ޒިއުރިކް (އޭޕްރީލް 18) - ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީގައި އޮވެގެން އުފައްދާ ޔޫރަޕިއަން ސުޕަ ލީގު ވަރަށް އަވަހަށް އިއުލާނުކުރަން ހަމަޖެހިފައިވާކަން މީޑިއާ އަށް އާންމުވުމާ އެކު، އެކަމާ ދެކޮޅަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން މިރޭ ވަރުގަދަ އިންޒާރެއް ދީފި އެވެ.
ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތަކުގެ ބައިވެރިވުން ބޮޑުކޮށް އާ ލީގެއް އުފައްދަން މަޝްވަރާކުރާކަމުގެ އަޑުތަކެއް ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ދުވަސްތަކުގައި ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބަކުން ވަނީ ސުޕަ ލީގުގައި ބައިވެރިވާން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑްގެ ހަ ކްލަބް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެ 12 ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.
ސުޕަ ލީގުގެ ހަބަރާ އެކު ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ އެސޯސިއޭޝަންތަކާއި ޔުއެފާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ޔުއެފާ އިން ބުނީ ވަކި ބައެއްގެ މަސްލަހަތަށްޓަކައި ފުޓްބޯޅައިން ކަންތައްތަކެއް ކުރިޔަނުދޭން އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށާއި މިކަމުގައި ފުޓްބޯޅަ ސަޕޯޓަރުންގެ އިތުރުން ސިޔާސީ ފަރާތްތަކުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.
ޔުއެފާ އިން ވަނީ ޖަރުމަނާއި ފްރާންސްގެ ކްލަބްތަކުން ސުޕަ ލީގުގައި ބައިވެރިނުވާން ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ފީފާ އާއި ޔުއެފާ އިން މީގެ ކުރިން ވަނީ ސުޕަ ލީގާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
"ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ،" މިދިޔަ ޖެނުއަރީ މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދުނިޔޭގެ ހަ ބައްރުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސުންގެ ސޮޔާ އެކު އާންމުކުރި ބަޔާނުގައިވެ އެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ވެސް ގިނަ ޓީމުތަކަށް އެކަށީގެންވާ ވަރުގަދަ މެޗުތަކެއް ނުލިބި ހަމައެކަނި ބޮޑު ވާދައެއްކުރަން އޮންނަ މުބާރާތަކަށް ވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގެވެ. މި ދެ މުބާރާތުން ލިބޭ އާމްދަނީ ކްލަބްތަކުން ކުރާ ހަރަދާ ނުބައްދަލެވެ. އެއީ ބޮޑެތި ޓީމުތަކުން އަމިއްލަ ގައުމުގެ ލީގު ދޫކޮށް ސުޕަ ލީގެއް އުފައްދަން ބޭނުންވި އެއް ސަބަބެވެ. ސުޕަ ލީގުގެ އަޑީގައި ތިބީ އެމެރިކާގެ ބިލިއަނަރުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކިުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ، ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ.
ސުޕަ ލީގު ފަށާނެ ސީދާ ތާރީހެއް އަދި ރަސްމީކޮށް ފައިނަލެއް ނުކުރެ އެވެ. ޖަރުމަނު ނޫހަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ސުޕަ ލީގުގެ މަސައްކަތްތައް ވަރުގަދަކޮށް ލަސްވެގެން ދެ އަހަރު ތެރޭ ލީގު ފަށާގޮތަށް ކުރިން އޮތީ މަޝްވަރާކޮށްފަ އެވެ. މި ވަގުތު 12 ކްލަބް ސުޕަ ލީގުގައި 12 ކްލަބް އޮތް ނަމަވެސް ލީގު ފަށަން ނިންމާފައިވަނީ 18 ޓީމާ އެކު ކަމަށް ރިޕޯޓްތައް ބުނެ އެވެ.












