ސުޕަ ލީގު ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމަށް ނުކުޅެވޭނެ: ޔުއެފާގެ ރައީސް

Apr 19, 2021, 3:10 PM
ޔުއެފާގެ ރައީސް ކެފެރިން.

ޔުއެފާގެ ރައީސް ކެފެރިން.

ޒިއުރިކް (އޭޕްރީލް 19) - ޔޫރަޕްގެ ވަރުގަދަ 12 ކްލަބެއް ހިމެނޭ ގޮތަށް އިއުލާންކޮށްފައިވާ ޔޫރަޕިއަން ސުޕަ ލީގު ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.

ރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ފައުންޑާ މެމްބަރުންގެ ގޮތުގައި ބައިވެރިވެފައިވާ ކްލަބްތަކަކީ ދުނިޔޭގެ ފުޓްބޯޅައިގައި ފޭންބޭސް ބޮޑު މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ. އިތުރު ތިން ކްލަބެއް ފައުންޑާ މެމްބަރުންގެ ގޮތުގައި ބައިވެރިވާއިރު، ލަސްވެގެން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސްތެރޭ މި ލީގު ފަށާއިރު، 20 ޓީމު ލީގުގައި ހިމެނޭނެ ކަމަށް ސުޕަ ލީގުން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާ އިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. ސުޕަ ލީގަށް ވެސް ރަސްމީ ހައިސިއްޔަތު ލިބޭތޯ އެ ލީގުން ޔުއެފާ އާއި ފީފާއާ މަޝްވަރާކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ޔުއެފާ އާއި ފީފާ އިން ވަނީ އެ ފަދަ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ސުޕަ ލީގަކީ ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް ކުރެވުނު އިހުތިރާމް ކުޑަ އަމަލެއް ކަަަމަށާއި ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާ އެއްވެސް ބަޔަކު އެ އަށް އެއްބަސްނުވާނެ ކަމަށެވެ.

"މިއީ ފުޓްބޯޅަ އަށް ލޯބިކުރާ މީހުންގެ މޫނަށް ކުޅު ޖެހުން ފަދަ އަމަލެއް. މީގެ އަށް ތާއީދުކުރާނެ ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާނެ މީހެއް ހުންނާނެ ކަމަށް ނުދެކެން،" ކެފެރިން ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު ފީފާ އިން ވަނީ ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ. އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުން ވަނީ ތާއީދުކޮށްފަ އެވެ. މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ކުޅެން ޝެޑިއުލްކޮށްފައި އެބަހުއްޓެވެ.

މިހާރު އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ ސުޕަ ލީގުގައި ބައިވެރިވެފައިވާ ޓީމުތަކަށް ގައުމީ ޓީމުގެ މެޗުތަކުން ފުރުސަތު ނުލިބޭ ގޮތް ޔުއެފާ އިން ހަދަން ނިންމާނެ އިރަކާ މެދު އެވެ.

"ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިން ވޯލްޑް ކަޕާއި ޔޫރޯގައި ނުކުޅެވޭނެ. މި ގޮތަށް ވެސް އަހަރެމެން އެބަޖެހޭ ސުޕަ ލީގު ކާމިޔާބުވިޔަ ނުދޭން ކުރެވެން ހުރި ކަމެއް ކުރަން. މީގެ ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިދަނީ މަސައްކަތްކުރަމުން،" ކެފެރިން ވިދާޅުވި އެވެ.

ކެފެރިން (ވ) އާއި އަގްނެލީ: އީސީއޭ އާއި ޔުއެފާގެ ބައްދަލުވުމެއްގެ ތެރެއިން.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ދެން އިސްކޮށް ތިބީ ވަރުގަދަ ކްލަބްތަކުގެ ވެރިންނެވެ. އެއީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ، އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ކެފެރިން ވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ރައީސަކަށް ހުރި އަގްނޭލީ އެ މަގާމުގައި ހުރެ ސުޕަ ލީގު އުފައްދަން މަސައްކަތްކޮށްފައިވާކަން އެނގުމުން އެކަމާ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"އަހަރެމެންނަކަށް ނޭނގެ އަހަރެމެންނާ އެހާ ގާތުގައި ހަރުފަ އުޅުނު ކަމެއް. އެކަމަކު މިހާރު އެކަން ވެސް އެބަ އެނގޭ،" އަގްނެލީ އަށް އިޝާރާތްކޮށް ކެފެރިން ވިދާޅުވި އެވެ.

