ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅާ ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ލިއޯ ޓްރޭޑިންއާ ހަވާލުކޮށްފައިވާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 720 ދުވަހުގެ ތެރޭގަ އެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރު ދުވަހެވެ.
ފީފާ މިންގަނޑަށް 21 މީޓަރު އުސްމިނަށް ތަރައްގީކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާގެ ގްރައުންޑް ފްލޯގައި އެއް މެޗު ކޯޓާއި ދެ ޕްރެކްޓިސް ކޯޓު އަދި މަތީ ފަންގިފިލާގައި އިތުރު ދެ ޕްރެކްޓިސް ކޯޓު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޝްރޫއުގެ ދަށުން އަޅާ ހުރިހާ ކޯޓެއްވެސް ޝޮކް އެބްޒޯބްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ކުޝަންޑް ވައިނަލް ސްޕޯޓްސް ފްލޯރިން އަޅާނެ ކަމަށެވެ. އެއީ، ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންއެކެވެ.
މީގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ހާއްސަ ދޮރުތަކާއެކު، ޓީމު ލޮކާ ރޫމްތަކާއި، ފެންވަރާ ތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔާސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓި ޕާޕަސް ޓްރެއިނިން ހޯލަކާއި އިދާރީ އޮފީސްތައް އެރީނާގައި ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.
ފުޓްސަލް އެރީނާ އެޅުމަށް ބިން ދިނުމަށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 24، 2025، ގަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން މިދިޔަ ޖެނުއަރީ މަހު ހޯދި އެވެ. މިއާއެކު ފީފާ އިން މި އަހަރަށް އާންމު ކުރި ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭން ދެކުނު އޭޝިއާގެ އެއް ވަނަ މަގާމު ދަމަަހައްޓައި، ދުނިޔޭގެ 99 ވަނަ އަށް ވަނީ ޖެހިލައިފަ އެވެ.
ރާއްޖޭގައި ސާފްގައި ހޯދި ރަންވަނައާއެކު ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑުތައް އެޅުމަށް ގޮވާލާ އަޑުތައް ގަދަވުމުން މިދިޔަ މާޗު މަހު ފުޓްސަލް އެރީނާގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި އެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވީ މިދިޔަ އެޕްރީލްގައި ފުޓްސަލް އެރީނާގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން ދިން ތާރީހުތަކުގައި ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ނުފެށި މިހާ ދިގުލައިގެންދިޔައީ ކީއްވެގެން ކަމެއް ސަރުކާރުން މިހާތަނަށް ހަމަކޮށްފައެއް ނުވެ އެވެ. ސަރުކާރުން ވަނީ ނެޓްބޯޅަ ކޮމްޕްލެކްސް އެއްގެ ބިންގާ ވެސް އަޅައިފަ އެވެ.







