ވެލެންސިއާ އާއި އީގަލްސް އަށް ޕޮއިންޓެއް

 ވެލެންސިއާގެ ދަގަނޑޭ (ކ) ހުއްޓުވަން އީގަލްސްގެ ކުރޯ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވެލެންސިއާގެ ދަގަނޑޭ (ކ) ހުއްޓުވަން އީގަލްސްގެ ކުރޯ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ ކުުޅުނު މެޗުން އީގަލްސްއާ 0-0 އިން އެއްވަރުވެ ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެއް ބަޔަކީ މާޒިޔާ އެވެ. އާދިއްތަ ދުވަހުގެރޭ އީގަލްސް އަތުން މޮޅުވެގެން މާޒިޔާ އަށް ދެ ވަަނަ ބުރު ނިމޭއިރު ނުވަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗާ އެކު ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ދެ ވަަނަ ބުރު ނިމުނީ އެވެ. އެ ޓީމަށް 14 މެޗުން ލިބިފައިިވަނީ 25 ޕޮއިންޓެވެ. އީގަލްސް މި ބުރުގައި ގަދަ ހަތަރެއް ކަށަވަރުކުރިއިރު، އެ ޓީމަށް ވަނީ 13 މެޗުން 17 ޕޮއިންޓް ލިބިފަ އެެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ އެ ޓީމުގެ ޓާގެޓަކީ އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވެފައި އޮތުމުން މި މެޗުން ބަލިނުވެ، މި މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށެވެ. އޭނާ ބުނީ މި މެޗުން މޮޅުވެވޭ ވަރަށް ފުރުސަތު ލިބުނު ކަމަށާއި ނަސީބު ކަންދިމާކުރި ގޮތުން ގޯލެއް ޖެހޭގޮތް ނުވީ ކަމަށެވެ.

"ވެލެންސިއާގެ ފޯކަސް އަކީ ވެލެންސިއާގެ ޕާފޯމަންސް އެއް މެޗުން އަނެއް މެޗަށް ރަނގަޅުކުރުން. ކޮންމެ މެޗަކީ ވެސް ވަރަށް މުހިއްމު މެޗެއް ވެލެންސިއާ އަށް. ތިން ޕޮއިންޓް ނަގަން މި މަސައްކަތްކުރަނީ. އެއްގޮތަކަށް ވެސް ދެ ވަނަ ދަމަހައްޓަން ނޫނީ ތިން ވަަނައިގައި އޮތުން ނުނިއްޔާ ގަދަ ހަތަރަކަށް ދިޔައީމަ މިހާރު އަަހަރެމެންނަށް އޯކޭއޭ ވެލެންސިއާ ނުވިސްނާނެ. މި އަންނަ އަހަރަށް ވެސް ރަނގަޅު ޓީމެއް ބިލްޑްކުރެވޭނީ މިހާރު ރަނގަޅުކޮށްގެން،" އާތީ ބުންޏެވެ.

ވެލެންސިއާ އިން މި މެޗު ފެށީ އެންމެ ފަހުން މެޗުގައި އަަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި މުހައްމަދު ޝަފީއު (ޗެކް) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީގެންނެވެ. އަނިޔާއިން ރަނގަޅުވެ ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފުރަތަމަ އެގާރައިގައި އަލުން ހިމެނުނުއިރު، އަނިޔާގެ ސަބަބުން އަކުރަމް އަބްދުލް ގަނީ (އަކޫ) ފެށީ ބެންޗުންނެވެ.

އެންމެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އީގަލްސް އަށް މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް ޒައިން ޒަފަރަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

މެޗު ފަށައިގެން ކުރީކޮޅުގައި ވެލެންސިއާގެ ބޮކުރީ އަށް އީގަލްސް ހާުފުގެ ތެރެއިން ބޯޅަތަކެއް ލިބުނު ނަމަވެސް ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. އީގަލްސްގެ މިސްރު ޑިފެންޑަރު އެލްސައީދު މެޗުގެ 10 ވަނަ މިނިޓްގައި ބޮލުން ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ވެލެންސިއާ އަށް މެޗުގެ 16 ވަނަ މިނިޓްގައި ލީޑުނަގައިދިނުމާ ގާތަށް އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖެހިލި އެވެ. އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ކައިރިން ދެމިގަތުމަށް ފަހު އޭރިއާބޭރުން ދަގަނޑޭ ޖެހި ބާރު ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނިޓްގައި ވެލެންސިއާ އަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ބޮލުން ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލު ރޮނގުމަތީގައި ހުރި އެލްސައީދު ވަނީ ބޮލުން ބޭރުކޮށްލައިފަ އެވެ.

އީގަލްސް އަށް ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ކޯނަރުތަކުން ލިބުނު ފުރުސަތުތަކުގައި ހެލްމެޓް އެވެ. ހެލްމެޓް ފޮނުވާލި އެއް ބޯޅަ ވެލެންސިއާގެ ގޯލު ރޮނގުކައިރީގައި ހުރި އީރާން ޑިފެންޑަރު މެހެރްދާދް ޕޫލާދީ ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅު ވެލެންސިއާގެ ދަގަނޑޭ އަށް އޭރިއާ ރޮނގުކައިރިން އީގަލްސްގެ އަސްހަދު އަލީ (އަޑުބަރޭ) ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ދެއްކީ ޕެނަލްޓީ އެކެވެ. އެކަމަކު ފަހުން އެ ނިންމުން ހިލޭ ޖެހުމަކަށް ބަދަލުކުރި އެވެ. ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން އަށް މިނިޓްގެ ތެރޭގައި ވެލެންސިއާ އިން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އަލީ ސަމްދޫހާއި ބޮކުރީގެ ބަދަލުގައި އަކޫ އާއި އަހުމަދު އިމާޒް (އާއްކޮ) ވަނީ ކުޅެން އަރުވައިފަ އެވެ. އަދި އީގަލްސް އިން ފަހުން ވަނީ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)ގެ ބަދަލުގައި މިސްރުގެ ފޯވާޑް މުހައްމަދު އޮސާމާ ކުޅެން އަރުވައިފަ އެވެ. އޮސާމާ ވަނީ ވެލެންސިއާގެ ފަހަތަށް ބާރުބޮޑުކޮށް އީގަލްސް އަށް ލަނޑެއް ޖަހައިދެވޭތޯ މަސައްކަތްކޮށްފަ އެވެ.

މެޗުގެ 70 ވަަނަ މިނިޓްގައި ވެލެންސިއާގެ އާއްކޮ ހުސްކޮށްލާފައި އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާތެެރެއިން އޭނާ ޖެހި ޝޮޓް އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ ފަހު ކޮޅުގައި ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އެންޓޯނިއޯ ސޯލާ ހާފުގެ މެދުތެެރެއިން ޖެހި ޝޮޓެއް ކީޕަރު ތޯހާ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. މިއީ ތޯހާ ފޮނުވާލި ބޯޅައެއް ކޮންޓްރޯލްކޮށްލުމަށް ފަހު ސޯލާ ޖެހި ޝޮޓެކެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ އުނދަގޫ މެޗެއް ކަމަށާއި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބި ނިންމާނުލެވުމުން ނަތީޖާ މި ގޮތަށް ނުކުތީ ކަމަށެވެ.

"ވަރަށް އުއްމީދުކުރިން ތިން ޕޮއިންޓަށް އެހާ ވަރަށް ކުޅުންތެރިން ޕާފޯމްވެސް ކުރި. މަސައްކަތުގެ ރޭޓް ވެސް ރަނގަޅު ދެން ގާތްގަނޑަކަށް ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ރެޔެއް. އެކަމަކު ނިންމާނުލެވިގެން މިދިޔައީ. ވެލެންސިއާ އަކީ ވަރަށް އެކްސްޕީރިއަންސް ޓީމެއް. އެ މީހުންނަށް ވެސް ފުރުސަތު ލިބުނު ހަމަ،" ޝާޒް ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި އީގަލްސް ވަނީ ވެލެންސިއާ އަތުން 2-0 އިން ބަލިވެފަ އެވެ. ޖެނުއަރީ މަހު ފަހު ކޮޅު ޝާޒް އީގަލްސްއާ ހަވާލުވި ފަހުން އެ ޓީމުން އޭއެފްސީ ކަޕާއި ލީގުގައި ކުޅުނު ހަތް މެޗުން ވެސް ބަލިވެފައިނުވެ އެވެ. ޝާޒް ވަނީ ޓީމެއްގެ ގޮތުގައި އީގަލްސްގެ ރޫހު ރަނގަޅުވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ޓީމުގެ ބުންވަރު ރަނގަޅުވުމަކީ ކުރިއަށް ހުރި މެޗުތަކަށް ދާއިރު އޭގެ ފައިދާކުރާނެ ކަމެއް ކަމަށެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނެ އެވެ. މިހާރު އޮތްގޮތުން ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox