ވަކި ދީނަކަށް އަމާޒުކޮށް ދަތުރު ކުރުން މަނާ ކުރުމުގެ ބާރު އެމެރިކާގެ އެއްވެސް ރައީސަކަށް ނުލިބޭ ގޮތަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސުން ބިލެއް ފާސްކޮށްފި އެވެ.
"ނޯ ބޭން ގާނޫނު" ނަން ދީފައިވާ ބިލަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުންނަށް އެމެރިކާއަށް ދަތުރު ނުކުރެވޭނެ ގޮތަށް ނިންމެވި ނިންމެވުމާ ގުޅިގެން ވުޖޫދަށް އައި ބިލެކެވެ.
ޕާލިމެންޓް ނުވަތަ ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސުން ފާސްކުރި އެ ބިލް ގާނޫނަކަށް ވާނީ މަތިގެ، ސެނެޓުން ވެސް ފާސް ކުރުމުންނެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަންކަމުގެ ތެރޭގައި މުސްލިމުން އާބާދީ ގިނަ ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރު ކުރުން ހުއްޓުވުން ހިމެނެ އެވެ.
މިދިޔަ އަހަރު އިންތިހާބުން ޓްރަމްޕް ބަލިކުރެއްވި މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވަނީ އެ ނިންމުން އުވާލައްވާފަ އެވެ.
ޓްރަމްޕްގެ ނިންމެވުން ދެ ފަހަރެއްގެ މަތިން ކޯޓުން ވެސް ބާތިލް ކުރި އެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން އެ ނިންމެވުން ދެމެހެއްޓި އެވެ.
އެންމެ ފުރަތަމަ އެމެރިކާއަށް އެތެރެވުން މަނާ ކުރީ ސީރިއާ، އިރާން، ޔަމަނު، ސޯމާލިއާ، ލީބިޔާ، އުތުރު ކޮރެއާ އަދި ވެނެޒުއޭލާއިން އަންނަ މީހުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ޓްރަމްޕް ވަނީ އެ ލިސްޓަށް މިޔަންމާ، އެރިޓްރިއާ، ކިރްގިސްތާން، ނައިޖީރިއާ، ސޫދާން އަދި ޓެންޒޭނިއާ އިތުރު ކުރައްވާފަ އެވެ.
އެ ނިންމެވުމުގެ ސަބަބުން އާއިލާތަކުގެ މެމްބަރުން ވަކިވެ، އެކަކު އަނެކަކާ ބައްދަލުނުކުރެވި އަހަރުތައް ހޭދަކުރަން ޖެހުނެވެ. އެންމެ ބޮޑު އަސަރެއް ކުރީ ފަގީރު ގައުމުތަކުގައި އުޅޭ މުސްލިމް އާއިލާތަކާއި ރެފިއުޖީންނަށެވެ.
ވެރިކަން ކުރާ ޑިމޮކްރެޓުންގެ މެޖޯރިޓީ އޮންނަ ހައިސް އޮފް ރެޕްރެޒެންޓޭޓިވްސުން ބިލް ފާސްކުރި ނަމަވެސް، އިދިކޮޅު ރިޕަބްލިކަނުން ކޮންޓްރޯލް ކުރާ ސެނެޓުގައި ތާއީދު ލިބޭނެކަން ޔަގީނެއް ނޫނެވެ.










