ފައިލަސޫފުންގެ ގުންޒަރުން މިނިވަންކަމާ ބުއްދީގެ ބަހުސެއް

ފައިލަސޫފުންގެ ގުންޒަރުން މިނިވަންކަމާ ބުއްދީގެ ބަހުސެއް

ޗާކީގޭ ފެންޑާމައްޗަކީ ތަފާތު އިލްމީ ދާއިރާތަކުގެ މީހުން އައިސްގޮސްވެ އުޅޭ ހޭލަމޭލަކަން ބޮޑު ތަނެކެވެ. އެއީ ގިނަ އިލްމީ ބަހުސުތައް ވެވޭ ފެންޑާއެކެވެ. ރަށުގައި ހުރިނަމަ ހުރި އިލްމުވެރި ފާޑުގެ ކޮންމެ މީހަކުވެސް އެގޭ ފެންޑާމައްޗަށް ދުރުވެ ބަހުސުކޮށް ހައްދަވާ އުޅުއްވަ އެވެ. އެގެޔަކީ ފައިލަސޫފުންގެ ގުންޒަރެވެ. ނުދަންނަކަން ދަންނަ ކޮންމެ މީހެއްގެ އައްޑާ އެވެ. އެގެޔަށް އެކި މީސްމީހުން ޖަމާވެ އެރެޔަކަށް އެންމެ އާރުލާފައި އޮންނަ މައުލޫއަކަށް ވާހަކަދައްކާ ބަހުސުކޮށް އުޅެތެވެ. އެއީ އާދަވެގެން ހިނގަހިނގާ އޮންނަކަމެކެވެ. ޗާކީގެޔަށް އާދަވެގެން ދުރުވެ އުޅުއްވާ ބޭކަލުންގެ ތަސައްވަރުގައި އެއީ އިހު އެވޭލާ ޒަމާނުގައި ބަގުދާދުގައި ހުރި ފަދަ ބައިތުލް ހިކުމާއެކެވެ. އާދެ "ހައުސް އޮފް ވިޒްޑަމެވެ" އެމީހުން އެ ފެންޑާ މައްޗަށް ކިޔައި އުޅެނީ ވެސް އެހެންނެވެ.

ދަންނަކަން ނުދަންނަ، ދަންނަބޭކަލުންގެ މި މެހެފިލުގެ ބާނީންނަކީ ޗާކީގޭގެ ވެރި ބާކީ ހުސައިންފުޅާ އޭނާގެ އަނބި ޑޯވަ ދަލެކާމަނިކެ އެވެ. އެދެމަފިރިންނަކީ ވެސް ފައިލަސޫފީ ހިޔާލުތަކަށް މާ ޝައުގެއް ހުންނަ ދެމަފިރިންނެވެ. އެމީހުން އެބާވަތުގެ އިލްމު އުނގެނުނީ ރަށުގައި އެއިރު ހުރި އެންމެ ބޮޑު ފައިލަސޫފުގެ އަރިހުންނެވެ. އެއީ މުރުއްބާ ދޮންކަލޭގެފާނެވެ. އަދި އެ ނޫނަސް އެދެމަފިރީންނަކީ އިލްމީ ގިނަ ދާއިރާތަކެއްގެ ތަރަހަތައް ވެސް ކޮންމެވެސް މިންވަރަކަށް އުނގެނނިގެން ތިއްބެވި ދެބޭކަލުންނެވެ.

ރެޔަކީ އާދިއްތަ ވިލޭރެއެއްގެ އިޝާގެ ފަހެވެ. އާދައިގެ މަތީން ބާކީގޭ ފެންޑާމަތީ އުނދޯލީގައި ހުސައިންފުޅު އިންނަވަނިކޮށް ދޮންނައިބު ތަކުރުފާނު ދުރުވެ، އުނދޯއްޔާ މާދުރު ނޫން ހިސާބެއްގައި ހުރި ދިގު ގޮޑީގައި އިށީންނެވި އެވެ. ތަކުރުފާނު އެތަނުގައި އިށީންނަވާ ރަނގަޅަށް ހަމަޖެހިލެއްވުމުން ހުސައިންފުޅު އޭނާގެ އަތުގައި އޮތް ނޮޅި ތަކުރުފާނަށް ދިއްކޮށްލައްވަމުން ވާހަކަ ފެއްޓެވިއެވެ.

