ސްޓޮކްހޯލްމް، ސްވިޑެން (އޭޕްރީލް 26) - އާސެނަލްގެ ލެޖެންޑުންތަކަކާ ގުޅިގެން ސްޕޮޓިފައިގެ ފައުންޑާ ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އެކް އާސެނަލް ގަންނަން މަސައްކަތް ފަށައިފި އެވެ.
މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި އާސެނަލުން ބައިވެރިވާން އެންމެ ފުރަތަމަ ނިންމުމާ ގުޅިގެން ސަޕޯޓަރުންގެ ނުރުހުން ވަނީ އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކާ އަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ފާއިތުވި އަހަރުތަކުގައި އާސެނަލްގެ ނަތީޖާތައް ދަށްވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކްރޮއެންކާ އެ ކްލަބްގެ ކުރިމަގަށް ބަލައި އިންވެސްޓްކުރަން ދެކޮޅު ހަދާތީ ކަމަށް އާސެނަލް ސަޕޯޓަރުން ބުނެ އެވެ.
އާސެނަލް ގަންނަން ޝައުގުވެރިވާކަން އެކް ފުރަތަމަ އިއުލާނުކުރީ ޓްވިޓާގަ އެވެ. އެކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކްރޮއެންކާ އާސެނަލް ވިއްކާލަން ވިސްނާނަމަ އެ ކްލަބް ގަންނަން ބޭނުންވާ ކަމަށެވެ.
އަމިއްލަ މިލްކިއްޔާތުގައި 3.4 ބިލިއަން ޕައުންޑް (4.7 ބިލިއަން ޑޮލަރު) ހުރި އެކް އާސެނަލް ގަންނަން ރަސްމީކޮށް މަސައްކަތް ފެށީ މީގެ ދެ ދުވަހެއް ކުރިންނެވެ. އޭނާ އަށް އެކަމުގައި އެހީތެރިވާން އާސެނަލްގެ ލެޖެންޑުން ކަމަށްވާ ތިއަރީ އޮންރީ އާއި ޕެޓްރިކް ވިއޭރާ އަދި ޑެނިސް ބާކެމްޕް ވަނީ ބައިވެރިވެފަ އެވެ.

އާސެނަލްގެ މެޗެއްގެ ތެރެއިން (ކ.ވ): ވިއެރާ، އޮންރީ އަދި ބާކެމްޕް.-- ފޮޓޯ: އާސެނަލް
އާސެނަލްގެ ސަޕޯޓަރެއްގެ ގޮތުގައި ފުޓްބޯޅަ އަށް ޝައުގުވެރިކަން އުފެދުނު އެކް ބުނީ އާސެނަލް ވިއްކާލަން ކްރޮއެންކާ ބޭނުންނުވާ ކަމަށް ބުނެފައިވީ ނަމަވެސް މީގެ ތެރެއިން ލިބެން ހުރި ފުރުސަތުތައް ދެނެގަނެ ސަޕޯޓަރުންގެ އަޑުއަހާނެ ލީޑަޝިޕެއް އެ ކްލަބަށް އައުން ވަރަށް މުހިއްމު ކަމަށެވެ.
ކްރޮއެންކާގެ ދަރިފުޅު ޖޯޝް ކްރޮއެންކާ އަކީ އާސެނަލްގެ ޑިރެކްޓަރެކެވެ. އޭނާ ވިދާޅުވީ ސުޕަ ލީގުގެ ކަންތައްތަކުގެ ތެރޭގައި ހާލަތުގެ ފައިދާނަަގައި ގިނަ ބަޔަކު އާސެނަލް ގަންނަން ޝައުގުވެރިވާނެ ކަމަށާއި އެކަަމަކު ކްލަބް ވިއްކާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
ސަޕޯޓަރުންގެ ހަޅުތާލުތަކަށް އިޝާރާތްކޮށް އާސެނަލްގެ ތާރީހުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ހާއްސަ ތަރިއެއް ކަމަށްވާ އޮންރީ ބުނީ މިހާރު އެ ފެންނަނީ އޭނާ ލޯބިވި އާސެނަލްގެ ކިބައިން ފެނުނު ކަންތައްތަކެއް ނޫން ކަމަށާއި މިކަން ބަދަލުކޮށް ސަޕޯޓަރުންގެ އަޑުއަހާނެ ބަޔަކު ކްލަބްގެ ލީޑަޝިޕްގައިި ތިބުން މުހިއްމު ކަމަށެވެ.
އާސެނަލް ގަންނަން އެކް ބިޑްކުރާނީ ކިހާވަރެއް ކަމަށް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. މިއުޒިކް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ސްޕޮޓިފައިގެ މަސައްކަތް އެކް ފެއްޓީ 2017 ވަނަ އަހަރު މާޓިން ލޮރެންޓްޒަންއާ އެކު އެވެ. މިއުޒިކް އިންޑަސްޓްރީ ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ސްޕޮޓިފައި އެންމެ ފަހުން އަގުކުރެވިފައި އޮތީ 51.9 ބިލިއަން ޕައުންޑްގަ އެވެ.
އެފްރިކާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ނައިޖީރިއާގެ އަލީކޯ ޑަންގޯޓޭ އާސެނަލް ގަންނަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ކްރޮއެންކާގެ ކޭއެސްއީ އިން އެންމެ ފުރަތަމަ އާސެނަލްގެ ހިއްސާ ގަތީ 2007 ވަނަ އަހަރު އެވެ. އެ އަށް ފަހު 2011 ވަަނަ އަހަރު މެޖޯރިޓީ ހިއްސާދާރަކަށްވި އެވެ. އޭރު ކްރޮއެންކާ އާސެނަލްގެ އަގެއްގެ ގޮތުގައި މީޑިއާ އަށް ހާމަކުރީ 731 މިލިއަން ޕައުންޑްގަ އެވެ. ކްރޮއެންކާ އެއްކޮށް އާސެނަލް ގަތީ 2018 ވަަނަ އަހަރު އެވެ. އެންމެ ފަހުން ފޯބްސް އިން ނެރުނު އެންމެ އަގުބޮޑު ކްލަބްތަކުގެ ތެރެއިން އަށް ވަނައިގައި އޮތީ އާސެނަލް އެވެ. އެ ލިސްޓުގައިވާ ގޮތުން އާސެނަލްގެ އަގަކީ 2.8 ބިލިއަން ޕައުންޑް އެވެ.












