ޗާކީގޭ ފެންޑާމަތީގައި އާދަވެގެން އެގެޔަށް ދުރުވެ އުޅުއްވާ އެންމެންހައި ބޭކަލުން ތިއްބެވި އެވެ. މުޅި ގޯތިތެރެ ވެސް ވަނީ ބިގަރު ދިއްލާ އަލިކޮށްފަ އެވެ. މިރެޔަކީ އެގޭގެ ޗާލާކީކަން މާ އިތުރުވެފައި ފުރިހަމަކަން ބޮޑު ވެގެންވާ ރެޔެކޭވެސް ހީވާ ކަހަލަ އެވެ. އާއެކޭ ވާނީވެސް އެހެންތާ އެވެ. މުޅި ގުންޒަރު އެތާ ހަމަވެފައި އޮތެވެ. ރޭގަނޑުގެ ހިމޭންކަން ފޫ އަޅުވާލައިފައިވަނީ ފޯރިޔާއެކު އެތަނުގައި ތިއްބެވި ބޭކަލުން އެކަކު އަނެކަކާ ވާހަކަ ދައްކަވާ އަޑެވެ. ހަމައެޔާއެކު ދޭތެރެ ދޭތެރެއިން ގުޑުގުޑާ ދަމާލާ އަޑާއި ތުންފަތުގައި ކިރިޔާޖެހޭ ނުޖެހޭ ހިސާބުން ހޫނު އެއްޗެއް ދަމާލާ އަޑުވެސް އިވިއިވި ހުރެ އެވެ. އެއީ އެތަނަށް ދުރުވެ އުޅުއްވާ ބޭކަލުންނަށްޓަކައި ނެރެފައި ހުންނަ ގަހުވަ ފޯންޗަކުން، ގަހުވަ އަޅައިގެން ބޯއަޑޭވެސް ހީވެ އެވެ. އެއަޑަކީ ހިސާބަކަށް ވައިބުރޭޝަން ގަދަ އަޑެއްވެސްމެ އެވެ.
މި ޖޯޝީ މެހެފިލުގައި އެކި ބޭކަލުން އެކި ވާހަކައިގައި ތިއްބެވި އެވެ. ދޭތެރެ ދޭތެރެއިން ބޮމަސްދޫ އިސްމާލުފުޅު ފުންމަފުންމައިގެން ތެދުވަންނަވާ އުދުހޭ މުހައްމައިދީގެ ދަތްދޮޅި ދަށަށް އަތްއުއްކަވާ ފަހަރު ވެސް އާދެއެވެ. އެއީ އޭނާ ފޯރިއެރީމާ އުޅުއްވުން ހުންނަގޮތެވެ. އޭނާ ވަކާލާތު ކުރައްވާ ގޮތުގައި އެހެންމީހުންގެ އަތުގައި ހުންނަ މަހަށްވުރެ އޭނާގެ އަތުގެ މަސް ބާރުގަދަވެ ހަރުވެފައި އެހުންނަ ސިއްރަކީ ވެސް ވާހަކަ ދެއްކެވުމުގައި އެކެއްގެ ދަތްދޮޅިން އަނެކެއްގެ ބޯމަތިން އަތްއުކާއުކުމެވެ. ގުންޒަރުމަތީ ތިއްބެވި އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެތަނަށް ބާކީ ހުސައިންފުޅުގެ ދެމަފިރިން ނިކުންނާނެ ވަގުތަކަށެވެ. ޖަލްސާ ފެށޭނީ އެދެމަފިރިން ނިކުންނެވީމަ އެވެ. އެއީ ގުންޒަރުގެ ރިޔާސަތެވެ. މިހެން ތިއްބަވަނިކޮށް އިސާހިތަކު އެތެރެގޭ ދޮރުފޮތި ގަނޑު ކަހާލެއްވުމަށްފަހު ހުސައިންފުޅުގެ ދެމަފިރިން ވެސް ނިކުންނަވައިފި އެވެ. ދަލޭކާމަނިކެ ކިހިލީގައި މާކަނާނޮޅި ގުޑުގުޑާ ވެސް އޮތެވެ. މި ދެމަފިރިންނަށް އުނދޯލީގައި އަދި ރަނގަޅަށް ފޫޖައްސާނުލެވިގެން އުޅެނިކޮށް އެއްކަލަ އިސްމާލުފުޅު ފުންމައިގެން ތެދުވެފައި ބުންޏެވެ
އިސްމާލުފުޅު: އާނ މިފެށުނީ ޖަލްސާ. ހުސައިންފުޅުމެން ނުނިކުމެގެން މިހިރަ މަޑިސީލަ ގަނޑުން ދުފާދުފާ، މަގޭ ކަތުރު ކަށިގަނޑުވެސް ވާޅުވެއްޖެ. މިރޭގެ އެޖެންޑާ ކަލޭމެން ވާނީ މަށަށް ދޫކޮށްލަން. މިހާރު ލައްކަ ދުވަސްވެއްޖެތާ މިހިރަ ހުސައިންފުޅު އޭނާގެ ފިކުރެއް އަހަރުމެންނާ ހިއްސާނުކޮށްލާތާ. ތިޔަހަރަ ފުޅާ ސިކުނޑިގަނޑު ހާވާލައިގެން މިރޭވާނީ ކަލޭ ކުޅަ ކޮންމެވެސް ފިކުރެއް އަހަރުމެންނާ ހިއްސާކުރަން ކަލޭމެން ދެމަފިރިންކުރެ ކޮންމެވެސް އެކަކު މިރޭ މިތާ އަނގަތަޅާނީ. އަހަރުމެން ތިބޭނަން އަޑުއަހަން. އާނ އެހެންޏަ ދުފާދުފާ މިހާރު ދެންނެތް އަނގަތެޅޭހާ ހިތްވަރެއް.
އިސްމާލުފުޅު އޭނާގެ މި ބަނދިވަރު ދަމަމުން ދަނިކޮށް އެތަނަށް ފޫޅު މުހައްމަދު ވެސް ދުރުވަންނަވާ އިށީންނަވައިފިއެވެ.
އިސްމާލުފުޅު: މިޔޮށް ދުރުވީތާ މޮހޮނދުފުޅު ވެސް. ކޮބާ ކަލޭމެން މަގޭ މި ބަހާ އެއްބަސްވަމުތަ؟
މިހެން ބުނުއްވާފައި އިސްމާލުފުޅު އެ ބަނދިވަރު ހުއްޓާލާފައި އިށީންނެވި އެވެ. އަދި ހުނި ދަޅަށް ޝަހާދަތް އިނގިލި ގަންބާލާ އޭގެން ނެގި ހުނިކޮޅު ދުލު ކުރީގައި ކާއްތާލާ ވަރަށް ހަމަޖެހިލައިގެން އިންނެވި އެވެ. އޭނާ ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވީ އައްޑޫ ދޮންމަނިކުފާނެވެ.
ދޮންމަނިކުފާނު: މަވެސް އިސްމާލުފުޅު އެބުނި ވާހަކަޔަށް ތާއީދު ކުރަން. މިފަހަކުން ހުސައިންފުޅު ކުޅަ އައު ފިކުރެއް ނުވަތަ ތިޔަހަރަ ފުޅާ ސިކުނޑިގަނޑުން ކުޅަ އައު ހިޔާލެއްހާ މިންވަރު ވެސް ހިއްސާކޮށްލާފައި ނެތް. މިހާރު ދެން މާ ދުވަސްވެއްޖެ. އަހުރެމެންނަށްވެސް އިތުރު ބަހުސެއްކޮށްލެވޭނީ ކޮންމެވެސް ޒާތެއްގެ ވާހަކަގަނޑެއް ގުންޒަރު މައްޗަށް ދޫކޮށްލީމަތާ.
މިވާހަކަޔަށް ދެންތިއްބެވި ބޭކަލުންވެސް ތާއީދު ކުރެއްވި އެވެ. ކޮންމެ ބޭކަލަކުވެސް ބުނުއްވީ ހަމަ މިކަހަލަ ވާހަކަތަކެކެވެ. މި އަޑު އައްސަވަން ހުސައިންފުޅު އިންނެވިއިރު އޭނާގެ ތުންފަތް ވެސް ވަނީ ދެފަރާތަށް ވާންވެލާފައެވެ. ހުރިހާ އެންމެންމެ އޭނާޔަށް ވާހަކައިގެ ކޮޅު އެއްލާތީ ހިނި އައީ ތޯއްޗެކެވެ.
ހުސައިންފުޅު: ކަލޭމެން އެންމެން އަހުރެނަށް ނުހައްގު އެތައް ތަޢުރީފެއްކޮށްފީމު އެވެ. ހައްގަށް ވިޔަސް ނުހައްގަށް ވިޔަސް މީހަކާމެދަށް ހެޔޮ އެދޭނަމަ ތިހާ ހުޝާމަދުކުރުން ގިނަކުރާކަށް ނުވާނޫ އެވެ. އަހުރެނީ މާބޮޑު ފިކުރުތަކެއްކޮށްއުޅޭ ފުޅާ ސިކުނޑިއެއްގެ ވެރިޔަކީމެއް ނޫނެވެ. އަހަންނަކީ ބުއްދިވެރީން ކޮއްޓެވި މަގުން ހިނގޭތޯ އުޅޭ ކޮހަކީމެވެ. ބުއްދިގަނޑުގެ ކޮށިކަމަށްޓަކައި މިބުނި މަގުގައި ސާބިތު ނުވެވި ހުރި ސޭކަކީމުވެސް މެ އެވެ. ނަފުސުގެ ހަމަނުޖެހުން ގިނަ ރޫހީ އުފަލެއް ލިބިފައިނުވާ އަޅަކީމެވެ. މި ހުރިހާ އުނިކަމާ ނަފުސުގެ ޟަޢީފުކަމާއެކު ވެސް ހިތްވަރު މި ކުރަނީ އިސްވެދިޔަ އެދުރުބޭކަލުންނާ ބުއްދިވެރީން ދެއްކެވި ހިކުމަތުގެ މަގެއްގައި ހުރެވޭތޯ އެވެ.
ހުސައިންފުޅުގެ ވާހަކަ މިހިސާބުން މެދުކަނޑާލެއްވުމަށްފަހު އެއްކަލަ އިސްމާލުފުޅު ވާހަކަ ފެއްޓެވި އެވެ.
އިސްމާލުފުޅު: އޭނ ހުސައިންފުޅާ ބުނަން މަށަށް ފެންނަގޮތުން މުގައްދިމާގަނޑު މާ ދިގުވެއްޖެ. ކަލޭ އަހަރުމެން ގާތުގައި ތިމާއީ ސަނާޔާ ހުޝާމަދު ބޭނުންނޫން މީހެއްކަން ޔަގީންކޮށްދޭކަށް ނުޖެހޭނެ. ސިކުނޑިން ކުޅަ ހިޔާލެއްގެ ވާހަކަ ހިއްސާކޮށްލާށޭ ބުނީމާ ތިހާ ދިގު ސެހެރީއެއް ނުދެމިޔަސް އެންމެ ރަނގަޅުވާނެ. އާނ އެހެންޏަ މިތަނަށް އައިސް މިތިބެނީ އެކަކު އަނެކަކާ ހިފާ ބަނޑު މުސާރަޔަށް ބައްދާ އެންމެ މާތް މީހަކީ ކާކުތޯ ބަލާކަށް ނޫނިއްޔަ. އަދި އެކަކު އަނެކަކަށް ބޭކާރު ހުޝާމަދުގެ ބަސްތަކެއް އެއްލައިގެން ދުނިޔަވީ ފައިދާގަނޑެއްވެސް ހޯދާކަށް ނޫނިއްޔަ. ހޫނ ހޫނ ވަރަށް މާފު އިނގޭ. ކުރިޔަށް
ހުސައިންފުޅު: އިންސާނީ ތާރީހުދުށް ހުރިހާ ޒަމާނެއްގައި މެ ބުއްދިވެރީން އެބައިމީހުންގެ އެތައް ވަގުތެއް ހަޔާތޭ މިކިޔޭ އެއްޗެއްގެ މައުނަޔާ އެ ރޭވި އިންތިޒާމުވެގެން އަންނަ ގޮތްތަކުގެ މައްޗަށް ވިސްނާން ފިކުރު ހިންގުމުގައި ހޭދަކޮށް އުޅެތެވެ. ބުއްދިވެރީންނޭ މިކިޔާ ފައިލަސޫފުން މިގޮތަށް އެބައިމީހުންގެ ހަޔާތުގެ އެތައް ވަގުތެއް ވިސްނާ ފިކުރުކުޅައުމުގައި ހޭދަކުރުމަށް ފަހު ބުނެދެއްވާ ވާހަކަޔަކީ ދެންތިބީންގެ މެދުގައި އިބްރަތްތެރި އެއްޗެއްކަމުގައި ވެދެ އެވެ. އާއެކެވެ. އިމާމު ޝަރިކަތީ އޭނާ ލިޔުއްވި ފޮތްގަނޑުގައި ބަޔާންކުރައްވާފައިވެ އެވެ.
"ދުނިޔެއަކީ އިބްރަތެއް ލިބިގަންނާން އުޅުނު އަޅަކަށް އެހާމެ ދަރެސް ލިބެނިވި މުނި އަވަސް ފިލުވާން އުޅެފި ކަތަކަށް އެހާމެ މުނިއަވަސް ފިލަނިވި ތަނެކެވެ"
އިމާމު ޝަރިކަތީ އޭނާގެ ފޮތްގަނޑުގައި ބަޔާންކުރައްވާފައިވާ ފަދައިން ދުނިޔެއީ ދަރެހާ އިބްރަތް ލިބިގަތުމާ މުނިއަވަސް ފިލުވުމުގެ މައްޗަށް ހަމަޔަށް ދެބައިވެ އޮތް ތަނެކެވެ. ދުނިޔެ ދުނިޔެއަކަށް ވުމުގައި މި ދެބައި އަދާކުރާ ދައުރުވެސް ބޮޑެވެ. މިއީ އިހަށްރޭ އަހުރެން ވިސްނި ވިސްނުމެކެވެ. ކަލޭމެން މަކުޅަ އައު ހިޔާލެއް ނެތްތޯ އަހާލީތީ މިވާހަކަ ހިއްސާކޮށްލާނަމެވެ.
މުނިއަވަސް ފިލުވުމާ ދަރެހާ އިބްރަތް ލިބިގަތުމަކީ ވެސް ދުނިޔެ ދެއްކި ތަފާތެކެވެ. ދެން މުޅި ދުނިޔެއަށް ވިސްނަމާ ހިނގާށެވެ. ދުނިޔެވެސް އަހަރުމެންނަށް ހާދަހާ ވާހަކައެއް ބުނެދެ އެވެ. އަހުރެންނަށް ފެނުނު ގޮތުގައި "ތަފާތު" މިއީ ދުނިޔެ ބުނެދިން އެންމެ ބޮޑު އެއް ހަގީގަތެވެ. ދުނިޔޭގެ ހަޔާތަކީ އަހަރުމެން އިންސާނުނަށް ލައްވާފައިވާ ބޮޑު ނިއުމަތެއް ވެސް މެ އެވެ. އަހަރުމެންގެ ހަޔާތް ޝައުޤުވެރި އެއްޗެއްކަމުގައި ހަދައިދެނީ މިތަނުގައިވާ ތަފާތުތަކެވެ. ކޮންމެ ދުވަހަކު ލޮލަށް ފެންނަ ތަފާތު މީހުނާ އިވޭ ތަފާތު އަޑުތަކަކީ އިންސާނީ ހަޔާތުގެ މުނިފޫހިފިލުވުންތަކެވެ. ދުނިޔޭގެ އެކި ބައްރުބައްރުތަކާ، އެތަންތަނުގައި ދިރިއުޅޭހައި އިންސާނުނާއި، ހައިވާނުނާއި، ވާހައި ސޫފިތަކާއި، ސަރާސަރަށް ފެތުރިފައިވާ ކަނޑުތަކާއި، އޭގައި ނަގާ ރާޅުތަކާއި، އެރާޅުތައް ބީއްސާ ގޮނޑުދޮށްތަކާއި އެގޮނޑުދޮށްތަކުގެ ވެއްޔަށް ދާންދެން ދުނިޔެ އިންސާނާއަށް ދައްކައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟
ޝައްކެއް ވެސް ނެތެވެ. ދައްކައިދޭ އެކައްޗަކީ "ތަފާތު" ނޫންތޯއެވެ. މިރާއްޖެޔަށް ބަލާށެވެ. އެއްރަށް ގާމަތީ ރަށަކަށްވެފައި އަނެއްރަށަކީ ބޮޑު ފަޅެއް އޮތް ރަށެކެވެ. އެއްރަށް ކުޑަވެފައި އަނެއްރަށް ބޮޑެވެ. އެއްބަޔެއްގެ ބަހުރުވަޔާ އަނެއްބަޔެއްގެ ބަހުރުވަވެސް ތަފާތެވެ. ދުނިޔެއަށް ބެއްޔަސް ހަމަ މިފަދަ ނޫންހެއްޔެވެ. އެކި ބައްރުތަކުން އެކި ދަރިފަސްކޮޅުތަކަށް ނިސްބަތްވާ ތަފާތު ކުލަކުލައިގެ މީހުން ފެނެއެވެ. އެކި ދަރިކޮޅު އެކި ސޫރައިގަ އެވެ. ހަމައެހެންމެ އެއިން ކޮންމެ ބަޔެއްގެ ބަސްވެސް އޭގެ އަނެކުންނާ ތަފާތެވެ. މުޅި ދުނިޔެއިން ތަފާތު ބަސްބަހާ ތަފާތު ސަގާފަތްތައް ފެނެ އެވެ. މިހެން ގޮސް ކަލޭމެންގެ ލޯތައް ހުއްޓުނު ކޮންމެ ދިމާއަކުންވެސް ސިކުނޑިޔަށް ބުނެދޭނީ "ތަފާތު" މަންޒަރުތަކެކެވެ. ދުނިޔޭގެ އެކި ދިމާވަނީ އެކި ގޮތަށްކަމެވެ. ވީމާ ދުނިޔެ އިންސާނާއަށް އެ ދައްކައިދޭ އެއްޗަކީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަންނަށް ވިސްނޭ ގޮތުގައި ދުނިޔޭގެ ބިންމަތީގައި ހިނގާމިތިބަ އުޅޭ އިންސާނުނަށް އޭނާ ބުނެދެނީ މިތަން ފުރި ބަރާވެފައި މިވަނީ ތަފާތުތަކުންކަމެވެ. ދުނިޔޭގެ ހަޔާތޭ މިކިޔޭ ހަޔާތް އެކުލެވި އިންތިޒާމުވެ ހިނގަމުން އަންނަނީ ތަފާތުތަކާ އެކީގައިކަމެވެ.
ދުނިޔެ އިންސާނާއަށް ދައްކައިދޭ ތަފާތުތަކުގެ ސަބަބުން އިންސާނީ ހިތަށް ތަސައްލީ ނުލިބޭހެއްޔެވެ؟ އެ ތަފާތުތަކުގެ ސަބަބުން އިންސާނުން އުފާނުކުރޭ ހެއްޔެވެ؟ ކަނޑުތަކާ ގޮނޑުދޮށްތަކުގެ ވެރި އަހަރުމެން ފަރުބަދަތަކާ ގަނޑުފެން ބަލާހިތްވެ އެވެ. ފަރުބަދަތަކާ ގަނޑުފެނުގެ އަހުލުވެރިން އަހަރުމެންގެ ގޮނޑުދޮށްބަލާ ހޫނުކަން އިހުސާސްކުރާ ހިތްވެ އެވެ. ހައްތަހާ ވެސް ތަފާތެވެ. އެ ތަފާތުތައް ބެލުމަށްޓަކައި އަހަރުމެން ދަތުރުކޮށް އެކަންކަން ބަލާ އަޖާއިބުވެ އަންތަރީސްވެސްވަމެވެ. އަދި ތަފާތުތައް ބޭނުންކޮށްގެން އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި ސިސްޓަމެއްވެސް ގާއިމުކޮށްފި އެވެ. އެއީ ފަތުރުވެރިކަމޭ ބުނެ އެބަ އުޅެމެވެ. ކިޔަވައިވެސް ދެމެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ތަފާތު ނޫން ހެއްޔެވެ؟
އެހެން ނަމަވެސް ތަފާތުތައް ދެކެ އިންސާނާ ރުޅިވެސް އާދެ އެވެ. ތަފާތުވިމީހާ މޮޔައަކަށްވެސް ވެދެއެވެ. ދުނިޔޭގެ ތާރީހު ދެއްކި ހަގީގަތަށް ބަލާށެވެ. ތަފާތުތަކަކީ ލޭއޮހޮރުވުމާ ޒުލްމުވެރިކަން އިސްކުޅައުމަށް އޮތް ހުއްޖަތެއްކަމުގައި އިންސާނުން ހަދައި އުޅެ އެވެ. ދުނިޔޭގެ ހަޔާތުގެ ޗާލާކީކަމެއްގެ ގޮތުގައި ދުނިޔެ އިންސާނާއަށް ދައްކައިދިން ތަފާތުތަކުގެ މައްޗަށް އޭނާ ރުޅިވެރިކަން އިސްކޮށްފައިވަނީ މަދުފަހަރު ނޫނެވެ. އަދި އެއީ މިހާރުވެސް ތަހުޒީބުން އެއްކިބާވެފައިވާ ގައުމުތަކުގެ މެދުގައި ވަރަށް އާއްމުކަމެކެވެ. މާދުރު ނޫން މާޒީއަކަށް ބަލާށެވެ. ރުވާންޑާގައި ކަޅު ނަސްލުގެ ދެގަބީލާއެއްގެ ބަޔަކު ތަޅައިގަނެ މިލިޔަނެއްހާ ބަޔަކު މަރާލި އެވެ. ސަބަބަކީ ކޮބައިހެއްޔެވެ. ދެ ގަބީލާ ދެމެދުގައި މައްސަލަޖެހި ގަދަބައިމީހުން އެމީހުންނާ ތަފާތުވި ގަބީލާގެ މީހުން ނައްތާލުމަށް މަސައްކަތްކުރުމެވެ. ދުނިޔޭގެ ދިގު ތާރީހަށް ބަލާއިރު މިފަދަ ކިތަންމެ ކަމެކެވެ. އެންމެ އިހު ޒަމާނުގައި ރޫމީން ދެން ތިބި މީހުންނީ ބަރުބަރީންނޭ ބުނެ އެބައިމީހުން ދުނިޔެއިން ނައްތާލުމަށް މަސައްކަތްކޮށްފައިވެ އެވެ. މިހެންގޮސް މިރޭ މުނާޖާ ގޮވަންދެން މިކަހަކަ ކިތަންމެ ހާދިސާއެއްގެ ވާހަކަ މަށަށް ކިޔިދާނެ އެވެ.
އިންސާނާ ތަފާތުތަކުގެ ތެރެއިން ތަފާތުތައް ވެސް އުފަންކުރުވި އެވެ. ނަސްލީ ތަފާތެވެ. ދަރަޖައިގެ ތަފާތެވެ. ފޯރުންތެރިކަމާ ފަގީރުކަމުގެ ތަފާތެވެ. އާރާއި ބާރާ، ނިކަމެތިކަމުގެ ތަފާތެވެ. ޖިންސުގެ ތަފާތެވެ. އެދުންތަކުގެ ތަފާތެވެ. ގައުމު ގައުމުގެ ތަފާތެވެ. މާޒީ އާއި އަދުގެ ތަފާތެވެ ވިސްނުމުގެ ތަފާތެވެ. މިހެންގޮސް ތިމާ ހޯދާ ބަލާ ފިކުރު ހިންގައިފި ކޮންމެ ދިމާލަކުން ފެންނާނީ މިފަދަ އެތައް ތަފާތުތެކެވެ. ހުދު ތިމާ އަމިއްލަ މީހާޔަށް ތިމާ ވިސްނާށެވެ. ތިމާ ނުދަންނަ ދުވަހަކު އަނގައިން ނުބުނާ މީހުން ރުޅި އާދޭ ހެއްޔެވެ؟ އަންނަނަމަ އަނެކުން ދެކެ އަންނަ ރުޅީގެ އަސްލަކީ ކޮބައިހެއްޔެވެ. ތިމާގެ ފިކުރާ ތަފާތުވީމާ ހެއްޔެވެ؟ ތިމާގެ ހިޔާލާ ހިޔާލު އެއްގޮތް ނުވީމާ ހެއްޔެވެ؟
އިންސާނީ ދަރިފަސްކޮޅު ދުނިޔެދެއްކި ތަފާތުތައް އެއީ ހުއްޖަތެއްކަމުގައި ބޭނުންކޮށްގެން ގެނެސްދީފައިވަނީ ޒުލްމުވެރިކަމެވެ. ލާއިންސާނިއްޔަތެވެ. ބޭރަހުމެވެ. މިފަދަ ތަފާތުތައް ނަގައިގެން ދެންތިބި ބަޔެއްގެ ސިކުނޑި ހައްލުވައިގެން އެކަކު އަނެކުންނާ ހަނގުރާމަކޮށް ދުނިޔޭގެ ހަޔާތާ ވަކިވެ ދިޔަ އިންސާނުން ގިނަގުނަ އެވެ. މިއީ ދުނިޔެވެސް ލަދުގަންނަފަދަ ކަންކަމެވެ. ދުނިޔޭގެ ބިމަށް ތަފާތުވިކަމަށްޓަކައި އޮހޮރުނީ ކިތައް މައުސޫމު ކުދީންގެ ލޭތޯ އެވެ. ނިގުޅައިގަނެވުނީ ކިތައް ފުރާނަތޯ އެވެ. ގުނާ އަދަދު ނުކުރެވޭ މިންވަރަކަށް ނޫން ހެއްޔެވެ.
އަހަރެން ދެކޭ ގޮތުގައި ދުނިޔެ އެފަދަ އިންސާނުނަށް މަލާމަތްކުރާނެތެވެ. ދުނިޔޭގެ ބަނޑުގައި ދެފައިޖަހާ ހިނގަހިނގާތިބެމެ އޭނާ ދެއްކި އެންމެ ބޮޑު ހަގީގަތަށް ގޮންޖަހާތީ އެވެ. ދުނިޔޭގެ ހަޔާތް އިންސާނާއަށް ބުނެދިން އެންމެ ބޮޑު ހަގީގަތަކީ އޭނާގެ ދެލޮލުން ބަލައިފި ކޮންމެ ދިމާއަކުން ފެންނާނީ ތަފާތުތައްކަމެވެ. އެ ތަފާތުތައް އެއީ އިންސާނާއަށްޓަކައި ލެއްވިފައިވާ ބޮޑު ރަހުމަތެއްކަމެވެ. އެހެނަސް އެކަން ގަބޫލު ނުކޮށް އުޅޭ މީހުންނީ ވެސް މަދުބައެއް ނޫނެވެ. އެ ހަގީގަތަށް އިންކާރުކޮށް ތަފާތު އެކި ނަންނަމުގައި ހުއްޖަތް ނެރެ އުޅެ އެވެ. އެއްބައިފަހަރު ގައުމިއްޔަތުގެ ނަމުގަ އެވެ. އަނެއްބައި ފަހަރު އަނެއް ނަމެއްގަ އެވެ. ތާއަބަދުމެ ރުޅިވެރިކަން އިސްކޮށް އަނެކުންނާ ޖެހިގަނެ، ދުވާލުދާ ހަތަރުދަމު ކޮންމެވެސް ފިތުނައިގެ އަލިފާނެއް ރޯކޮށް އެންމެ ބޮޑު ހަގީގަތާ ހަނގުރާމަކުރާ މީހުންނީވެސް މަދުބައެއް ނޫނެވެ. އިންސާނުނީ އަޅެ ހެއްވާ ބައެއްކަމުގައި ކަލޭމެންނަށް ނުފެނޭ ހެއްޔެވެ؟
މިހިސާބަށް ބާކީ ހުސައިންފުޅުގެ ވާހަކަ ދިޔަތަނުން ފޫޅު މުހަންމަދުފުޅު އެ ހިޔާލަށް އެއްޗެއް ބުނުމުގެ ގޮތުން ފެއްޓެވި އެވެ. އެއިރު އިސްމާލުފުޅު ވެސް ތަލިތަޅުވަތަޅުވާފައި ގަދަޔަށް ދުފަމުން ޝައުގުވެރިކަމާއެކީ މި ވާހަކަތައް އަޑުއައްސަވަން އިންނެވިއެވެ.
މުހައްމަދުފުޅު: ފިކުރު ހިނގުމަކީ އިހުތިޔާރަކާ ނުމެލާ ހިނގަހިނގާ ހުންނަކަމެކެވެ. އެއީ އޭގެ އަމިއްލަ ޒާތުން މުސްތަގިއްލުކަމެއް ލިބިފައިވާ ކަމެކެވެ. ފިކުރުތައް ހިނގާ ގޮތުގައިވެސް ތަފާތުތައް ހުރެ އެވެ. އެ ތަފާތުތަކުގެ އެކި ދަރަޖަތައްވެސްވާ ފަދައިންނެވެ. އިންސާނާ ނުދަންނަ ކަމަކީ އޭނާގެ ސިކުނޑީގައި ތާއަބަދު ތަކުރާރުވޭވޭ ހުންނަ ހިޔާލާތާ ފިކުރަކީވެސް ތަފާތުތައް ގިނަގުނަ އެއްޗެއްކަމެވެ. ތިމާގެ ހިޔާލު އަނެކާގެ މައްޗަށް ތަންފީޒު ކުރަން އުޅުމާ އެކަން ނުވެއްޖެނަމަ ރުޅިއައުމާ، އެރުޅިން ލޭއޮހޮރުވުމާ މިފަދަ ހުރިހާ ކަމެއް އޭނާ އެކުރަނީ މޮޔަކަމުންނެވެ. އާއެކެވެ ތަފާތަކީ ނުވަތަ ތަފާތުވުމަކީ ހަޔާތުގެ ފޮނި މީރުކަމެވެ. އެ ތަފާތުތަކުގެ ތެރެއިން މޮޅުގޮތް ހޯދުމާ ހުރިހާ ތަފާތަކާއެކުމެ އުޅެން އެނގުމާ މިކަންކަން ދަސްކޮށްގެން މުޖުތަމައެއްގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކު ކާމިޔާބު ހޯދައިފިނަމަ އެމުޖުތަމައެއް އަމާންކަން ހޯދައެވެ. އެމުޖުތަމައެއް އުފާވެރިކަން ހޯދައެވެ. އެބަޔަކަށް ދުނިޔަވީ ހަޔާތުގެ ހަގީގީ މާނަ ދަސްވީ އެވެ. އެކަކު އަނެކުންނަށް ކުރަންވާ އިހުތިރާމް ދަސްވީ އެވެ.
ތަފާތުތައް ދަނެ ތަފާތުތަކަށް އިހުތިރާމް ކުޅައުމީ ލެއްވިހައި ކަމަކަށް އާނ ބަސް ބުނުމެއް ނޫނެވެ. ތަފާތަކީ ދުނިޔެ ދެއްކި އެންމެ ބޮޑު ހަގީގަތޭ ބުނެ ތަފާތަކީ ހަޔާތް ޝައުގުވެރިކުރުވި ކަމޭ ބުނާ ބުނުމަކީ އަނެކާޔަކީ ތިމާ ފަދަ އިންސާނަކަށް ވީތީ އޭނާގެ ކަރާމަތަށް އަރައިނުގަތުމެވެ. އޭނާގެ ހިޔާލާ ތިމާ ކިތަންމެ އިދިކޮޅު ވިޔަސް އިންސާނީ ކަރާމަތުން ބޭރުން ވަކާލާތުކޮށް ނޫޅުމެވެ. ހަސަދައިގެ ރުޅި ނައުމެވެ. އެއީ ނަފުސުގެ ޙުރުމަތް ދެމެހެއްޓުމެވެ.
ހުސައިންފުޅު އެދެއްކީ މާނަފުން ވާހަކަތަކެކެވެ. ވަކިވަކި ހަރުފުގައި ހިފައިގެން ދަމަން މީހަކު ބޭނުންނަމަ ދެމޭނެ ކަހަލަ ވާހަކައެކެވެ. އެވާހަކައިގެ މައިގަނޑު މާނަ އަހުރެންނަށް ގައިމުވެސް ފަހުމުވެއްޖެ އެވެ. އާނ ފަހުމުނުވާންވީ ކީއްވެ ހެއްޔެވެ.
އަހަރެން އަސްލު އަނގަ މި ހުޅުވީ ހުސައިންފުޅު އެދެއްކި ވާހަކަތަކުން ހިތުގައި ސުވާލެއް އުފެދިގެނެވެ. އަހަންނަށްވެސް އެނގޭ ތަފާތުތައް ދެނެގަތުމަކީ ދުނިޔެ ދަސްކުރުންކަން. މިސާލަކަށް އާނ ތަފާތު ގަބޫލުކުރަންވާނޭ ކިޔާ އަންނަހާ ބަޔަކަށް ދުނިޔޭގެ އެއްވެސް ގައުމަކުން ރައްޔަތުކަން ނުދޭނެކަން.
އެއީ ދުނިޔެ ހިނގަހިނގާ މިއޮންނަ ސިސްޓަމުގައި އެހުންނަނީ އަދި ނާދިރުކަންކަމެވެ. ހުސައިންފުޅު އެބުނީ އެކަހަލަ ވާހަކައެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ކޮންމެއަކަސް މަ ހިތަށްއެރި ސުވާލަކީ އެއް ނަސްލެއްގެ ބަޔަކު ދިރިއުޅޭ، އެއް ސަގާފަތަކާއި އާދަކާދަތަކެއްގެ ބަޔަކު އުޅޭ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ ވެރި ބަޔަކު ދިރިއުޅޭ އަހަރުމެންގެ ރާއްޖެހާ އަނެކާޔަށް ހުރުމަތެއްނެތް މުޖުތަމައެއް ކަލޭމެން ދުށީމުތޯ އަހާލުމުގެ ސުވާލެވެ. ތިޔަބުނާ ތަފާތުތައް ގިނަވެގެން ދުނިޔޭގެ އެތަން މިތަނުގައި ކަންކަން ހިނގާއިރު އެއީ އެތައް ދަރިކޮޅަކާ އެތައް ސަގާފަތަކާ އެތައް ތަފާތެއްގެ މައްޗަށް އެކުލެވިފައި ހުންނަ ގައުމުގައުމެވެ. އަހަރުމެން އެމީހުންނަށް މަލާމަތްކުރާވަރު އެބަވޭ ހެއްޔެވެ؟
އަހަރުމެން އިހުގައި އުޅުނީ ހުސައިންފުޅު ވެސް ބުނިހެނެވެ. މާބޮޑު އެތެރޭގެ އެފަދަ ކޯޅުމެއްނެތެވެ. މީހަކު ނުމަރަ އެވެ. ގަދަވެފައި އަތްފުޅާކޮށްފާ އަސްތާ އަކަޔަންބޯ މަވާ މޮޅީމޭ ގޮވަމަކުން ނޫޅެމެވެ. އެއީ އެކިޔާ ތައުލީމު ނެތް ކަޓު ޒަމާނެވެ. އޭރު ފުރާނައިގެ މައްޗަށް ބިރު އޮވޭ ހެއްޔެވެ؟ މިހާރު އެހެން ހެއްޔެވެ؟ އަދު ކޮންމެ މީހެއްގެ ގައިގައި އެލުވާފައިވާ ފާސްތައް އެހާމެ ގިނައެވެ. އެ ފާސްތައް ހޯދަން ކިޔެވި ގައުމުތަކުގެ ނަންތައް މިހެން އިނދެ ކިޔޭވަރަށްވުރެ ވެސް ގިނައެވެ. އެކަމަކު މުޖުތަމައު ދިޔައީ ގޯހުން ގޯހަށެވެ. މަ ބަސްގިނަ ނުކުރި އެއްކަމަކު ތިޔައިން ކޮންމެ މީހަކަށްވެސް މިތަން އޮތްގޮތް އެނގޭނޫއެވެ.
ސުވާލަކީ އަހަރުމެން ތެރޭގައި އެހެނިހެން ގައުމު ގައުމުތައް އެކުލެވިފައި އޮތްހެން ބޮޑެތި ތަފާތުތަކެއް ފެންނަން ނެތްއިރު، މިސާލަކަށް މިތަނުގައި ގޮތް ނިންމަން ތިބީ ހަމަ ހުސް ދިވެހި ނަސްލުގެ ދިވެހިންނެވެ. ވާހަކަ ދައްކަނީ އެއްބަހަކުންނެވެ. އެކަމަކު އަހަރުމެންގެ މުޖުތަމައުހާ ތަފާތުތައް އިސްކޮށްގެން ބައިބައިވުން ބޮޑުވެފައި އޮތް މުޖުތަމައެއް ދުށީމު ހެއްޔެވެ. މިކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މަގުމަތީގައި ކުނިބުންޏަށް ވެސް ފެންނަނީ ޑިގުރީޔާ މާސްޓާސްއެވެ. އެކަމަކު އެފާސްތައް ނަގައިގެން ބަޔަކު ތިބިކަމުގެ އިހުސާސް މި މުޖުތަމައުން ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ގައިމު ތަހުޒީބުވެ މީހާ ކުރިއަރާވަރަކަށް ހުސައިންފުޅު އެބުނުއްވިހެން ތަފާތުތަކަށް އިހުތިރާމްކުރަން އެނގޭންވާނެތާ އެވެ. ތަފާތަށް އިހުތިރާމު ކުރުމަކީ އަދި އެއްބަސްވުމެއް ނޫނެވެ. އެއީ އަނެކާގެ ތަފާތު ހިޔާލަށް ތިމާ ދެކޮޅުވާނަމަ މުހްތަރަމްގޮތަކަށް ރައްދުދިނުމެވެ. އެކަމަކު އަހަރުމެން ތަހުޒީބުވީ މިންވަރަކީ ކަމަކާ ދެކޮޅުވިޔަސް ދެކޮޅުވާން އެނގޭ ގޮތަކީ އަނެކުން އަރާކައި، ތިމާގެކޮޅު މޮޅުކުރުމަށް ހަޅޭއްފަޅޭއްޖަހާ، އެކެއް އަނެކެއްގެ ބޮލުގައި ބޮޑެތި ތުހުމަތު އަޅުވާ ހަދާށެވެ. އާއެކެވެ. ވާންވީ ތަހުޒީބެވެ. ތަހުޒީބޭ ބުނުމުން އޭގެ މާނަ ނޭނގެންޏާ އިހަށްވީ އެކަންވެސް ކުރާށެވެ. ވީމާ އިހަށްވީ އުނގެނޭށެވެ. ހުސައިންފުޅު ފާޅުކުރި އޭނާގެ ސިކުނޑީގެ ހިޔާލަށް އަހަރެން ތާއީދު ކުރަމެވެ. ދުނިޔެ ބުނެދޭ އެންމެ ބޮޑު ހަގީގަތަކީ ތަފާތެވެ. ތަފާތުތައް އިންސާނާއަށް ބުނެދެނީ ދިރިއުޅޭށެވެ. ދިރިއުޅެވޭނެ މަގެވެ. ތަފާތު ބުނެދެނީ އަހުލާގެވެ. އިންސާނީ ހުރުމަތެވެ.
މުހަންމަދުފުޅުގެ ވާހަކަ މިހިސާބަށް ކުރުކޮށްލިތަނުން އިސްމާލުފުޅު ބުނުއްވި އެވެ.
އިސްމާލުފުޅު: އޭ ދެން މިރެޔަށް ފުދިއްޖެއެއްނުންތަ! ހުސައިންފުޅު އޭނާ ކުރި އައު ހިޔާލު ފާޅުކޮށްދީފި. އަހަރުމެން ފަރާތުން އެޔަށް ޖަވާބުދާރީވުން ބާއްވަން މަށަށް ފެންނަނީ ދެން އަންނަ ހޮނިހިރު ވިލޭރެޔެއްގައި. މިރޭ ދެން ފުދިއްޖެ. މިހާރު ބޭނުންވަނީ ތަފާތު ގޮތަކަށް ނިދާލަން. އެއިރަށް ތިޔަ ބުނާ ތަފާތެއްގެ ރާހަތެއްވެސް ނިދީގައި ކޮށްފާނެތާ. ހުސައިންފުޅާ މަ ދަނިއްޔޭ. ކަލޭމެން ތިބޭ މަށަކަށް ދެނެއް ކެތެއް ނުވާނެ. މާބޮޑަށް ނިދި ބަރުކައިފި.
ހުސައިންފުޅު: އާނ އަވަހަށް ދުރުވޭ! އަހަރުމެންވެސް މިރެޔަށް ދެން ކުރުކޮށްލަނީ މި. އެކުން ކަލޭމެން އައު ހިޔާލެއް ނެތްހޭ ބުނީމާ މި އަނގަގަނޑު ތެޅުނީ. މިކަމާމެދު ކަލޭމެން އަދި ވާނެ އެއްޗެއް ބުނަން. ދެން އަންނަ ރެޔަކަށް ކަލޭމެންގެ ފުޅާ ސިކުނޑިތަކުން ވިސްނައިގެން އަޅެ ފެންނަގޮތެއްވެސް ބުނެލަންވާނެ. ދެންމެ މޮހޮނދުފުޅު ބުނިހެން ފިކުރަކީ އަހަރުމެންގެ ބާރަކާ ނުމެލާ ސިކުނޑީގައި އަރާފައިބަ ފައިބާ ހުންނަ އެއްޗެއްތާ! އެގޮތަށް އައި ހިޔާލެއް މިއީވެސް. އާނ ދެން ކޮންމެއަކަށް އަވަހަށް ދުރުވޭ ވަރަށް ވެދުން އެންމެނަށް ވެސް.








