މާލޭ ސަރަހައްދުގައި ބިނާ ކުރި އެންމެ ބޮޑު ހޮޓާ، މެންހެޓަން ގްރޭންޑް ހޮޓެލް މިއަދު ހުޅުމާލޭ ފޭސް އެކެއްގައި ރަސްމީކޮށް ހުޅުވައިފި އެވެ.
އެތަން ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ހަފްލާގައި މެންހެޓަން ހިންގާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނައީމް (ނައީމްބެ) ވެސް ބައިވެރިވެވަޑައިގަތެވެ.
މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ ބައެއް އޮފީސްތަކާއި ސަރުކާރުން ބައެއް މީޑިއާތަކަށް އަޅައިދޭ އޮފީސްތައް ވެސް ހަދާފައި ވަނީ މެންހެޓަންގަ އެވެ. މީޑިއާ ވިލެޖު ހަދަން މެންހެޓަން ހިންގާ ކުންފުނިން އެއް މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށްވެ އެވެ.
މެންހެޓަން ހިންގާ ކުންފުނީގެ ނައީމްއަކީ މަޝްހޫރު ރާންބާ ރެސްޓޯރަންޓު ހިންގާ ފަރާތެވެ. އޭނާގެ ކުންފުނި، ސިލްވާ ސްޕޫންގެ ދަށުން ރާންބާ އިން އާއި ސެންޓްރޯ ފައިން ޑައިނިން އާއި މާލޭގައި ހިންގާ މެންހެޓަން ބިޒްނަސް ހޮޓެލް ވެސް ހިންގަ އެވެ.
މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވި ތަނުގައި ހޮޓަލެއް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އެސްޓީއޯއިން 2007 ވަނަ އަހަރެވެ. ގާތްގަނޑަކަށް 34 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގެ ކޮންކްރީޓް ސްޓްރަކްޗާ އެސްޓީއޯއިން ނިންމި ނަމަވެސް ހޮޓާ ހުޅުވާފައެއް ނުވެ އެވެ.
އެ ހޮޓާ ހުޅުވޭތޯ އެމެރިކާ އާއި ޔޫރަޕާއި މެދުއިރުމަތީގެ 17 އިންވެސްޓަރަކު މަސައްކަތް ކުރި އެވެ. އެތަނުގައި ހޮޓާ މި ހުޅުވީ ނައީމް އާއި ޑުބާއީގެ ޑީޕް ސީފުޑް ކޮމްޕެނީއާ ގުޅިގެންނެވެ 11 މަސް ދުވަހުގެ މަސައްކަތުންނެވެ.
މެންހެޓަން ހޮޓަލުން ދައުލަތަށް އަހަރަކު ތިން މިލިއަން ޑޮލަރު، ބިމު ކުއްޔާއި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.





