Advertisement

މުޅި ގައުމު ނިކަމެތިކޮށްފި، މުއިއްޒު ހަމަ މަގަށް އަޅުވަން އޮކްޓޯބަރު 3 ގައި ރައްޔިތުން ނުކުންނަންޖެހޭ: ސޯލިހު

12 ސެޕްޓެންބަރު 2025 - 10:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އަދަދު


މުޅި ގައުމު ނިކަމެތިކޮށްފި، މުއިއްޒު ހަމަ މަގަށް އަޅުވަން އޮކްޓޯބަރު 3 ގައި ރައްޔިތުން ނުކުންނަންޖެހޭ: ސޯލިހު

12 ސެޕްޓެންބަރު 2025 - 10:00 0

ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާއި މުޅި ގައުމު ނިކަމެތިކޮށްފި ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި، އަންނަ އޮކްޓޯބަރު މަހުގެ 3 ވަނައަށް ރަށްރަށުން ވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އއ. ބޮޑުފޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ގައުމުގެ އަދުގެ ހާލަތު އޮތީ ކޮންމެ މީހަކު ވެސް ކަންބޮޑުވާ ހިސާބުގަައި ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދެމަފިރިން ރެޔާއި ދުވާލު މަސައްކަތް ކޮށްގެން ވެސް ހަރަދު ދެކޮޅުނުޖެއްސޭ ކަމަށެވެ.

"ކަރަންޓު ބިލް އެހާ ބޮޑު. އާސަންދަ ލިބޭ މީހަކު ނެތަސް، އާސަންދައިގެ ހަރަދު އިންތިހާއަށް ބޮޑުވެއްޖެ. ވިޔަފާރިތައް ބަނގުރޫޓު ވެއްޖެ،" ސޯލިހު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ސޯލިހު ވިދާޅުވީ މިދިޔަ އަހަރު 50 ބިލިއަން ހުސްކޮށްލާފައިވާ، މި އަހަރުގެ 56 ބިލިއަން ރުފިޔާ ހުސްކޮށްލާއިރު އެވަރުގެ ހަރަދެއް ކުރިތަނެއް ފެންނަން ނެތް ކަމަށެވެ.

އެކަން ހާމަކުރަން ނުކުތް ނޫސްވެރިން ތަޅުއެޅުވުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ނޫސްވެރިކަން މުޅިން މަރާލަން އެ މަސައްކަތް އެ ކުރަނީ އެފަދަ ކަންކަން ހާމަވިޔަ ނުދޭން ކަމަށް ވެސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީ ސަރުކާރުގެ ދަރަނީގެ ވާހަކަ މި ސަރުކާރުން ދެއްކި ނަމަވެސް، އެމްޑީޕީ ސަރުކާރުން ފަސް އަހަރު ތެރޭގައި ދަރަންޏަށް ނެގީ 58 ބިލިއަން ރުފިޔާ ކަމަށާއި، އޭގެ ތެރޭގައި ކޮވިޑުގައި ނެގި ފައިސާ ވެސް ހިމެނޭނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.

މާލީ ރިޕޯޓުތަކުން ފެންނަ ގޮތުގައި މި ސަރުކާރުގައި މިއަދާ ހިސާބަށް ދައުލަތުގެ ދަރަނި 148 ބިލިއަނަށް އަރުވާލައިފި ކަމަށާއި، އެއީ މި ވެރިކަމުގެ ދެ އަހަރު ވެސް ނުވަނީ އުފެއްދި 38 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މި ދާގޮތަށް މި އަހަރުގެ ބަޖެޓު އެކީ ހޭދަކޮށްފި ނަމަ އަހަރު ނިމޭއިރު ދަރަނި 160 ބިލިއަންއަށް އަރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. މިގޮތަށް ދާކަމުގައި ވާނަމަ މި ފަސް އަހަރުގެ ދަރަނި 100 ބިލިއަން އިތުރުވެގެން ދާނެ،" ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އޮކްޓޯބަރު 3 ގައި މި ނުކުންނަނީ."

މުއިއްޒު އަށް އިގުތިސާދާއި މާލިއްޔާ މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަންމަތީ ފިހާރަތައް ބަނގުރޫޓުވެ، ވިޔަފާރިތައް ދަރާފައިވާ ކަމަށާއި، ކޮންސްޓްރަކްޝަން ކުންފުނިތައް ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް ފައިސާ ދައްކާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވާއިރު، ސޯލިހު ވިދާޅުވީ ވިޔަފާރިވެރިންނަށް ދައްކަން އޮތް ފައިސާގެ އަދަދު 8 ބިލިއަނަށް ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

އެ ފައިސާ ނުދައްކާ އޮތްއިރު، ޓެކްސް ނުދައްކާ ކަމަށް ހަދައި ވިޔަފާރިވެރިން ޖަލަށް ލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"ދެން ކިހިނެއް އެމީހުން ވިޔަފާރި ކުރާނީ" ސޯލިހު ވިދާޅުވި އެވެ.

މި ދަރަޖައަށް ކަންކަން ގޮސް، މުޅި ގައުމު ނިކަމެތިވުމުން އިތުރަށް ފުރުސަތު ދީގެން ނުތިބެ ރައްޔިތުން އެކީ ނުކުތުމަށް ސޯލިހު އިލްތިމާސްކުރެއްވި އެވެ.

މި ސަރުކާރު ހަމަގަމަށް އެޅުވުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެސް އެމްޑީޕީ އަށް ހޯދުމަކީ މުހިއްމު ކަމެއް އެމަނިކުފާނު ވިދާޅުވި އެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ނިންމައި، އެކަމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ބޮޑުފޮޅުދޫއަށް ސޯލިހު ވަޑައިގަތީ، އެރަށުގެ ތަރައްގީ އަށް ސޯލިހުގެ ވެރިކަމުގައި ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، ކައުންސިލުންދޭ އެންމެ މަތީ ޝަރަފު ހަވާލުވެވަޑައިގަތުމަށެވެ. އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔެވެ.