ފުލުހުންގެ ހިދުމަތުގެ ގާނޫނުން އުފެދޭ، ފުލުހުންގެ ބޯޑަށް ގާނޫނީ ވަކީލް ސަފާ ޝަރީފް ރައްޔިތުންގެ މަޖިލީހުން މިއަދު އައްޔަނުކޮށްފި އެވެ.
ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.
އާންމުންގެ ތެރެއިން ބޯޑަށް އައްޔަން ކުރުމަށް މަޖިލީހުން ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ ހަތް ބޭފުޅުންނެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ ބޭފުޅުން ދިރާސާކޮށް އިންޓަވިއުކުރުމަށްފަހު ނިންމީ ސަފާ އައްޔަން ކުރަން ފާސްކުރަން ހުށަހަޅާށެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީން ނިންމި ގޮތަށް ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު އިންނެވި އެވެ.

ސަފާއަކީ، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ.
ފުލުހުންގެ ބޯޑްގެ އާންމުންގެ ތެރެއިން އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި އެމްޑީޕީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވި، ހާމިދު އަބްދުލްގަފޫރުގެ ނަން މީގެކުރިން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އަލަށް އުފެދިގެންދާ މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. މިދިޔަ މަހު ފަހުކޮޅު އަމަލު ކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން ބޯޑަށް ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި އެހެން މަގާމުތަކުގެ ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ލިބެ އެވެ.
ބައެއް ފަރާތްތަކުން ވަނީ ބޯޑަކަށް މިފަދަ ބާރުތަކެއް ދޭތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ނަމަވެސް ބޯޑުގެ ސަބަބުން ފުލުހުންގެ ހިދުމަތް ހަރުދަނާވެގެން ދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.













