ޓީސީ ބަލިކޮށް އީގަލްސް ހަތަރު ވަނަ އަށް

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

އީގަލްސް މިރޭގެ މޮޅާ އެކު ލީގުގެ ހަތަރު ވަނަ އަށް އެރީ ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އަށް 12 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދަ ގްރާންޑޭ އަށް 16 ޕޮއިންޓް ހަމަކުރެވުނީ 14 މެޗުންނެވެ. އީގަލްސް ކުރި ހޯދީ ލަނޑުގެ ތަފާތުންނެވެ. ޓީސީން ދެ ވަނަ ބުރުގެ ކުޅުން ނިންމާލީ 14 މެޗުން 13 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

މިރޭގެ މެޗަށް ފަހު މާޒިޔާ އާއި ވެލެންސިއާ އަދި އީގަލްސް ނޫން ދެން އޮތް ފަސް ޓީމަށް ދެ ވަނަ ބުރުގެ ކުޅުން ނިމުނީ އެވެ. އީގަލްސް އަށް އަދި ލީގުގެ ކުރީގައި އޮތް މާޒިޔާ އާއި ވެލެންސިއާއާ ދެކޮޅަށް ކުޅޭ ދެ މެޗު އެބައޮތެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އެ ޓީމާ ހަވާލުވުމަށް ފަހު ކަނޑައެޅި ފުރަތަމަ ޓާގެޓް ކަަމަށްވާ ދެ ވަނަ ބުރު ނިމުމުގެ ކުރިން ގަދަ ހައެއްގެ ތެރޭގައި ހިމެނުމުގެ ޓާގެޓް މިރޭގެ މެޗުން މޮޅުވުމުން ފުރިހަމަވީ ކަމަށެވެ. އަދި ބިދޭސީ ދެ ފޯވާޑުން ކަމަށްވާ ރަޝިއާގެ ވްލަޑިސްލާވް ކޮރްމިޝިން އާއި މިސްރުގެ ފޯވާޑް މުހައްމަދު އުސާމާ ނުލައި އީގަލްސް އިން ދެއްކި ކުޅުން ވެސް ފާހަގަކުރަންޖެހޭ ކަމަށް ޝާޒް ބުންޏެވެ.

"ދެން މިހާރު މީނދީ ގަދަހައެއް ލިބިފައި. މި ވަގުތު ހަތަރެއްގައި. ދެން އަދި މި ބުރު ނިމުނީކީ ނޫން ދެ މެޗު އެބައިން އަދިވެސް. ހަގީގަތުގައި ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ތިން ޕޮއިންޓް މިއީ. އީގަލްސް އަށް އަދި މި ލީގު މި ފެށުނީ އޭ ދެންނެވޭނީ،" ޝާޒް ބުންޏެވެ.

މި މެޗަށް ނުކުތްއިރު އެންމެ ފަހުން މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުފެނުނު އީގަލްސްގެ މިސްރު ޑިފެންޑަރު އެލްސައީދު ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ޓީސީން ވަނީ އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި އެ ޓީމުން ގެނައި ވިންގް ހަސަން ސޮލާހު (ހައްޓެ) އާއި ސަސްޕެންޝަނަށް ފަހު އެނބުރި އައި ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު (ޕޮގްބާ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އެކަމަކު ޓީސީ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އަހުމަދު ރިލްވާން (ބެން) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރިއިރު ފަހު ވަގުތު އަނިޔާގެ ސަބަބުން ތަޖުރިބާކާރު ޑިފެންޑަރު މޫސާ ހަސަން (މޫޗީ) އަށް ނުކުޅެވުނެވެ.

އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) މިރޭގެ މެޗުގައި ކުޅުނީ އެންމެ ކުރިއަށެވެ. މެޗުގެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްދިނީ ވެސް އަޑުބަރޭ އެވެ. ތިން ވަަނަ މިނިޓްގައި ޓީސީގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އަޑުބަރޭ ހުރަސްކޮށްލި ބޯޅަ އޭރިއާތެރެއަށް ދުވެފައި ވަން އިމްރާން ނަޝީދު (އިންމަ) ވެއްޓިގެންފައި ބޮލުން ޖަހަން މަސައްކަތްކުރި ނަމަވެސް ބޯޅަ އޭނާ ބޮލުގައި ލައްވައެއްނުލި އެވެ.

ޓީސީ ޑިފެންސް ލައިން މެޗު ފަށައިގެން ހަމަނުޖެހި އޮތްއިރު ގިނަ ގޯސްތަކެއް އެވަގުުތު ފެނިގެންދިޔަ އެވެ. އީގަލްސް އިން ވަނީ އޭގެއިން ދަނޑިވަޅެއްގެ ފައިދާނަގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސައިފުﷲ އިބްރާހިމް (ސައިފް) ހުސްކޮށްލާފައި އަޑުބަރޭ އަށް ދިން ބޯޅަ އޭނާ ވަނީ ހުސްކޮށްހުރި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ދީފަ އެވެ. ހަންނަ ވަނީ އެ ބޯޅަ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގައި ޓީސީން އީގަލްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފެނުނީ 35 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން އެ ޓީމުގެ މުހައްމަދު އައްޒާމް ޖެހި ޝޮޓް އީގަލްސްގެ ލެބަަނަން ކީޕަރު މުހައްމަދު ތޯހާ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ސައިފް އަށް އީގަލްސްގެ ލީޑުފުޅާކުރަން ލިބުނު ހުސް ފުރުސަތުގައި އޭރިއާތެރޭގައި ހުރެފައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީ އަށް އެއްވަރުކޮށްދޭން އައްޒާމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 42 ވަނަ މިނިޓްގައި އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އަތުން ގެއްލުނު ބޯޅައެއް ހޯދައި އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި އައްޒާމް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ޖެހުމުގެ ފުރުސަތު ވެސް އައްޒާމަށް އޮތެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި އޭރިއާތެރެއިން ޓީސީގެ ޓްރިންޑާޑް އެންޑް ޓޮބޭގޯ ފޯވާޑް ސެމިއުލް ކޯޑެލް ބޮލުން ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޒުވާން ފޯވާޑް ޒައިން ޒަފަރު އެވެ. ޒައިން ކުޅެން އެރީ ދެ ވަަނަ ހާފް ފެށުމުގެ ކުރިން ސައިފްގެ ބަދަލުގަ އެވެ.

އޭގެ ފަހުން އަރިމަތިން ނަގައިދިން ހުރަހެއްގައި ޓީސީގެ މުހައްމަދު އަޖުފާން ބޮލުން ޖެހި ބޯޅަ ކީޕަރު ތޯހާ ވަނީ ހުއްޓުވައިފަ އެވެ.

އީގަލްސް އިން ލީޑުފުޅާކުރީ މެޗުގެ 63 ވަނަ މިނިޓްގައި އިންމަ ޖެހި ގޯލުންނެވެ. ނާއިމް ހުސްކޮށްލާފައި ޒައިން އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ އިންމަ ވަނީ ވެއްޓިގެންފައި ހުސްކޮށް އޮތް ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބަދަލުތައް ގެނެސްގެން މެޗުގެ ފަހު 20 މިނިޓަށް ޓީސީން އެޓޭކަށް ކުޅުންތެރިން ގިނަކުރި އެވެ. ޓީސީ އަށް ލަނޑެއް ޖަހައިދޭން މެޗުގެ 77 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެ ޓީމުގެ ސެމިއުލް ފޮނުވާލި ބޯޅަ ކީޕަރު ތޯހާ ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ރީބައުންސް ވެގެން ދެ ވަނަ ފަހަރަށް ލިބުމުން ސެމިއުލް ޖެހި ޝޮޓް ވެސް ތޯހާ ވަނީ ހުއްޓުވައިފަ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓީސީގެ ސަވީ އިބްރާހިމަށް ތޯހާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ކައުންޓަ އެޓޭކުގައި އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ ނާއިމް އެވެ. މެޗުގެ 89 ވަނަ މިނިޓްގައި ނާއިމް ހުސްކޮށްލާފައި ޒައިން އަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޓީސީ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ ގޯލުދަނޑީގައި ޖެހިފައި ނުކުތް ވަގުތު ނާއިމް ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޓީސީގެ ކޯޗަކަށް ޝާޒް ހުރިއިރު އޭނާ ވަނީ އީގަލްސް 2-0 އިން ބަލިކޮށްފަ އެވެ. ޖެނުއަރީ މަހު ފަހުކޮޅު ދެ ވަނަ ބުރު ފެށިތަނާ އީގަލްސްއާ ޝާޒް ހަވާލުވިއިރު، އޭނާ ހަވާލުވި ފަހުން ކުޅުނު ހަ މެޗުން ވެސް އެ ޓީމު ބަލިނުވެ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ފަހު ވަގުތު ފުރަތަމަ އެގާރަ އަށް ގެންނަން ޖެހުނު ޑިފެންސިވް ބަދަލެއްގެ ސަބަބުން ޓީމުގެ ކުޅުމަށް އަސަރުކުރި ކަމަށާއި ޓީސީ ކޮޅަށް މި މެޗުގައި ވަނީ އަސްލު ހަގީގަތުގައި އެ ޓީމު ކޮޅަށް ވަންނަން ޖެހޭ ވަރުގެ ލަނޑުތަކެއް ނޫން ކަމަށެވެ.

"ވަރަށް ބޭސިކް މިސްޓޭކްސް ފެނިގެންދިޔައީ. ދެން ޒުވާން ކުޅުންތެރިންތަކެއް ލައިގެން މި ގޮތަށް ކުޅޭއިރު މި ކަހަަލަ ކަންތައްތައް އަންނާނެ. ހަގީގަތުގައި މިއީ ވެސް ފިލާވަޅެއް. މީގެއިން ކަންތައްތަކެއް ދަސްކޮށްގެން ތިން ވަަނަ ބުރުގައި ޓީސީ ޓީސީގެ ގޮތުގައި އަންނާނެ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އީގަލްސް އިން މި މެޗުން މޮޅުވީ ހަމަ ރަނގަޅަށް ކުޅެގެން ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި ޓީސީ އަށް އަސްލު ބޭނުންވި ގޭމް ނުކުޅެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox