ލީޑްސް (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަހު ވަގުތު ގޯލެއް ޖަހައި ލީޑްސް ޔުނައިޓެޑުން 1-1 އިން ލިވަޕޫލާ އެއްވަރުކޮށްފި އެވެ.
މި މެޗުގެ ކުރިން ލީޑްސް އިން ވޯމްއަޕަށް ނުކުތްއިރު، ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅު މެސެޖެއް ޖަހާފައިވާ ޓީޝާޓެއް ބޭނުންކުރި އެވެ. އަދި މެޗުގެ ކުރިން ސުޕަ ލީގާ ދެކޮޅުކަން ހާމަކޮށް ދަނޑުގެ މަތިން ހެލިކޮޕްޓަރެއްގައި ބެނާއެއް ވެސް ވަނީ ދައްކާލައިފަ އެވެ. ލިވަޕޫލަކީ ރޭ އިއުލާނުކުރި ޔޫރަޕިއަން ސުޕަ ލީގުގެ 12 ފައުންޑަ މެމްބަރުންގެ ތެރެއިން ކްލަބް އެކެވެ.
ލިވަޕޫލަށް މި މެޗުން މޮޅުވެގެން ލީގުގެ ހަތަރަކަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު މެޗު އެއްވަރުވެ، އެ ޓީމު ފަރުޖައްސާލަން ޖެހުނީ ލީގު ޓޭބަލްގައި ހަަމަ އޮތް ހިސާބުގަ އެވެ. ހަ ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އަށް 31 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ބްރައިޓަން ބަލިކޮށްގެން ހަތަރަކަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. މި ވަގުތު ހަތަރެއްގައި އޮތީ 32 މެޗުން 55 ޕޮއިންޓާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އެވެ.
މުހައްމަދު ސަލާހު ބެންޗުގައި ބަހައްޓައިގެން ލިވަޕޫލުން މިރޭގެ މެޗު ފެށިއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުންހިފުނީ އެންމެ ފުރުސަތެއްގެ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި މި ގޯލު ޖެހީ އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުން ސަޑިއޯ މާނޭ އެވެ. ރޮބާޓޯ ފިރްމީނޯ އާއި ޑިއޯގޯ ޖޮޓާ އަތުން ރަނގަޅު ބޯޅަތަކެއް ގެއްލުނެވެ. ފުރަތަމަ ހާފުގައި ލީޑްސް އަށް ގޯލު ޖަހައިދޭން ޕެޓްރިކް ބެމްފޯޑަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިން ސުޕަ ލީގާ ދެކޮޅު މެސެޖު ޖެހި ޓީޝާޓް ލައިގެން ވޯމްއަޕް ކުރަނީ.
ދެ ވަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅުނީ ލީޑްސް އިންނެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން ޖެކް ހެރިސަން އާއި ޓައިލާ ރޮބަޓްސް ފޮނުވާލި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ބެމްފޯޑް ފޮނުވާލި ޝޮޓެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ނަތީޖާ ހަަމަހަމަކުރަން ލީޑްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން މި ގޯލު ޖެހީ މާކޯސް ލޮރެންޓޭ އެވެ. އިތުރު ވަގުތުގައި ލިވަޕޫލް މޮޅުކޮށްދޭން އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ކުރިން ސަލާހަށް ވެސް ފުރުސަތެއް ލިބި ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މީގެ ދެ އަހަރު ކުރިން ބުނި ގޮތަށް އަދިވެސް އޭނާގެ ވިސްނުން ހުރީ ސުޕަ ލީގާ ދެކޮޅަށް ކަމަށެވެ. އަދި ކްލަބްގެ ވެރިން ނިންމާ އެ ފަދަ ނިންމުންތަކުގެ ވާހަކަ ކުޅުންތެރިންނާއި ކޯޗުންނާ ސުވާލުކޮށްގެން އޮޅުންފިލުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެކަހަލަ ކަންކަމަކީ ކޯޗުންނާއި ކުޅުންތެރިންގެ ކޮންޓްރޯލުން ބޭރުގައި ހުންނަ ކަންތައްތައް ކަމަށް ކްލޮޕް ބުންޏެވެ.
"އަހަރެން ވަރަށް ކަންބޮޑުވޭ މީގެ ސަބަބުން ކުޅުންތެރިންނަށް މި އަމާޒުވާ ކަންތައްތަކާ ހެދި. މި މެޗުގެ ކުރިން އަހަރެމެންގެ ޑްރެސިން ރޫމުގައި ސުޕަ ލީގާ އިދިކޮޅު މެސެޖާ އެކު ޓީޝާޓްތަކެއް ބެހެއްޓުން ވެސް އެއީ ރަނގަޅު ކަމެއް ނޫން. ފުޓްބޯޅަ ސަޕޯޓަރުން ގޮތަށް އަހަރެމެން ވެސް މި ތިބީ މިކަމުގެ ހަގީގަތެއް އެނގެން ބޭނުންވެފައި. މިއީ އަހަރެމެންނާ މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ނޫން،" ކްލޮޕް ބުންޏެވެ.
ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ ދެ ވަނަ ހާފްގައި އޭނާގެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު މި މެޗުން މޮޅުވެސް ވެވޭނެ ކަމަށާާއި އެކަމަކު މެޗުގެ ދެ ހާފްގެ ކުޅުން ދިޔަ ގޮތަށް ބަލާއިރު، މި ނަތީޖާ އިންސާފުވެރި ކަމަށެވެ.
ބިއެލްސާ ވަނީ ސުޕަ ލީގަކީ ފުޓްބޯޅަ އަށް ރަނގަޅު މުބާރާތެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ބުނެފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ލީޑްސް އޮތީ 32 މެޗުން 46 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ލީގުގެ ނުވަ ވަނައިގައި އޮތް އާސެނަލަށް ވެސް ލިބިފައިވަނީ 32 މެޗުން 46 ޕޮއިންޓެވެ.












