އިންތިހާބާ ދިމާކޮށް އީއައިއޭ ނުހަދައި ނ. އަތޮޅު ވިހަފަރު ފަޅު ހިއްކަން ފަށައިފި

ނ. އަތޮޅު ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅު -- ފޮޓޯ: ގޫގުލް އާތު

ނ. އަތޮޅު ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅު -- ފޮޓޯ: ގޫގުލް އާތު

ކައުންސިލް އިންތިހާބާ ދިމާކޮށް ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކޮށްދޭ ރިޕޯޓު (އީއައިއޭ) ނުހަދައި ނ. ވިހަފަރު ފަޅު ހިއްކަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. ވިހަފަރު ފަޅު ހިއްކަން ފެށީ އިއްޔެ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތަށް ދެ އެކްސްކެވޭޓަރު އިއްޔެ އެ ތަނަށް ގެންގޮސް މަސައްކަތް ފަށާފައިވާ ކަމަށް އެ އަތޮޅު ބައެއް މީހުން ބުންޏެވެ.

ނަމަވެސް، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އަދި ތައްޔާރުކޮށް އާންމު ކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ވިހަފަރު ފަޅުގެ އީއައިއޭ ހަދާ ސާވޭ ޓީމު އެ އަތޮޅަށް ދާން ހަމަޖެހިފައި އޮތީ މިއަދު އެވެ.

އެ މީހުން ތިބެން ހަމަޖެހިފައި އޮތީ ނ. ވެލިދޫގައި ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ. ހަތަރު މީހުންގެ އެ ޓީމުން އީއައިއޭ ހަދަން ނިންމާފައި އޮތީ މާދަމާއިން ފެށިގެން އަންނަ ފެބްރުއަރީ 2، އާ ހަމައަށެވެ.

ނ. ވިހަފަރު ފަޅު ހިއްކައި އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންނަމަވެސް، އޭގެ އެއްވެސް މަސައްކަތެއް ނުކޮށް އޮއްވައި، އެ ވައުދު އެމަނިކުފާނު ތަކުރާރުކުރެއްވީ ނ. އަތޮޅަށް މިދިޔަ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގަ އެވެ.

"ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅުގައި ފެށުމަަށް އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް ފަށާނެކަން ތިބޭފުޅުންނަށް އަޅުގަނޑު މި ޖަލްސާގައި އިއުލާނު ކުރަން،" ޖުލައި 23، 2025 ގައި ފޮއްދޫގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅަކީ ނ. ރާފުށީގެ އެއްބަސްވުމުގައި ހިމަނައި، އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ދޫކޮށްފައިވާ ފަޅެއްކަން މުއިއްޒަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބުގައި ވެލިދޫގައި ވާހަކަ ދައްކަވަމުން އޭރު މުއިއްޒު ވިދާޅުވީ އެއާޕޯޓު އެޅުމަށް އެ ފަޅު ހޯދުމުގެ މަަސައްކަތް ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ފަޅު ސަރުކާރަށް އަނބުރައި ހޯދިކަން މިހައިތަނަށް އިއުލާނު ކޮށްފައެއް ނުވެ އެވެ. އަދި އަނބުރާ ހޯދާފައިވާ ނަމަ އެ ހޯދި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.

އީއައިއޭ ރިޕޯޓު ތައްޔާރުނުކޮށް ވިހަފަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ފަށާފައިވާއިރު، މީގެ ކުރިން ނ. ވެލިދޫގެ ސިނާއީ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފެށީ އީއައިއޭ ނުހަދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox