ކޮލަމް: ކޮންމެ ނަފުސަކަށް އަރަންޖެހޭ އިރެއް

ކޮލަމް: ކޮންމެ ނަފުސަކަށް އަރަންޖެހޭ އިރެއް

ފަތިހު ހޭލެވުނީ، އެނދު ކައިރީ އޮތް ބުޅާ މިޔޯ ގޮވާއަޑަށެވެ. އެސޮރު އަހަރެންގެ ގައިގައި ބީހެމުން، ބީރަށްޓެހި ގޮތަކަށް ކަމަކަށް ބާރުއަޅަމުންދަނީ އެވެ. އެސޮރުގެ އެކަންތަކާމެދު ހައިރާންވެއްޖެ އެވެ. އެސޮރުގެ ކެކުޅުން އަހަންނަށް މުހިންމުވެއްޖެ އެވެ. ބަނޑުހައިވީކަމުގައި ހީކުރީމެވެ. ކާއެއްޗެއް ކައިރިކުރުމުން އެކަމާ ނޫޅެ އެނބުރިގަނެއްޖެ އެވެ. ކަރުހިއްކައިގެން ކަމަށްހީކޮށް ފެންފޮދެއް ދިއްކުރުމުން ގަޔާނުވެ ފުރޮޅިގަނެއްޖެ އެވެ. އެސޮރުގެ ނަފުސުގައި ހިނގަމުންދާ ރިހުމާއި ވޭންތައް ބުނެދޭ ފަދަ ބެލުންތަކަކުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެސޮރު އޮވެއްޖެ އެވެ.

އެމަންޒަރުން އަހަރެންގެ ނަފުސަށް ވަރަށް އަސަރުކޮށްފި އެވެ. އަހަރެން މީ ސުލައިމާނު ނަމަ ކޮންފަދަހޭ ހިތަށް އެރި އެވެ. އެހެންނަމަ ހައިވާނުންގެ ބަހުރުވަ އެނގޭތީ، އެސޮރަށް ޖެހިފައިވާ ހާޖަތް ދެނެގަނެވުނީހެވެ. އެސޮރުގެ މުސީބާތް ފިލުވައިދެވުނީހެވެ. ކޮޓަރީގެ ދޮރު ހުރީ ބަންދުވެފަ އެވެ. އެސޮރުގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުވައިގެން އޮވެ އަހަރެންގެ ގައިގައި ކޭތަމުންދަނީ އެވެ. އެސޮރުގެ ބޭނުން ދެނެގަނެވިއްޖެ އެވެ. ދޮރު ހުޅުވުމަށް އަވަސްވެގަތީމެވެ.

ފަޒާގެ ތެރެއަށް އެސޮރުގެ ނަޒަރު ދޫވެގެންދިޔަހިނދު، އުޑުގެ މޫނުމަތި ފެނިފައި އެސޮރުގެ ހިތާމަޔާއި ހިތްދަތިކަން އުފަލާއި ހިތްހަމަޖެހުމަށް ބަދަލުވީ އެވެ. އެސޮރުގެ މަގުގައި މިނިވަންކަމާއެކު ދުއްވައިގަތީ އެވެ. އަހަރެން އެނބުރި އެނދުގައި އޮށީވެތީމެވެ. އަތްދަނޑިމައްޗާ އަހަރެންގެ ބޯ ހަވާލުކޮށް މިބުޅަލުގެ ކަންތަކާ މެދު ވިސްނާން އޮތީމެވެ. އަޖައިބުވީމެވެ؛ ހިތީމެވެ؛ ހީކުރީމެވެ. ނަމަ އެވެ! އެސޮރަށް މިނިވަންކަމުގެ މާނަ ވިސްނައިގަނެވޭނެ ނަ މައެވެ! ދެރަވަނީ މިނިވަންކަން ގެއްލުނީމާކަން އުފާވަނީ މިނިވަންކަމާ ބައްދަލުވީމާކަމެވެ. ފުދިއްޖެ އެވެ. މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި އެސޮރަށް އެނގެ އެވެ. އެސޮރުގެ ރުއިމާއި ހިތާމަޔާއި ނުކައިނުބޮއި ކުރި ހަޅުތާލަކީ، އެކަމަށް އަދައިގެން ކުރި ކަމަކަށް މެނުވީ ނުވި އެވެ. އެސޮރުގެ އާހާއި އުދާސް، އެދުމާއި އާދޭސް އޮތީ އެކަމުގެ ފަހަތުގައި ކަމަށް ނޫނީ ނުވި އެވެ.

