މޭގައި ތަތްކޮށްލި އެވެ.
މިނެޓެއްހާއިރު އެގޮތުގައި ތިބުމަށްފަހު ނަދާލްގެ ހިތާ ދެކޮޅަށް އައިލީންއާ ދުރުވެލީ އެގޮތުގައި ތިބެވެން ނެތްކަން ވިސްނުމުންނެވެ. އެދެމެދުގައި ހައްލުކުރަން ހުރި ކަންތައްތައް ބައިވަރެވެ. ދައްކަންހުރި ވާހަކަތައް ގިނަގުނަ އެވެ. އޭނާ އައިލީންއާ ހަތަރުކަޅި ހަމަކޮށްލީ އެ ހުރިހާ ވާހަކައަކަށް ފުރުސަތު ދެމުންނެވެ.
********************
ހިތްފަސޭހަ ހަވީރެކެވެ. ނަޝްވާއާއި މާއިޒް ދިރިއުޅޭ ފެންފިލާގޭގެ ގޯތިތެރޭގައި ކުރިއަށްދަނީ ނީކާގެ ތިންވަނަ އުފަންދުވަހުގެ ޕާޓީ އެވެ. އެއީ އާއިލާއަށް އެކަނި ދައުވަތު ދީގެން ކުޑަ ގޮތަކަށް ބޭއްވޭ ޕާޓީއެކެވެ.
"މިއޮއް އުޅެނީ ބައްޕި ދޫނި" ވިނަގަނޑުމަތީގައި ދުވަން އުޅުނު ނީކާ ނަގައި އުރައިލަމުން މާއިޒް ހިނގައިގަތީ ނަޝްވާގެ އާއިލާ އެކުގައިތިބި މޭޒާ ދިމާލަށެވެ.
"ބައްބާ ގިފް.. ގިފް" ނީކާގެ ތުއްތު އަތުން އެވަގުތު ކިޔަމުންދިޔަ އެވެ.
"ހޫން. މަންމި ބައްޕި ކިޔަން ނޭނގުނަސް ހެވެއްނު ގިފްޓް ކިޔަން އެނގެއެއްނު.. ދޯ ދަރިފުޅޫ.. ކޮބާތަ ނެޑް؟ ނާދޭތަ؟" މާއިޒް އަހައިލީ ނުސްރާގާތުގަ އެވެ.
"ނެޑް ހިއެއް ނުވޭ އަންނާނެހެން" ޖަވާބު ދިނީ ނަޝްވާ އެވެ.
"ނުބުނަންތަ ޕާޓީ އޮތް ވާހަކަ؟ ނެޑް ނުހުންނާނެ ނީއްކޮގެ ކަމަކަށް ނައިސް" މާއިޒް ޔަގީންކަމާއެކު ބުނެލި އެވެ.
"ނޫން އެނގޭނެ. ކާޑު ފޮނުވިން. އަންނާނެހެން މަންމައަށްވެސް ހީވަނީ.. ކޮބާ އެ އައީނު؟" ނުސްރާ ވާހަކަ ދައްކަމުން ދަނިކޮށް ނީކާ އިން ގޮނޑީގެ ފަހަތުގައި ހުއްޓިލި ނަދާލް ފެނި ހިނިތުންވެލި އެވެ.
"އަންކަލް ވިލް ނެވަރ މިސް ނީމޯޒް ބާތްޑޭ ދޯ ނީމޯ؟" ނަދާލް ނީކާ ގޮނޑިން ނަގައި ކޮނޑަށްލުމާއެކު އިވުނީ އެކުއްޖާގެ ތުއްތު ހުނުމުގެ އަޑެވެ.
"ކޮބާ މާމައަށް އެނގުނޭ އޭރުވެސް ދަރިފުޅުގެ އަންކަލް އަންނާނެކަން" ނަދާލް ނީކާ ގޮވައިގެން އައިސް ނުސްރާއާ ޖެހިގެން އިށީނުމުން ނުސްރާ ނީކާގެ ކޮލުގައި ކޮށްޓައިލި އެވެ. "ނަޝް.. ނެޑްއަށް ހެދިކާ ގެނެސްދީބަލަ" އޭނާ ދެން ވާހަކަދެއްކީ ނަޝްވާއާ އެވެ.
ނަޝްވާ އިރުކޮޅަކަށް އެތަނުން ދުރަށް ޖެހިލުމަށްފަހު ހެދިކާ ތަށްޓަކާއި ކޯކު ދަޅެއް ހިފައިގެން ގެނެސް ނަދާލްގެ ކުރިމަތީގައި ބަހައްޓައިލި އެވެ. އެއަށްފަހު ނަދާލްގެ އުނގުގައި އިން ނީކާ ނަގައިގެން އެތަނުންދިޔަ އެވެ.
