މިއުނިކް (އޭޕްރީލް 26) - އާރްބީ ލައިޕްޒިގުގައި ހުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ގެންނަން ބޭނުންނަމަ ބަޔާން މިއުނިކުން ދުނިޔޭގެ ރެކޯޑް ފީ އެއް ދައްކަން ޖެހޭނެ ކަމަށް ޖަރުމަނުގެ މަޝްހޫރު ނޫހެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކޮށްފި އެވެ.
މި މަހު 18 ވަނަ ދުވަހު ވުލްފްސްބާގާ ދެކޮޅަށް ބަޔާން ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ވަނީ މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އެ ވާހަކަ އެހާ ކުރިން ފްލިކް މީޑިއާގައި ދެއްކުމުން ބަޔާނުން ހިތްހަމަނުޖެހުނެވެ. ބަޔާނުން އަވަސްވެގަތީ އެ ޓީމަށް އާ ކޯޗެއް ހޯދާށެވެ.
ބަޔާންގެ ބޯޑަށް އެންމެ ކަމުދާ ކޯޗަކީ އުމުރުން 33 އަހަރުގެ ކޯޗު ނާގަލްސްމަން އެވެ. ބިލްޑް އިން ރިޕޯޓްކުރާގޮތުގައި ލައިޕްޒިގުން އެއްބަސްވާނަމަ ނާގަލްސްމަން ހުރީ ބަޔާނަށް ބަދަލުވާން ތައްޔާރަށެވެ. އެކަމަކު ނާގަލްސްމަންގެ ކޮންޓްރެކްޓް އުވާލަން ލައިޕްޒިގުން އެއްބަސްވާނީ 26 މިލިއަން ޕައުންޑްގެ ފީއެއް ބަޔާނުން ދެއްކުމުންނެވެ. މިއީ މިހާތަނަށް ކޯޗެއްގެ ކޮންޓްރެކްޓް ގަންނަން ފުޓްބޯޅަ ކްލަބަކުން ދައްކާނެ އެންމެ ބޮޑު ފީ އެވެ.
މީގެ ކުރިން އެންމެ އަގުބޮޑުކޮށް ކޯޗެއް ޓްރާންސްފާ ކުރީ 2011 ވަނަ އަހަރު ޗެލްސީންނެވެ. ޕޯޓޯގައި ހުރި ޒުވާން ކޯޗު އަންދްރެސް ވިލަސް-ބޮއަސް ގެންނަން ޗެލްސީން 15 މިލިއަން ޕައުންޑް ދެއްކި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވިލަސް ބޮއަސް ޗެލްސީގައި މަސައްކަތްކުރި އަށް މަސް ދުވަހު އެވެ.
ބަޔާނާއި ލައިޕްޒިގުގެ ދެމެދުގައި ދާދި ފަހުން ވެސް ވަނީ ޓްރާންސްފާއެއް ހިގައިފަ އެވެ. ބަޔާނުން ލައިޕްޒިގުގެ ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯގެ ސޮއި ހޯދީ 37 މިިލިއަން ޕައުންޑް ދައްކައިފަ އެވެ. ނާގަލްސްމަން ގެންދަން ބަޔާނުން 26 މިލިއަން ޕައުންޑް ދައްކައިފިނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ލައިޕްޒިގަށް ދެ ކުޅުންތެރިންނާއި ކޯޗު ދޫކޮށްލައިގެން މިހާތަނަށް 93 މިލިއަން ޕައުންޑް ލިބޭނެ އެވެ. ލައިޕްޒިގުގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އިންގްލެންޑްގެ ލިވަޕޫލަށް 30 މިިލިއަން ޕައުންޑަށް ވިއްކާލަން އަންނަނީ މަޝްވަރާކުރަމުންނެވެ.
ނާގަލްސްމަން ކޯޗިން ކެރިއަރު ފެށީ 2016 ވަަނަ އަހަރު ހޮފެންހައިމް އިންނެވެ. އޭނާ ލައިޕްޒިގާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އެ ޓީމު ގޮވައިގެން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވާދަކުރި ނަމަވެސް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ލިވަޕޫލް އަތުން ވަނީ ކަޓައިފަ އެވެ. މީގެ ކުރިން ރެއާލް މެޑްރިޑްގެ ހުށަހެޅުމެއް ވެސް ލިބުނު ނާގަލްސްމަން އަންނަނީ ލައިޕްޒިގުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
ޓޮޓެންހަމުން އަންނަނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު އަންނަ ސީޒަނަށް ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ޓޮޓެންހަމުން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި ނާގަލްސްމަންގެ ނަން އެބައޮތެވެ.












