Advertisement

ފެނަކައިގެ އޮޑިޓް ރިޕޯޓުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ފަޅާއަރައިފި

26 ސެޕްޓެންބަރު 2025 - 14:06 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު: އޭނާ ކުންފުނި ހިންގިއިރުގެ އޮޑިޓު ރިޕޯޓުން ބިލިއަނުގެ ހިޔާނާތް ހާމަވި --- ފޮޓޯ: އަދަދު


ފެނަކައިގެ އޮޑިޓް ރިޕޯޓުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ފަޅާއަރައިފި

26 ސެޕްޓެންބަރު 2025 - 14:06 2

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ބިޑަށް ހުޅުވައިނުލާ ހެދި އެއްބަސްވުންތައް

  • ކަރަންޓު ކޭބަލް ގަތުމަށް 294 އެއްބަސްވުމެއް ހެދި، އެ އެއްބަސްވުންތަކުގެ އަގަކީ 544,354,451 ރުފިޔާ
  • ޖަނަރޭޓަރު ސެޓު ގަތުމަށް 82 އެއްބަސްވުމެއް ހެދި، އެ އެއްބަސްވުންތަކުގެ އަގަކީ 259,089,940 ރުފިޔާ
  • ޓްރާންސްފޯމަރު ގަތުމަށް 33 އެއްބަސްވުމެއް ހެދި، އެ އެއްބަސްވުންތަކުގެ އަގަކީ 76,331,309 ރުފިޔާ
  • ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް 29 އެއްބަސްވުމެއް ހެދި، އެ އެއްބަސްވުންތަކުގެ އަގަކީ 491,697,195ރ.

މީގެ އިތުރުން، 2021 އިން 2023 އަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި އައު އިންޖީނުގެ އެޅުމާއި އޮފީސް އެޅުމުގެ 57 މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 2024 ގެ ނިޔަލަށް މީގެ ތެރެއިން 41 މަޝްރޫއެއް ނިމިފައި ނުވި ނަމަވެސް އެކަމަށް 1,069,248,952ރ. ދޫކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މަޝްރޫއުތައް ނިންމަން މާކެޓު ރޭޓުގެ ބޭރުން އިތުރަށް 241 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓަރުން ލަފާކުރެ އެވެ. މި އަދަދު ހިމަނައިގެން އެ 57 މަޝްރޫއަށް މާކެޓު އަގަށްވުރެ އިތުރަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓު ރިޕޯޓު ތައްޔާރުކުރި ތިން އަހަރުގެ މުއްދަތުގައި ފެނަކައިން ނުއަގުގައި ދޯންޏާއި ލޭންޑިން ކްރާފްޓު ވެސް ކުއްޔަށް ނަގާފައިވެ އެވެ. އެގޮތުން، އެކަމަށް އެ ތިން އަހަރުގެ ތެރޭ ހެދި 612 އެއްބަސްވުމުގެ ތެރެއިން 344 އެއްބަސްވުމަކީ މާކެޓު އަގަށްވުރެ ބޮޑު އަގުތަކެއްގައި ހަދާފައިހުރި އެއްބަސްވުންތަކެކެވެ. މިކަމުގެ ސަބަބުން މާކެޓު އަގަށްވުރެ އިތުރަށް ފެނަކައިން އެ ފަރާތްތަކަށް 47.6 މިލިއަން ރުފިޔާ ދޫކުރި އެވެ.