"މެރީކުރަން މި އުޅެނީ" ކޯކު ދަޅު ކަނޑައިލަމުން ނަދާލް ބުނެލި ޖުމްލައާއެކު މުޅި ތަނަށް ހިމޭންކަމެއް ވެރިވި އެވެ.
"މެރީ ކުރަނީއޭ؟" މާޖިދަށް އަހައިލެވުނެވެ.
"ހްމްމް. އަހަރެމެން ދެމީހުންވެސް ބޭނުމެއް ނޫން މާ ކުލަގަދަކޮށް ޕާޓީ ބާއްވާކަށް. އެކަމަކު ގޭގެ ޓެރަހުގަވިޔަސް ކޮންމެވެސް ކަމެއް ބާއްވާލަން ކަމަށް. އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނޫން މި އައީ. ހަމަ ބުނެލަން ވެގެން. މިކަމާމެދު ބަޔަކު ރުހޭތޯ ނުރުހޭތޯ ބެލުމެއް އަހަރެންނަކަށް މުހިއްމެއް ނޫން" ނަދާލް ދެކޮނޑު އަރުވައިލަމުން ގޮނޑިން ތެދުވި އެވެ. އަދި އެންމެންގެ ބަސްހުއްޓުވައިލުމަށްފަހު ޕާޓީ ދޫކޮށް ދާން ހިނގައިގަތެވެ.
"ނެޑް.. ނެޑް މަޑުކޮށްބަ" ނަޝްވާ ކަމެއް ހަނދާންވި ފަދައިން ނީކާ މާއިޒްއާ ހަވާލު ކުރުމަށްފަހު ނަދާލްގެ ފަހަތުން ދުއްވައިގަތެވެ. އޭނާއަށް ނަދާލް އަތުޖެހޭވަރުވީ ގޭގެ ދޮރާށިން ނުކުތް ފަހުންނެވެ. އޭނާ ގޮވައިލުމުން ނަދާލްގެ ފިޔަވަޅުތައް މަޑުޖައްސައިލި ނަމަވެސް ނަދާލް އޭނާއާ ހަތަރުކަޅި ހަމަކޮށް ބަލައިވެސްނުލި އެވެ. ގަމީހުގެ ފަސްބައިން އަވި އައިސް ފުހެލަފުހެލައި ހުރީ އެވެ.
"އަދިވެސް ދޮންތަދެކެ ރުޅި އައިސްފަތަ؟" ނަޝްވާ އަހައިލި އެވެ. "ނެޑް.. ދޮންތަ ވަރަށް ދެރަވޭ އަސްލު ނެޑް ދޮންތައާ ދޭތެރޭގަ ތިހާ ދުރުކަން ބަހައްޓާތީ. އެނގޭ އަދިވެސް ހިތްހަމަ ނުޖެހިފަކަން ހުންނާނީ. އެކަމަކު ނެޑް ގަބޫލު ކުރިޔަސް ނުކުރިޔަސް އެދުވަހު އަހަރެންނަށް ލީންއާ އެގޮތަށް ވާހަކަ ދެއްކުނީވެސް ނެޑްއާ ދޭތެރޭގަ ވިސްނުނު ވަރުން. ލީންއާ ދޭތެރޭގަ ހިތްހަމަ ނުޖެހޭތީކީ ނޫން. ނެޑްގެ ދިރިއުޅުން ސަލާމަތް ކޮށްދޭން ބޭނުންވީތީ! އަހަރެންގެ ހިތުގަ އެއްވެސް ގޯސް ނިޔަތެއް އޮތްނަމަ އެދުވަހު ލީންއާ ދެއްކި ވާހަކަތައް ނެޑްއަކަށް ނުކިޔައިދޭނެއެއްނު. އެއިން އެއްވެސް ވާހަކައެއް ލީންގެ ދުލަކުން ނުކިޔައިދޭނެކަންވެސް އަހަރެންނަށް އެނގޭ.. ދޮގުވެސް ހެދެން އޮތް.. އެކަމަކު ނަހަދަމެއްނު؟"
"ހެހެ. ދެން އަހަރެންވީ އެހެނޭ ކިޔާފަ ދޮންތައަށް ޝުކުރު އަދާ ކުރަންތަ؟ އެދުވަހު އަހަރެންނަށް ލީން ގެއްލުނު ނަމަވެސް ދޮންތައަށް ތިހެން އަމިއްލަ މީހާ ދިފާއުކުރަން ކެރޭނެތަ؟" ނަދާލްގެ އަޑުގައިވީ މަލާމާތެވެ. ނަޝްވާ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ފުން ނޭވާއެއް ދޫކޮށްލި އެވެ.
"އޭރު އަހަރެންނަށް ހީކުރެވުނީ ނެޑްއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނީ އިޒޫއަށޭ. އައިމް ސޮރީ. ބަޓް އައި މެންޓް ނޯ ހާރމް. އަހަރެން ލީންގާތުންވެސް މަޢާފަށް އެދޭނަން" ނަޝްވާ ބުންޏެވެ.
"އޯކޭ" ނަދާލް ބޯ ޖަހައިލި އެވެ. އަދި ގެންގުޅުނު އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ސައިކަލަށް އަރައި ދުއްވައިލި އެވެ.
ހީކުރިގޮތާ ހިލާފަށް ނަދާލްގެ ކައިވެނީގެ ހަބަރަށް އާއިލާގެ އާއިލާއިން ކިއީ ހޫނު މަރުހަބާއެކެވެ. ޒީނިޔާއާއި މާޖިދުވެސް ދެތިން ދުޗަހަކު އެކަމަށް ފާޑު ކިޔާލާފައި އެވާހަކަ އޮއްބައިލައިފި އެވެ. ވުމާއެކު އައިލީންއާއި ނުސްރާގެ ގުޅުންވެސް ކުރިއެކޭ އެއްގޮތަށް އިއާދަވެއްޖެ އެވެ. ދެމީހުންގެ މެދުގައި ކިރިޔާވެސް ހިޔާލު ތަފާތުވުމެއް އުފެދުނީ ޕާޓީ މާ ކުޑަކޮށް ބާއްވަން ނިންމި ނިންމުމާ މެދުގަ އެވެ.
އައިލީން ބޭނުންވީ ކައިވެނީގެ ހުރިހާކަމެއް ނިމެންދެން ނިސްރީންގާތު މަޑުކުރާށެވެ. ވުމާއެކު އައިލީންގެ ކައިވެނީގެ ހަބަރު ވެގެންދިޔައީ ނިސްރީނަށް ދެ ޢީދު އެއްފަހަރާ އައުން ކަހަލަ ކަމަކަށެވެ. އައިލީންގެ ފަރާތުން ކައިވެންޏަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްގައި އިސްވެ އުޅުނީ އައިލީންއަކީ އަމިއްލަ ދަރިއެއް ކަމުގައި ދެކިގެންނެވެ. މިފަހަރު އައިލީންއަށްވެސް އޭނާގެ ފަހަތުގައި އާއިލާއެއް އޮތްކަމުގެ އިހުސާސް ދިޔައީ ކުރެވެމުންނެވެ. އެ އުފާވެރިކަން އޭނާގެ މޫނުމަތިންވެސް ފާޅުވާން ހުންނަ ވަގުތުތައް ގިނަ އެވެ. ނަމަވެސް އިވާންއާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާއަށް ކުރެވޭ ކުށްވެރިކަމުގެ އިހުސާސަކަށް ބަދަލެއް ނާދެ އެވެ. އިވާން ތަކުރާރުކޮށް އޭނާގެ ނިންމުމަށް މަރުހަބާ ކިޔަމުންދިޔަ ކަމުގައިވިޔަސްމެ އެވެ.
"ލީން ދައްތީ. ކޮންތާކަށް ތި ދަނީ؟" ކޮޓަރީގެ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަތް ދިހަ އަހަރުގެ އީވީގެ އަޑަށް އައިލީންގެ ސަމާލުކަން ދެވުނެވެ.
"އީވީ؟ އައިމް ގޮއިންގް ޓު ގެޓް މައި ނެއިލްސް ޑަން ފޯ ޓުމޯރޯ" އައިލީން ފަހު ފަހަރަށް ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން އީވީއާ ވާހަކަދެއްކި އެވެ
"ކޮން ކުއްޖަކާ އެއްކޮށް ތި ދަނީ؟ އިއްޔެ މިގެއަށް އައި ދައްތައާ އެއްކޮށްތަ؟ އައި ވޮނަ ބީ ފްރެންޑްސް ވިތް ހަރ. ކޭން އައި ގޯ ޓޫ؟ އައިމް ޝުއަރ މޯމް ވުޑް ބީ ޗިލް" އީވީ ބުންޏެވެ. ނިސްރީންގެ އެދުމަށް މައިރާ އިއްޔެ އެގެއަށް އައިސް އުޅުމުގެ ތެރޭގައިވަނީ އީވީއާ ބައްދަލުވެ ވާހަކަ ދެކެވިފަ އެވެ.
އައިލީން ފަސްޖެހުނެވެ. މައިރާއާއި އިވާންގެ ގުޅުން އޮތް ނާޒުކު ފައްތަރުގެ ސަބަބުން އީވީއާ މައިރާގެ އެކުވެރިކަން ބަދަހިކުރުމަކީ އެންމެ ރަނގަޅުގޮތަށް ނުވެދާނެއޭ އޭނާގެ ހިތް ބުންޏެވެ. ހުދު އޭނާވެސް މައިރާއާއެކު ކުރިން އޮތް އެކުވެރިކަން ބާއްވަން ފަސްޖެހެ އެވެ. އެހެން ނަމަވެސް މައިރާއަކީ ނަދާލްގެ ދިރިއުޅުމުގައި މުހިއްމު ފަރާތެއް ކަމުން އެ ގުޅުން ބަދަހިކުރަން މަޖުބޫރުވަނީ އެވެ. އޭނާ އަތުގެ ނިޔަފަތިތައް ހަފަމުން ނުސްރާއަށް ފޯނުކޮށްލި އެވެ. ސެލޫނަށް ދާން ހަމަޖެހިފައި އޮތީ ނުސްރާއާއެކު ކަމުގައިވިޔަސް މައިރާވެސް އޮތީ އަންނާނެކަން އަންގައިފަ އެވެ. އީވީ އޭނާގާތު ކަމަކު އެދޭނީ މަދު ފަހަރެއްގަ އެވެ. ވީއިރު އެކަމެއް ނުކޮށްދީ ހުންނަން އޭނާއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟
"ހަ-"
"ލީން އަޅެ ވަރަށް ބޮޑަށް ސޮރީ ދަރިފުޅު! ކާރުން ފޭބިތަނާ މައިގެ ފައި ފުރޮޅާލައިގެން މި އުޅެނީ" އައިލީންއަށް ރަނގަޅަށް ހަލޯވެސް ނުބުނެވެނީސް ނުސްރާ ވާހަކަ ދެއްކި އެވެ.
"ކީކޭ؟ މައި އޯކޭތަ؟" އައިލީންއަށް އަހައިލެވުނެވެ. އެއާއެކު ނުސްރާގެ ފޯނުން ދެން އޭނާއާ ވާހަކަ ދެއްކީ މައިރާ އެވެ.
"ލީން އިޓްސް މީ.. މިހާރު ދެން ކޮންމެވެސް ވަރަކަށް އޯކޭއޭ.. ތިގެއާ ވަރަށް ކައިރީގަ މިހިރީވެސް. ތިރީ ރެސްޓޯރެންޓްގަ މި ތިބީ.. އައިސްޕެކް އަޅައިގެން.. ލީންއަށް އާދެވޭނެތަ؟ އަހަރެން ހަމައަކަށް އެޅިލީމަ ދެން ދާނީ" މައިރާ ބުންޏެވެ.
“އަޅޭ.. ދެން ރަނގަޅުވާނެ މިއަދު ނުދެވުނަސް.. އަދި މާދަމާ ހެނދުނުވެސް ލިބޭނެއެއްނު. އެކަމަކު އެބަ ދަން އިނގޭ ތިރިއަށް.. އީވީވެސް އެބަ ކިޔާ މައިގާތަށް ދާން" އައިލީން ބުންޏެވެ.
"އީވީ ގޮވައިގެން އާދޭ" މައިރާ އެއްބަސްވި އެވެ.
"އޯކޭ.. ލެޓްސް ގޯ ދޫނީ" އައިލީން ފޯނު ކަނޑައިލަމުން އީވީއަށް ގޮވައިލި އެވެ. އަދި ރީތިވާ މޭޒުމަތިން ނެގި ބުރުހުން އީވީގެ އިސްތަށިގަނޑު ރީތިކޮށްލި އެވެ.
ގެއާ މާ ދުރުނޫން ހިސާބެއްގައިހުރި ރެސްޓޯރެންޓަށް ވަދެވުމާއެކު އައިލީން ކަންބޮޑުވެފައިހުރެ މައިރާމެން ތިބި ހިސާބެއް ހޯދަން ފެށި އެވެ. އެންމެ އެތެރޭގައިހުރި މޭޒާ އަރައި ހަމަވި ވަގުތު ބަޔަކު އެއްފަހަރާ "ސަޕްރައިޒް" އޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެކަމުން އައިލީންއަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ފާޅުވީ އުފާވެރިކަމެވެ.