Advertisement

ހުސައިންފުޅު: ތަކުރުފާނެވެ. ދުނިޔޭގައި މާތް ކަލާނގެ ލެއްވެވި ނިއުމަތްތަކަކީ ގިނަގުނަ އެއްޗެކެވެ. އޭގެ ތެރެއިން އެންމެ އަގުހުރި ނިއުމަތަކީ ކޮބައިކަން ތަކުރުފާނު ދެނެލައްވަމުތޯ އެވެ؟

ދުފުން ގަނޑު ކުޑަކޮށް އޮލަކޮށްލައްވަމުން ނިކަން ރަނގަޅު ދުންގަނޑެއް ދަމާލާފައި ތަކުރުފާނު ބުނުއްވި އެވެ.

ތަކުރުފާނު: މާތް ކަލާނގެ ލެއްވި ނިއުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި ނިއުމަތަކީ ކޮންމެ އިންސާނަކަށްމެ ދެއްވާފައިވާ ސިކުނޑިކަމުގައި އަހަރެން ދެކެމެވެ. ސިކުނޑިޔޭ މިބުނި ބަހުގެ މާނައަކީ ބުއްދިޔާ ފިކުރުގެ ނިއުމަތެވެ. ވިސްނުމުގެ ގާބިލުކަމެވެ. އަހަރުމެންނާ ވަހުޝީ ހައިވާނުނާ ދެމެދު އޮތް ފަރަގަކީ ވެސް އެއީ ނޫންތޯ އެވެ. ބުއްދިޔާ ވިސްނުން ނުވީނަމަ ހައިވާނުނެކޭ އަހަރުމެނެކޭ އޮތީ ވަކި ކޮން ފަރަގެއްހެއްޔެވެ.

އަހަރުމެން އިންސާނުންކަމުގައި ހަދާ އެއްޗަކީ އެއީ އެވެ. ހައިވާނުންގެ ތެރެއިން އޭގެ އެހެނިހެން އެއްޗިއްސަށް ވުރެ ބުއްދިޔާ ހިކުމަތް މޮޅު އެއްޗެހީގެ ނަންނަމުން އަހަރުމެން މިސާލު ޖަހަޖަހާ މިތިބޭ ތިބުމާ ހިޔަޅާއި ބަކަމޫނަކީ ބުއްދިޔާ ފިކުރުގެ ރަމްޒުތައްކަމުގައި ހަދައިގެން މިއުޅޭ އުޅުމަށް ބަލާލިޔަސް ބުއްދީގެ އަގުވަޒަންކުރެވޭނެތެވެ. އަހަރުމެންނަށް ހެވާ ނުބައި ވަކިކޮށްދެނީ ބުއްދި ނޫންތޯ އެވެ. މީހަކު ބުނެދޭ ހެޔޮ ގޮތެއް ނޫނީ އިސްލާހަށް އެދި ދޭ ނަސޭހަތެއް ގަބޫލުކުރެވެނީ ބުއްދިން ވިސްނައިދިނީމަނޫންތޯ އެވެ. ހުސައިންފުޅާ އެވެ. އަހަރެންގެ ނަޒަރުގައި މާތް ކަލާނގެ ދެއްވި އެންމެ އަގުހުރި ނިއުމަތަކީ ބުއްދި އެވެ.

މިހާހިސާބަށް ތަކުރުފާނު ވާހަކަ ހުއްޓަވާލެއްވުމަށް ފަހު މަޑިސީލަ ނަގާ އަނެއްކާ ވެސް ދުފުން ގަނޑު އޮލަކޮށްލެއްވި އެވެ. މިވަގުތު ހުސައިންފުޅު އަނެއްކާވެސް ވާހަކަ ފެއްޓެވި އެވެ.

