Advertisement

ރާއްޖޭގެ ރައީސްކަމުގައި ހުރީ ބޮޑު ސްކޭމަރެއް: މީކާއިލް

24 ނޮވެންބަރު 2025 - 11:34 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މެންބަރު މީކާއިލް. އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުން "ކަޓު" ނެގުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް


ރާއްޖޭގެ ރައީސްކަމުގައި ހުރީ ބޮޑު ސްކޭމަރެއް: މީކާއިލް

24 ނޮވެންބަރު 2025 - 11:34 1

މިވަގުތު ރާއްޖޭގައި އޮތީ ސްކޭމް ސަރުކާރެއް ކަމަށާއި އެ ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު މުއިއްޒުއަކީ ބޮޑު ސްކޭމަރެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ ސަރުކާރުން ބަޖެޓުގައި ހުރި ހިސާބުތައް ވެސް ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މިއަދުގެ ރާއްޖޭގެ ރައީސްކަމުގައި މި ހުންނެވީ ބޮޑު ސްކޭމަރެއް. މޯނޯރެއިލްއިން ފެށިގެން، އަންޑަ ވޯޓާ ޓަނަލުން ފެށިގެން، މާލޭގެ ޕާކިން ސްލޮޓްތަކުން ފެށިގެން މީނާ ހާދާފައި އޮތީ ހުސް ސްކޭމް. މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ،" މީކާއިލް ވިދާޅުވި އެވެ.

ސަރުކާރުން ކަންކަން އޮޅުވާލައިގެން ހުށަހެޅި ބަޖެޓަކަށް ވޯޓު ދޭން ނުޖެހޭ ކަމަށާއި ރާއްޖެ މިހާރު ހިނގަމުންދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް މީކާއިލް ވިދާޅުވި އެވެ. ރައްޔިތުން މި ބަޖެޓަށް ވޯޓު ދޭ މެންބަރުންނާ ސުވާލު ކުރާނެ ކަމަށް ވެސް އެމްޑީޕީއަށް ނިސްބަތްވާ މީކާއިލް ވިދާޅުވި އެވެ.

"ދަރަނި ދައްކަނީއެއް ނޫން، ރީފައިނޭންސް ކުރަނީ. ދަރަނި ލަސް ކުރަނީ، އަންނަ އަހަރަށް، އޭގެ ޖެހިގެން އަންނަ އަހަރަށް. ޑިފޯލްޓް ވާނެ، މި ހާލަތުގައި، ރާއްޖޭގެ ރިކަރަންޓު ހަރަދު މަދުނުކުރާނަމަ، ރާއްޖޭގެ ޕެރޯލް ކުޑަނުކުރާނަމަ، ސިވިލް ސާވިސް ވެސް ކުޑަނުކުރާނަމަ އަޅުގަނޑުމެން ޑިފޯލްޓާ ދިމާލަށް ދާނެ،" މީކާއިލް ވިދާޅުވި އެވެ.

އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށާއި އަންނަ ކޮންމެ ބަޖެޓަކަށް ސިއްކަ ޖައްސަވާ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ޑިފޯލްޓަށް ދިޔުމުގައި އަޅުގަނޑުމެން ސިއްކަ ޖެހި ކަމަށް ވެގެން ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިކުމަތްތެރިކަން އިސްކުރައްވައި ޑިފޯލްޓާ ދިމާލަށް ރާއްޖެ މި ގެންދާ ސަރުކާރު ހަމަ މަގަށް އެޅުވުމަށް މި ބަޖެޓަށް ވޯޓު ނުދޭނެ."

ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.

ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.