"އަޅޭ.. ތެންކްޔޫ ސޯ މަޗް" މޭޒުމަތީގައި ބަހައްޓާފައިހުރި ކޭކަށް ބަލައިލަމުން އައިލީން ދެއަތް ޖޯޑުކޮށް އަނގަމަތީގައި އަޅައިލި އެވެ.
"ވާއު.. ސޯ ޕްރިޓީ" އީވީގެ ނަޒަރު ހުއްޓުނީ މައިރާގެ އަތުގައި އޮތް "ބްރައިޑް-ޓު-ބީ" ޖަހާފައިވާ ފަށްޓާއަށެވެ.
"ލީންދައްތަ މި އަޅާލީމަ އަދި މާ ރީތި ވާނެ" މައިރާ އީވީގެ ކޮލުގައި ކޮށްޓައިލުމަށްފަހު އައިލީންގެ ބޯމަތިން އެ ފަށްޓާ މަހައިލި އެވެ.
"ތަންކޮޅެއް ބޮޑުކޮށް އަސްލު ބާއްވަން އުޅުނީ.. އެކަމަކު ވަގުތު ކުޑަތަންވީމަ" ނުސްރާ އައިލީންގެ ކޮނޑުގައި އެއް އަތް ވަށައިލަމުން ވާހަކަ ދެއްކި އެވެ.
"އިޓްސް.. އިޓްސް މޯރ ދޭން އިނަފް. ތެންކްޔޫ" އައިލީންގެ ދެލޯ އުފާވެރިކަމުގެ ކަރުނުން ވިދައިލި އެވެ. އޭނާގެ ކަމެއް އެއީ ބަޔަކަށް ހާއްސަކަމެއްގެ ގޮތުގައި ދެކިގެން ފާހަގަ ކޮށްދީފައިވާ ފަހަރުތައް އަތުން ގުނައިލެވޭހާ މަދުވާނެ އެވެ.
"އެއްކަލަ ލީން! ހާދަ އިމޯޝަނަލް ކުއްޖެކޭ މިއީ! ދެން ރުއިމަ ފޮޓޮއެއްނު ހަޑި ވާނީ؟ އަވަހަށް އިށީނދެ ކޭކު ފަޅާލަބަ. ދަރިފުޅު އާދޭ މަންމިގާތަށް" ނިސްރީންގެ އަތުގައި އޮތް ފޯނުން ވީޑިޔޯ ކަނޑައިލަމުން އީވީ ގެނެސް އޭނާގެ ގާތުގައި ބޭންދި އެވެ. އެތަނުގައި ދެންތިބި މާޒިޔާއާއި މަލަކްވެސް އެކަމާ އެއްބަސްވެ އައިލީންއާ ދިމާކޮށްލުމުން އައިލީން އެންމެފަހުން ކޭކު ފަޅަން އިށީނދެލި އެވެ.
އެ ކުޑަކުޑަ "ހަފްލާ"އަށްފަހު ނުސްރާއާއި މާޒިޔާވެސް ނިންމީ ކުޑައިރުކޮޅަކު ނިސްރީންމެންގެ ގޭގައި މަޑުކޮށްލުމަށްފަހު މާލެ ދާށެވެ. ނިސްރީންއާއެކު އެ ދެމީހުން ގޭގެ ބެލްކަނީގައި ކޮފީބޯން ތިބިއިރު ދެންތިބި ކުދިންތައް އުޅުނީ އައިލީންގެ ކޮޓަރީގަ އެވެ. މައިރާއާއި އީވީ އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮވެ ފޯނުން އެދުވަހުގެ ފޮޓޯތައް ބަލަމުންދިޔަ އެވެ. މަލަކް އިނީ ޝާވިންއާއެކު ވީޑިޔޯ ކޯލެއްގަ އެވެ. އައިލީން ނަމާދުކޮށް އަވަދިވެގެން އައިސް ޝާވިންއާ ވާހަކަ ދެއްކުމަށް މަލަކްގެ ފަހަތުގައި ހުއްޓިލި އެވެ.
"ލީން އޭ.. ކޮންގްރެޓްސް އިނގޭ!" ޝާވިންއަށް އައިލީން ފެނުމާއެކު ބުންޏެވެ.
- ނުނިމޭ -