ހިތަށް އަރަ އެވެ. އިންސާނުންގެ ތެރެއިން އަޅުވެތިކަމުގެ އަސީރުންނަށް ކޮޓަރީގައި ބަންދުކުރެވިފައިވާ ބުޅަލުގެ؛ ހައްޔަރުވެފައިވާ ޖަނަވާރުގެ؛ ކޮށީގައިވާ ދޫނީގެ؛ އަސީރުކަމުގެ ވޭންވަރު އިހުސާސެއް ނުވެ އެވެ. ކިއެއްތަ؛ އިންސާނުން ތެރޭގައި މިންޖުވެގަތުމާ މެދު ހިޔާލެއް ނެތް، ފެތިފައި ހުރި ގޮޅިން ނުކުތުމަށް ބަލާލުމެއް ނެތް މީހުންވެސް އުޅެ އެވެ. ކިއެއްތަ؛ އަޅުވެތިކަމުގެ ހުރަގޭގައި ދެމިހުރުމަށް އުންމީދުކުރާ މީހުންވެސް އުޅެނީ އެވެ. އެކަމުން އުފާލިބިގަންނަމުން އޭގެ ރިހުމާއި ކެކުޅުމުން އަރާމު ހޯދަމުންނެވެ.

އެކަމަކަށް ހައްލެއް ދިނުމަށް އިންސާނީ ބުއްދި ކޮސްވާނެ އެންމެ އުނދަގޫ އެއްކަމަކީ، ބަސްމޮށޭ ހައިވާނަށްވުރެ ބަސްނުމޮށެވޭ ހައިވާނު މިނިވަންކަމުގެ ބޮޑުކަމުންނެވެ. ބަސްމޮށެވޭކަމީ އިންސާނާއާއި އޭނާގެ އުފާވެރިކަމަށް އޮތް ހުރަހަކަށްވަނީ ހެއްޔެވެ؟ ބުއްދިވެރިކަމާއި ބަސްމޮށުންތެރިކަން ލިބުމުގެ ކުރިން، އުފާވެރިކަމުގައިވީ ގޮތަށް މިނިވަންކަމާއެކު އުފަލުގައި ވުމަށްޓަކައި މަންމަންކަމަށް އެދުން ރީތިވަނީ ހެއްޔެވެ؟

ދޫނިތައް ޖައްވުގައި އުދުހެ އެވެ. މަސްތައް ކަނޑުގައި ފީނަ އެވެ. ޖަނަވާރުން ޖަންގަލީގައި ދުވެނަގަ އެވެ. އިންސާނާ އޭނާގެ ކަސްތޮޅުތަކުގެ ރަހީނެއްގެ ގޮތުގައި އުޅެމުން އެބަދެ އެވެ. އޭނާގެ ނަފުސުގެ ކަސްތޮޅުގަ އެވެ. ސަރުކާރުގެ ކަސްތޮޅުގަ އެވެ. މާބަނޑުން ކަށްވަޅާ ހަމައަށް އެގޮތުގަ އެވެ.

ބާރުގަދަ އިންސާނާ ދެރަ އިންސާނާއަށް ހިލިހިލާއާއި ކަސްތޮޅުތައް ހަދަ އެވެ. ބައެއް ފަހަރަށް ގާނޫނުގެ ނަމުގައި އަނެއްބައި ފަހަރަށް ދުސްތޫރުގެ ނަމުގަ އެވެ. އަދުލުވެރިކަމުގެ ނަމުގައި އޭނާ އަށް އަނިޔާވެރިވުމަށްޓަކަ އެވެ. ގާނޫނާއި ނިޒާމުގެ ނަމުގައި މިނިވަންކަމުގެ ޖައުހަރު އޭނާގެ ކިބައިން ފޭރިގަތުމަށްޓަކަ އެވެ.

