ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑު ބަލިން ފަސޭހަވެއްޖެ އެވެ.
ފަސްޓްލޭޑީ ކޮވިޑަށް ޕޮޒިޓިވްވީ، އާއިލާ ބަޔަކު ޕޮޒިޓިވްވެފައިވަނިކޮށް މީގެ 12 ދުވަސް ކުރިންނެވެ.
ފަސްޓް ލޭޑީ ބައްޔަށް ޕޮޒިޓިވްވުމުން ރައީސް ވެސް ކޮވިޑަށް ޓެސްޓް ހެއްދެވި އެވެ. އެމަނިކުފާނުގެ ނަތީޖާ ނެގެޓިވެވެ.
ކޮވިޑުން ފަސޭހަވެފައިވާކަން ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވަމުން ފަޒްނާ ވަނީ ހެޔޮ ދުއާކޮށް ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސް އާއި އަނބިކަނބަލުން ފަޒްނާ ޕޮޒިޓިވްވީ، ރަސްމީ ދަތުރުފުޅެއްގައި، ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަތްތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ދަތުރުފުޅަށް ފަހު ހޯމް ކަރަންޓީން ފުރިހަމަކުރައްވައި ދެ ބޭފުޅުން ޓެސްޓް ކުރެއްވި އިރު ނަތީޖާ ނެގެޓިވް އެވެ.

ކޮވިޑުން ރައްކާތެރިވާން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދެ ބޭފުޅުން ވެސް ފުރިހަމަކުރެއްވީ އެ ދަތުރުފުޅަށް ފަހު ރާއްޖޭގަ އެވެ.
ފަސްޓް ލޭޑީ ކޮވިޑަށް ޕޮޒިޓިވްވިއިރު އެކަމަނާގެ ކޮއްކޯފުޅު، ނަޒީހާ އަހުމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވި އެވެ. ހަމީދު ވެސް ޕޮޒިޓިވް ވީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކުރެއްވި ފަހުންނެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިނުން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭނީ ދެ ޑޯޒު ފުރިހަމަވުމުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒުން ހަށިގަނޑުގައި ރައްކާތެރިކަން އުފައްދަން ފަށަން ދެ ހަފްތާ ނަގާ ކަމާއި އެންމެ ރަނގަޅަށް ދިފާއު ލިބެނީ ދެވަނަ ޑޯޒަށް ދެ ހަފްތާ ފަހުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.