ހުސައިންފުޅު: ބުއްދީގެ މޮޅުކަމާއޭގެ ހިކުމަތްތަކުގެ ފައިދާއަކީ ގިނަގުނަ އެއްޗެއްކަމާމެދަކު ޝައްކެއްނެތެވެ. ތަކުރުފާނު ތިޔަ ބުނުއްވި ފަދައިން ސިކުނޑީގެ ނިއުމަތަކީ އިންސާނާޔަށް ދެއްވި މަތިވެރިވެގެންވާ ނިއުމަތެކެވެ. އެހެނަސް އަހަރެން ދެކޭ ގޮތުގައި އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތަކީ ބުއްދިޔާ ފިކުރެއް ނޫނެވެ. ސިކުނޑީގައި ތިމާޔަށް ކިތަންމެ މޮޅު ފިކުރެއްވެސް ކުރެވިދާނެ އެވެ. އައު ހިޔާލާތުތައް ވެސް ސިކުނޑިޔަށް އެރުވިދާނެ އެވެ.

އެހެނަސް ކުރި ހިޔާލާ ހިންގި ފިކުރުގެ ތަންފީޒު ކުރާނޭ މިނިވަންކަމެއް ތިމާޔަށް ލިބިފައި ނުވާނަމަ ތިޔަ ބުނުއްވި ބުއްދިޔާ ފިކުރުވާނީ ޖެހިފައިވާ މުސީބާތަކަށެވެ. ޖާހިލުކަމަކީ ނިއުމަތެކޭ ބުނާތީ ތަކުރުފާނު ވެސް އައްސަވާނޫ އެވެ. އެއީ މި ނަންގަތް ފަދަ ހާލަތްތަކަށް ނިސްބަތްކޮށް ބުނާ ބުނުމެކެވެ. އާއެކެވެ. މިނިވަންކަމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތެވެ. އެއީ އެހާމެ އަގުހުރި ނިއުމަތެއްވެސްމެ އެވެ. އޭގެ އަގުއެހާ ބޮޑުވީ ސަބަބަކާމެދު ވިސްނަވާލެއްވީމުތޯ އެވެ؟ އެހެނީ މިނިވަންކަމޭ މިބުނާ ބުނުމުގެ ރާހަތަކީ ނިސްބަތުން މަދުބަޔަކަށް ނޫނީ ނުލިބޭނެ އެއްޗަކަށްވާތީ އެވެ. އެ ރާހަތުގެ ލައްޒަތައްޓަކައި ފުރާނައިން އިންސާނާ ގުރުބާންވެވޭތީ އެވެ. އަނެކާގެ ލައްޒަތާ އުފާވެރިކަމަކަށްޓަކާ ތިމާ ގުރުބާންވެ ޖާނުދޫކޮށްލާ މަދު ތަދު ކަންކަމުގެ ތެރޭގައި އެކަން ނުހިމެނޭ ހެއްޔެވެ؟

ތަކުރުފާނެވެ. ވިސްނަވާށެވެ. މިނިވަނެކޭ ބުނުމަކުން އަދި މިނިވަންކަމެއް ނުލިބޭނެތެވެ. ވީމާ އޭގެ ހަގީގީ ފޮނިމީރުކަމެއް އަދި ތަކުރުފާނަކަށް އިހުސާސް ނުކުރެއްވޭނެ އެވެ. ދުނިޔޭގައި ލެއްވި އެންމެ މަތިވެރި ނިއުމަތަކީ އިންސާނާއަށް އޭނާގެ ފުރިހަމަ އިހުތިޔާރު ލިބުމެވެ. މިނިވަންކަމެވެ. އަޅުވެތިކަމުގެ އިދިކޮޅެވެ.

މިހާހިސާބަށް ދިޔަތަނާ ތަކުރުފާނު ހުސައިންފުޅުގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ފެއްޓެވި އެވެ.

