about 2 hours 0
ހަސަން މުހައްމަދު
about 2 hours 0
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް، އެ ރިސޯޓުގެ ހިއްސާ ރައްޔިތުންނަށް ހަމަހަމަކޮށް ބަހައި، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސީދާ ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތަށް ރިސޯޓުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބަހައިލައްވާނެ ކަމަށެވެ.
"އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ހަމަހަމަކަމާއެކު ގާނޫނަކުން ކަނޑައަޅައި ހަމަޖައްސާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު، އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތުންވެ، ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާވާން ފަށާނެ ކަމަށެވެ.
"އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. "މިކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުވިކަމާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން."
Comment