ލަންޑަން (އޭޕްރީލް 20) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އިއްޔެ ހޯސޭ މޮރީނިއޯ ވަކިކުރިއިރު، މިއީ ކޮންޓްރެކްޓެއްގައި ހުއްޓައި ޓީމެއްގެ ވަޒީފާ އޭނާ އަށް ގެއްލުނު ފަސް ވަނަ ފަހަރެެވެ. އެ ހުރިހާ ފަހަރެއްގައި ކްލަބްތަކުން އޭނާ ވަކިކުރިއިރު، ދިން މާލީ ބަދަލުތަކުގެ ޖުމްލަ އަދަދު ވަނީ 77.5 މިލިއަން ޕައުންޑް (108 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
ދެ ހާސް ވަނަ އަހަރު އެންމެ ފުރަތަމަ ބެންފީކާ އިން ހެޑް ކޯޗެއްގެ ގޮތުގައި ފެނުނު މޮރީނިއޯ އެންމެ ފުރަތަމަ ޓީމެއްގެ ކޯޗަކަށް ހުއްޓައި ވަކިކުރީ 2007 ވަނަ އަހަރު ޗެލްސީންނެވެ. އެ ޓީމުން އޭނާ ވަކިކުރިއިރު، ބަދަލެއްގެ ގޮތުގައި 18 މިލިއަން ޕައުންޑް ދިނެވެ. ދެން އޭނާ ހަވާލުވީ އިންޓަގެ ކޯޗުކަމާ އެވެ. އެ ޓީމުން ވަކިވީ މާލީ ބަދަލެއް ދޭން ޖެހޭ ގޮތަކަށް ނޫނެވެ.
އިންޓަ ދޫކޮށް ރެއާލާ ގުޅުނު މޮރީނިއޯ އެ ޓީމާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި 2012 ވަނަ އަހަރު ސޮއިކުރިތާ އަހަރެއް ވެސް ނުވަނިސް 2013 ވަނަ އަހަރު އޭނާ ވަނީ އެ ޓީމުން ވަކިކޮށްފަ އެވެ. އިކާ ކަސިއަސް އާއި ސާޖިއޯ ރާމޯސްއާ މައްސަލަ ޖެހި ރެއާލްގެ ލީޑަޝިޕާ ވެސް ހިޔާލު ތަފާތުވެގެން މޮރީނިއޯ ވަކިކުރިއިރު އެ ކްލަބުން ވަނީ އޭނާ އަށް 17 މިލިއަން ޕައުންޑް ދީފަ އެވެ.
އަލުން ޗެލްސީގެ ކޯޗުކަމާ 2013 ވަނަ އަހަރު ދެ ވަނަ ފަހަރަށް ހަވާލުވެ ކާމިޔާބު މަސައްކަތެއް ކުރި ނަމަވެސް 2015 ވަނަ އަހަރު އެ ޓީމުން ވަކިކުރި އެވެ. މި ފަހަރު މޮރީނިއޯ އަށް ބަދަލެއްގެ ގޮތުގައި 12.5 މިލިއަން ޕައުންޑް ދީފައިވެ އެވެ. ޗެލްސީން ވަކިކުރިއިރު ދެ ފަހަރެއްގެ މަތިން މޮރީނިއޯ އަށް ދިން ބަދަލުގެ ޖުމްލަ އަކީ 30.5 މިލިއަން ޕައުންޑް އެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް އެ ޓީމަށް ކޯޗުކޮށްދިން މޮރީނިއޯ ވަކިކުރީ އެ ޓީމުގެ ލީޑަޝިޕްގެ އިތުރުން ޕައުލް ޕޮގްބާއާ ވެސް މައްސަލަ ޖެހުނުއިރު، ކްލަބްގެ މެޗުތަކުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. ޔުނައިޓެޑުން ވަކިކުރިއިރު ބަދަލެއްގެ ގޮތުގައި މޮރީނިއޯ އަށް 15 މިލިއަން ޕައުންޑް ދީފައިވެ އެވެ.
ޔުނައިޓެޑުން ވަކިވެގެން މޮރީނިއޯ އަހަރެއްހާ ދުވަހު ޓީމަކާ ހަވާލުނުވެ ހުއްޓެވެ. ޓީވީ އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރުމަށް ފަހު މޮރީނިއޯ ވަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު ޓޮޓެންހަމާ ހަވާލުވެފަ އެވެ. އެ ޓީމުގެ ކޯޗަކަށް މޮރީނިއޯ ހަަމަޖެއްސިއިރު، އޭނާ މަގާމުން ވަކިކުރާނަމަ ބަދަލަކަށް 30 މިިލިއަން ޕައުންޑް ދޭން ޖެހޭ ގޮތަށް ވާހަކަ ދެއްކި އެވެ. އެކަމަކު 17 މަހަށް ފަހު ޓޮޓެންހަމް ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު، އެއްބަސްވުމުގައިވާ ވަކި މާއްދާތަކަށް ބެލުމަށް ހު މޮރީނިއޯ އަށް ދިނީ 15 މިލިއަން ޕައުންޑެވެ.