އޭނާއަށްޓަކައި މިބިރުވެރި ހަތިޔާރު ތައްޔާރުކުރެ އެވެ. ހިތްބިރުގެންފައިވާ މީހެއްގެ ގޮތުގައި ނުތަނަވަސްކަމާ އެކު އޭނާ ދޫކޮށްލެވެ އެވެ. ލާޒިމުވެފައިވާ ކަންކަމުގެ މައްޗަށް ބިރުންހުރެ، ނަފުސުގެ މައްޗަށް ފާރަވެރިއެއްކަމުގައި ހަމަ އެނަފުސު ހަދައިގަނެ އެވެ. ދެން އެނަފުސުން ދެއަތުގެ ހަރަކާތްތަކާއި ދެފައިގެ ފިޔަވަޅުތަކަށް، ދުލުގެ އޮޅުންތަކާއި ހިޔާލުގެ އެނބުރުންތަކަށް ދާންދެން ފާރަލައިފަ އެވެ. ޑިކްޓޭޓަރުގެ އުގޫބާތުން މިންޖުވުމަށެވެ. އޭނާގެ އަޒާބުން ސަލާމަތްވުމަށެވެ. މިއިންސާނާއަށް ހަލާކުހުއްޓެވެ. އޭނާގެ ޖާހިލުކަމާއެވެ! އޭނާއަށް ގެއްލުންހުއްޓެވެ. އޭނާގެ ގަމާރުކަމާ އެވެ! އޭނާ ހޯދައިގެން އެހުރި ވޭނަށް ވުރެ ހިތި ވޭނެއް، މިހާރު އެހުރި ޖަލަށްވުރެ ދަތި ޖަލެއް، ދުނިޔޭން ފެންނާނެ ހެއްޔެވެ؟

އަޅުވެތިކުރާ މީހާ އޭނާގެ އަސީރުގެ މައްޗަށް ހިންގާ އެންމެ ބޮޑު ޖަރީމާއަކީ، އޭނާގެ މިނިވަންކަން ނަގާލުމެއް ނޫނެވެ. އެޔަށްވުރެ ބޮޑު ޖަރީމާއަކީ އެމިނިވަންކަން އޭގެ ޒާތުގައި ވުޖޫދުވެފައިވާ ކަމާމެދު އަސީރުގެ ވިސްނުން ފަސާދަކޮށްފައި އޮންނަ އޮތުމެވެ. އޭގެ ސަބަބުން މިނިވަންކަން ގެއްލިފައިވާކަމުގެ މައްޗަށް އެފަކީރަށް ދެރަވާކަށް ނޭނގެއެވެ. ހިތާމަކުރާކަށް ނޭނގެ އެވެ.

އިންސާނާއަށް އޭނާގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަމުގެ އަގު އެނގިއްޖެނަމަ، އަދި އޭނާގެ ހަށިގަނޑާއި ބުއްދީގައި އެޅިފައިވާ ކަސްތޮޅުތަކާއި ހިލިހިލާތައް ދެނެގަނެވިއްޖެނަމަ، މަރުވެދާނެ އެވެ. ޝިކާރަވެރިޔާ ބުލްބުލް ހިފައި ކޮއްޓަށް ލުމުން އެސޮރު މަރުވާ ފަދައިންނެވެ. މިނިވަންކަމުގެ ދޯދިން ދޯދިއެއް ނުވާ، އޭގެ ރޯޅިން ރޯޅިއެއް ނުވާ ހަޔާތަކަށްވުރެ އެގޮތް ހެޔޮކަންބޮޑުވެގެންނެވެ.

ފެށުމުގައި އޭނާ ހުރީ ފުޅާ ލިބާހެއްގަ އެވެ. އެކަމަކު އެއީ އަވީގެ ހޫނު ދިލައިން ނިވާވާނެ ހިޔަލެއްގެ ގޮތުގަ އެވެ. ނުވަތަ ގަދަ ވައިން ނަޖާވާނެ ނިވަލެއްގެ ގޮތުގަ އެވެ. އެކަމަކު އެމީހުން އޭގެ ވަށައިން ވާއޮޅުވާ ބާރުކޮށްފި އެވެ. ދަމާ ވާންކޮށްފި އެވެ. އެއަށްފަހު ބުނެފި އެވެ. މިއީ ހެދުން އެޅުމުގެ އުސޫލުތަކެވެ.

އޭނާ ކައިބޮއިއުޅުނީ އޭނާގެ ނަފުސަށް ބޭނުންވި ތަކެއްޗެވެ. އޭނާގެ ތަބީއަތާ ގުޅޭ އެއްޗެއްސެވެ. އެދެމެދަށްވެސް ވަދެފި އެވެ. ބަލިތަކާއި މަރުގެ ހަބަރުތަކުން އޭނާގެ ހިތް ބިރުގަންނުވައިފި އެވެ. އެހެންވެ ޑޮކްޓަރު އެދޭގޮތަށް މެނުވީ ކެއުމާއި ބުއިމަށް އޭނާ ދެކޮޅުހަދައިފި އެވެ. ރޫހާނީ އަދި ސިޔާސީ ލީޑަރުން އެދޭގޮތަށް މެނުވީ ލިޔުމާއި ވާހަކަދެއްކުމަށްވެސްމެ އެވެ. އާދަކާދަތަކުން ހުކުމްކުރި ގޮތަކަށް މެނުވީ އިށީނދެއިނުން، ތެދުވެހުރުން، ހުއްޓުން، ހިނގައިގަނެ ދުއްވައިގަތުމަށްވެސް މެ އެވެ.

އެކީއެކަށް މިނިވަނަކުކަމުގައި އިންސާނާ ދިރިއުޅެގެން މެނުވީ އުފާވެރިކަމާ ދިމާއަށް ބަލައިވެސް ނުލެވޭނެ އެވެ. ނަފުސުގެ އަދަބުވެރިކަން ފިޔަވައި، އޭނާގެ ހަށިގަނޑާއި ބުއްދިއާއި ނަފުސާއި ގުނަންތަކާއި ފިކުރުގެ މައްޗަށް އެހެން އެކައްޗަކަށްވެސް ބާރުނުފޯރުވޭނެގޮތުގަ އެވެ.

މިނިވަންކަމަކީ، ކޮންމެ ނަފުސަކަށް އަރަންޖެހޭ އިރެކެވެ. މިނިވަންކަމުން މަހުރޫމުވެއްޖެ މީހާ ދިރިއުޅޭނީ ކަޅުފޮއި އަނދިރިކަމުގަ އެވެ. އޭގެ ފެށުން ގުޅޭނީ މާބަނޑުގެ އަނދިރިކަމާއެވެ. ނިމުން ލާމެހޭނީ ކަށްވަޅުގެ އަނދިރިކަމާ އެވެ.

މިނިވަންކަމަކީ ދިރުމެވެ. މިނިވަންކަން ނެތްނަމަ އިންސާނާގެ ހަޔާތެކޭ ކުޅޭ އެއްޗެކޭ ތަފާތެއް ނެތެވެ.

މިނިވަންކަމަކީ އިންސާނީ ތާރީހުގައި އަލަށް އުފެދުނު އެއްޗެއް ނޫނެވެ. އަދި ކުއްލިއަކަށް އައި ބީރަށްޓެއްސެއްވެސް ނޫނެވެ. އެހެންނެއްނޫނެވެ. އެއީ އޭނާ އެމައްޗަށް ލެއްވުނު ފިތުރަތާއި ތަބީއަތެވެ.

މިނިވަންކަމަށް އެދި އަތްދިއްކުރާ އިންސާނާއަކީ ސަލާންޖަހާ މީހެއް ނޫނެވެ. އޭނާ އެ އެދިގަންނަނީ އިންސާނިއްޔަތުގެ ދަހިވެތިކަމުން އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތަކުގެ ތެރެއިން ހައްގަކަށެވެ. އޭނާއަށް އެހޯދައިގަނެވިއްޖެނަމަ އޭނާގެ މައްޗަށް އެހެން މަހުލޫގަކަށް ގޮވިދާނެ ކަލައެއް ޖެއްސިދާނެ ބުރައެއް ނޯންނާނެއެވެ.

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox