ވޯޓަކީ ރައްޔިތުންނަށް ހަވާލުވެފައިވާ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، އެ ޒިންމާ އަދާ ކުރުމަށް ނުކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ވޯޓްލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ކޮންމެ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވެސް މާލޭގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު މަދު ކަމަށާއި ނަމަވެސް މިފަހަރު އެ އަދަދު އިތުރުވާނެ ކަމަށެވެ.
"އަޅުގަނޑު އަންދާޒާ ކުރާގޮތުގައި މިހާރު ކޮންމެ ފޮއްޓަކަށް 400 އެއްހާ ވޯޓް ލައިފި. އެއަށްވުރެން ބޮޑު އަދަދަކަށް ނުކުތުން އެއީ ބޭނުންތެރި ކަމެއް،" ގަލޮޅުދަނޑުގައި ހުންނަވައި ނަޝީދު ވިދާޅުވި އެވެ.
މި އިންތިހާބުގައި 273،128 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މިއަދު 12:00އާ ހަމައަށް މުޅި ރާއްޖޭން ވޯޓްލީ 40،000 އެއްހާ މީހުންނެވެ. އެހެން އިންތިހާބުތަކަށް ވުރެ ވެސް މި އިންތިހާބުގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު އަދި މަދެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓުލާން ނުކުންނަ މިންވަރާ ގުޅިފައިވަނީ އެ ވޯޓަކަށް ރައްޔިތުން އަހައްމިއްޔަތުކަން ދޭ މިންވަރު ކަމަށެވެ. ކުރިއަށް އޮތްތަނުގައި ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ދޭ ސަމާލުކަން ބޮޑު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމާއި އެ ހައްގު އަދާ ކުރެއްވުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި ވޯޓް ނުދިނުމަކީ ހައްލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ގައުމެއް ބިނާ ކުރުމުގައި ހިއްސާ ވެވޭނީ ވޯޓްގައި ބައިވެރިވެވިގެން. އަނެއްކާ ގާނޫނު އަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަސްއޫލިއްޔަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަމަޖައްސާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.













