އީގަލްސް ބަލިކޮށް ވިކްޓަރީން ދެ ވަނަ ބުރު ފެށީ މުހިންމު މޮޅަކުން

Dec 13, 2025, 1:05 PM
ވިކްޓަރީގެ ދެ ވަަނަ ލަނޑު ޖެހުމަށް ފަހު ޝަފްލޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ވިކްޓަރީގެ ދެ ވަަނަ ލަނޑު ޖެހުމަށް ފަހު ޝަފްލޭ އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، މިއަދު ކުޅުނު މެޗުން ކްލަބް އީގަލްސް އަތުން 2-0 އިން މުހިންމު މޮޅަކާ އެކު ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަަނަ ބުރު ފަށައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ބުރުގައި ކުޅުނު މެޗުން ވިކްޓަރީން މި ހޯދި މޮޅާ އެކު، އެ ޓީމުން ލީގުގެ ހަ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް އީގަލްސްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އާއި ވިކްޓަރީ އަށް ވެސް 10 މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ވިކްޓަރީ އަށް މި މެޗަށް ފަހު ބަދަލުވާން ނިންމާފައިވާ އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ)، އޭރިއާ ރޮނގުކައިރިން، ވިކްޓްރީގެ ކީޕަރު، ނޭޕާލްގެ ކިރަން ކުމާރު ލިމްބޫ ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމުގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ގޮތުން، އަހުމަދު ހަސަން (އައްމަޑޭ) ހުސްކޮށްލާފައި ބޮކުރީ އަށް ދިން ބޯޅަ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ފޮނުވާލަން ޖެހި ޝޮޓް، އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން މަތަކުރި އެވެ.

އެކަމަކު، އޭގެ ތިން މިނިޓް ފަހުން، އީގަލްސްގެ އޭރިއާތެރެއިން ވިކްޓަރީގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަހައިފަ އެެވެ. މި ފަހަރުގެ ޓްރާންސްފާގައި ވިކްޓަރީން ގެނައި ލެޗްނީ ޖެހި ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު، އަޝްވާން އަތުގައި ޖެހިފަ އެވެ.

ދެ ވަަނަ ހާފު ފަށައިގެން، އީގަލްސް އަށް އެއްވަރުކުރަން އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ރިޒޭ ފޮނުވާލި ބޯޅަ ކީޕަރު ކިރަން މަތަކުރި އެވެ. މިއީ، ކުރިން ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅުނު ކިރަން، ވިކްޓަރީ އަށް ކުޅެދިން ފުރަތަަމަ މެޗެވެ. ވިކްޓަރީ އަށް ލީޑުފުޅާކޮށްދޭން އަލީ ނަސޫހު ރަޝީދު (ޕިލާ) ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެެވެ.

އީގަލްސް އިން މެޗުގެ 86 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އަށް ވަރަކަށް އަހަރު ފަހުން، ފުރަތަމަ ޑިިވިޝަނަށް އެނބުރި އައި 43 އަހަރުގެ މިޑްފީލްޑަރު، ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ، ބެންޗުން އަރައި ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ބޮންޑާ، އެ ލަނޑު ޖަހަން، ފުރުސަތު ހޯދައިދިން އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުރީ އޮފްސައިޑްގައި ކަމަށް ބަލައި، އެ ގޯލު ބަަލައިނުގަންނަން ނިންމި އެވެ.

ވިކްޓަރީން ދެ ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ސަފްރާޒް އިބްރާހިމް (ޝަފްލޭ) ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ޝަފްލޭ މި ލަނޑު ޖެހީ، އީގަލްސްގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު ކައިރިންނެވެ. ޒަހުރާން ކުޅެން އެރީ އަޝްވާން އަށް އަނިޔާވެގެންނެވެ.

މި ނަތީޖާއާ އެކު، މިއީ، އީގަލްސްގެ ކޯޗުގެ ޒިންމާއާ އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން، ތިން މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox