ރިޕޯޓު"ވިސިޓް، ވެކްސިނޭޓް، ވެކޭޝަން" ޕެންޑެމިކް ޓޫރިޒަަމްގެ ކާމިޔާބީއަށް އިތުރު ބާބެއް

"ވިސިޓް، ވެކްސިނޭޓް، ވެކޭޝަން" ޕެންޑެމިކް ޓޫރިޒަަމްގެ ކާމިޔާބީއަށް އިތުރު ބާބެއް

ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފައްދައި، ގިނަ ގައުމުތަކުން ވެކްސިންގެ ޕްރޮގްރާމްތައް ހިންގަމުންދާއިރު، ޕެންޑެމިކް ޓޫރިޒަމްގެ ކާމިޔާބީގެ ބާބަށް ސޮފުހާއެއް އިތުރުކުރުމަށް ރާއްޖޭން މި ވަނީ އަމާޒު ހިފާފައި.

ކ. ތުލުސްދޫގައި ފަތުރުވެރިންތަކެއް: -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ކ. ތުލުސްދޫގައި ފަތުރުވެރިންތަކެއް: -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑުގެ ތެރެއިން ފަތުރުވެރިކަމުގައި ރާއްޖޭން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެ ތަސައްވުރުގެ ދަށުން ރާއްޖެ ތައްޔާރުވަމުން މިދަނީ އަނެއްކާވެސް އީޖާދީ ފިޔަވަޅަކާ ދިމާއަށެވެ.

1970 ވަނަ އަހަރު، ފަތުރުވެރިންތަކެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަހުން، އެ ސިނާއަތުގައި ރާއްޖޭން ދަނީ މިސާލު ގާއިމުކުރަމުންނެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ ގޯލްޑް ސްޓޭންޑަޑެވެ. އެންމެ މަތީ ފަންތީގެ ފަތުރުވެރިންގެ މަންޒިލުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖޭގެ މަގާމު ދަނީ ދަމަހައްޓަމުންނެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެ ވަށާލައި، އެންމެން ގޭބަންދު ކުރުމާއެކު، ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަން މަޖުބޫރުވީ އެވެ. ފަތުރުވެރިކަމުގެ ސިނާއަތާއެކު ރާއްޖޭގެ އިގުތިސޯދު އެކީގައި ހެން ހުއްޓުނީ އެވެ.

ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއިން ބޯޑަރު އަލުން ހުޅުވާލައި، ޓޫރިޒަމް އަލުން ހިންގޭނެ މަގު ކޮށި އެންމެ ފުރަތަމަ ގައުމަކީ ރާއްޖެ އެވެ. ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ އެޑްވާންޓޭޖުގެ ބޭނުން ރަނގަޅަށް ހިފައި، ކަރަންޓީނުވެގެން، ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލެއްގެ ލަގަބު ރާއްޖޭން ހޯދި އެވެ.

އޭގެ ފަހުން، ބައްޔާ ގުޅިގެން ދުނިޔެއަށް އަންނަ ކޮންމެ ބަދަލެއްގެ ކުރިއަރަން ރާއްޖޭން ވަނީ ނަމޫނާ ދައްކައިފަ އެވެ. "ޕެންޑެމިކް ޓޫރިޒަމް"ގެ ހަގީގީ ނަމޫނާ އެކެވެ. އެކަމުގައި ބެންޗުމާކެއްގެ ގޮތުގައި އެހެން ގައުމުތަކުން ބަލަނީ ރާއްޖޭގެ މިސާލެވެ.

މިހާރު އަނެއްކާވެސް، ބަލިން ރައްކާތެރިވުމުގެ މިސްރާބު ވަނީ ބަދަލުވެފަ އެވެ. ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފައްދައި، ގިނަ ގައުމުތަކުން ވެކްސިންގެ ޕްރޮގްރާމްތައް ހިންގަމުންދާއިރު، ޕެންޑެމިކް ޓޫރިޒަމްގެ ކާމިޔާބީގެ ބާބަށް ސޮފުހާއެއް އިތުރުކުރުމަށް ރާއްޖޭން މި ވަނީ އަމާޒު ހިފައިފަ އެވެ.

"ވިސިޓް، ވެކްސިނޭޓް، ވެކޭޝަން"

މިފަހަރު ދުނިޔެއަށް އިއުލާނުކޮށްފައިވަނީ، ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށަން ނިންމި ނިންމުމެވެ.

"ވިސިޓް، ވެކްސިނޭޓް، ވެކޭޝަން" (ތްރީ ވީ) ޝިއާރުގެ ދަށުން ހުޅުވާލަނީ، ރާއްޖެ އައިސް ވެކްސިން ޖަހައިގެން ޗުއްޓީ ހޭދަކުރަން މަޑުކުރުމެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކުރުމެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސީއެންބީސީ އިންޓަނޭޝަނަލް އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކައިރި މުސްތަގުބަލުގައި ރާއްޖެ ވެކްސިން ޓޫރިޒަމަށް ހުޅުވާލާނެ ކަމަށެވެ.

"ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ރައްކާތެރިކަން ފޯރުކޮށްދޭން. ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް އެންމެނަށް ވެކްސިން ޖަހަމުން ދަނީ. އެކަން ނިމުމުން ފަށާނެ،" އެ ކެމްޕޭނު ފަށާނެ ތާރީހަކާ ގުޅޭގޮތުން ޑރ. މައުސޫމް ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް ޑރ. މައުސޫމް ފާހަގަކުރެއްވީ ވެކްސިން ސަޕްލައި އެވެ. އެގޮތުން މިހާރު ދުނިޔޭގައި ވެކްސިން ލިބުމުގެ ދަތިތަކެއް ހުރުމާ އެކު، ފުރަތަމަ ކަށަވަރު ކުރާނީ އާބާދީއަށް ބޭނުންވާ ސަޕްލައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިން ސަޕްލައި ޔަގީން

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް ވެކްސިނަށް ޖެހިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިން މިފަދަ ޕްރޮގްރާމެއް ހިންގަން ބޭނުންވާ ސަޕްލައި ކަށަވަރުކުރާނެ ގޮތަކާ ގުޅޭގޮތުން ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ސަޕްލައި މިހާރުވެސް ކަށަވަރު ކުރެވިފައިވާއިރު، އާބާދީގެ ސައިޒަށް ބަލާއިރު ސަޕްލައި މައްސަލަ ނުކުމެދޭނެކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ސަޕްލައިއަކީ މައްސަލައަކަށް ވެދާނެ ކަމަކަށް ނުދެކެން. އެކުވެރި ގައުމުތަކާ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީއާ އެކު ސަޕްލައިގެ މައްސަލައެއް ދިމާ ނުވާނެ -- ޑރ. މައުސޫމް

ރާއްޖެއަށް އެކި ގައުމުތަކުން ލިބުނު ހިލޭ ވެކްސިންގެ އިތުރަށް، ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް ހަތް ލައްކަ ޑޯޒް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ތިން ލައްކަ ޑޯޒް ގަތުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރާއްޖޭން ގަންނަން ނިންމާފައިވާ ވެކްސިން ޑޯޒްތަކުން ވެކްސިން ޓޫރިޒަމް ފެށޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަ އިގުތިސޯދުތައް އިނދަޖެހިފައިވާއިރު، މުޅި ދުނިޔެއިން ދެވަނައަށް އިގްތިސޯދީ ރިކަވަރީގެ ދުވެލި އެންމެ ބާރު ވާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވަނީ ރާއްޖޭގެ އެވެ.

އިގްތިސޯދު ކުރިއަރާނެ ކަމަށް އައިއެމްއެފުން ލަފާ ކުރާ ދުވެއްޔަށް ބަލާ ނަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ރިކަވާ ވާނެ އެވެ.

މިހާ އަވަސް ރިކަވަރީއެއްގެ މިސްރާބަށް ރާއްޖޭގެ އަމާޒު ހުރީ، ޓޫރިޒަމްގެ ސިނާއަތް މަޑުޖެހުނަ ނުދޭން "ވެކްސިން ޓޫރިޒަމް" ފަދަ ކާމިޔާބު ޕްރޮގްރާމްތަކުގެ ސަބަބުންނެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox