ދެތިން އަކުރެއް ފަވާލިތަނާ ގަލަން މުހާތަބުކުޅަ އެވެ.
"އޭ މިހިރަ ކަލޭގެޔާ އެވެ. ކޮންމެ ރެޔަކު މެންދަމުން އަލިވީމާ ކަލޭ ހޭބުއްދިފިލާ މޮޔަވަނީ ހެއްޔެވެ؟ އާނ އެހެންޏަ އެވެ. ނިދި ހަލާކުކޮށްފާ ދެ އިނގިލި ކުރީން މަގޭ ގައިގާ ބާރަށް ބައްދައިގެން ތިޔަ އަރުވަނީ ކޮން ފޯރިއެއް ހެއްޔެވެ؟ ތިޔައީ އަޅެ ފަހެ ކަލޭ ކާކަށް ކޮން އެއްޗެއް ދައްކަން ޖަހާ ސަކަރާތެއް ހެއްޔެވެ؟ އަހުރެން ލައްކަ ދުވަހު ކަލޭގެ މި ސަކަރާތަށް އެއްޗެއް ނުބުނެ ހުރެއްޖައީމެވެ. މިހާރު ދެން ފޮރުއްޕާކަށް ނެތެވެ. އެހެންވެ މިރޭ ދެން އެއްޗެއް މިބުނީ އެވެ.
ގަލަމުގެ މި ހަޅޭކުގެ އަޑު އިވިފައި އަހުރެން ސިއްސައިގެން ދިޔަ އެވެ. އަދި ވަރަށް އޯގާވެރިކޮށް އޭނާ ކަރުދާސްގަނޑުގެ މަތީގައި ބޭއްވީމެވެ. އެޔަށްފަހު ޖަވާބުގައި ބުނީމެވެ.
"އޭ ގަލަމާ އެވެ. ހިތުގައި ހިނގާ ޝުއޫރުތައް ގިނަވެ، އޭގެ ބަރުދަން ބޮޑުވެ، މަގޭ މި ނަފުސުގަނޑަށް އެތަކެތި އުފުލާން ނުކުޅަދާނަވީ އެވެ. މިހެންވުމުން ހިތުގައިވާ އުދާސްތައް ގަނޑަކަށް ތިރިކޮށް ހަށިގަނޑަށް ތަސައްލީއެއް ދިނުމުގެ ގަސްތުގައި ތިބާއަށް ދުއްތުރާ ކުރެވުނީ އެވެ. މައާފު ކުރާށެވެ. އާއެކެވެ. އަހުރެނީ ވެސް ހިއްސުތައް ހަމަ މީހަކީމެވެ. ލޮލަށް ފެނެ އެވެ. ކަންފަތަށް އިވެ އެވެ. ސިކުނޑި ހަލަލެއް ނުވޭމެއެވެ. ވީމާ ލޮލަށް މިހިރަ ފެންނަކަންކަމާ އިވޭ އަޑުތައް ބުއްދީގެ ޒަރީއަތުން މިންކުރެވެނީ އެވެ.
މި ބަސްތައް އަޑު އަހާފައި އިހު ހުރި ކައްޓަރު ގޮތް ދޫކޮށް، މަޑުމަޑު ރާގެއްގައި ގަލަން ބުންޏެވެ.
"ތިބާއަށް ފެނި އިވުނު ކަންކަމަކީ ކޮބައިހެއްޔެވެ؟ ލޮލަށް ފެނުމާ ކަންފަތަށް އިވުމަކީ އިންސާނުނަށް ތުރާލިބޭކަމެއްކަން އިހަކު މަށަކު ނުދަންނަމެވެ. އާއެކެވެ. އަހުރެން ދެނަހުރީމެވެ. ފެނުމާ އިވުމަކީ އިންސާނާގެ ސިކުނޑިއަށް ހިޔާލުތައް ގެނެސްދޭކަމެކެވެ. އަހުރެން ތިބާގެ ހިޔާވަހިކަމުގެ ދަށަށް އައުމުގެ ކުރީގައި މިފަދަ ހިޔާލާތުތަކުން ބަސްތައް އަމުނައިދިނުމުގައި ކިތަންމެ ޝާއިރަކަށް އެހީވެދިނީމެވެ. އެތައް އާލިމުންނަކަށް މަދަދުވެރިވީމެވެ. ފަހެ ތިބާގެ ހަބަރު އަހުބާރަކީ ކޮބައިތޯ ބަލާލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑުވެއްޖެ އެވެ. އިހަށް އަހުރެނަށް ކުޑައިކޮށް ނަމަވެސް އޭގެ ހަބަރުތައް ކޮށްލާނުތޯ އެވެ.
