އެމްއީއެސް އިމާރާތުގެ އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން ރައްދު ދީފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވާލައި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި އެސެސްމެންޓް ރިޕޯޓްގައިވާ ގޮތުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް، ދައުލަތުން ވަނީ ސިވިލް ކޯޓުގައި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފަ އެވެ.
މިކަމާ ގުޅިގެން މަންދު ކޮލެޖަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނެރުނު ބަޔާނުގައި ބުނީ، މުދަލާއި ވިޔަފާރިއަށް ލިބިފައިވާ ގެއްލުން އޮޑިޓާ ޖެނަރަލަށް އަދުލުވެރިކަމާއެކު ވަޒަން ކުރެވޭނީ އެ ކުންފުނީގެ ބަހެއް ވެސް ހޯދައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އޮޑިޓާ ޖެނަރަލް މިފަދަ ރިޕޯޓެއް ނެރުއްވި ކަމެއް، ނުވަތަ އެކުލަވާލި ކަމެއް ވެސް މިއަދާ ހަމައަށް ވެސް ރަސްމީ ސިފައެއްގައި މި ކުންފުންޏަށް އަންގާފައެއް ނެތް،" މާލޭ ހައި ކުންފުނީގެ އެމްޑީ އިބްރާހިމް އިސްމާއިލް ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.
ކުންފުނީގެ އެއްވެސް ލިޔުމެއް ރެކޯޑެއް ނުވަތަ މަޝްވަރާއެއް ވެސް ބެއްލެވުމެއް ނެތި އެކުލަވާލި ރިޕޯޓަކީ އެ ކުންފުނިން ބުނި ގޮތުގައި، އޭގައި އެއްވެސް ސައްހަކަމެއް، ބުރަދަނެއް ނެތް، ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފު، ތައައްސަބު އެކުލެވޭ ބާތިލް ރިޕޯޓެއް ކަމެވެ.

"ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް އޮޑިޓާ ޖެނަރަލް ސިއްރިޔާތުގައި މިފަދަ ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ، އޮޑިޓާ ޖެނަރަލްގެ މަގާމު އެކަށީގެންނުވާ އަމަލެއް،" ބަޔާނުގައިވެ އެވެ.
އޮޑިޓް: ކުރިން ވެސް ވަނީ ބަދަލު ނަގައިދީފައި
މަންދު ކޮލެޖްގެ މައްސަލާގައި ހަދާފައިވާ އޮޑިޓުން އެންމެ ބޮޑަށް ފާހަގަކޮށްފައި އޮތް ކަމަކީ، ކުރިން ވެސް އެކި ފަހަރު މަތިން ކޯޓުތަކުގެ އެންގުންތަކާ ގުޅިގެން ބަދަލު ދައުލަތުން ނަގައިދީފައިވުމެވެ.
އެގޮތުން، އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އެ އިމާރާތުގައި ކިޔެވިއިރު މަންދު ކޮލެޖަށް އެކި ގޮތްގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ބަޖެޓުންނާއި މިނިސްޓްރީގެ ބަޖެޓުން ވެސް ފައިސާ ދީފައިވެ އެވެ. ޖުމްލަ 4.6 މިލިއަން ރުފިޔާ ދީފައިވެ އެވެ.
މަންދު ކޮލެޖްގެ ފަރުނީޗަރުތަކެއް ގެއްލިފައިވާތީ އޭގެ ބަދަލު ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ. އެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީން ކުންފުންޏަށް ދެއްކި ކަމަށް އޮޑިޓްގައިވެ އެވެ.
މީގެ އިތުރުން އެމްއީއެސްގެ އިމާރާތުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުން ދިޔަ ބައިތައް މަންދު ކޮލެޖާއެކުވީ އެއްބަސްވުމާ އެއްގޮތަށް ހުސްނުކޮށް ލަސްވުމުން، ލިބުނު ގެއްލުމުގެ ބަދަލުގައި ވެސް މަންދު ކޮލެޖަށް ސިވިލް ކޯޓުގެ މެދުވެރިކޮށް ތިން ލައްކަ ރުފިޔާ، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ނަގައިދީފައިވާ ކަމަށް ވެސް ވެ އެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އޭރު މަންދު ކޮލެޖް ހިންގަމުން ދިޔަ އެމްއީއެސްގެ އިމާރާތަށް ބަދަލުކުރުމާ ގުޅިގެން އެ އިމާރާތް މަރާމާތުކުރަން ޖެހުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ތައުލީމީ ފަންޑުން ތިން މިލިއަން ރުފިޔާގެ ލޯނެއް މަންދަށް ދޫކުރި އެވެ. އެ ލޯނުން މިހާތަނަށް މަންދު ކޮލެޖުން އެއް މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް އޮޑިޓްގައިވެ އެވެ.
އެކިއެކި ގެއްލުންތަކުގެ ސަބަބުން ބަދަލުގެ ގޮތުގައި ހޯދުމަށް މަންދު ކޮލެޖުން ސަރުކާރަށް ޖުމްލަ 243 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވާކަން އޮޑިޓްގައި ފާހަގަކުރަމުން ބުނީ، ނަގައިދޭން ޖެހޭ ބަދަލުގެ ގޮތުގައި އޮޑިޓްގައި ފާހަގަކުރެވެނީ ހަމައެކަނި، އެމްއީއެސްގެ އިމާރާތަށް ކުރި އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ 1.4 މިލިއަން ރުފިޔާ ކަމެވެ.












