ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އޮފީހުގެ މައި ދޮރުގެ ބިއްލޫރި ގަނޑެއް ތަޅާލި މައްސަލަ އެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލައިފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާފައި މިވަނީ, މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުން އިދިކޮޅާއި އެމްޑީޕީ ސަޕޯޓަރުންނާ ދެމެދު މިއަދު ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ.
ވޯޓު ފޮށި އަލުން ގުނާ ސަރަހައްދަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެއްވެ ތިބި އިދިކޮޅު ސަޕޯޓަރުން ވަނީ އެމްޑީޕީން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އަޑުގަދަކޮށް، ނަޝީދު އެ މަރުކަޒުން ނެރުމަށް ވެސް ގޮވާލާފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މަރުކަޒުގެ ތެރޭގައި ހޫނުވީ، އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގެންނެވި ހިސާބުންނެވެ.

ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި، މާރާމާރީ ވެސް ހިންގާފައިވެ އެވެ.
އެއާއެކު، ފުލުހުން ވެސް އެ ސަރަހައްދަށް ގޮސް، ހަމަނުޖެހުން ކޮންޓްރޯލްކުރަން ޕެޕާ ސްޕްރޭގެ ބޭނުންވެސް ވަނީ ކޮށްފަ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އެމްޑީޕީން ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އީސީގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ ހުރަސްއަޅާފައިވާ ކަމަށެވެ.
އަދި އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވާކަމަށް ބުންޏެވެ.
އޭގެ ރައްދުގައި އިދިކޮޅުން ބުނަނީ، ހަމަނުޖެހުން ހިނގަން މެދުވެރިވީ، ވޯޓު ގުނުމަށް ނުފޫޒު ފޯރުވަން ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން މަސައްކަތް ކުރުމުން ކަމަށެވެ.
ނަމަވެސް، އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ދެއްވައި، ދެ ޕާޓީން ދެއްކި ވާހަކަތައް ދޮގުކޮށްފަ އެވެ.













