ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގައި ގޮތް ނިންމަންޖެހޭ ދެ ސުވާލު

Apr 5, 2021, 3:57 AM
ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގައި ގޮތް ނިންމަންޖެހޭ ދެ ސުވާލު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އަކީ، 2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ތައާރަފުކުރި މުއައްސަސާއެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ، ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދައުވާތަކާބެހޭ ކަންކަން ބެލެހެއްޓުމެވެ. އެކަން ކުރުމުގައި، ތަހުގީގުކުރާ އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. ޖިނާއީ ދައުވާއެއް ކުރިއަށް ގެންދިއުމާއި ނުގެންދިއުމުގެ މުތުލަގު ބާރު، ގާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލަށް އޮތީ ދީފައެވެ.

މިގާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޕީޖީ އޮފީހުގެ ދައުރު، އަދާކުރަމުން ދިޔައީ ބަންޑާރަ ނައިބެވެ. މިއީ، އިނގިރޭސި ކޮމަންވެލްތުގެ ގައުމުތަކުގައި އާންމު ސިފައެކެވެ. އަވަށްޓެރި ގައުމުތަކުގައި ވެސް ކަން އޮތީ މިހެންނެވެ. ބައެއް ގައުމުތަކުގައި، އެމަގާމަށް ކިޔަނީ ޑިރެކްޓަރ، ޕަބްލިކް ޕްރޮސިކިއުޝަންއެވެ. އޭނާއަކީ، އޭނާގެ މަސައްކަތުގައި، ބަންޑާރަ ނައިބާ މުޅިން މުސްތަގިއްލުކޮށް މަސައްކަތް ކުރާ މީހެކެވެ. ރާއްޖޭގެ ހާލަތުގައި، އެކަން އޭރު އޮތް ގޮތަށް ނުބޭއްވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ނިންމެވީ، އެކަމުގެ މައްޗަށް ތާރީހީ ސަބަބުތަކެއްވެސް ހުރެގެންނެވެ. ގާނޫނުއަސާސީ އެކުލަވާލި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ސިޔާސީ ކުލަ ޖެހިފައިވާ ދައުވާތަކެއް ކުރެވިފައިވާކަމަށް އެބޭފުޅުން ގަބޫލުކުރެއްވިއެވެ. އެކަމުގައި ހަގީގަތްތަކެއްވެސް ހުއްޓެވެ.

ސުޕްރީމް ކޯޓުގެ 2010/SC-A/19 ނަންބަރު ގަޒިއްޔާގައި ބުނަނީ، "ޕްރޮސިކިއުޓަރ ޖެނެރަލަކީ، ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ގާނޫނުއަސާސީން ހިމާޔަތްކޮށްދީފައިވާ މިނިވަންކަމާއި ހައްގުތަކަށް ގާނޫނުއަސާސީން ދީފައިވާ އެންމެ ބޮޑު ގެރެންޓީ" ކަމަށެވެ.

ޖިނާއީ މައްސަލައެއް ތަހުގީގު ކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މޭޒުމައްޗަށް އައުމުން، އެމައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވެނީ ދެކަމެއް ފުރިހަމަވެގެންނެވެ. ދެ ސުވާލަކަށް ޖަވާބު ލިބެންޖެހެއެވެ. ފުރަތަމަ ސުވާލަކީ، އެމައްސަލައިގައި ޖިނާއީ ދައުވާއެއް ކޮށް، ކުށް ސާބިތުކުރުމުގެ އިހުތިމާލު (ރިއަލިސްޓިކް ޕްރޮސްޕެކްޓް އޮފް ކޮންވިކްޝަން) އެއް އޮތްކަން ނުވަތަ ނޫންކަމެވެ.

