Advertisement

އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އާއި ނޫސްވެރިޔާ ޝަހުޒާން އަށް މަރުގެ އިންޒާރު ދީފި

އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އަދި ނޫސްވެރިޔާ ޝަހުޒާން: މަރުގެ އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އާއި ނޫސްވެރިޔާ ޝަހުޒާން އަށް މަރުގެ އިންޒާރު ދީފި

ރައީސް އޮފީހުގެ މުވައްޒަފަކާއެކު ރައީސް މުހައްމަދު މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމަށް އޭނާ ބުނި ވާހަކަ ގެނެސްދިނުމުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މީހަކު މަރުގެ އިންޒާރެއް ދީފި އެވެ.

ފިޔާޒް އާއި ޝަހުޒާނަށް މަރުގެ އިންޒާރު ދިނީ މި ނޫހުގެ ހަބަރަކަށް ވެބްސައިޓުގައި ކޮމެންޓެއް ކުރި މީހެކެވެ. އެ ހަބަރަކީ، "ރައީސް އޮފީހުގެ މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެއްޖެ" މި ސުރުހީގެ ދަށުން މި ނޫހުން ޝާއިއު ކުރި ހަބަރެވެ.

"ފިޔާޒް އާއި ޝަހްޒާން ވިސްނައިގެން އުޅޭތި. 2 ބޅވެސް. ކަލޭމެންގެ ފުރާނަ ބޭނުމިއްޔާ މަގުމައްޗަށް ނުނިކުންނާތި،" އެ ކޮމެންޓު ކުރި ފަރާތުން ބުނެފައިވެ އެވެ.

މި ނޫހުގެ ނޫސްވެރިއެއްގެ އިތުރުން ޝަހުޒާންއަކީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުގެ ނައިބު ރައީސް އެވެ.

ނޫސްކިޔާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި، ވެބްސައިޓުގައި ކޮމެންޓު ކުރާ ފަރާތްތަކުގެ މައުލޫމާތެއް މި ނޫހަކުން ނުބަލަހައްޓަ އެވެ. އެހެންވެ، ފިޔާޒް އާއި ޝަހުޒާނަށް މަރުގެ އިންޒާރުދީ ކޮމެންޓު ކުރި މީހެއް މި ނޫހަކަށް ނޭނގެ އެވެ.

އަދަދުގެ ސީއީއޯ އަދި ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދިން ކޮމެންޓު (ހުތުރު އެއްޗެހި ކިޔާފައި ހުރި ބައި ފުސްކޮށްފައި)


އަދަދު ގެ ސީއީއޯ ފިޔާޒް ވިދާޅުވީ، އޭނާ އަދި ޝަހުޒާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ތެރެއިން ކުރާ މަސައްކަތެއްގެ ސަބަބުން މަރުގެ އިންޒާރު ލިބޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

"މި މައްސަލަ ތަހުގީގުކޮށް، ނޫސްވެރިންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ކަމާ ގުޅުން ހުރި އިދާރާތަކަށް އަޅުގަނޑު ގޮވާލަން،" ފިޔާޒް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން އޭޕްރީލް 4، 2021، ގައި މި ނޫސް ޝާއިއު ކުރަން ފެށި ފަހުން ވަރަށް ގިނަ އިންޒާރުތައް ވަނީ ލިބިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން ދުވަސްވަރު ލިޔުނު ހަބަރުތަކާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ލިޔުނު ހަބަރުތަކާ ގުޅިގެން އިންޒާރު ލިބިފައިވެ އެވެ.