ހދ. ކުޅުދުއްފުށި ސިޓީ އަށް އުފަން އުމުރުން 28 އަހަރުގެ އުއްމުހާނީ ހުސައިން އެއްވަރަކަށް ކުރާހިތްވާ ދެކަމެއް އޮވެ އެވެ; އެއީ ކުޑަކުދިންނަށް ކިޔަވައިދިނުމާއި ކުރެހުމެވެ. އެކަމަކު ރަށުގައި އާއިލާއާއި އެކު ދިރިއުޅޭ އުންމުހާނީ، ސްކޫލް ނިމުނު ގޮތަށް ދޫކޮށްލީ ކުރެހުމެވެ. ކިތަންމެ ހިޔާލު މޮޅުވެފައި ކުރަހާ ހިތް ވިޔަސް، އެކަމކުން އިރެއްގެ ކެއުން ވެސް ނުލިބޭނެއޭ ހިތައި، ދިޔަ ގޮތަށް ގޮސް ހުޅުވީ ތުއްތު ކުދިންނަށް ކިޔަވައިދޭ ކުޑަ ޓިއުޝަން ކްލާހެކެވެ. ދިހަ އަހަރު ވަންދެން ގަދައަށް ޓިއުޝަން ކްލާން ހިންގުމަށްފަހު އެތަނުގައި ބަންދު ބޯޑު އަޅުވާލައި ނިކުންނަން ޖެހުނީ ކައިވެންޏެއް ކޮށް، ކުދިން ލިބެން ފެށި ހިސާބުންނެވެ.
"އެންމެ ކުރާ ހިތްވަނީ މި ދެ ކަންތައް އެކަނި. އާޓް ތުރޫކޮށް ވެސް އެޑިއުކޭޝަނަލް އެއްޗެހި ގިނައިން ހެދެނީ އެހެންވެގެން،" ދެ ކުދިންނާއި ފިރިމީހާ އާއި އެކު އުފަން ރަށުގައި ދިރިއުޅެމުން އުންމުހާނީ މިހާރު އާމްދަނީ ހޯދަނީ އޭނާގެ ކުރެހުމުންނެވެ. މިހާރު އޭނާ އަކީ އަނެއްކާވެސް ކުރަހަމުން، އެ ރޮނގުން ކުރިއަށްދާން މަގުކޮށަމުން އަންނަ ޒުވާން މަންމަ އެކެވެ.


އުއްމުހާނީ ގޭގައި އާޓް މަސައްކަތްތަކެއް ކުރަނީ: އޭނާ އަކީ ތަފާތު ގޮތްގޮތަށް ކުރެހުމުގެ ހުނަރު ދައްކާ އާޓިސްޓެއް

އުއްމުގެ އާޓު ފޮށީގައި މިހާރު ނެތް އެއްޗެއް ނެތެވެ. އެންމެ ހާއްސައީ އެކި އުމުރުފުރާތަކުގެ ކުދިންނަށް ހާއްސަކޮށްގެން އޭނާ ހަދާ ފޮޓޯ ސްޓޯރީ ކާޑު ތަކެވެ. އެ ކާޑުތައް ހުންނަނީ، އިލަސްޓްރޭޝަން ތަކެއް ގޮތަށް ފެންކުލައިން ކުރަހާފައި ލެމިނޭޓްކޮށްފަ އެވެ.

"ވަރަށް ގިނަ މަންމައިންނަށް ކަމުދޭ މި ކާޑުތައް. މީގައި މި ހުންނަނީ ތަސްވީރު ބަލައިގެން އެކުއްޖަކު ބޭނުންވާ ބަހަކުން ވާހަކަ އެއް ނުވަތަ ސިނާރިއޯ އެއް ކްރިއޭޓްކުރެވޭނެ ގޮތަށް ކުރަހާފައި. ސީރީޒެއް ގޮތަށް ހުންނާތީ، ކާޑު ސެޓް ބޭނުންކޮށްގެން އެކުއްޖެއްގެ އަމިއްލަ ވާޝަންގެ ވާހަކައެއް ވެސް ހެދިދާނެ،" އުއްމުހާނީ ބުންޏެވެ.

އުއްމުހާނީ ކުރަހާފައިވާ ކުރެހުމެއް
ޕިކްޗާ ކާޑުތަކުގެ އިތުރުން، އޭނާ ތައްޔާރުކުރާ އާޓް މަސައްކަތްތަކުގެ ތެރޭގައި ކުޑަކުދިންގެ އަކުރު ކާޑާއި ސޮފްޓް ޓޯއީސް އާއި ވަކަރުން ހަދާފައި ހުންނަ ޕިކްޗާ ޕަޒްލް އާއި ޕާޓީ ޓޮޕާސް ކަހަލަ ތަފާތު ރީތި ކްރާފްޓް މަސައްކަތްތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން، ރަށުން ލިބެން ހުންނަ ރީތި ބޮއްޔާއި ގާކޮޅުތަކާއި ތަފާތު އެއްޗެހި ހޮވައިގެން އެ އެއްޗެހީގައި ކްރިއޭޓިވް ގޮތްގޮތަށް ޕެއިންޓް ކޮށްލާނެ ގޮތާއި ކުދިން ލައްވައި ހެދިދާނެ އެކި ކަހަލަ ކްރާފްޓް އައިޑިއާ ތައް ވެސް އޭނާގެ އިންސްޓަގްރާމުގައި ޝެއާކުރެ އެވެ.

އޭނާގެ އާޓް ވޯކްސްތަކުގައި ގިނައިން ބޭނުންކޮށްފައި ހުންނަނީ ފެންކުލަ އެވެ. ކެންވަސް ގައި ކުރަހާނަމަ އޮއިލް ޕެއިންޓާއި އެކްރިލިކް ބޭނުންކޮށްފައި ހުރެ އެވެ.

އުއްމުހާނީ ފެންކުލައިން ކުރަހާފައިވާ ކުރެހުމެއް
އުއްމުހާނީ ބުނީ، އާޓަށް ޝައުގު ހުންނަ ނަމަ ރަށުގައި ހުރެގެން ވެސް ހުނަރު ކުރިއެރުވޭނެ ފުރުސަތު އެބައޮތް ކަމަށެވެ. އިންސްޓަގްރާމް އާއި ތަފާތު ސޯޝަލް މީޑިއާ ތުރޫކޮށް ބޮޑު އޯޑިއަންސެއް ހޯދިދާނެ ކަމަށެވެ.
"އެހެންވީމަ، ކްރިއޭޓިވް ކަމެއް ކުރާ ހިތްވާ ނަމަ އަސްލު ހުހަށް ނުހުރެ އެކަމެއް ކުރަންވީ. އަޅުގަނޑު ވެސް ވަރަށް ބޭނުންވޭ މިއަށް ވުރެ ވެސް ބޮޑަށް ދަސްކުރަން. ރަނގަޅު އާމްދަނީ އެއް ލިބޭ މަސައްކަތަކަށް މިކަން ހަދަން. އެކަން ކުރެވޭނެ މަގު ފެންނަން އެބަ އޮތް. ކުރެވޭނެ ކަމަށް ގަބޫލުކުރަން،" އުންމުހާނީ ބުންޏެވެ.