"އަހަރެން ޒާތީ ވާކަށެއް ނެތިން. އަހަންނެއް ނުދެކެން އެކުގައި އުޅެމުން އެހާ ބޮޑަށް ކަންކަން އޮޅުވާލައި ދޮގު ހެދި އެހެން މީހެއް. އޭނަ އަކީ މިކަމުގައި އަހަރެން އެންމެ ބޮޑު އޮޅުވާލުމުގެ ތެރޭގައި ބެހެއްޓި މީހާ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނަ ހުރީ އަހަރެމެންނާ އެކުގައި ކަމަށް ހީކުރީ. އެކަމު ވީ އެހެނެއް ނޫން،"

ޔުއެފާގެ އިސް މަގާމަކުން ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑް ވެސް ވަނީ ވަކިވެފަ އެވެ. ކެފެރިން ވަނީ ވުޑްވާޑްގެ އެ ކުއްލި ނިންމުމުގެ ފަހަތުގައި ވެސް އޮތީ ސުޕަ ލީގުކަން އެނގޭ ކަމަށެވެ. އަދި ކުރިން ވުޑްވާޑް އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ފައިނޭންޝިއަލް ފެއާޕްލޭގެ ވާހަކަތައް ކަމަށްވާއިރު، އޭނާ އަށް ފެއާޕްލޭގެ މުހިއްމުކަން ނުވިސްނުނު ކަމަށް ކެފެރިން ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ވާހަކަ ދެކެވިފައި އޮތީ ސުޕަ ލީގުގައި ޓީމުތަކުން ބައިވެރިވާނީ އެ ގައުމެއްގެ ލީގުން ވަކިވެފައި ކަމަށެވެ. އެކަމަކު ސުޕަ ލީގުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ލީގުގެ ކްލަބްތަކުން ބޭނުންވަނީ ޑޮމެސްޓިކް ލީގުގައި ކުޅެފައި ޗެމްޕިއަންސް ލީގުގެ ބަދަލުގައި ސުޕަ ލީގުގައި ކުޅުމަށް ކަމަށެވެ. އެ ގޮތަށް ބަލާއިރު ސުޕަ ލީގު އޮންނާނީ ހަފްތާގެ މެދުތެރޭގަ އެވެ.

ސުޕަ ލީގު ރޭ އިއުލާނުކޮށްފައިވާއިރު ޔުއެފާ އިން މި ވަނީ މިއަދު ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ފާސްކޮށްފަ އެވެ. އާ ފޯމެޓަކަށް 2024 ވަނަ އަހަރު ފަށާ ޗެމްޕިއަންސް ލީގުގައި 36 ޓީމު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ބަދަލުގައި އޮންނާނީ ސްވިސް ސިސްޓަމްގެ ބުރެކެވެ. ކޮންމެ ޓީމަކަށް އާ ފޯމެޓްގެ ދަށުން ޗެމްޕިއަންސް ލީގުގައި މަދުވެގެން 10 މެޗު ކުޅެން ލިބޭނެ އެވެ.

ސުޕަ ލީގާ ގުޅުން ހުރި މުހިއްމު ކަންކަން ޔުއެފާ އިން މިރޭ ބާއްވާ ބައްދަލުވުމުގައި ނިންމާނެ އެވެ. އޭގެ ތެރޭގައި ސުޕަ ލީގުގެ ބައިވެރިވާ ޓީމުތައް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތް ހަދަން ނިންމާ ނިންމުމާ ގުޅޭގޮތުން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ޔުއެފާގެ ބައްދަލުވުމަށް ފަހު މާދަމާ ޕްރިމިއާ ލީގާއި ލަލީގާ އަދި އިޓާލިއަން ލީގުން ވެސް ސުޕަ ލީގުގެ ކްލަބްތަކާ ގުޅޭ ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox