ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި މައްސަލާގައި ރޭގެ ވަގުތެއްގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ. އެކަމަކު ތަހުގީގު ނިމުމުން އެ އެންމެން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

ޕޭމަންޓު ގަލަކުން ޖަހައި އެމްޑީޕީ އޮފީހުގެ ބޭރު ބިއްލޫރިގަނޑު ތަޅާލީ, ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުން އިދިކޮޅާއި އެމްޑީޕީ ސަޕޯޓަރުންނާ ދެމެދު އަންގާރަ ދުވަހު ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.












