މިދިޔަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު އެފްއޭއެމް ހައުސް ޓެރަސް މަތީގައި ބޭއްވި އެފްއޭއެމް ކޮންގްރެސްގައި ރާއްޖޭގެ ފުޓްބޯޅައިގެ ރައީސްކަން އިތުރު ދައުރަކަށް ކާމިޔާބު ކުރެއްވުމަށް ފަހު ބައްސާމް އަދީލް ޖަލީލް، އެ ޖަލްސާގެ ހާޒިރީންނާއި ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ އެންމެނާ މުހާތަބުކޮށް ވާހަަކަ ދެއްކިިއިރު ކިޔައިދިނީ މީގެ 35 އަހަރުކުރިން އުފަންވި "ތުއްތު ކުއްޖެއް" ގެ ވާހަކަ އެވެ. ތުއްތު ކުއްޖާގެ ގޮތުގައި ބައްސާމް ހިއްސާކުރެއްވީ އޭނާގެ އަމިއްލަ ވާހަކަ އެވެ. ބައްސާމް، އެ ދުވަހު ފުޓްބޯޅައިގެ ރައީސްކަމަށް އޭނާ ކުރެއްވި ދަތުރު ކިޔައިދިނީ ފަހަތުގައި ސަބަބެއް ވެސް އޮތީމަ އެވެ.
ބައްސާމް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ "ތުއްތު ކުއްޖާ"ގެ އެ ވާހަކަ ހިއްސާކޮށްލުމުގެ ބޭނުމަކަށްވީ އޭގެ ތަންކޮޅެއް ދުވަސްކޮޅެއް ކުރިން އެފްއޭއެމްގައި އޭރު އޮތް ބައްސާމްގެ ފުރަތަމަ ދައުރުގެ ލީޑަޝިޕުން ފުޓްބޯޅައާ މެދު ނުވިސްނާ ކަމަށް ބުނާތީ އެކަމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑަކީ ފުޓްބޯޅަ އާއިލާ އަށް އުފަންވެފައި ހުރި ފުޓްބޯޅަ ތެރެެއިން އައިސްފައި ހުރި މީހެއް ކަން އަންގައިދިނުމުގެ ބޭނުމުގައި ހަގީގަތުގައި އެ ވާހަކަ ހިއްސާކުރީ. އަޅުގަނޑު ހިތުގައި ފުޓްބޯޅަ އަށް އޮތް ލޯތްބަކީ ފުޓްބޯޅަ އަށް ކިހާވަރެއްގެ ލޯތްބެއް ކަމާއި ފުޓްބޯޅަ އަށް އިހާނެތި ގޮތެއް ނުހަދާނެކަން އަންގައިދިނުމުގެ ގޮތުން އެ ވާހަކަ ހިއްސާކުރީ،" ބައްސާމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރުގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމާ ދެމެދު ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. މިނިސްޓަރު އިސްވެ ހުންނަވައި އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ. އެކަމަކު ފަހުން އެ ހުރިހާ ކަމެއް ބަދަލުވެގެންދިޔަ އެވެ. ފުޓްބޯޅައިގެ ކުރިމަގަށްޓަކައި މިނިސްޓަރު މަހުލޫފާއި ބައްސާމް އެއް ގަލަށް އެރީ ކަމަށް އެ ދެ ބޭފުޅުން ވަނީ 2019 ވަނަ އަހަރު މެދުތެރެއިން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
ބައްސާމް ވިދާޅުވީ ރާއްޖެ ކަހަލަ ކުޅިވަރުގެ ވަސީލަތްތައް އެންމެ ރަނގަޅު ނޫން ގައުމެއްގައި ހާއްސަކޮށް ފުޓްބޯޅަ އަކީ ޑިވެލޮޕްމަންޓާއި އެ ނޫން ވެސް މުހިއްމު ކަންކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވާ އެއްޗެއް ކަމަށެވެ. އެ ކަންކަން ކުރިއަށް ގެންދިއުމަށް ލޯކަލް ވިޔަފާރިތަކުން ސްޕޮންސަރުން ލިބުން އެއީ އަދި ދަތިކަމެއް ކަމަށާއި އޭގެ އިތުރުން ވެސް ދެން ހުރި އެކި އެކި ސަބަބުތަކަށްޓަކައި ސަރުކާރަށް ބަރޯސާވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ސަރުކާރާ ނުގުޅެ އަޅުގަނޑުމެންނަށް ކަންތައްތަކެއް ނުކުރެވޭނެ. އެންމެ ކުޑަ މިނުން އަޅުގަނޑުމެން ލީގު މި ކުޅޭ ދަނޑަކީ ވެސް ސަރުކާރު ބެލުމުގެ ދަށުގައި އޮތް ދަނޑެއް. އަޅުގަނޑުމެންގެ އަމިއްލަ ކަންތައްތަކެއް ނެތްހާ ހިނދެއްގައި ވަކިވެގެނެއް މަަސައްކަތްތަކެއް ނުކުރެވޭނެ. އަޅުގަނޑުމެންނަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން ސަރުކާރެއްގައި އޮންނަ ކުޅިވަރު ނޫނީ ފުޓްބޯޅައިގެ ތަސައްވަރަކާ އެކީ ކުރިއަށްދާ ބައެއް،" ބައްސާމް ވިދާޅުވި އެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ލޯކަލް ބްރޭންޑްތަކުން ދިވެހި ކްލަބްތަކަށް ޖޯޒީ ފަރުމާކޮށްދީ އެ ފަދަ ކަންކަމުގައި ބައިވެރިވުމަކީ ހަގީގަތުގައި ފުޓްބޯޅައިގެ ކުރިމަގަށް ބަލާއިރު ރަނގަޅު ކަމެއްގެ ގޮތުގައި ބައްސާމް ފާހަގަކުރެއްވި އެވެ.
އާ އިމާރާތްތަކާ އެކު ފުޓްބޯޅައާ މެދު ކުރެވޭ އުއްމީދުތައް ބޮޑު
ފުރަތަމަ ދައުރުގައި ބައްސާމްގެ އިސްނެންގެވުމާ އެކު މުސްތަގުބަލަށް ރަނގަޅު ފެންވަރުގެ ގައުމީ ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތުގައި "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން ގިނަ ކަންތައްތަކެއް ކުރި އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައި 10 އަހަރު ފަހުން ސަރަހައްދުގެ ރަން ތަށި ރާއްޖެ ގެނަ އެވެ. ސާފް އުމުރުފުރާ މުބާރާތަކުން ފުރަތަމަ ފަހަރަށް މެޑަލް ހޯދުމުގެ އިތުރުން ސަރަހައްދީ މުބާރާތަކުން އަންހެން ގައުމީ ޓީމު ވެސް މެޑަލް ހޯދި އެވެ.
ދެ ވަނަ ދައުރަކަށް ބައްސާމް އިންތިހާބުވެވަޑައިގެންނެވިއިރު، އެފްއޭއެމްގެ ބިޔަ ޕްރޮޖެކްޓްތަކެއް ހުރީ އިއުލާނުކުރެވިފަ އެވެ. މާފަންނު ސްޓޭޑިއަމް ތެރޭގައި އަޅާ އާ އިމާރާތާއި އެފްއޭއެމް ބިލްޑިން 20 ބުރިއަށް ނެގުމާއި ހުޅުމާލޭގައި ގާއިމްކުރާ ފުޓްބޯޅަ ސްކޫލްގެ މަސައްކަތްތައް ދިޔައީ ކުރިއަށެވެ. މީގެން ކޮންމެ ޕްރޮޖެކްޓަކީ ވެސް ހަގީގަތުގައި ދިވެހި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ އުމްރާނީ ތަރައްގީ އެކެވެ.
އެފްއޭއެމްގެ އަމާޒަކީ އޮގަސްޓް މަސް ތެރޭގައި މާފަންނު ދަނޑުގައި ހެދޭ ބިލްޑިންއާ އެކު ފުރަތަމަ ޑިވިޝަން ކްލަބްތައް މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމެވެ.
"ކޮންމެ ފުރަތަމަ ޑިވިޝަން ކްލަބަކަށް އިންނާނެ ވިޔަފާރި ކުރެވޭ ޖާގައެއް ލިބިފައި. ވިސްނުން މި ހުރީ އަޅުގަނޑުމެން އިންވެސްޓް ކޮށްދީގެން ފަށާނެ ގޮތަކަށް ރޭވުން. ހަމަ ކޮންމެ ކްލަބަކަށް ކެފޭ ނުވަތަ ރެސްޓޯރެންޓް ހިންގުމުގެ ޖާގަ ލިބިގެންދާނެ. އެއާ އެކީގައި ބިލްޑިންގެ ގްރައުންޑް ފްލޯގައި އިންނާނެ ފުޓްބޯޅަ ޝޮޕެއް އެ ތަނުގައި ކްލަބްތަކުގެ އެއްޗެހި ވިއްކޭނެ،" ބައްސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާފަންނު ސްޓޭޑިއަމްގައި ހިމެނޭ އިމާރާތަކީ ކްލަބްތައް ވިޔަފާރި ތެރެއަށް ވަނުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ އަދި ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވަން ކުރާ މަސައްކަތް އެކި ފޭސްތަކަށް ބަހާލައިގެން ކުރަން ނިންމާފައިވާއިރު، ދެން އެންމެ ބޮޑު ބަދަލެއް ފެންނާނީ އެފްއޭއެމް ބިލްޑިންގެ އިމާރާތުން ކަމަށް ވިދާޅުވި އެވެ.
"އެ އަށް ފަހު އަޅުގަނޑުމެންގެ 20 ބުރީގެ އިމާރާތް އަންނައިރު ވަރަށް ގިނަ ކަންކަން ރޭވިގެންދާނެ. އެ އިމާރާތް ވެގެންދާނީ އެފްއޭއެމް ވެސް އަމިއްލަ ފައި މައްޗަށް ތެދުވެ އިތުރު ބަޔަކަށް ޑިޕެންޑްނުވެ މަސައްކަތް ކުރެވޭނެ އިމާރާތަކަށް. އެހެންވީމަ ޖުމްލަކޮށް މުޅި ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެނުވާނެ އިމާރާތަކަށް 20 ބުރީގެ އިމާރާތް ވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުން 2018 ވަނަ އަހަރުގެ ޖުލައި މަހު ފުޓްބޯޅަ ސްކޫލްގެ މަސައްކަތް އިއުލާނުކުރީ 90 ދުވަސް (ތިން މަސް) ތެރޭ ފަށަން އަމާޒުހިފައިގެންނެވެ. އެއީ ކުރީގެ ސަރުކާރުން 2018 ގެ ބަޖެޓްގެ ތެރެއިން ކުޅިވަރު ދާއިރާ އަށް ކުރަން ނިންމި ބޮޑު އިންވެސްޓެއްގެ ތެރޭގައި ހިމެނި ކަމެކެވެ. އެކަމަކު ގިނަ ކަންތައްތަކެއް ދިމާވެ، ފުޓްބޯޅަ ސްކޫލާ ގުޅޭ ކަންކަން ފުރިހަމަވުމުގައި ދުވަސްތައް ނަގަން ފެށުމުން މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ދާގޮތެއްނުވި އެވެ.
އެހެން ނަމަވެސް ހުރިހާ ކަމެއް ފަހުން ހަމަޖެހި މަސައްކަތް ރަނގަޅުކޮށް، ފަހުން ފުޓްބޯޅަ ސްކޫލް ފެށޭ ވަރަށް ހުރިހާ ކަމެއް އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލިއިރު، ކޮވިޑް-19ގެ ސަބަބުން ގައުމުގެ ގިނަ ކަންތައްތަކެއް މަޑުޖެހިފައި އޮތުމުން އެފްއޭއެމަށް ޖެހުނީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް ވެސް ފަސް ކުރާށެވެ. އެޑިއުކޭޝަން މިނިސްޓްރީއާ އެކު ފުޓްބޯޅަ ސްކޫލަށް ކަރިކިއުލަމް އެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
ބައްސާމް ވިދާޅުވީ ފުޓްބޯޅަ ސްކޫލް ރީބްރޭންޑް ކުރަން ނިންމާފައިވަނީ ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ކަމަށެވެ އަދި އިތުރު ކަންތައްތަކެއް ދިމާުވާނަމަ އަންނަ މަހު 20 ހިސާބުގައި އެ ސެންޓަރާ ބެހޭ އިތުރު ކަންތައްތަކެއް އިއުލާން ކުރެވިގެންދާނެ ކަމަށެވެ.
އިއުލާނު ކުރަން ނިންމާފައިވަނީ އަތޮޅު ތެރެ އާއި މާލެ ސަރަހައްދު އެއްކޮށްލައިގެން 18 އެކެޑަމީއެއް ހެދުމަށެެވެ. މި 18 އެކެޑަމީ ފޯކަސް ކުރާނީ 6-10 ދޭތެރޭގައި ކުދިންނަށް ކަމަށާއި ހައި ޕާފޯމަންސް ސެންޓަރަށް އަންނާނީ 12-15 ދެމެދުގެ ކުދިންނެވެ.
"ދެން ހައި ޕާފޯމަންސް ސެންޓަރަކީ ކުދިން އައިސްގެން އެތާ ތިބެގެން އެތާ ދިރިއުޅެގެން ޓްރެއިނިން އާއި ކިޔެވުމުގެ ބައި ފުރިހަމަ ކުރެވިގެންދާނެ އަދި މި ދެވަަނަ ފޭސެއްގެ ގޮތުގައި އިތުރު ބިލްޑިން އެއް އެޅިގެން ގޮސް އުމުރުފުރާ 15-20 މުޅި އަތޮޅު ތެރޭން ހޮވާލެވޭ ކްރީމް ގެނެސްގެން ޑިވެލޮޕްކުރުން އެހެންވީމަ މި ވިސްނުމުގައި އެކަން މި ކުރަނީ ދެން ކުރާއިރު ހުރިހާ ޑޭޓާއެއް ކަލެކްޓް ކުރެވިގެންދާނެ. އެ އާ އެކު ހުރިހާ އެއްޗެއް ހިމެނޭ ޑޭޓާބޭސް އެއް،" ހައި ޕާފޯމަންސް ސެންޓަރުގެ ކަންތައްތައް ބައްސާމް އޮޅުއްފިލުވައިދެއްވި އެވެ.
"އަޅުގަނޑު ދަންނަވާނީ ހުޅުމާލޭގައި މި ހުޅުވޭ ފުޓްބޯޅަ ސްކޫލު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ ޑިވެލޮޕްމަންޓަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޕްރޮޖެކްޓަކަށޭ. އަޅުގަނޑުގެ ވިސްނުން މި ހުރީ ހުޅުމާލޭގައި މި ސްކޫލު އެޅުމަށް ފަހު އަތޮޅު ތެރޭގެ ދެ ސަރަހައްދެއްގައި މި ހަތަރު އަހަރު ނިމުމުގެ ކުރިން ހުޅުވިގެން ދިއުން ފުރަތަމަ ފެއްޓުމަށްޓަކައި އަޅުގަނޑުމެން މި ސްކޫލް ވެގެންދާނީ،" ބައްސާމް ވިދާޅުވި އެވެ.
ފަހަތުގައި އޮތް ޓީމަށް ހާއްސަ ޝުކުރެއް
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާއިން ރާއްޖެ އަށް ގިނަ ކަންތައްތަކެއް ވަނީ ހާސިލްކުރެވިފަ އެވެ. މީހުން ތަމްރީންކުރުމާއި އެކި ކަހަލަ ކޯޗިން ކޯސްތަކާއި ކަންކަން ވަނީ ކުރިއަށް ގެންދެވިފަ އެވެ. މީގެ އިތުރުން އެފްއޭއެމްގެ މަސައްކަތުން ރާއްޖެ އަށް ސަރަހައްދީ މުބާރާތެއްގެ ދެ ބިޑް ވެސް ވަނީ ކާމިޔާބު ކުރެވިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުތައް ކުޅެވުނު ނަމަވެސް ފަހުން މެދުކެނޑުމަށް ފަހު އަލުން ސެންޓްރަލައިޒްކޮށް ކޮންމެ ގްރޫޕެއް ވަކިވަކިން މެޗުތައް ބާއްވަން ބިޑްކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު ކޮވިޑްގެ އެ އުނދަގޫ ހާލަތުގައި ވެސް ރާއްޖޭން މުބާރާތް ބާއްވާން މަސައްކަތްކޮށް އެ ބިޑް ކާމިޔާބުކުރި އެވެ. އެކަމަކު ފަހުން އޭއެފްސީން މުބާރާތް އެއްކޮށް ކެންސަލްކުރުމުން މެޗުތައް ހޯސްޓް ނުކުރެވުނީ އެވެ.
ބިޑް ކުރުމުގައި ފުރަތަމަ ފަހަރުގެ ކާމިޔާބީ އަށް ބަލައި އެފްއޭއެމުން ވަނި މި ފަަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވެސް ހޯދައިފަ އެވެ. މި ފަހަރު ބިޑް ކާމިޔާބުކުރީ އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ބައްސާމް ވިދާޅުވީ މިއީ އެފްއޭއެމްގެ ހިންގުމުގައި ހުރި ރަނގަޅުކަން ފާހަގަވެގެންދާ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެފްއޭގައި މި އޮތް ޓީމުގެ މިންނެއް މަސައްކަތުހެން މިކަން މިވީ. ގުޅިގެން މި ކުރެވޭ މަސައްކަތް ލީގު ކުރިއަށްދާއިރު އަޅުގަނޑުމެންގެ ޓީމު ފަހަތުގައި ތިބެގެން ކުރާ މަސައްކަތް ތަންތަނުން ބަލައިގަނެފައި،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި އޭއެފްސީއާ ދެމެދު އޮންނަ ގުޅުން ވެސް ރަނގަޅުވެގެން މި ކަންތައްތައް ފަހިވެގެން މިދަނީ. ހަަމަ އެއާ އެކީ އަޅުގަނޑުމެންގެ ފެސިލިޓީސް ވެސް ރަނގަޅުވަމުން ދިއުމާ ގުޅިގެން މި ބިޑެއް މި ކާމިޔާބުކުރެވެނީ. މި ފަހަރު ބިޑް ކާމިޔާބުކުރީ އިންޑިއާ ވެސް ބިޑްކޮށްފައި އޮއްވާ. އިންޑިއާ އޮތް ބިޑެއް އަޅުގަނޑުމެން ކާމިޔާބު ކުރުމަކީ މިއީ ރާއްޖެ އަށް ލިބުނު ކާމިޔާބެއް."
ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކާއި ނުކޮށް ދޫކޮށްލެވިފައި ހުރި ކަންކަމަށް ރަނގަޅަށް ފޯކަސްކޮށްގެން މި ދައުރުގައި ފުޓްބޯޅައިގެ މުސްތަގުބަލަށް ގިނަގުނަ ކަންކަން ކުރަން ބޭނުންވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.












