Advertisement

އަސްކަރީ ހަރަދު އިތުރުކުރަނީ ހަނގުރާމައަކަށް ތައްޔާރުވާން ކަމަށް ވާނަމަ އެކަން ރައްޔިތުންނަށް އެނގެން ޖެހޭ: މީކާއިލް

12 ނޮވެންބަރު 2025 - 12:15 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް : އޭނާ ވިދާޅުވީ ހަނގުރާމައަކަށް ތައްޔާރު ވާނަމަ ރައްޔިތުންނަށް އެކަން އެނގެންޖެހޭ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަސްކަރީ ހަރަދު އިތުރުކުރަނީ ހަނގުރާމައަކަށް ތައްޔާރުވާން ކަމަށް ވާނަމަ އެކަން ރައްޔިތުންނަށް އެނގެން ޖެހޭ: މީކާއިލް

12 ނޮވެންބަރު 2025 - 12:15 4

މި ސަރުކާރުން އަސްކަރިއްޔާއަށް ކުރައްވާ ހަރަދު ބިލިއަނުން އިތުރުކުރަމުންދަނީ، ރާއްޖެއިން ހަނގުރާމައަކަށް ތައްޔާރުވާން ކަމަށް ވާނަމަ އެކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މިއީ ސިއްހީ ދާއިރާއަށް ހާއްސަ ބަޖެޓެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ހަރަދުވާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އަސްކަރީ ދިފާއަށް ކަމަށެވެ. ރާއްޖެ އަކީ އަސްކަރީ ގައުމެއްގެ ގޮތުގައި ދެއްކުމަށް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް. ހަނގުރާމައަކަށް ތައްޔާރުވަމުންދާނަމަ އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން އެބަ ޖެހޭ. އަޅުގަނޑުމެންނަކީ ހަނގުރާމަ މަތީ ގައުމެއް ނޫން އިއްޒަތްތެރި ރައީސް. ބޮޑު ހަނގުރާމައިގައި ވެސް އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ގޮތުގަ ހިފަހައްޓާލި ގައުމެއްކަން އަޅުގަނޑު ފާހަގަކުރަން،" މީކާއިލް ވިދާޅުވި އެވެ.

ބޭރުގެ ގައުމުތަކަށް ރާއްޖެ އަކީ އަސްކަރީ ގައުމެއްގެ ގޮތުގައި ދެއްކުމަކީ ކަންބޮޑުވާ، ގެއްލުން ދެނެވި ސިޔާސަތެއް ކަމުގައި އޭނާ ސިފަކުރެއްވި އެވެ. އަދި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ.

އެކަމަށް މި ސަރުކާރުން ކުރި ހަރަދުތަކުގެ މިސާލު ޖައްސަވަމުން އޭނާ ފާހަގަކުރެއްވީ ކޮންޓިންޖެންސީ ބަޖެޓުން 500 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތުރުކީން އަސްކަރީ ޑްރޯން ގަތުމާއި ޔޫއޭޢީގެ އަސްކަރީ ކުންފުންޏަކުން ސިފައިންގެއަށް ޓޭންކަރުތަކެއް ގަތުން ހިމެނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯން ތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެ އެވެ.

މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާކުރި 44 އަހަރުވީ ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ނުވަތަ ދިވެހި އަސްކަރިއްޔާއިން ދީފައިވާ ނަމުންނަމަ "ދަރުމަވަންތަ" މަނަވަރަށް ހަރަދުތަކަށް ވެސް ބޮޑެތި އަދަދުތަކެއް އަރާނެ ކަމަށް ބެލެވެ އެވެ.