އޮޑިޓު ރިޕޯޓުން އިތުރަށް ފާހަގަކުރެވޭ ކަންކަން

  • ފެނަކައިން އަޑީތެޔޮ ގަނެފައިވަނީ އުސޫލާއި ހިލާފަށް ގަންނާނެ ވަކި ބަޔަކު ކަނޑަނާޅައި އަދި އެއްބަސްވުމެއް ވެސް ނުހަދައި. އަޑީތެޔޮ ގަތުމަށް ހޭދަކުރި 127 މިލިއަން ރުފިޔާގެ ތެރެއިން 111 މިލިއަން ރުފިޔާގެ ތެޔޮ ގަތީ އަމިއްލަ ކުންފުންޏަކުން.
  • ފެނަކައަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަތުމަށް ހޭދަކުރި 245 މިލިއަން ރުފިޔާގެ ތެރެއިން 221 މިލިއަން ރުފިޔާގެ ސްޕެއާ ޕާޓްސް ގަތީ އުސޫލުން ބޭރުން އެންމެ ފަރާތަކުން އަގު ހޯދައިގެން.
  • ހއ. ދިއްދޫ އިންޖީނުގެ އެޅުމަށް ހިންގި މަޝްރޫއުގެ ކޭޓަރިން ހިދުމަތް ދޭން އެއްބަސްވީ އެ މަޝްރޫއުގެ ސުޕަވައިޒަރުގެ ކުންފުންޏަކަށް. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ސުޕަވައިޒަރު އަދި އެ މަސައްކަތަށް 5.4 މިލިއަން ރުފިޔާ ދޫކުރިކަން.
  • އެކި މަޝްރޫއުތަކަށް އާންމުކޮށް އިއުލާނު ނުކޮށް ވެހިކަލްތައް ކުއްޔަށް ނެގި. އެ ވެހިކަލްތަކުގެ ކުލީގެ ގޮތުގައި، ވެހިކަލް ގަންނަން ހަރަދުވާނެ ކަމަށް ބެލެވޭ އަގަށްވުރެ އިތުރަށް 18.9 މިލިއަން ރުފިޔާ ހަރަދުކުރި.
  • ބައެއް މަޝްރޫއުތަކުގެ ކޭޓަރިން ހަމަޖައްސަން އެއްބަސްވެފައިވާ އަގުތަކަކީ މަޝްރޫއުގައި މަސައްކަތްކުރި ނުވަތަ ކުރަމުންދާ މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ހަދާފައިވާ އަގުތަކެއްކަން.
  • މި ތިން އަހަރު ފެނަކަ އާއި ދެކޮޅަށް 100 މައްސަލައެއް ކޯޓަށް ހުށަހެޅި. އެ މައްސަލަތައް ބަލައި އެކި ފަރާތްތަކަށް 377 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި ނަމަވެސް މި އަހަރުގެ ޖޫންގެ ނިޔަލަށް އޭގެ ތެރެއިން 330 މިލިއަން ރުފިޔާ ނުދައްކާ.
  • މާލީ ހާލަތު މިހާ ގޯސްކޮށް އޮތް ނަމަވެސް، 2021 އިން 2023 އަށް ފެނަކައިން ސީއެސްއާރު މަޝްރޫއު ތަކަށާއި ސްޕޮންސާޝިޕް ދިނުމަށް 46 މިލިއަން ރުފިޔާ ހަރަދުކުރި.
  • އިންޖީނުގެ އާއި އޮފީސް އިމާރާތްތައް އެޅުމަށް ހަރަދުކުރި 61 މިލިއަން ރުފިޔާގެ އެއްވެސް ހިސާބެއް ބަލަހައްޓާފައިނުވޭ
  • އިންޖީނުގެ އަދި އޮފީސް އިމާރާތްތައް އެޅުމަށް ހިންގި މަޝްރޫއުތަކުގެ މެނޭޖަރުންގެ ގޮތުގައި ނެގި މީހުންނަށް ޕެޓީ ކޭޝްގެ ގޮތުގައި 26.5 މިލިއަން ރުފިޔާ ދޫކުރި. މީގެތެރެއިން ފަސް މިލިއަން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރިއިރު 21 މިލިއަން ޖަމާކުރީ އެ މީހުންގެ އަމިއްލަ އެކައުންޓުތަކަށް. މި ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލު ބަލަހައްޓާފައެއް ނުވޭ.

މި ކަންކަމާއެކު 2023 ނިމުނުއިރު ފެނަކަ އޮތީ 3.9 ބިލިއަން ރުފިޔާއިން ދަރައިފަ އެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ހިމެނެ އެވެ. އެހެން ނަމަވެސް ފެނަކައިން ގަވާއިދުން ފައިސާ ދައްކަމުންދިޔައީ 79 ފަރާތަކަށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

މާލީ ހާލަތު ގޯސްވެ، ފެނަކަ ބަނގުރޫޓުވުމުގެ ބިރު އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭ ދައުލަތުން ވަނީ ލޯނުތަކުގެ އިތުރުން އެ ކުންފުނީގެ ހިދުމަތްތައް ހުއްޓުނަ ނުދިނުމަށްޓަކައި ހަތަރު ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ފެނަކައިގެ ހިޔާނާތްތަކުގެ ތެރެއިން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލަން މިހާރު ވަނީ ފޮނުވާފަ އެވެ. ދައުވާ ކުރަން ފޮނުވީ އޭސީސީގެ ތަހުގީގަކަށްފަހު އެވެ.

އޭސީސީން އޭރު ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ. އެ މައްސަލަތަކުގައި ސައީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.