ތަހުގީގުކުރާ މީހާއަށް ނުވަތަ އެމައްސަލައިގައި ގޮތެއް ނިންމާ ޕްރޮސިކިއުޓަރަށް އެނގޭ ކަންކަމާއި، އެ މައްސަލައާ ގުޅިގެން އާންމުންނަށް އެނގޭކަންކަމާއި، ޝަރީއަތުގައި ސާބިތުކުރެވޭނެ ކަންކަމާ، މިއީ މުޅިން ތަފާތު ކަންކަމެވެ. އެނގޭ ހުރިހާ ކަމެއް، ޝަރުއީ ކޯޓަކަށް، ގާނޫނީ ހަމަތަކުގެ މަތިން ސާބިތު ކޮށް ނުދެވިދާނެއެވެ. މިސާލަކަށް، ގަވާއިދާ ހިލާފަށް ހޯދާފައިވާ ހެއްކެއް (ކޯޓު އަމުރަކާ ނުލައި ހޯދާފައިވާ ފޯން ކޯލް ރިކޯޑިންގެއް ނުވަތަ އޮޅުވާލައިގެން ހޯދާފައިވާ ލިޔުމެއް ފަދަ) އެއްޗެއްގައި ހުރި މައުލޫމާތެއް، ކުށް ސާބިތުކުރުމަށް ކޯޓަކަށް ހުށަހެއް ނޭޅޭނެއެވެ. ކޯޓުން އެފަދަ ހެއްކެއް ބަލައެއްވެސް ނުގަންނާނެއެވެ. ގާނޫނާ ހިލާފަށް ހޯދާ ހެކި ޝަރީއަތުގައި ގަބޫލު ނުކުރެވޭނެކަމަށް ގާނޫނުއަސާސީގައި އޮވެއެވެ.

ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރުމުގެ އިހުތިމާލު އޮތްކަން ނުވަތަ ނޫންކަމުގެ ޖަވާބު ހޯދުން ދެބަޔަކަށް ބެހިގެންދެއެވެ. އެއް ބަޔަކީ، ހެއްކާއި ގަރީނާއެވެ. އަނެއް ބަޔަކީ ގާނޫނީ ގޮތުން ހުރަހެއް ނެތުމެވެ. ހެއްކާއި ގަރީނާގެ ބައި ސާފެވެ. އެއީ، އެކުށުގެ ހުރިހާ އުންސުރުތައް ސާބިތު ކޮށްދެވޭ މިންވަރުގެ ހެކި ހުރިކަން ކަށަވަރު ކުރުމެވެ.

ދެވަނަ ބަޔަކީ ގާނޫނީ ހުރަސް ނެތުމެވެ. މުއްތަހަމުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި، ދައުވާ ކުރުމަށް ބައެއް ހުރަސްތައް ގާނޫނުގައި ކުރިމަތިކޮށްފައި ހުރެއެވެ. މިސާލަކަށް، ގާނޫނުލްއުގޫބާތު ނިޔާކުރާ ގޮތުން، ޖުނަހުގެ ކުށެއް (މިހާރު ގާނޫނުލްއުގޫބާތު އޮންނަ ގޮތުން ގިނަވެގެން އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅޭ ކުށްތައް) ކުރި ދުވަހުން ފެށިގެން، ދައުވާއެއް ނުކުރެވި 3 އަހަރު ވެއްޖެނަމަ، ޖިނާޔަތުގެ ކުށެއް 8 އަހަރު ފާއިތުވެއްޖެނަމަ، އެކުށް ސާބިތު ކުރެވޭ މިންވަރުގެ ހެކި ހުއްޓަސް، އެދައުވާ ކުރުން، ގާނޫނުން ހުރަސްއަޅައެވެ. މިއަށް ކިޔަނީ، ގާނޫނީ ލިމިޓޭޝަންގެ މުއްދަތުތަކެވެ.

ހަމަ އެގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ހުރި ނަމަ، އެމީހެއްގެ މައްޗަށް، ހައްޔަރު ކުރާތާ 45 ދުވަހުގެ ތެރޭގައި ކޯޓަށް ދައުވާ ހުށަހަޅަންޖެހެއެވެ. 46 ވަނަ ދުވަހު އެއޮތީ ލިމިޓޭޝަން ހަމަވެފައެވެ. އެކުށް ސާބިތު ކުރެވޭވަރުގެ ހެކި ހުއްޓަސް، އާންމު މަސްލަހަތު އޮތަސްވެސް، ގާނޫނީ ގޮތުން އެ ދައުވާ ކުރުމަށް ހުރަސްއަޅައެވެ.

ދެވަނަ ސުވާލަކީ، އެދައުވާއެއް ކުރުމުގެ އާންމު މަސްލަހަތެއް އޮތްކަން ނުވަތަ ނޫންކަމެވެ. ފުރަތަމަ ސުވާލު، ދައުވާއެއް ސާބިތު ކުރެވޭ ހެކި ހުރި މައްސަލައެއްކަން ނުވަތަ ނޫންކަމާމެދު އުފެދުނު ސުވާލުގެ ޖަވާބަކީ ނޫނެކޭ ނަމަ، ދެވަނަ ސުވާލާ ހިސާބަށް ދާކަށްވެސް ނުޖެހެއެވެ. ހެކީގެ މައްޗަށް ކުށެއް ސާބިތު ކުރެވިދާނެކަމަށް ގަބޫލުކުރެވޭނަމަ، ދެން ބަލާނީ، އެދައުވާއެއް ކުރުމުގެ އާންމު މަސްލަހަތު އޮތްތޯ ނުވަތަ ނޫންތޯއެވެ. އާންމު މަސްލަހަތުގެ ސުވާލަށް ޖަވާބު ހޯދުމުގެ ބަލާނެ މިންގަނޑުތަކެއް ގާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، ތުހުމަތު ކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، އޭނާ ކުރި ކުށުގެ ބާވަތް (ކުދި ކުދި ވައްކަން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، އަނިޔާވެރިކަން ހިމެނޭ ކުށްތައް)، ކުށް ކުރި ހާލަތާއި، މުއްތަހަމުގެ އުމުރާއި، އޭނާ، ކުށް ނުކުރާ މީހެއްގެ ގޮތުގައި މުޖްތަމައަށް އެނބުރި އައުމަށް އޮތް ފުރުސަތު ފަދަ ކަންކަމަށް ބަލަންޖެހެއެވެ.

މިދެސުވާލުގެ ޖަވާބަކީ އާނ އެކޭނަމަ، ޖިނާއީ ދައުވާއެއް ކޯޓަށް ހުށަހަޅާނީއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބިނާވަނީ ތަހުގީގީ އިދާރާތަކުން ހޯދާ ހެއްކާއި ގަރީނާތަކުގެ ފެންވަރަށެވެ. ކިތަންމެ ބޮޑު ގޯހެއް މީހަކު ހަދާފައި އޮތަސް، އެކަން އަޅުގަނޑުމެން އެންމެނަށް އެނގުނަސް، ގާނޫނީ ގޮތުން ފެން ހިފޭ ވާހަކައެއް ދެއްކޭ ވަރުގެ ތަހުގީގީ ހޯދުންތަކެއްގެ މައްޗަށް ނޫނީ ޖިނާއީ ދައުވާއެއް މީހެއްގެ މައްޗަކަށް ނުކުރެވޭނެއެވެ.

މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގަކާއި ދައުވާއެއް ކުރުމަށް ދައުލަތުގެ މުޅި މެޝީނަރީ ހަރަކާތްކުރާއިރު، މުއްތަހަމު ހުންނާނީ ގާނޫނީ ގޮތުން ވަރަށް ބަލިކަށި މަގާމެއްގައެވެ. އޭނާއަށް ރައްކާތެރިކަން އޮތީ ގާނޫނުން އެކަންޏެވެ. މިކަމަށްޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގައި ގާނޫނީ އުސޫލުތައް މާނަކުރުމުގެ މައިގަނޑު މަފްހޫމަކީވެސް، ތުހުމަތުގައި ހުންނަ މީހާގެ މަސްލަހަތު އޮންނަ ގޮތަށް ގާނޫނު މާނަކުރުމެވެ.

ދެން އޮތީ ދައުވާކުރުމުގައި އިސްކުރަންޖެހޭ ހިކުމަތެކެވެ. އެނގިފެނި ހުރި 'ކުށްވެރިޔާ' ގެ މައްޗަށް ހެކި ނެތި ދައުވާކޮށްފިނަމަ އެ ދައުވާ ނިމިގެންދާނީ އޭނާއާ އެއްކޮޅަށެވެ. އެއީ އޭނާއަށް ކޮށްދެވޭނޭ ހެޔޮކަމެއް ކަމުގައި މެނުވީ ނުވާނެއެވެ. އެހެނީ އޭނާގެ މައްޗަށް ފަހުން ހެކި ލިބުނު ނަމަވެސް އެ ދައުވާ ކުރެވޭކަށް ނޯންނާނޭތީއެވެ. އެއީ އެއް ކުށެއްގެ މައްޗަށް ދެ ފަހަރު ދައުވާކުރުން ގާނޫނީ ނިޒާމު މަނާކުރާތީއެވެ. އެ ހާލަތުގައި މުޖުތަމައުގެ މަސްލަހަތުގައި އެޅެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ހެއްކަށް އިންތިޒާރު ކުރުމެވެ. ހެކި ނެތި އަވަސް އަރުވާލައިގެން ކުރެވޭ ދައުވާއެއްގެ ސަބަބުން ހަގީގީ ކުށްވެރިޔާ ކުށުން ބަރީއަވުމުގެ ހިރާސް ނެގުމަށްވުރެ، ފުރިހަމަ ތަހުގީގަކުން ހޯދާ ރަނގަޅު ހެކީގެ މައްޗަށް ދައުވާ ބިނާކުރުން މުޖުތަމައުގެ މަސްލަހަތު ލާޒިމުކުރެއެވެ. އަޅުގަނޑު ހިޔާރު ކުރާނީ އެ މަގެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން، ރަސްމީ ދާއިރާއިން އަޅުގަނޑާ ބެހޭނެ ކަމަކީ ދައުވާ ކުރުމެވެ. ދައުވާ ކުރާނީ ކޮން ކަމަކަށްތޯ، ކޮން ގޮތަކަށްތޯ، އެކަން ނިންމޭނީ ތަހުގީގުން ސާފުވީ ވަރަކުންނެވެ. މިޒަމާނުގައި، ކަމެއް އެނގިފައި އޮތަކަސް އެހިސާބަކުން ނުނިމޭނެއެވެ. އެކަން، ގަވާއިދަށް ފެތިގެން، ގާނޫނަށް ފެތިގެން، ކަމާބެހޭ ދާއިރާތަކުން ފޮނުވީމާ، ކުރާނެ ދައުވާއެއް ކަނޑައެޅޭނީ އެ ލިޔުންތަކަށް ބަލާފައެވެ. ވަކި މީހަކަށް ވީތީ، ނުވަތަ ނުވީތީ ދައުވާއެއް ކުރުމަކީ، މިހާރު ގާނޫނީ ނިޒާމު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކޮށްގެންވާނޭ ކަމެއްވެސް ނޫނެވެ. ޖިނާއީ އަދުލުގެ ނިޒާމު ދާނީ ހެކީގެ ފަހަތުންނެވެ. އާންމުން ދެކޭ 'ވިޔާނުދާ' މީހާގެ ފަހަތަކުން ނޫނެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ލިޔުމެކެވެ. ޝާއިއުކޮށްފައިވަނީ އަދަދުގެ އެޑިޓޯރިއަލް ޕޮލިސީ އަށް ފެއްތުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox