ކޮލަމް: އިއްޔެ އާއި މިއަދުގެ މަންޒަރުން ހެވާއި ނުބައި

އިރުއޮއްސޭ ދަޅައިގައި ދެ މީހަކު ބައިސިކަލް ދުއްވާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިރުއޮއްސޭ ދަޅައިގައި ދެ މީހަކު ބައިސިކަލް ދުއްވާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަހަރެންގެ ގާތުގައި ހެޔޮކަމާއި ނުބައިކަމަކީ، ރީތި ހުތުރު ފަދައިން ރިއާޔަތްކުރެވިގެން ބެލެވޭ ދެކަންތަކެވެ. ތަނާއި ޒަމާނުގެ ތަފާތާއެކު ބަދަލުވާނެ ދެކަންތަކެވެ. އެއްބަޔެއްގެ ރީތި އަނެއް ބަޔެއްގެ ހުތުރަށް ވާ ފަދައިން އެއް ޒަމާނުގެ ހެޔޮ، އަނެއް ޒަމާނުގެ ނުބަޔަށް ވެދެ އެވެ.

ހެޔޮކަންކަމަކީ ފުރޮޅުމެއް ބަދަލުވުމެއް ނެތި އެއްގޮތަކަށް ހުއްޓިފައި ހުންނާނެ ކަންކަމެއް ނޫނެވެ. ހެވެއް ހެވަކަށް ވަނީ އެއީ ބާއްޖަވެރިކަމުގެ ވަސީލަތަށްވާތީ އެވެ. ނުބަޔެއް ނުބަޔަކަށްވަނީ އެއީ އަބާއްޖަވެރިކަމުގެ ހަސީލަތަށްވާތީ އެވެ. ސިފައެއްގައި އޮތީ ބާއްޖަވެރިކަންނަމަ އެއީ ހެވެކެވެ. ދަހިވެތިކަމަށްވިޔަސްމެ އެވެ. ސިފައެއްގައި އޮތީ އަބާއްޖަވެރިކަންނަމަ އެއީ ނުބަޔެކެވެ. ދީލަތިކަންކަމަށް ވިޔަސްމެ އެވެ.

އާދަމްގެފާނުއްސުރެ މިއަދާ ހަމައަށް ކޮންމެ ޒަމާނެއްގައި ކޮންމެ ތަނެއްގައި އުޅުނު އަހުލާގުގެ އިލްމުވެރިން އެބައިމީހުން ލިޔާ ކޮންމެ ފޮތެއްގައި ބަދަލުކުރުމެއް ނެތް ދެބާބު ހިމަނަ އެވެ. އެއް ބާބަކީ ހެޔޮކަންކަމުގެ ބާބެވެ. އޭގެ ދަށުން ހިތްވަރުގަދަކަމާއި ދީލަތިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އަބުރުވެރިކަމާއި މަޑުމޮޅިކަމާއި ތެދުވެރިކަމާއި އަދުލުވެރިކަމާއި އޯގާވެރިކަމުގެ ވާހަކަތައް ގެނެ އެވެ. އަނެއް ބާބުގެ ގޮތުގައި ނުބައިކަންކަން ހަދައި، އޭގެ ދަށުގައި ފިނޑިކަމާއި ދަހިކަމާއި ދަހިވެތިކަމާއި ހިޔާނާތްތެރިކަމާއި މަކަރުވެރިކަމާއި ދޮގުވެރިކަމާއި އަނިޔާވެރިކަމާއި ހިތްހަރުކަމުގެ ވާހަކަތައް ގެނެ އެވެ.

