Advertisement

އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރާކަން މުއިއްޒުގެ ގަރާރަކުން އިއުލާނުކޮށްފި

3 ނޮވެންބަރު 2025 - 13:47 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއެންޑީއެފް އެއާކޯ ގެ ސިފައިން، އެއާކޯ އިފްތިތާހުކުރި ދުވަހު މާފަރު އެއާޕޯޓުގައި ---- ފޮޓޯ: އަދަދު


އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރާކަން މުއިއްޒުގެ ގަރާރަކުން އިއުލާނުކޮށްފި

3 ނޮވެންބަރު 2025 - 13:47 1

ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރާކަން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އިއުލާނުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެއާ ސްޓޭޝަން އަޅަން ނިންމާ މުއިއްޒު އެކަން ސިފައިންނަށް އެންގީ ގާނޫނުއަސާސީގެ 106، އަދި 115 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނުގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންނެވެ.

ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކުރާ ތަނެއް ގަރާރަކު ނެތެވެ. ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްޓޭޝަން އަކީ މީގެ ކުރިން މި ނޫހުން ރިޕޯޓުކުރި އައްޑޫ ގަމުގައި ތަރައްގީ ކުރަމުންދާ "ޑްރޯން ބޭސް" އެވެ.

އެއާ ސްޓޭޝަން ގާއިމުކުރަނީ ރާއްޖޭގެ ވައިގެ ސަރަހައްދާއި އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތައް 24 ގަޑިިއިރު ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މި ސްޓޭޝަނާއެކު އަސްކަރިއްޔާއަށް މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާ ކުރެވޭނެ ކަމަށް ވެސް އެ އޮފީހުން މިއަދު ބުންޏެވެ.

ތުރުކީން ޑްރޯންތަކެއް ގަނެ، ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އުފެއްދީ މާޗު 15، 2024 ގަ އެވެ. މިއަދާ ހަމައަށް ފުރަތަމަ ގެނައި ޑްރޯންތައް އޮޕަރޭޓުކުރަމުންދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެއަށްފަހު މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް ހަމަ އެ ކުންފުނިން އިތުރު ތިން ޑްރޯން ވަނީ ގެނެސްފަ އެވެ. ދެ ފަހަރު މަތިން ވެސް ގެނައީ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ.

އަލަށް ގެނައި ޑްރޯންތައް އޮޕަރޭޓްކުރުމަށް އެމްއެންޑީއެފް އިން އަންނަނީ ގަމު އެއާޕޯޓުގައި ޑްރޯން ބޭސް އެއް ތަރައްގީ ކުރަމުންނެވެ. މި އެއާ ސްޓޭޝަނަކީ އެއީ ކަމަށް ބެލެވެ އެވެ.

އެމްއެންޑީއެފްގެ ބޭނުމެއް އައްޑޫ ގަމުން ބިމެއް ދޭން އުޅޭ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޑު ފެތުރުނެވެ. އޭރު އަޑުފެތުރުނު ގޮތުގައި ގަމުން އެމްއެންޑީއެފްއަށް ދެނީ 980،000 އަކަފޫޓުގެ ބިމެކެވެ. މިކަން މިހާތަނަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދެއްގައި ޑްރޯން ބޭސް ތަރައްގީކުރަމުންދާކަން ސެޓްލައިޓު ފޮޓޯތަކުން ވެސް ދައްކަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހަފުތާ ތެރޭ މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން އައު ޑްރޯންތައް ދައްކާލައި، ޑްރޯން ބޭސް ނުވަތަ އެއާ ސްޓޭޝަން ރަސްމީކޮށް އިފްތިތާހުކުރައްވާނެ އެވެ.