ގަލަމުގެވެރިޔާ ޖަވާބުދިނެވެ.
ހަބަރުކުރާން ހުރި ހަބަރުތައް ލައްކަ ގިނަ އެވެ. އަހުރެންގެ ހަބަރު ތިބާއަށް ކިޔައިދެވޭހުށީ ފަށާފައި ހުއްޓާނެތަނެއް އެނގިގެނެވެ. އޭ އެކުވެރިޔާ އެވެ. އަހާށެވެ. އަހަންނަށް ވިސްނޭ ގޮތުގައި މިއުޅެނީ ދެ ޖީލެއްގެ ފުށުއެރުމެކެވެ. އާއެކެވެ. އަހުރެނާ އެއް އުމުރުފުރައިގެ މީހުން ހުސްވެ ހިނގާއްޖެ އެވެ. އެޖީލާއެކު ފިކުރާ ހިޔާލު ދިމާވާނެ މީހުންވެސް ނެތިއްޖެ އެވެ. މިއަދު އަހުރެނީ އެކަނިވެރިއެކެވެ. މުޖުތަމައުން އެކަހެރިކޮށް ބާކީވެފައިވާ މީހަކީމެވެ. އާނ ވާނީވެސް އެހެންތާ އެވެ. އަހުރެމެން ފަދަ އުމުރު ދޮށިވެފައިވާ މީހުނީ މޮޔައިންނަށް ހަދައިއްޕެވެ. އުޅުނު ގޮތީ ރޯގޯސް ގޮތްކަމުގައި ބުނެއްޖެ އެވެ. އަހުރެމެނީ ތަންދޮރު ފިލާފަނެތް ބަޔެއްކަމުގައި ދެކިއްޖެ އެވެ. މިއަދު ފެންނަނީ އައު ޖީލެކެވެ. އެ ޖީލާއެކު ގައުމުވެސް ފުށުންޖެހޭތަނެވެ. ނުޖެހޭންވީ ކީއްވެ ހެއްޔެވެ؟ މާޒީއަށް އެމީހުން މަލާމަތްކުރެތެވެ. އިއްޔެގެ ދިރިއުޅުމުގެ ދައްޗާ ތުރާތައް ގިނަގިނައިން ކިޔައިއުޅެތެވެ. އިސްވެދިޔަ މީހުންނަށް ފުރައްސާރަކުރެތެވެ. މޮޅުގޮތީ ތިމާމެންގެ ގޮތްކަމުގައި ބުނާކަމުގައިވެ އެވެ. އަޖާއިބަކީ އައު ޖީލުގެ ދެމީހެއް އެކައްޗެއް ނުކިޔާކަމެވެ. ދަންނަ މީހުން ގިނަވުމީ ވެސް ހަލާކެއްކަން މިއެނގެނީ މިހެންވީމަ އެވެ.
އަހާށެވެ! އަހުރެމެންގެ އިރުގައި ހިނގާބިނގާވެ އުޅުމުގައި ދަސްކުރީ އަނެކާޔަށް ޖާގަދީގެން ހިނގާށެވެ. ހިނގަނީ ކިތަންމެ ހަނި ތަނަކުންކަމުގައި ވިޔަސްހެވެ. ދެ މީހަކު ދެކޮޅުން އަންނައިރުގައި އަނެކާގެ ކިބައިން ނެއްޓުމަށް އަތްފުރަގަހަށް ނޫނީ ކުރިމައްޗަށް ވެސް ލައިގެން އަރިޔަކަށް ޖެހިލަމެވެ. މިއީ އެއްޗެއް ދުއްވިނަމަވެސް ކަންކުޅަމަގެވެ. މިއަދު އެހެންހެއްޔެވެ؟ ދުވާރުމަތިން ހިނގާއިރު އަނެކާ ކިބައިން ނެއްޓެން ޖެހެނީ އަހުރެނެވެ. އަނެކާ އެކޭ ވަލުގައި އުޅޭ ވަހުޝީ ހައިވާނެކޭ އެއްގޮތެވެ. އޭނާ އެއްކާރިޔަށް އެރުމީ އޭނާ ދަށްވެދާނެކަމެކެވެ. މިކަމުގައި އަންހެނެއް ފިރިހެނެއްގެ ފަރަގުނެތެވެ. ތަން މިއޮތީ ފުރިފައްޔެވެ. ސެއްޅިޔަކަށްވެސް ޖާގަނެތް މިންވަރަށެވެ.