ނަމަވެސް މިއަދުގެ އިންސާނުންނަކީ އިއްޔެގެ އިންސާނުން ނޫންކަން އެބައިމީހުން ދެނެގަތުމުގެ ވަގުތު އައިސް ޖެހިއްޖެކަމުގައި އަހަރެންނަށް ފެނެ އެވެ. މިޒަމާނުގެ ހަޔާތުގެ ގޮތްތަކާއި ވައްޓަފާޅިތަކަކީ މާޒީގެ ފޭޑިތަކާއި އުސްލޫބުތައް ނޫންކަމެވެ. އިހުގެ އެވޭލާ ބޯދާ ޒަމާނުގައި ގޯސްކަމުގައި މީސްތަކުން ހެދި ކަންކަން، ނަފަޔާއި މަންފާގެ މައްޗަށް ބިނާވި މާއްދީ މަދަނިއްޔަތުގެ މި ފަހު ޒަމާނުގެ އިންސާނީ މުޖުތަމައުގެ ނިޒާމުތެރޭގައި ކަނޑައެޅި ނިމި ބަލައިގެނެފައިވާ ހާލަތެއްކަމަށް ވެގެން ހިނގައްޖެ އެވެ. އެންމެހާ ކަމަކާއި ދަމަކާ އެމައްޗަށް ބިނާކުރެވޭ ގުޑުމެއް ނުވާ މުޑިތަކެއްގެ ގޮތުގަ އެވެ. މީސްތަކުންނަށް އެކަންކަން ކޮންމެހެން ބޭނުންވެއްޖެ އެވެ. އެކަންކަމާއި ނުލައި މީސްތަކުންނަށް ފުދޭނެގޮތް ނެތިއްޖެ އެވެ. ދިރިއުޅުމުގެ މައިދާނުގައި ފައިހަމަކޮށްގެން ތިބި މީހުންނާ އަރާހަމަކޮށްގަތުމަށެވެ. ދިރިއުޅުމުގެ އިލްމުތަކުގެ ދަސްވާރުންނާއެކު އަސްވާރުންގެ ގޮތުގައިވުމަށްޓަކައި އެވެ.

ދީލަތިކަމަކީ ހެޔޮ ސިފައެކެވެ. މީސްތަކުން ރީތިކަން އޭގެ ހައްގުވެރިޔާއަށް ރައްކާތެރިކޮށްދިން އިރު އެވެ. އެބައިމީހުންނަށްޓަކައި ފަތުރާލެވުނު އަތް، މީސްތަކުން ދަނެއުޅުނު އިރު އެވެ. އޭނާގެ ދީލަތިކަން އޭނާ ގެންގޮސް ފަގީރުކަމުގެ އަނދަވަޅަށް ލާހިނދު، އޭނާގެ އިހުސާންތެރިކަން އެބަޔެއްގެ ނަފުސުގައި ބިންވަޅު ނެގުނު މީހުންގެ ތެރެއިން މީހަކު އެހީތެރިކަމުގެ އަތުން ހިފައި އެ ވަޅުގަނޑުން އޭނާ ހިއްލައި މައްޗަށް އުފުލިއިރު އެވެ. އެކަމަކު މިއަދު މީސްތަކުން ރީތިކަމަށް އިންކާރުކޮށްފި އެވެ. އެބައިމީހުންގެ ކޮނޑުތަކުގައި އެކަން އުފުލުން ބުރަޔަކަށް ހަދައިފި އެވެ. ކިއެއްތަ، އެބައިމީހުންގެ އެކުވެރިޔާގެ ފައި ކަހާލާހިނދުން އާޑަފުރައްސާރަކުރުން އާދަކޮށްފި އެވެ. މޮޔަކަމުގެ މާނަތަކުން އެކުވާ ހުރިހާ ލަފުޒެއް އޭނާއާ މަތިކޮށްފި އެވެ. އެހެންވީމާ ދީލަތިކަމަކީ ހެޔޮ ސިފައަކަށް ނުވި އެވެ.

އޯގާތެރިކަމަކީ ހެޔޮ ސިފައެކެވެ. މީސްތަކުން އެބައިމީހުންގެ ނަފުސުތަކާމެދު ވާހަކަދެއްކުމުގައި ތެދުވެރީންކަމުގައި ވީއިރެވެ. ނިކަމެތީން މެނުވީ ނިކަމެތިކަމަށް އިއުތިރާފުނުވި އިރެވެ. އާ ހެދުން ނުލިބިގެން ނޫނީ ބާ ހެދުން ނުލީއިރެވެ. އެކަމަކު މިއަދު ނަފުސުތައް ނިކަމެތިވެ، އަބުރުތައް ބިންމަތިވެއްޖެ އެވެ. ފުދިއުޅޭ މީހުން ނުފުދޭކަމުގެ ދައުވާއާއެކު އެވެ. ތަނަވަސް މީހުން ނުތަނަވަސްކަމުގެ ފޭރާމުގަ އެވެ. މީސްތަކުންގެ ދެބައިކުޅަ އެއްބަޔަކީ ފޮޑަރުންނަށް ވެއްޖެ އެވެ. އޯގާތެރި ހިތްތަކުގެ ހިޔަލުގެ ދަށަށް ދެމިގަތުން ފިޔަވައި އެމީހުންނަކީ ވަޒީފާއެއް ނެތް ބަޔަކުކަމުގައި ވެގަނެއްޖެ އެވެ. އޯގާވެރިންގެ ހިތްތަކުން އެބައިމީހުން ދިޔަ ފެލާލަނީ، ހަސްފަސްނެތި ހަނަފަސްވާންދެނެވެ. އެހެންވީމާ އޯގާތެރިކަމަކީ އެއީ އަވަހަށް ލިބިގަންނަ ފަގީރުކަމެވެ. އަތުލަފިކޮށްގަންނަ ބަނގުރޫޓުކަމެވެ.

ހިތްވަރުގަދަކަމަކީ ހެޔޮ ސިފައެކެވެ. މީސްތަކުން ފަހުލަވާނުންނަށް ނަސްރުދީ އިއްޒަތްދިންއިރު އެވެ. ބަތަލުންގެ ފިޔަވަޅުތަކުގެ މަތީން މީސްތަކުން ހިނގިއިރު އެވެ. މީސްތަކުން އޭނާގެ ކިބައިން ފޭނުވެ، އޭނާ އެދޭ އަރުތައާމެދެ މޭނުބައި ނުވެ ތިބިއިރު އެވެ. އެކަމަކު މިއަދު މީސްތަކުންގެ ކެރުމުން އާރުކެނޑިއްޖެ އެވެ. އަޒުމްތަކުން ބާރުކެނޑިއްޖެ އެވެ. ނަފުސުގެ އަގުތައް މަރުވެ އަގަލުތައް ކެނޑިއްޖެ އެވެ. ކޮންމެ ކަމެއް ބޮޑުންނާ އެވެ. ގައުމީ ނުވަތަ އިޖުތިމާއީ އެޖެންޑާއަކާއިގެން މީހަކު ތެދުވެއްޖެނަމަ އެމީހަކު ޅޮސްއުނދޯންޏަށް އަރުވައިގެން ބަލަންތިބެ އެވެ. ކާމިޔާބުކޮށްފިނަމަ އަތްޖަހަ އެވެ. ގަނީމާ ބެހުމުގައި ބަޔަށްވަދެ ބައިވެރިވެ އެވެ. ނާކާމިޔާބުވެއްޖެނަމަ މަލާމާތްކޮށް މައްލަވަކުރެއެވެ. އެހެންވީމާ ކެރުމަކީ އެއިން އޭގެ ވެރިޔާއަށް ހަލާކާއި އަބާއްޖަވެރިކަން ނޫނީ ނުލިބޭނޭ މޮޔަކަމެވެ.

ރުހިގަތުމަކީ ހެވެކެވެ. ހެވަކީ އެއީ މީސްތަކުންގެ އަގާއި ގަދަރުވެރިކަން މިނާ ތަރާދުކަމުގައި ވީއިރެވެ. ސަލާންޖެހުމުން އަތް ރައްކާތެރިކޮށްފި ކޮންމެ އަބުރުވެރިއެއްގެ ފަގީރުކަމަކީ ފަހުރެއްކަމުގައި ވީއިރެވެ. އުޅުންތައް ދަށަށް ވެއްޓި ބޭނުންތައް ހަމައިން ނެއްޓިއްޖެނަމަ މުއްސަނދިކަމަކީ ފަކުރެއްކަމުގައި ވީއިރެވެ. އެކަމަކު މިއަދު، މުދަލުގެ މަތިވެރިކަން ފިޔަވައި ކޮންމެ މަތިވެރިކަމެއް ނެތިހިނގައްޖެ އެވެ. މީސްތަކުން އެބައިމީހުންގެ ސިފަތަކާއި އަމަލުތަކަށް ބަލައި ދެނަގަތުމުގެ ބަދަލުގައި އެބައިމީހުންގެ ހެދުންތަކާއި ފޭރާންތަކަށް ބަލައިގެން ދެނެގަންނަން ފަށައިފި އެވެ. އެހެންވީމާ ރުހިގަތުމަކީ ދިރިއުޅުމުގެ ބިކަކަމާއި ލަދުވެތިކަމެވެ. ދާއިމީ ތަދުމަޑުކަމެވެ. ދިގުދެމިގެންވާ ބަލިމަޑުކަމެވެ.

ރުޅިޔަކީ ނުބަޔަކެވެ. ހިލްމުވެރިކަން ހެވެއްގެ ގޮތުގައި މީހުން ދަނެގަތްއިރު އެވެ. އޭގެ އަގު މީސްތަކުން ކުރިއިރުއެވެ. ރުޅިމަޑު މީހާގެ އިހުތިރާމަށް މީސްތަކުން ބޯތައް ތިރިކުރިއިރު އެވެ. އެކަމަކު ކޮނޑުތަކުގެ މަތީ ނުބައިތައް އަރުވާ ބަރާކޮށްގެން، އެބައިވަރު އޮއްސާލާނެ ބޮލެއް ހޯދުމަށް ކޮންމެ ތަނެއްގައި ހިނގާއުޅޭ ނުބައިމީހުން ކަމުގައި މީސްތަކުންވެއްޖެ އެވެ. އަމިއްލަ ނަފުސު ދިފާއުކުރާނެ ފަދައެއް ނެތް ނިކަމެތީންގެ ބޯވެސް އެމީހުންނަށް ބީރައްޓެއްސެއް ނުވި އެވެ. އެހެންވީމާ ހިލްމުވެރިކަމުގައި ހެވެއް ނެތެވެ. ހުރިހާ ހެވެއް އޮތީ ރުޅީގަ އެވެ.

ދިރިއުޅުމުގެ ހަނގުރާމައިގެ ބަތަލުންނަކީ ނުބައިމީހުންނެވެ. އެމީހުންގެ ހަތިޔާރަކީ ނުބައިކަމެވެ. އެމީހުންގެ ހަތިޔާރުން އެމީހުންނާ ހަނގުރާމަ ނުކުރާ މީހާ ފުރަތަމައިނުން ހަލާކުވެދެ އެވެ.

ހެޔޮކަމުން އުފާލިބިގަތުމަށްޓަކައި އެންމެހާ މީސްތަކުން ހެޔޮމީހުންކަމުގައި ވާންވީ އެވެ. ނުވަތަ އެއްބަޔަކު އަނެއް ބަޔެއްގެ ނުބައިކަމުން ރައްކާތެރިވުމަށް އެންމެންނަކީ ނުބައިމީހުންކަމުގައި ވާންވީ އެވެ. އެކަމަކު މީސްތަކުންގެ ތެރެއިން ބޮޑުބައިގަނޑު ނުބައިކަމުގެ ދަހަނާ އަޅާފައި، އޭތެރެއިން ދެތިން މީހަކު ހެޔޮކަމުގެ ސިލޭހަ ހިފައިން ނުކުތީމާ، އެއީ ފެންބަޑިއަކަށް ވެސް ނުވާނެ އެވެ. އެކަމުން ނުކުންނާނީ އެންމެ މާނައެކެވެ. އެއީ އިންސާނުންކުރެ ޝަރަފުވެރީންނާއި ހެޔޮމީހުން، ދަށުދަރަޖައިގެ ނުބައިމީހުންގެ ދިރިހުރުމަށްޓަކައި ހަލާކުވެދިއުމެވެ.

މިޒަމާނުގައި ރަނގަޅަށާއި އިހުސާންތެރިކަމަށް، އަޅާލުމާއި އޯގާތެރިކަމަށް، އަދުލާއި އިންސާފަށް، ތެދުވެރިކަމާއި އިހުލާސްތެރިކަމަށް ގޮވާލެވޭ ގޮވާލުންތަކަކީ، މަކަރުވެރި ބާރުވެރިން މޮޔަ ނިކަމެތީންނަށް އެއްލާ ދާގަނޑަކަށް ވެއްޖެ އެވެ. އެވަށައިގެން ގަދަމީހުން އިށީނދެ ތިބި ދިރިއުޅުމުގެ ސުފުރާއާ ދެރަމީހުން ދުރަށްލުމަށެވެ. އެމީހުންނާ ނުލައި މިމީހުން އެޔައިގެން އުޅެގަތުމަށެވެ. މީސްތަކުންގެ ޖީބުތައް ތިމާގެ ފައިކޭޓަށް ކަހާލުމަށް މެނުވީ ދީލަތިކަމަށް އެބަގޮވާ ހެއްޔެވެ؟ އެހެން މީހުންގެ ދުއްޕާނުން ސަލާމަތްވެހުރެ ތިމާގެ ނޮހޮރުއްޕާން އަނެކުންނަށް ދިނުމަށް މެނުވީ މައާފުކުރުމުގެ މޮޅު ވާހަކަ މީހަކު ދައްކާ ހެއްޔެވެ؟ ތިމާގެ ކައިރިއަށް މުހުތާދުވެގެން އަންނަ މީސްތަކުން މަދުކުރުމަށް މެނުވީ ލިބޭ މިންވަރަށް ރުހިގަތުމުގެ މާތްކަމުގެ ވާހަކަ ކިޔާ ހެއްޔެވެ؟ ތިމާ އެކަނި ދޮގުވެރިކަމުގެ މޭވާއިން ރަހަލިބިގަތުމަށް މެނުވީ ތެދުވެރިކަމުގެ މުހިންމުކަން ކިޔައިދޭ ހެއްޔެވެ؟

އަހަރެމެން އެންމެން ދޮގުހަދަމެވެ. އެކަމާ އެކަކު އަނެކަކު ފާޑެއް ނުކިޔަ އެވެ. އަދާވާތްތެރިޔާއަށް ވެސް ދީ އުޅެނީ އެކުވެރިޔާއަށް ވެސް ދިން ހިނިތުންވުމެވެ. ހެދިގަތުމާއި ދެއްކުންތެރިކަމަށް އަހަރެމެން އިންކާރެއް ނުކުރަމެވެ. ބިމުގެ އެންމެހާ ހަޒާނާއަކާއި އޭގެ މޭވާއެއް އެކީއެކަށް ތިމަންނާއަށް ލިބުމުގެ ދަހިވެތިކަމުގައި ހުރީމެވެ. ދަހިކަމަކީ ގޯހެއްކަމުގައި އަހަރެމެން ނުހަދަމެވެ. ކޮންމެ މީހަކު ވެސް އޭނާގެ އެކުވެރިޔާގެ ގަފުލަތަށް އިންތިޒާރުކުރަނީ އޭނާގެ އަތުގައިވާ އެތި ދަމައިގަތުމަށެވެ. އަނިޔާވެރިކަމާއި ވަރުބަލިކަމުގެ ޝަކުވާ އަހަރެމެން ނުކުރަމު ހެއްޔެވެ؟

އެކަން އަހަރެމެން ނުކުރެ އެވެ. ހެޔޮކަންކަމަކީ އަހަރެމެންގެ އެދުންތަކާއި ބޭނުންތަކުގެ ވަސީލަތަކަށް މެނުވީ އެވެ. މާޒީވި ޒަމާންތަކުގައި ދީނީ މީހުން ދީން ބޭނުންކުރި ފަދައިންނެވެ.

ކިޔަވާކުއްޖާއަށް ފުރަތަމަ ދުވަހު ވެސް އެނގެންވީ، ދިރިއުޅުމުގައި ހުރި ކަންކަމަކީ ފޮތްތަކުގައި ހުރި ކަންކަން ނޫންކަމެވެ. އޭނާ ކިޔަމުންދާ މަޑުމޮޅިކަމާއި ދީލަތިކަމާއި ކެރުމާއި ހިތްވަރާއި ނަފުސުގެ އިއްޒަތުގެ ހެޔޮކަންކަމުގެ ނާދިރު ވާހަކަތަކަކީ އޭގެ މުއްދަތު ހަމަވެ މާޒީވެފައިވާ ތާރީހީ ވާހަކަތަކެއްކަމެވެ. ދުނިޔޭގެ މޫނު އެކުއްޖާއަށް ކަޝްފުވެ އޭގެ ފަރުދާ ކެހި އޭގެ ލަދާއި އައުރަ ފެންނަ ހިނދު ދުނިޔޭގެ މައްޗަށް އޭނާ ނަފުރަތުނުކުރުމަށްޓަކައެވެ. ތަޖުރިބާކުރުމާއި ޓެސްޓްކުރުމުގައި އޭނާގެ އުމުރު ނަގާނުލުމަށްޓަކަ އެވެ.

ނުބައިކަމާއި އޭގެ ބަނޑުގައިވާ ކަންކަން އަހަރެންނަށް ވުރެ ބޮޑަށް ދަނެތިބި މީހުން، ފަށާ ތައުލީމުގެ ކުދިންނަށް ތާރީހީ ފޮތްތަކުގެ ވައްޓަފާޅިއަށް ފޮތެއް އެކުލަވާލާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެކުދީންނަށް ކިޔައިދީ ކިޔަވައިދިނުމަށެވެ. ވިޔަފާރިވެރިންގެ އޮޅުވާލުންތަކެވެ. އުފެއްދުންތެރިންގެ މަކަރުތަކެވެ. ވަކީލުންގެ ދޮގުތަކެވެ. ޑޮކްޓަރުންގެ ހީލަތްތަކެވެ. ދަރަނިދޭ މީހުންގެ ފޭރުންތަކެވެ. އިލްމުވެރިންގެ ދެއްކުންތެރިކަމެވެ. ސިޔާސީ މީހުންގެ ވެގަނެގަތުމެވެ. ނޫސްވެރިންގެ ފުރޮޅިގަތުމެވެ. އެއަށްފަހު ބުނުމަށެވެ. ދިރިއުޅުމަކީ މިއީއެވެ. ދިރިއުޅުމުގައި ހިނގަނީ މިކަންކަމެވެ. އޭގެ ހަގީގަތްތައް އެހެރީއެވެ. އެޔާނުލައި އުޅެން ބޭނުންނަމަހީ އިންސާނުން ފެންނާން ނެތް ހިސާބަކުން ފަރުބަދަޔެއްގެ އުސް ކުންނަކުން ހޮހޮޅައެއް ހޯދައިގެން އެތަނަށް ވަދެ އެތަނުގައި ދިރިއުޅޭށެވެ. އެކަނިމާއެކަނި ދުނިޔެއާއި އޭގައި ވާހާ އެއްޗަކާ ވަކީންނެވެ. އަދި ބިމުގެ ސޫފިތައް ކައި އުޅޭ އެއްޗެހިން ކައި އެތަކެތި ބޮއި އުޅޭ އެއްޗެހިން ބޯށެވެ. އަޖަލު އައުމާ ހަމައަށެވެ.

ނުބަޔަކުން ނޫނީ ނުބަޔެއް މައިތިރި ނުކުރެވޭނެއެވެ. އަނިޔާއަކުން ނޫނީ އަނިޔާއެއް ނުހިފެހެއްޓޭނެ އެވެ. ކަނޑި ހިފައިގެން ހުރި މީހާގެ ކުރިމަތީގައި އެފަދަ ކަނޑިއެއް ހިފައިގެން ހުރި މީހަކު ހުރެއްޖައުމަށް ދާންދެން ކަނޑި ތިރިކޮށެއް ނުލާނެ އެވެ. ދަގަނޑު ކެނޑޭނީ ދަނގަޑުންނެވެ. އަނިޔާވެރިޔާ އަނިޔާވެރިވަނީ އޭނާގެ ކުރިމަތީގައި ނިކަމެއްޗަކު ހުރީމައެވެ. މަކަރުވެރިޔާ ހީލަތްހަދަނީ އޭނާގެ ކުރިމަތީގައި ގަމާރަކު ހުރީމަ އެވެ. އެއް ވައްތަރެއްގެ އެއް ހަތިޔާރެއް ހިފައިގެން އެއްގޮތަކަށް އެންމެން މައިދާނަށް ނުކުތް އިރަކުން މެނުވީ، މީސްތަކުންނަށް އެއްބަޔަކު އަނެއް ބަޔެއްގެ ނުލަފާކަމުން އަމާންވެ ހިމާޔަތް ލިބި ރައްކާތެރިވެގެން ނުދާނެއެވެ.

ހެޔޮކަމަށްޓަކައި ހެޔޮކަން ބޭނުންވާ މީހާއަށް އޭގައި ޝައްކެތް ނުވާ، އެކަމުގެ މުގައްދަސްވެގެންވާ ޝަރަފުވެރި މަގު އެޔޮތީ އެވެ. އޭނާ ބޭނުންގޮތަކަށް އެމަގުގައި ހިނގާފައިދާށެވެ. އެކަމަކު އެއީ މިއޮއްފަދަ ޒަމާނުގައި ދިރިއުޅުމުގެ ވަސީލަތްތަކުން ވަސީލަތެއްގެ ގޮތުގައި ހިޔާރުކުރަން އެދޭނަމަ؛ އޭނާ މަގުއޮޅިއްޖެއެވެ. ވާވަދެއްޖެއެވެ.

ނުބައިމީހުންގެ ނުބައިތަކާއި ގެއްލުންތަކުން ހެވާއި އަހަރެމެންނާ ދެމެދު ފަރުދާވިޔަސް، ހެޔޮކަމުގެ ރީތިކަމާއި އޭގެ ރަހަމީރުކަމާއެވެ. އަދި އޭގެ ހިޔަލުގައިވާ ދިރިއުޅުމުގެ ނަލަކަމާއެވެ. ފަހެ މާތް ﷲ "ހެޔޮކަމަށް" ހެޔޮ ރަހުމަތް ލައްވާށި އެވެ. އޭގެ މާޒީވި ދުވަސްތަކާއި ދުވަސްވަރުގެ މައްޗަށް ހިތާމައިގެ އާހުތަކެވެ.

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox