ލިވަޕޫލް (އޭޕްރީލް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ލިވަޕޫލާ 0-0 އިން އެއްވަރުވި، ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ރެއާލް މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސެމީ ފައިނަލުގައި ރެއާލް ކުޅޭނީ އިންގްލެންޑްގެ ޗެލްސީއާ އެވެ. ޗެލްސީން ސެމީގެ ފުރުސަތު ހޯދީ ކުއާޓާގައި ޕޯޓޯ ބަލިކުރުމަށް ފަހު އެވެ. އަނެއް ސެމީގައި މެންޗެސްޓާ ސިޓީ ކުޅޭނީ ޕީއެސްޖީއާ އެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހު 27-28 އާއި އަންނަ މަހު 4-5 ގަ އެވެ.
ރެއާލް ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުން ލިވަޕޫލް ބަލިވީ 3-1 އިންނެވެ. އެހެންވެ މިރޭ އަމިއްލަ ދަނޑުގައި ދެ ލަނޑުގެ ތަފާތުން ރެއާލް ބަލިިކޮށްގެން ނޫނީ ލިވަޕޫލަށް ސެމީގެ ފުރުސަތެއް ނެތެވެ.
ލިވަޕޫލުން ވަނީ މިރޭގެ މުޅި މެޗަށް ބަލާއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ފަސް މިނިޓް ތެރޭ ސަޑިއޯ މާނޭ ދިން ބޯޅައަކުން އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި މުހައްމަދު ސަލާހު ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ފައިން ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ކައުންޓަ އެޓޭކެއްގައި ރެއާލްގެ ކަރިމް ބެންޒެމާ ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ އޮޒާން ކަބާކް ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ސަލާހާއި ޖިއޮޖީނިއޯ ވައިނަލްޑަމް އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ބޯޅަތައް އަމާޒުވީ ހުރަސްދަނޑިމަތިންނެވެ.
ދެ ވަނަ ހާފްގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ސަލާހު ފޮނުވާލި ބޯޅަތައް ހުއްޓުވީ ކުރިން ޗެލްސީ އަށް ކުޅުނު ތިބައު ކޯޓުއާ އެވެ. މި ހާފްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ބެންޒެމާ މުޅިން ހުސްކޮށް ހުރެފައި އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލުން ސެމީ ފައިނަލުން ފުރުސަތު ހޯދި 35 ވަަނަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި މިހާތަަނަށް ރެއާލުން ފުރަތަމަ ލެގުގައި އިނގިރޭސި ޓީމެއް އަތުން މޮޅުވެއްޖެނަމަ އަނެއް ބުރުން ވަނީ ފުރުސަތު ހޯދައިފަ އެވެ. މިރޭ އެ ރެކޯޑަށް މި ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފަ އެވެ.
ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވި ފަހުން އެ ޓީމު ދެ ލެގުގެ ނޮކައުޓް މެޗަކުން ޗެމްޕިއަންސް ލީގުގައި ކެޓީ ދެ ފަހަރު އެވެ. އެ ދެ މެޗުގައި ވެސް ބަލިވީ މެޑްރިޑަށް ނިސްބަތްވާ ދެ ޓީމު އަތުންނެވެ. މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑް އަތުން ކެޓިއިރު، މި ފަހަރު ބަލި މިވީ ރެއާލް އަތުންނެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ވަނީ ރެެއާލްގެ ޓީމު ބަހަށް ހަމަލާދީ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ. ލިވަޕޫލުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެެވެ.
މި ފަހަރުގެ މުބާރާތުން ލިވަޕޫލް ކެޓުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އެ ޓީމަށް ކޮލިފައިވެވެން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައިގެންނެވެ. ލިވަޕޫލް މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަ ވަނައިގަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ ޓީމެއް ކަމަށާއި އެކަން ހާސިލްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.












