ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އިތުރު ބާރެއް އެޅުމުގެ ގޮތުން، އެ ދަރަނީގެ އަގެއް ނުވަތަ އިންޓަރެސްޓެއް ހިމެނުމަށް ގަވަރުނަރު އަލީ ހާޝިމް އެދިވަޑައިގެންފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.
އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.
ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.

އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.
އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.
މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމަށް އެމްއެމްއޭގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވާއިރު، ޕަބްލިކް އެކައުންޓުން ފައިސާ އޮވާޑްރޯ ކުރުމާގުޅޭ ގޮތުން އެމްއެމްއޭގެ ހުރި ބައެއް ކަންބޮޑުވުންތައް ގަވަރުނަރު މިއަދު ވަނީ ހިއްސާކުރައްވައިފަ އެވެ.
އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން އެކަން ކުރަންޖެހިފައިވީ ނަމަވެސް، މަދުވެގެން އަހަރަކު ދެ ފަހަރު، ދަރަންޏަށް ނެގި ފައިސާ ސަރުކާރު ބޭނުންކުރަމުންދާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
އަދި އެ އަނބުރާ ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނެއް ހޯދުމުގެ އިތުރުން، އެ ދަރަނީގައި އަގެއް ނުވަތަ އިންޓަރެސްޓެއް ހިމަނަންޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅިގެން މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހާޝިމް ހުށަހެއްޅުއްވީ ޓީބިލުގެ ރޭޓު ނޫނީ އެއަށްވުރެ ކުޑަ ނަމަވެސް އިންޓަރެސްޓް ރޭޓް ހިމެނުމަށެވެ.
މިހާރު އެއް އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީގެ ޓީބިލް ރޭޓަކީ 4.6 ޕަސަންޓެވެ.
"ދަރަންޏެއް އަނބުރާ ދައްކަން އަހައްމިޔަތުކަމެއް ނުދެވެޔޭ ފައިނޭންސް ކޮސްޓެއް ނެތިއްޔާ. އެހެންވީމާ ކުޑަ ކޮސްޓެއް ނަމަވެސް ލުން މުހިއްމޭ،" ގަވަރުނަރު ވިދާޅުވި އެވެ.
މެމްބަރުންގެ ހިޔާލު ތަފާތު
ގަވަރުނަރުގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، އިންޓަރެސްޓް ރޭޓަކާ ގުޅޭގޮތުން މެމްބަރުން ދެއްކި ވާހަކަތަކަށް އޭނާ ވަނީ ރައްދު ދެއްވައިފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ސިއްހީ ކާރިސާއެއްގެ ތެރެއިން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި އެ ހާލަތުގައި އެ ނަގާ ފައިސާއަކަށް އިންޓަރެސްޓް ޗާޖު ކުރުމަކީ ދެކޮޅުނުޖެހޭނެ ކަމަށެވެ.

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމާއި ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
ގަވަރުނަރުގެ ވާހަކަތަކާ ގުޅިގެން އިންޓަރެސްޓެއް ހިމެނުމާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވި އެވެ.
މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ފިސްކަލް ޑިސިޕްލިން ހިފެހެއްޓުމަށް ދަރަނީގެ އަގެއް ހިމެނުން މުހިއްމު ކަމަށެވެ.
ނަމަވެސް، އެކަމުގައި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތެވެ.
އެކަމާ ސީދާ ދެކޮޅު ހައްދަވައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ވިދާޅުވީ ދަތި އުނދަގޫ ހާލަތެއްގައި ސަރުކާރަށް އިތުރު ބުރައެއް ކުރިމަތި ކުރުވުން ދެކޮޅު ނުޖެހޭ ކަމަށެވެ.
އަނބުރާ ދައްކާނެ ޕްލޭނެއް
އިންޓަރެސްޓް ރޭޓެއްގެ އިތުރުން އެ ދަރަނި އަނބުރާ ދައްކާނެ ޕްލޭނެއް ނޫނީ ޝެޑިއުލެއް ހިމަނަން ވެސް ގަވަރުނަރު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.
މިދިޔަ އަހަރު އެ ހުއްދަ އެންމެ ފުރަތަމަ ދިން އިރުވެސް އެކަމަށް ވަކާލާތު ކުރެއްވި އަލީ ހާޝިމް ވިދާޅުވީ، އެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭއިރު، އެ އަނބުރާ ދައްކާނެ ޕްލޭނެއް އޮތުން ވަރަށް މުހިއްމު ކަމަށެވެ.
އޭގެ ރައްދުގައި ބައެއް މެމްބަރުން ފާހަގަކުރެއްވީ، އެ އޯޑީ ފެސިލިޓީގައި އަހަރު ދުވަހުގެ މުއްދަތެއް އިން އިރު، ވަކި ހާއްސަ ރީޕޭމަންޓް ޝެޑިއުލެއް ބޭނުންނުވާނެ ކަމަށެވެ. އެއީ އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް އެ މުއްދަތު އޮތުމުން ފުދޭކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ދަރަނި އަނބުރާ ދައްކާނެ ޕްލޭނެއް އޮތުމުގެ މުހިއްމުކަން ގަވަރުނަރު ވަނީ ސާފުކޮށް ދެއްވައިފަ އެވެ.
އަލީ ހާޝިމް ވިދާޅުވި ގޮތުގައި އަހަރުގެ ދުވަހުގެ މުއްދަތު ހަމަވުމާ ހަމައަށް، އެ ދަރަނި އަނބުރާ ދެއްކުން މެނޭޖު ކުރެވޭނީ ރަނގަޅު ޕްލޭނެއް އޮވެގެން ކަމަށެވެ.
"ފަހު ދެ މަހަށްދާއިރު އޯޑީ ފެސިލިޓީ ފުލްކޮށް އޮތިއްޔާ އެ އަނބުރާ ނުދެއްކޭނެ. ޕްލޭނެއް އޮވެގެން އެ މެނޭޖު ކުރެވޭނީ. މިސާލަކަށް ފަހު ކޮޅަށް އަންނައިރު ބިލިއަނަކަށް ވުރެ ދައްކޮށް ހުރެގެން އެ އެއްކޮށް ދައްކާ ނިންމާލަން ފަސޭހަވާނީ،" ގަވަރުނަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން އޮޑިޓާ ޖެނެރަލް ވެސް ވަނީ ކޮމެޓީ އަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވައިފަ އެވެ.
ކޮމިޓީގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމައި، ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ސުންގަނޑި ކަނޑައަޅައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެ ނަމަ އާއްމުކޮށް މަޖިލިސް ބާއްވާ ދުވަހެއް ނޫން ނަމަވެސް، މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.













