ގްރީން އާއި އީގަލްސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނާއިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނާއިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ 1-1 އިން ކްލަބް އީގަލްސް އެއްވަރުވެ، ދެ ޓީމު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި މެޗު މިރޭ ކުޅޭ ގޮތަށް ހަމަޖެއްސީ އޭއެފްސީ ކަޕް ކޮލިފައިންގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އިއްޔެ އީގަލްސް ކުޅެން އޮތް މެޗު މި މަހު 21 އަށް ފަސްކުރުމުންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އީގަލްސް އޮތީ 11 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް މިރޭގެ މެޗުން އެއްވަރުވުމުން ވަނީ ދެ ވަނައިގައި އޮތް ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ގްރީން ސްޓްރީޓްސް އަށް 13 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ވެލެންސިއާ އަށް 21 ޕޮއިންޓް ލިބިފައިވަނީ 11 މެޗުންނެވެ.

އީގަލްސް އިން މި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ ގޮތުން އަސްހަދު އަލީ (އަޑުބަރޭ) އަށް އީގަލްސްގެ ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު، މިއީ މިދިޔަ ދެ އަހަރު ތެރޭ އޭނާ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗެއް ކުޅުނީ 2018 ވަނަ އަހަރު ގްރީން ސްޓްރީޓްސް ޖޯޒީގަ އެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ފަހުން އަސްހަދު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެހެންވެ މިދިޔަ ސީޒަނުގައި އޭނާ އެއްވެސް ޓީމަކުން ނުފެނެ އެވެ.

މި މެޗުގައި އީގަލްސް އިން ފުރަަތަމަ އެގާރައިން ފުރުސަތު ދީފައިވާ ދެ ކުޅުންތެރިންނަކީ ޒުވާން ޑިފެންޑަރު ސޮލާހު އަލީ އާއި އަރިމަތިން ކުޅުނު ސައިފުﷲ އިބްރާހިމް (ސައިފް) އެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ސައިފްގެ މަސައްކަތުން އީގަލްސް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އަރިމަތިން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާތެރޭގައި ހުސްކޮށް ހުރި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ ފަސޭހައިން ބޯޅަ އަތަށް ނަގައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސް އިން ލީޑުނެގީ މެޗުގެ 13 ވަނަ މިނިޓްގައި މުހައްމަދު ނާއިމް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީން ނާއިމް ވަނީ ކީޕަރު ސާގިބަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން އީގަލްސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލި ނަމަވެސް ލަނޑު ޖަަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން އަންސަރު އިބްރާހިމް (އަންކޮ) އާއި ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ލިބުނު ބޯޅަތަކުގައި އެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފިދިޔައިރު، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި މުހައްމަދު ޖައިލަމް (އޮގީ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ ފަހުން އޭރިއާތެރެއިން އީގަލްސް ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ގްރީން ސްޓްރީޓްސް އިން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ މުހައްމަދު ޖާވިޒް ނިންމީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އަށް އީގަލްސް އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ގޯލަށް ބޯޅަ ފޮނުވާލަން އޭރިއާތެރެއިން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ރަނގަޅު ވަގުތުގައި ފޮނުވާނުލެވުމުން އެ ބޯޅަތައް ގެއްލުނީ އެވެ.

އީގަލްސްގެ އިންމަ ގްރީން ސްޓްރީޓްސްގެ ގޯލަށް ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އީގަލްސްގެ އިންމަ ގްރީން ސްޓްރީޓްސްގެ ގޯލަށް ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ އިންމަ ގްރީން ސްޓްރީޓްސްގެ ގޯލަށް ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސް އަށް ދެ ވަނަ ހާފްގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ސައިފު އަށެވެ. މެޗުގެ 63 ވަަނަ މިނިޓްގައި ނާއިމް ހުސްކޮށްލާފައި މަތިން ސައިފަށް ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލްކުރުމަށް ފަހު ސައިފް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސް އިން ވަނީ އެއްވަރުކޮށްފަ އެވެ. މި ގޯލު ޖެހީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަބްދުﷲ ޔާމީން (ޔާން) އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާ ގިނަ އިރެއް ނުވެ ޔާން ފޮނުވާލި ހިލޭ ޖެހުން ވަނީ ގޯލުގެ ކައިރީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަނީ އީގަލްސް ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

މެޗުގެ 68 ވަަނަ މިނިޓްގައި އީގަލްސް އަށް އަލުން ލީޑުނަގައިދޭން އިމްރާން ނަޝީދު (އިންމަ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހަންނަ ހުސްކޮށްލާފައި ކުޑަ އޭރިއާގެ ރޮނގުމައްޗަށް ހުރަސްކޮށްލި ބޯޅަ އިންމަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ނުވަ މިނިޓް ފަހުން ހަންނަ ހުސްކޮށްލާފައި އޭރިއާތެރެއިން ޖެހި ބޯޅަ ގްރީން ސްޓްރީޓްސް ޑިފެންޑަރެއް ފައިގައި ޖެހިފައި ނާއިމަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ހަލީލް ޖަމާލް މެޗުގެ 82 ވަނަ މިނިޓްގައި އެޓޭކަށް ދިއުމުގެ ތެރޭގައި އީގަލްސްގެ ހައިޝަމް ހަސަން އަށް ފައުލުކުރި ކަމަށް ބަލައި ލައިންސްމަން ފުރަތަމަ ދިދަ ނެގި އެވެ. އެކަމަކު ފަހުން ލައިންސްމަން އެ ނިންމުން ބަދަލުކޮށް ދިދަ ތިރިކުރި ވަގުތު ގްރީން ސްޓްރީޓްސްގެ ޔާން އަށް އޭރިއާތެރެއަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ ވަނީ މަތަކޮށްފަ އެވެ. ލައިންސްމަން ދިދަ ނެގުމަށް ފަހު ނިންމުން ބަދަލުކުރުމުން އީގަލްސް ބެންޗުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އޭގެ ފަހުން ވެސް މެޗުން މޮޅުވާން އީގަލްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ ތިން ޕޮއިންޓް ހޯދަން ނުކުތް މެޗެއް ކަމަށާއި އެއް ޕޮއިންޓުން ފުއްދާލަން ޖެހުމުން އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ. އީގަލްސް މި މެޗަށް ނެގި ފުރަތަމަ އެގާރަ އަށް ބަލާއިރު ވަރަށް ގިނަ މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން އެއީ ވެސް ދިމާވި އުނދަގުލެއް ކަމަށް ޝާޒް ބުންޏެވެ.

"މި ގޮތަށް މުބާރާތެއްގައި ދާއިރު ސަސްޕެންޝަނާ އެއްޗެހި ވެސް އަންނާނެ. އެއީ އެކްސްކިއުޒެއް (ޝަކުވާއެއް) ނޫން. ދެން އެހެން ނަމަވެސް ތިން ޕޮއިންޓް ލިބޭ ވަރަށް ދިޔައީ. ފަހުން ވެސް ފުރުސަތު ވެސް ލިބުނު. އޯވަރޯލްކޮށް (ޖުމްލަކޮށް) ބަލާއިރު ގޭމް ވެސް ރަނގަޅު. އީގަލްސް އަށް ގަދަ ހައެއްގައި ޔަގީންކަމާ އެކު ހިފަހައްޓާލެވެން ވެސް އޮތީ މި ތިން ޕޮއިންޓް ލިބިގެން. އަދިވެސް އެއީ އުނދަގޫ ކަމެއް،" ޝާޒް ބުންޏެވެ.

އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި އީގަލްސްގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިން އާއި މިސްރުގެ ވިންގް މުހައްމަދު އޮސާމާ އަދި މިސްރުގެ ޑިފެންޑަރު އެލްސައީދު ނުކުޅެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އިން ކުޅުނު މެޗުތަކުގައި ނަތީޖާ ނުކުމެފައި ހުރި ގޮތުން މި ވަގުތު މެޗުތަކުގައި ރިސްކު ނަގައިގެން ކުޅުމުގެ ދަތިތަކެއް އެބަހުރި ކަމަށާއި މެޗުތަކުގައި ބަދަލުތައް ކުރުން ލަސްވާ އެއް ސަބަބަކީ އެއީ ކަމަށް ޝާޒް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ތިން ޕޮއިންޓް ހޯދަން ކަމަށެވެ. އެކަމަކު މި މެޗު ދިޔަ ގޮތަށް ބަލާއިރު ބަލިނުވެ، ފަރުޖައްސާލުން ވެސް މި ވަގުތަށް ރަނގަޅު ކަމަށް ނިސްތާރު ފާހަގަކުރި އެވެ.

"އަނެއްކާ ވެސް ޕޮއިންޓެއް. އަޅުގަނޑުމެން އެކްސްޕެކްޓްކުރިން މިއަށް ވުރެ ބެޓާ ރިޒަލްޓަކަށް (ރަނގަޅު ނަތީޖާ އަކަށް) އެކަމު ވަރަށް މަސައްކަތް ވެސް ކުރެވުނު. ކޮންމެ މެޗަކީ ވެސް ތިން ޕޮއިންޓް ނެގޭނެ މެޗެއް،" ނިސްތާރު ބުންޏެވެ.

ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ވަރުބަލިވުމުގެ ކަންކަން ދިމާވި ނަމަވެސް އެ ކަންތައްތަކަަކީ ގްރީން ސްޓްރީޓްސް އިން ދައްކާނެ ވާހަކަތަކެއް ނޫން ކަމަށް ނިސްތާރު ބުންޏެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 10 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox