ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ އިއްޔެ ގޮތެއް ނުނިމި ވަނިކޮށް، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އަލުން ހުށަހަޅައިފަ އެވެ.
އޭރު ދިން މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، އެ ހުއްދައިގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ކުރިއަށް ދިޔަ ބަހުސްގައި މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް ހުރި ކަން ހާމަވި އެވެ.
އެއް ބައި މެމްބަރުން ބޭނުންވީ، އެ ހުއްދަ އިތުރުކޮށްދިނުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ހުރި ގޮތެއް ބަލައި ދިރާސާ ކުރުމަށެވެ. ސަރުކާރުން ކުރާ ހަރަދުތަކާމެދު ކަންބޮޑުވުން ހުރި ކަމަށް ބުނެ އެވެ.
އެއާއެކު، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވީ މަޖިލީހުން ހާއްސަ ކޮމެޓީއެއް ނަގައިގެން ސަރުކާރުގެ ހަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބެލުމަށެވެ. އެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ތާއީދު ކުރައްވައިފަ އެވެ.

އޭގެ އަނެއް ކޮޅުން މެމްބަރުން ވަކާލާތު ކުރީ، މާބޮޑު ދިރާސާއެއް ނުކޮށް އެކަން އަވަހަށް މަޖިލީހުން ފާސްކޮށް، ހުއްދައިގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. މި ވަގުތު ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ހުއްޓާނުލެވޭނެކަމަށް ބުނެ އެވެ.
ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުއްދަ އިތުރުކޮށް ދިނުމުގެ ކުރިން، ފިނޭންސްގެ އަންދާޒާތަކާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިތުރުން ބޭންކުތަކާއި އަމިއްލަ ވިޔަފާރިތަކާ އެކު މަޝްވަރާއެއް ހިންގުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
ހާއްސަ ކޮމިޓީއެއް ނަގައިގެން ސަރުކާރުގެ ހަރަދުތައް ދިރާސާކުރަން ނަޝީދު ބާރު އެޅުއްވި ނަމަވެސް، އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން އެކަމަށް ތާއީދެއް ނުލިބުނެވެ.
ހާއްސަ ކޮމިޓީއަކުން އެކަން ދިރާސާކުރަން ނުފެންނަކަމަށް ނިމުނީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. ދިރާސާކުރަން ފެންނަކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވި އެއް މެމްބަރަކު އިންނެވި އެވެ.
ކުޑަކޮށް ހިތްހަމަޖެހިވަޑައިނގެން އިންނަވައިގެން، ނަޝީދު ވިދާޅުވީ މި ހުށަހެޅުން ފާސްނުވުމުން މިއަދުގެ މުޅި މައްސަލަ އެއްވެސް ގޮތަކަށް ފާސް ނުވި ކަމަށެވެ.
އަލުން ހުށަހެޅީ ގޮތެއް ނުނިމޭތީ
މިއަދުގެ ޖަލްސާ ފެއްޓެވުމާއެކު، ނަޝީދު ވިދާޅުވީ، އިއްޔެ އެ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމިފައިނުވާތީ، އެއަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން އެ މައްސަލަ އަލުން ހުށަހަޅުއްވާ ކަމަށެވެ.
އެ މައްސަލައާމެދު އަމަލުކުރާނެ ގޮތެއް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ އެ މައްސަލަ ދިރާސާކުރަން ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގަން ހުށަހަޅުއްވާ ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ކޮމިޓީއެއް ނުނަގަން ހުށަހެޅުއްވި ހުށަހެޅުން ރިޔާސަތުން ބަލައި ނުގަންނަކަމަށް ތުހުމަތުކުރެއްވި، މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ މެމްބަރު މުހައްމަދު ރަޝީދުގެ ހުށަހެޅުމަށް ތާއީދުކުރައްވައިފަ އެވެ.
ޝަރީފް ވިދާޅުވީ އެ ހުށަހެޅުމަށް ތާއީދުކުރައްވަނީ މި ކަން ކޮމިޓީއަކުން ދިރާސާކުރަން ކޮންމެހެން ފެނިވަޑައިގަންނަވާތީ ނޫން ކަމަށާއި، މި ކަމަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމަކަށްވެފައި، އެކަމަށް މަޖިލީހުގެ މެޖޯރިޓީ ތާއީދު ލިބޭނީ ކޮމިޓީއެއް ނަގައިގެން ކަމަށްވާތީ ކަމަށެވެ.
އެއާއެކު، ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނެގުމަށް ފާސްވީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ ނުސީދާ ރައްދެއް
ވޯޓުގެ ނަތީޖާއަށްފަހު، އިއްޔެ ކޮމިޓީއެއް ނަގަން ތާއީދު ނުކުރި މައްސަލައަށް ނަޝީދު ވަނީ ނުސީދާ ރައްދެއް ދެއްވައިފަ އެވެ.
"އިނގިރޭސިވިލާތުގެ ޒަމާންވީ ބޮޑުވަޒީރެއް [ވިންސްޓަން] ޗާޗިލް ވިދާޅުވެފައި އޮންނާނެ، ހަފްތާއަކީ ސިޔާސީ ކަންކަމުގަ ވަރަށް ގިނަ ދުވަހޭ. އަޅުގަނޑު ހިތުން 24 ގަޑިއިރު އަދި މި ގިނަ ގަޑިއިރަށް ވެގެން މިދިޔައީ،" މިއަދު އަނެއްކާ ކޮމިޓީއެއް ނަގަން 51 މެމްބަރުން ތާއީދުކުރެއްވިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެއަށްފަހު ނަޝީދު ފުރުސަތު ދެއްވީ ކޮމިޓީއަށް ނަގާނެ ނުވަ މެމްބަރުންގެ ނަންތައް ހުށަހެޅުމަށެވެ.
އެ ފުރުސަތުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހިމެނިވަޑައިގަންނަވާ ގޮތަށް، މަޖިލިސް ތަމްސީލު ކުރާ ހުރިހާ ޕާޓީތަކާއި، މިނިވަން މެމްބަރަކު ހިމެނޭގޮތަށް ކޮމިޓީއަށް މެމްބަރުން ހުށަހަޅުއްވައިފަ އެވެ.
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް - އެމްޑީޕީ
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު - އެމްޑީޕީ
- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ - އެމްޑީޕީ
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް - އެމްޑީޕީ
- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް - މިނިވަން
- މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު - އެމްޑީއޭ
- މާމިގިލި ދާއިރާގެ މެމްބަރު ގާސިމު އިބްރާހިމް - ޖުމްހޫރީ ޕާޓީ
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ޕީއެންސީ
މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ނަންތަކަށް މެމްބަރު އިބްރާހިމް ޝަރީފް ތާއީދުކުރައްވާފައިވަނިކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނާޝިޒުގެ ބަދަލުގައި މެމްބަރު މުހައްމަދު ރަޝީދު ކޮމިޓީގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.
އެ ހުށަހެޅުމަށް މެމްބަރު ހުސެއިން ޝަހީމް ތާއީދުކުރެއްވުމުން، ނަޝީދު ވަނީ ވޯޓަށް އެހުމުގެ ކުރިން އެ ދެ ލިސްޓުގައި އެންމެ ތަފާތެއް އުޅޭތީ، މަޝްވަރާކޮށްގެން އެ ލިސްޓު އެއްގޮތް ކުރުމުގެ ފުރުސަތެއް ދެއްވައިފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝީޒު އާމެދު އެމްޑީޕީގެ ތެރޭގައި އޮތް ހިތްހަމަނުޖެހުން ބޮޑު. -- ފޮޓޯ: މަޖިލިސް
އޭގެ ފަހުން، މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ، މެމްބަރު މުހައްމަދު ރަޝީދު ވަނީ އޭނާ ހުށަހެޅުއްވި ނަންތައް އަނބުރާ ގެންނަވައިފަ އެވެ.
އެހެންކަމުން، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނުހިމަނައި، އަލީ އާޒިމް ހުށަހެޅުއްވި ނަންތައް ފާސްވެފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.
ވޯޓަށްފަހު، ނަޝީދު ވިދާޅުވީ މިއަދުގެ ނިޔަލަށް ކޮމިޓީން އެ މަސައްކަތްކޮށް ނިންމަވައި، މާދަމާ ވޯޓަށް އެހޭ ވަރަށް އަނބުރާ ތަޅުމަށް ފޮނުވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްއެމްއޭ އިން އޯވާޑްރޯ ކުރުމަކީ ކޮބާ؟
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.
އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.
ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ.
އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.