ކަންހުރި މަގީ މިއީ ކަމުގައިވިޔަސް އަނެކާޔަށް ބެލުން އޮންނަންޖެހެ އެވެ. އެކަމަކުވެސް ދުއްވާ ދުއްވުން ދެކޭށެވެ. ދެކޮޅަށް ދުއްވާ މަގެއްގައި ދެފަރާތުން އަންނަ ކާރެއްގެ އަރިމަތިން ސައިކަލުތައް އަރައިގަނެ، ދެފަރާތުން އައި މީހުންކުރެ އެކަކަށްވެސް ދާން އުޅުނު ތަނަށްނުދެވި ތިބިތަނުގައި ގާވެފައި ތިބެންޖެހެ އެވެ. ކޮންމެ މީހަކުމެ ބަލަނީ ފުރަތަމަ ދާންވާނީ ތިމާކަމެވެ. އަނެކާޔަށް ބެލުމެއްނެތި، ތިމާޔަށް ބަލަންވާނީ އަނެކާކަމަށް ދެކިގެން ތެޅެމުން ފޮޅެމުން ދާނެތާކަށް ގޮސް އެންމެ ތަހުޒީބު މީހާކަމަށް ހެދިގެން އިންނައިނުމީ ވެސް އަހުރެން ހަމަ އަޖައިބުވާކަމެކެވެ. މިކަމުން ދަލާލުކޮށްދެނީ ގިނަވީ "ކުނިބުންޏަށްވެސް" ޑިގުރީއާ މާސްޓާސްކަމެވެ. ތައުލީމެއް ގިނަނުވާކަމެވެ. ހަމައެކަނި މިކަމުންވެސް ތައުލީމީ ވުޒާރާގެ ބޭކަލުން ވިސްނާވަރުވެއްޖެ އެވެ. ވެރިންނާ އިލްމުވެރިންވެސްމެ އެވެ.
އެކަމަކު ކުރާނީ ކީއްތޯ އެވެ. ކޮންމެ ފަސް އަހަރެއްގެ ތެރޭގައި އިންތިހާބުތަކަށް ވާދަކޮށް ކެންޕޭނު ކުރުން ނޫންކަމެއް ނޯންނާތީ އިޖުތިމާއީ މިފަދަ ކަންކަމަކަށް މިޒަމާނުގެ މޮޅު ވެރިކަންތަކުގައި ވަގުތެއްނެތެވެ. ރިޔާސީ އިންތިހާބުން، ރައްޔިތުންގެ މަޖިލީހުން، ރަށްރަށު ކައުންސިލުން، ޕާޓީގެ އެތެރޭގެ އިންތިހާބުން އަނެއްކާ ރިޔާސީ އިންތިހާބެވެ. ކޮންމެ ފަސް އަހަރަކުން ރައްޔަތުންނާ އެންމެން އުޅޭންވާނީ މިކަމުގައެވެ. ގައުމު މަޑުލަކަށްފަހު މަޑުލެއް ނެއްޓެމުން ރޫޅެމުން ގޮސް ތަރަވަނީ އެވެ.
ކިޔަވައިގެން ހުރި މީހަކަސް ނުކިޔަވާ ހުރި މީހަކަސް، އަދުގެ ޖީލުގެ މީހެއްކަން އެނގޭނީ އެމީހާގެ މޫނުމަތިން ފެންނަ ރުޅިވެރިކަމުންނެވެ. ދެބުމަ ގޮށްޖަހާފައިވާތީ ފެނުމުންނެވެ. އިހު މީހުނީ ސަކަ މަޖާ މިޒާޖެއްގެ ބަޔެކެވެ. ސަމާސާ ބަސްތައް ގިނަ ރުޅިއައުން މަދު ބައެކެވެ. އަމުދުން އަނެކާޔަށް ބަލާލުމުގައި ދެބުމަ ގޮށްޖެހުން ނެތް ބައެކެވެ. މިއަދު އެހެންތޯއެވެ. މަގުމަތީގައި ދުއްވާފައި ދަމުން ތިމާގެ ގާތުން ދާ އަނެކާޔަށް ބަލާލާނީ ވެސް ދެބުމަ ގޮށްޖަހާފަ އެވެ. އެއީ ގަދަވުމޯލަ އެވެ. ގަޓުކަމޯލަ އެވެ. އަހުރެމެން ދަންނަ ގޮތުގައި ތައުލީމާއެކު ލިބިދޭ ތަހުޒީބު ސިފަޔަކީ އަނެކާޔަށް އިހުތިރާމްކުޅައުމެވެ. އެ އިހުތިރާމުގެ ރަމްޒަކީ ހިނިތުންވުމާއެކު މުހާތަބުކޮށްލާކޮށްލުމެވެ. އެކަމަކު އެކަން ނެތި ރުޅިވެރިކަން އިސްކުޅައުމީ އަދުގެ ތަހުޒީބީ ރީތި ބެލުން ހުންނަ ގޮތީވެސް ތޯއްޗަކީ އެވެ. ފިހާރަޔަކަށް ވަނަސް ވުޒާރާއެއްގެ ކައުންޓަރު ދަށުގައި ހުއްޓުނަސް ފެންނާނީ ރުޅިވެރިކަމެވެ. ނަފުރަތެވެ.
ގަލަމާ އެވެ! އަހުރެމެން ބޮޑުވީ ބޮޑުތަދު ޒަމާނުގަ އެވެ. ކުޑާއިރުގައި ކާފަމެން މާމަމެން ކިޔައިދޭ ކިތަންމެ ވާހަކައެއް މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. އެމީހުން ބުނާތީ އެހީމެވެ. ތިމަންމެން ދުނިޔެއަށް ފާޅުވީއްސުރެން މީހަކު މެރިކަމަށް ބުނާތީ އަހަނީ ހޮނޑައިދޫ ބޮޑު ހުސައިނެވެ. އެނޫނީ މީހަކު ނުމަރައެވެ. އެބަހާ އަހުރެންވެސް އެއްބަސްވަމެވެ. އެއީ އެމީހުންގެ ޒަމާންތާއެވެ. އަހުރެމެން ކުޑަކޮށްތިބެ ބޮޑުވެ މުސްކުޅިވުމާ ހަމަޔަށްވެސް މީހަކު މަރައިފިއޭ ބުނާތީ އަހަނީ ވަރަށްމަދުންނެވެ. އެއިރުގެ މަރުގެ ހަނދާނަކަށްހުރީ ކާށިދޫ ހާރޫނުގެ ހާދިސާއެވެ. އެނޫން ހަނދާނެއްނެތެވެ! އެއިރު ތިމާފަދަ އަނެއް އިންސާނާގެ ފުށުން ފުރާނަޔަށް ނުރައްކަލެއް އަތުވެދާނެކަމަށް ހަމަ އެކަކުވެސް ގަބޫލުނުކުރާނެތެވެ. ބިރުން ރޫރޫއަޅަނީ އަރާކައި ފުރޭތައަކަށެވެ. އެއިރުގައި ލޫޓުވުން އާއްމުހެއްޔެވެ. ފޭރުން އާއްމުހެއްޔެވެ؟ މަގުމަތީން ހިނގާފައި ދަނިކޮށް ޖަހައިގަނޭހެއްޔެވެ؟ ނޫނެކެވެ. މިބާވަތުގެ އެއްކަމެއްވެސް ނުހިނގައެވެ. ކޮންފަދަ އަރާމު ސާދާ ދިރިއުޅުމެއް ހެއްޔެވެ؟ މިހާރުވެސް އުމުރުން ސާޅީހުން މަތީގެ ކޮންމެ މީހެއްގެ ގާތުގައިވެސް އަހާށެވެ. ގޭގޭ ދޮރު ހުންނަނީ ތަޅުލާފަހެއްޔެވެ. މީހަކު ވަޅިޔެއް ޖަހާފާނެކަމަށް ބިރުގަނޭހެއްޔެވެ؟ ހިނގާފައި ދަނިކޮށް ފޭރިގަނެފައިނެތީ ބިރުގަނޭ ހެއްޔެވެ؟ ހަނދާން ބަލި ނޫންނަމަ ޖަވާބަކަށްވާނީ ނޫނެކޭއެވެ.
މިއަދު އެހެން ހެއްޔެވެ؟ އަހަރެއްގެ މައްޗަށް ވިއްސަކަށް މީހުންވެސް މަރައިފާނެތެވެ. ދުވާލެއްގެ މައްޗަށް އެތައް ފޭރުމެކެވެ. މަގުމަތީން މީހުން ޖަހައިވެސް ގަންނަނީއެވެ. ރޭގަނޑު ގެޔަށް ދަނިކޮށް ވަގަށްވެސް ނަގަނީއެވެ. މިއީ ކަރަކަރައިންނާ ވިލާތްތަކުން ފާސްތައް އޮހެމުން ދާ ޒަމާނެވެ. މަދަރުސާއެއްގެ ފުރާޅުދަށަށް ނުވަންނަ މީހަކު ރަށުގައި ނޫޅޭނެތެވެ. އަހަރު ދެކޮޅު އެތައްބަޔަކު ބޮލުގައި ތޮތްޕެއް އަޅައިގެން އޮޅާފައި އޮންނަ ބަކަރިހަން ފަތްކޮޅެއް ފާޑުގެ އެއްޗެއް އަތުން ހިފައިގެން ތިބޭތީވެސް ފެނެ އެވެ. ގައިމު އަތުގައި އޮންނަ ފަތްކޮޅުން ސިކުނޑިން ހޭލައްވާލަ ދޭނެކަމަށް އަހުރެން ހީކުރީމެވެ. އެކަމަކު އެވެސްވީ ކުށްހީއަކަށެވެ. ދެން އެހާރާ މިހާރުގެ ފަރަގު ބަލާށެވެ. އިއްޔެގެ ކުށް މަދު މުޖުތަމައު މިއަދު ނޯންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ މިވެސް ދުނިޔޭގެ އެންމެ ބޮޑު އެއް އަޖައިބަށް ވާނޭކަމެކެވެ. އާބާދީގައި އެކެއް އަތުގައިވެސް ފާހެއް ނެތް ޒަމާނުގައި ބޮޑެތި ޖަރީމާތައް ނެތިފައި ފާހާ މަދަރުސާތައް ގިނަވި ވަރަކަށް ބޮޑެތި ޖަރީމާތައް ގިނަވުމީ ފަހެ ދުނިޔޭގެ ފެންވަރުގެ އަޖައިބަކަށް ނުވޭ ހެއްޔެވެ؟ ކަރަކަރަގައި ތިއްބެވި އިޖުތިމާއީ އިލްމުގެ ޕްރޮފެސަރުން މިވާހަކަ އަހާފައި ދެލޯ މުދުނަށް އަރާނެކަން ގައިމެވެ. އާނ އެހެންޏަ މިއަދު ވަކި އަމާންކަން ނޯންނަންވީ ކީއްވެ ހެއްޔެވެ. ގައިމު ޒަމާނުގެ ތައުލީމާ ތަމައްދުނާއެކު ވާންވާނީ ފަސޭހަނޫން ހެއްޔެވެ.
ދެންވެސް އަހާށެވެ! ފޭރުމާ ޓެކުމާ މެރުމުގެ ވާހަކަ ބުނެވިއްޖެ އެވެ. ކުރާނެ އެހެންކަމެއް ނެތް، ފިނިވައި ޖައްސާލާ ހިޔާލުކޮށްލާނެ އަރާމު ޕާކެއް ނެތް، ހާސްކަން ބޮޑު ރަށުގައި ކުރަން އޮތްހައިވެސް ކަމަކީ ރަށްވަށާ ދުއްވާލުމެވެ. ދުއްވުމުގައި އަނެކުންނަށް ބެލުން ނެތުމަކީ އެއް ތުރާލެވެ. އަދި އަނެއް ތުރާލުގެ ވާހަކަ އަހާށެވެ. އެއީ ފުލުހުންނެވެ. ކިލޯ މީޓަރެއް ހަމަނުވާ ރަށެއްގައި ކޮންމެ އަކައިންޗިއަކުން ޓްރެފިކު ޗެކުޕޯސްޓު ޖަހައިގެން ހުއްޓުވާ މިހަދާ ހެދުމަކީ ވެސް ހައިރާންވާވަރު ކަމެކެވެ. ހާލަކުން ފަހަރަކު އެކަން ނުކުރާށޭ އެއް ނޫނެވެ. އެކަމަކު އެއީ މުޅި ފުލުހުންގެ މުއައްސަސާ އުފެދިފައި އޮތް ބޭނުންކަމުގައި ހީވެ މުޅި ރަށުގައި އެސަކަރާތް ޖަހާތީ ހައިރާންވެވުނީއެވެ. ބަންދު ރެޔެއް އައިސްފިނަމަ އަދި މިކަމުގެ ދުއްތުރާ އިންތިހާޔަށް ބޮޑެވެ.
ވަރުވަރުން ޓްރެފިކު ޗެކުޕޯސްޓު ޖެހެ އެވެ. ފޭރުމާ ޓެކުމާ، ވައްކަމާ މެރުންތައް ހަމަ ފަރަގެއްނެތި ކުރިޔަށެވެ. މަގެއްގެ މަތިން ހިނގޭކަށް ނެތެވެ. އެކަމަކު ފުލުހުންގެ ވެސް އެންމެ ބޮޑު ޒިންމާއަކީ ބަންޑާރަ މަގެއްގައި ދުއްވާ ރައްޔިތުން ދުވާލުދާ ހަތަރުދަމު ހުއްޓުވައިގެން މަގުގައި ދުއްވަން ދައްކަންޖެހޭ ފީ ދެއްކިތޯބެލުމެވެ. މަގުމަގު ބަރަވެލި ކަނޑާ، ކާށިދޫ ކަނޑާ ހަމައެވެ. އެއީ ދައްކަންޖެހޭ ވާހަކައެއް ނޫނޯލައެވެ. އެހެންވީމާ އެވާހަކަ ބާއްވާށެވެ.
އަހަރުމެން 80 ގެ ތެރޭގައި ސިލޯނަށް ދަތުރުކުރިއިރު ސިލޯނުގައި ތަމަޅައިންނާ ސިންގަޅައިން ހަނގުރާމަކުރަނީ އެވެ. އެއިރު ކޮޅުނބުގެ ތެރެއިން ވަރަށް ގިނައިން ޗެކު ޕޯސްޓުތަކާ ދިމާވެ އެވެ. އެކަމަކު އެއިރުގެ ސިލޯނަށް ވުރެ މިގައުމުގެ ހާލު ބޮޑެވެ. މިއީ ދޮގެއް ނޫންކަން އެއިރު ސިލޯނަށް ދުރުވި ކޮންމެ މީހަކު ގަބޫލުކުރާނެ އެވެ. ދުނިޔޭގެ އެހެނިހެން ގައުމުގައުމު ބަލާށެވެ. ޓްރެފިކު ޗެކު ޕޯސްޓު ހައްދުފަހަނައަޅާފައިވާ ގައުމެއް މި ނޫނީ ނުދެކެމެވެ. މިއީ ބިﷲ ފަދަ ތެދެވެ. މި ހުރިހާ ކަންކަމަކީ އަހުރެން ފަދަ އާދައިގެ މީހަކަށް ހުރި ދުއްތުރާތަކެވެ. އަހަރެންވެސް އުނދަގުލެއްނެތި އަމިއްލަ ރަށުގައި ތާޒާ ވަޔާއެކު ދުއްވާލާ ހިތްވެއެވެ. އެ ދުއްވުމުގައި މަގުމަތިން މީހަކު އައިސް އަހުރެން މަރާފާނެކަމުގެ ބިރުނެތިއެވެ. ފޫޓަކުން ފޫޓަކުން ހުއްޓާ މަޑިހިއްލާ، ހަދަންޖެހުންފަދަ އުނދަގޫތައް ނެތިއެވެ. އެކަމަކު ދިރިއުޅެން މަޖުބޫރުވެފައިވާ ރަށްގަނޑުގައި އަހުރެންފަދަ ނިކަމެތިން މަރުވާން މި ޖެހެނީ މިފަދަ ހުރިހާ އުނދަގުލާ ތުރާތަކުގަ އެވެ. އަމިއްލަ ރަށުގައި ހިތްއުފާކޮށްލާނެ ކަމެއްނެތި ހިތްއުފާވާނެ މާހައުލެއްނެތި އިންތިހާޔަށް ހާސްކަމުގައެވެ. އިހު ލޯބިވީ ވަތަންދެކެ ފޫހިވެއްޖެއެވެ. ދެން ދިރޭނީ ކޮން ގައުމިއްޔަތެއް ހެއްޔެވެ. އާއެކެވެ. ދިރިއުޅުމަކީ ނުކުސާނަކަށްވެއްޖެ އެވެ. ކަނދުފަތި ޝަހަރާ އުދުހޭ ޝަހަރެއްގެ ހިޔާލަށް ވެސް ވިސްނޭނީ މިފަދަ އާދައިގެ ތުރާތަކުން މިންޖުވެވިގެނެވެ.
އޭ ގަލަމާ އެވެ. މިފާޑުގެ ކިތަންމެ ހަބަރެއް ހަބަރުކުރާން އެބަހުއްޓެވެ. މިހާރު ދެން މާބަސް ގިނަކުރެވިއްޖެ އެވެ. އެކުން ހިތުގައި ހުރި ޝުއޫރުތަކުގެ ގިނަކަމުން ވީގޮތެވެ. އެކަމަކު މިއީ އަދި ހަމަ ޒައްރެއްގެ މިންވަރެވެ. އަދިވެސް ލައްކަ ބައިވަރު ވާހަކަ އެބަހުއްޓެވެ. ތިބާޔަށްވެސް މަގޭ މި ކޫސަނި ޝަކުވާތަކުން ލައްކަ އުނދަގޫވާނޭހެން ހީވެ ހުއްޓާލީއެވެ. މައާފު ކުރާށެވެ.
އެކަމަކު އަހަރެން ގަލަން ގާތުގައި އާދޭސްކޮށްފައި ބުނަމެވެ. މަގޭ މި ޝަކުވާތައް ބޭރުކުރިޔަ ދޭށެވެ. އިހުވެސް އެހީވި ފަދައިން އެހީވާށެވެ. އެކަނިކޮށްނުލާށެވެ. އަދުގާ ތި ނޫނީ ހަމައެކަކުވެސް ނެތެވެ. އިއްޔެގައި މަގޭ މަދަދުގާރެއްގެ ގޮތުގައިވީ ފަދައިން މިއަދު ވެސް ވާށެވެ. ތިބާގެ ދެލިން މަގޭ އުދާސްތައް ފަވާދޭށެވެ. މަގޭ ސިކުނޑިޔަށް ތަސައްލީއެއް ހޯދަދޭށެވެ. އަހުރެން ތާއަބަދަށް ޝުކުރުވެރިވާ ހުށީމެވެ.
މި ބަސްތައް އަހާފައި ގަލަން ހިތާހިތާ ކިޔާލި އެވެ. މިއީ ގައިމުވެސް ވަރަށް ޝަކުވާތައް ގިނަވެފައިވާ އިންސާނެކެވެ. އެ ބޭރުކުރުމަކީ އޭނާގެ ސިއްހަތަށް ވެސް ފައިދާވާނޭ ކަމެކެވެ. މި އެކަނިވެރިޔާގެ ހާލު ދެނެނެތި ހަޅޭއްފަޅޭއް ޖަހައިގަނެވުނީތީ ލަދުގަނެއްޖައީމެވެ. އަދި ހަމްދަރުދީވެސް ވެވިއްޖެއެވެ.
ދެން ގަލަން މުހާތަބުކުޅައެވެ.
އޭ އެކުވެރިޔާ އެވެ. މެންދަމުގެ އަރާމު ނިދިން މަހުރޫމު ކުރީތީ އަހަންނަށްވެސް ހަރުބަސްތަކެއް ބޭރުކުރެވުނީ އެވެ. މަށަށްވެސް މައާފުކުރާށެވެ. އަހުރެން ތިބާޔާއެކު ވީމުއެވެ. އަދި ދެންވެސް ހުންނަހުށީމެވެ. އެކަމަކު ދަންނާށެވެ! އަހަންނަކަށް ތިބާގެ ހައްމުތަކާ ހުމޫމުތަކެއް ފިލުވައެއް ނުދެވޭނެއެވެ. އެކަމަކު ޝުއޫރު ފާޅުކުރާށެވެ. އެކަމުން ނަފުސަށް ލުޔެއް ލިބޭނެނަމަ އެއީ އަހަންނަށް ވެވޭނެ އެހީއެކެވެ. ލިޔާށެވެ. ފަވާދޭހުށީމެވެ. ތެދުވެރި ހިތަކުން ބޭރުކުރާ ހިތި ހަގީގަތްކަމުގައި ގަބޫލުވެސް ކުރާނަމެވެ. މަހުލޫގުގެ ހިތް ހާލިގު މޮޅަށް ދެނެވޮޑިގެންވާނެތެވެ.