ތަކުރުފާނު: އަޖައިބު ހައިރާނެއް ނުވާނެހެއްޔެވެ. ހުސައިންފުޅު ތިޔަހަރަ ދައްކަވާ ވާހަކަޔަކާ މެދު މަ ހަމަ އަންތަރީސްވެއްޖެ އެވެ. ހުސައިންފުޅާ އެވެ. އަހަރެންވެސް އެއްބަހެވެ. މިނިވަންކަމަކީ ކިތަންމެހައިވެސް އަގުހުރި ނިއުމަތެކެވެ. ރަނގަޅެވެ. މިނިވަނެކޭ ބުނުމަކުން ވެސް އަދި މިނިވަންކަމެއް ނުލިބޭނެކަން ޔަގީނެވެ. އެކަމަކު ތިޔަ ބުނުއްވާފަދަ މިނިވަންކަމެއް މީހަކަށް ލިބުނެއްކަމަކު އެމީހަކަށް އެހެރީ ހަގީގީ މިނިވަންކަން ލިބިފައިކަން ވިސްނައިގަންނަން ނޭނގޭނަމަ އޭގައި އޮތީ ކޮން ފައިދާ ހެއްޔެވެ. މިނިވަނަކަށް ވެވޭނީވެސް ބުއްދި ހުރެގެން ނޫންތޯ އެވެ. ތިމާ މިހުރީ އަޅުވެތިވެފައިކަން ބުނެދެނީ ބުއްދީގެ ޒަރީއާ އިން ވިސްނައިގަންނަން އެނގުނީމާ ނޫންތޯ އެވެ؟ ޖާހިލުކަމަކީ ނިއުމަތެކޭ ބުނެ އުޅެޔޭ ވެސް އަހަރެން ނަންގަތީ އެހެންވެ އެވެ. ބުއްދީން ތިމާއަކީ އަޅުވެތިކަމެއްގެ ދަށުގައި ހުންނަން ޖެހޭ މީހެއް ނޫންކަން ބުނެދޭ ހިސާބުން ނަފުސަށް ކުރުވާނެ އަސަރު ވިސްނަވާށެވެ. އަދި އެމީހަކީ އެކަމަށް މަސައްކަތެއްކުރާނެ ހިތްވަރެއް ނެތް މީހަކު ކަމުގައިވާނަމަ ދެން ކުރިމަތިވާނެ ތުރާތައްވެސް ވިސްނަވާށެވެ. ބަލަ މިނިވަންކަމަކީ އޮތް އެއްޗެއްކަން ވެސް އިންސާނާޔަށް ބުނެދެނީ އޭނާގެ ބުއްދިނޫން ދެން ކޮންއެއްޗެއް ހެއްޔެވެ.

ހުސައިންފުޅުގެ ވާހަކަތަކަށް ތަކުރުފާނު ރައްދުދެއްވާ ނިންމެވުމުން ހުސައިންފުޅު ކުޑައިކޮށް ވިސްނާލެއްވިއެވެ. ދެއްކެވި ވާހަކަތަކަށް ދެއްވާނެ ރައްދަކާމެދު ވިސްނަވާ ކަހަލައެވެ. މިހެން ކުޑައިރުކޮޅަކު އިންނެވުމަށްފަހު ބުނުއްވި އެވެ.

ހުސައިންފުޅު: ތިޔަ ބުނުއްވީ ހެޔޮކޮށެވެ. އެކަމަކު ނިކަން ތަކުރުފާނު ބުނުއްވަ ބައްލަވާށެވެ. މީހަކު ތަނެއްގައި ހަމަ ހުއްޓާ އެމީހަކަށް ތިޔަ ބުނުއްވާ ރަން ބުއްދިޔާ މޮޅު ހިކުމަތް ލިބެނީތޯ އެވެ؟ ބުއްދީގެ މައްޗަށް ފިކުރު ހިންގަން އިންސާނާޔަށް ދަސްކޮށްދެނީ އޭނާޔަށް އިލްމު ލިބެމުންދާ މިންވަރަކުން ނޫންތޯއެވެ. އިލްމާއި ހިލްމަކީ ބުއްދި އެމައްޗަކަށް ތެދުވެ ހުންނަ ދެ ބިންގަލެވެ. ހިޔާލުކޮށް ފިކުރު ހިންގާ އެ ފިކުރުތަކުގެ މައްޗަށް ބުއްދީގެ ހަމައިން ވިސްނަން އިންސާނާޔަށް ދަސްކޮށްދެނީ އޭނާގެ އިލްމުވެރިކަން ހުންނަ މިންވަރަކުން ނޫންތޯ އެވެ. އެވަރުނުވިމީހާ ހުންނާނީ އެއްކަލަ ތިޔަ ބުނުއްވާ ބުއްދީގެވެރިޔާ ޖަހާހާ ބެރަކަށް ނަށާށެވެ.

ބަލަ ތަކުރުފާނެވެ. ބުއްދިޔެއް ލިބިހުރި ކޮންމެ މީހަކީ އަދި ހުލްގުހެޔޮ މީހަކަށް ނުވެދާނެ އެވެ. އެމީހެއްގެ ނިޔަތްވެސް ވަކި ސަހަލުނުވެދާނެއެވެ. ވީމާ ހުލްގުހެޔޮ ނޫން ނުބައި ނިޔަތުގެ ބުއްދިވެރިޔާ އެވަރުނުވެ ދެންތިބި މީހުންގެ މައްޗަށް އޭނާގެ ހިޔަޅު ބުއްދި އިސްކޮށްފިނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އިންސާނިއްޔަތުގެ ތާރީހަށް ބަލައިލިޔަސް އެފަދަ ކިތަންމެ ބަޔަކު ފެންނާނެ އެވެ. އެމީހެއްގެ ހިޔަޅު ބުއްދީން އެވަރުނުވެ ތިބި ބަޔަކަށް އިލްމާ ހުނަރާ އަދި ފަންނުތައް އުނގެނުން މަނާކޮށްފައި ހުރި ކިތަންމެ މިސާލެއް މާޒީއިން ތަކުރުފާނުވެސް ދެކެލައްވާނޫއެވެ. އިލްމު އުނގެނުމުގެ މިނިވަންކަމަށް އަރައިގަނެ ދެންތިބި ބަޔަކު ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ޖާހިލުކަމުގައި ގެންގުޅުމުން ކަންވެދާގޮތްވެސް ތާރީހު ފޮތްފޮތުން ފެންނާނޫ އެވެ. ވީމާ އެފަދަ މިނިވަންކަމެއް ލިބިފައިނުވާ މީހާޔަށް ދެން ތިޔަ ބުނުއްވާ މޮޅު ބުއްދީން ހިކުމަތް ނެރެވުމަކީ ނާދިރުކަމެކެވެ. މިއީ ފަހެ ދޮގެއްހެއްޔެވެ. އަޅެ ބުނުއްވަ ބައްލަވާށެވެ.

ޙުސައިންފުޅުގެ މިވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ތަކުރުފާނު އަނގަ ހަމަ ހުޅުވާލިތަނާ ބާކީގޭ ދަލޭކާމަނިކެ އެތެރެގޭ ތެރެއިން ނިކުންނަވާ އެދެބޭކަލުންނަށް ރައްދު ޖަވާބު ދެއްވަން ފެއްޓެވިއެވެ.

ދަލޭކާ މަނިކެ: ތިޔަ ދެބޭކަލުން ޒުވާބު ފެއްޓެވީއްސުރެން މަމިހުރީ އަޑުއަހާށެވެ. އެހެނަސް އެއިރު ކުޑަސޮރު ނުނިދާ އޮތީމާ މަ ކިރިޔާ އަތަކަށް ފިރާލިޔަސް އެސޮރު ތެދުވާނެތީ ބަހުސުގައި ބައިވެރިނުވެވުނީ އެވެ. ތިޔަ ދެބޭކަލުންނަށްވެސް ވާ ސާބަހެވެ. އައްސަރިބަހާ ސާބަހެވެ. ބުއްދިޔާ ބުއްދި ބޭނުން ކުރުމުގެ މިނިވަންކަމުގެ މައްޗަށް މަގޭ ހުސައިންފުޅާ ދެވެރިން ލައްކަ ބަހުސް ކޮށްފީމުތާ އެވެ. ވީމާ އޭގެ ތެރެޔަށް ދެން މަ ވަންނާކަށް ނެތީމެވެ. އެކަމަކު ދެންމެ ހުސައިންފުޅުގެ ވާހަކައިގައި އިލްމޭ ކިޔައިގެން އަނގަތަކެއް ތެޅުވީމާ މަވެސް އެއްޗެއް ބުނެލާ ހިތުން މިތަނަށް ބޯދިއްކޮށްލީ އެވެ.

ދެންމެގައި އިލްމާ ހިލްމުގެ ވާހަކަ ދައްކަވައިފި އެވެ. ބުނަން ހެއްޔެވެ. އިލްމު ލިބުމަކީ އެއްޗެހިތަކެއް ހިތަށް އަޅާ އެޅުމެއް ނޫނެވެ. އެއީ މީހަކު ބުނި ވާހަކައެއް ހިތުން ބުނަން އެނގުމެއްވެސް ނޫނެވެ. އިލްމު ލިބުމަކީ މީހާގެ ދެލޯ ތަންމިނަށް ހުޅުވި ކަންފަތައް އިވުމާއެކު ރޯފިލާ ދިޔުމެވެ. އިލްމު ލިބުމަކީ ހުޅުވުނު ލޮލަށް ފެންނަ ކަންކަމާ އިވެންފެށި ކަންފަތަށް އިވޭ އިވުމުގެ މައްޗަށް ތިމާޔަށް މާތް ކަލާނގެ ދެއްވި ބުއްދީގެ ބޭނުންކޮށްގެން ވިސްނާ ކަންކަން ފަހުމުކޮށް ދެނެގަންނަން އެނގުމެވެ. މީހަކަށް އިލްމު ލިބިއްޖެކަމުގެ ދަލީލަކީ އެމީހަކަށް ނޭނގޭކަން އެނގެން ފެށުމެވެ. ނޭނގޭކަން އެނގެން ފެށުމުން ނޭނގުނުކަންކަން ހޯދާހިތްވުމެވެ. އެއީ މީހަކަށް އިލްމު ލިބިއްޖެކަމުގެ ހެއްކެވެ. ޙުސައިންފުޅާ ބުނަންހެއްޔެވެ. އިންސާނާޔަށް ދެއްވި އެންމެ ބޮޑު ނިޢުމަތަކީ ހަމަ ބުއްދިޔެވެ. ތިޔަ ބުނުއްވާ މިނިވަންކަމަކީ އަދި މާފަހުގެ ކަމެކެވެ. މިނިވަންކަމުގެ ކުޑަ ރާހަތެއް ނަމަވެސް ލިބިފައިނުވާ މީހާ އިލްމުވެރިވެދާނެވެ. އަދި އިލްމުވެރިނުވާ މީހާ ހިލްމުވެރިއަކަށްވެސް ވެދާނެއެވެ. އިލްމެއް ނެތް ހިލްމުވެރިންވެސް ބޮޑެތި ބުއްދިވެރިންނަށް ވެފައި އެބަހުއްޓެއްނޫންތޯ އެވެ. ޝައްކެއްވެސް ނެތެވެ. މާތް ކަލާނގެ އަހަރުމެންނަށް ދެއްވި އެންމެ ބޮޑު ނިއުމަތަކީ ބުއްދީގެ ނިއުމަތެވެ. ތަކުރުފާނު އެބުނުއްވަނީ ތެދެކެވެ. ދެން ތުންދިގުކޮށްފައި އިންނަވާނެކަމެއް ނެތެވެ. މިހާރު އެޔޮށް ބާރަގަޑިބައި ވަނީއެވެ. މިރެޔަށް ތިޔަ ބޭކަލުންވެސް ދެން ބަހުސު ކުރުކޮށްލައްވާށެވެ.

ނައިބު ތަކުރުފާނު: އާނ ތިޔާ ބުނުއްވީ ތެދެކެވެ. ދެން މިރެޔަށް ކުރުކޮށްލަމާ ބަހީ، އެކުން ދަލޭކާ މަނިކެ ނިކުންނަވާ ހާތިމާ އެޅުއްވި ގޮތް މަށަށްވެސް ކަމު ހިނގައްޖެ އެވެ. މިރޭގެ ބަހުސުން މޮޅު މިވީ އަހުރެންތާ އެވެ. ބާއްޖަވެރި ރެޔަކަށް އެދެމެވެ. ދަނިއްޔޭ އެނގޭ ވަރަށް ސަލާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

Newsletter

Get the latest news delivered straight to your inbox